ދިވެހިންގެ އުފެއްދުމުގެ ގޮތުގައި މިހާރު މޮބައިލް ސްޓޯރުތަކުގައި ތަފާތު ވައްތަރުގެ މޮބައިލް އެޕް އެބަހުއްޓެވެ. މީގެ ތެރޭގައި ގޭމްތަކާއި، އުނގެނުމަށް ބޭނުންކުރާ މޮބައިލްއެޕާއި، ވާހަކަ އެޕާއި، ދީނާއި ގުޅުންހުރި އެޕްތައްވެސް އެބަހުއްޓެވެ.
މިއަހަރުގެ ރޯދަމަސް އަހަރުމެންނާއި އަލްވަދާޢު ކީނަމަވެސް، މި ރޯދަމަހުގައި ފާހަގަ ކުރެވުނު މޮބައިލް އެޕެއް ރިވިއުކޮށް ހިއްސާ ކޮށްލާނަމަވެ.
ޤުރުއާން އެމްވީގެ ނަމުން ނަންދެވި ނެރެފައިވާ މި އެޕަކީ ޤުރުއާން ކިޔެވުމަށް ވަރަށް ބޮޑު އެހީއެއް ލިބިގަނެވޭނެ އެޕެއްކަން ޔަޤީނެވެ.
ޤުރުއާންއެމްވީ މޮބައިލް އެޕަކީ 2014 ވަނަ އަހަރު ހަމަ އެކަނި އެންޑްރޮއިޑަށް ނެރެވުނު އެޕެކެވެ. މިއީ މި އެޕް ހެދި ޑެވެލޮޕަރ ނިހާޒު އަލީ އޭނާގެ ބޭބެއެއްގެ އެހީގައި މަސައްކަތްކޮށް ނެރުނު އެޕެކެވެ.
އޭނާގެ މަޤްސަދަކަށް ވީ ދޮށީ އުމުރު މީހުންނާއި، ދިވެހި ބަހުން ޤުރުއާނުގެ ތަރުޖަމާ ކިޔުމަށް ބޭނުންވާ މީހުންނަށް ފަސޭހަ ކުރުމަށް އެޕެއް ނެރުމެވެ.
ޤުރުއާންއެމްވީ އެޕްގައި ހިމަނާފައިވާ ޤުރުއާނުގެ ދިވެހި ތަރުޖަމާއަކީ ރައީސް އޮފީހުން ރަސްމީކޮށް ނެރެފައިވާ ޓްރާންސްލޭޝަންއެވެ. ހަމައެކަނި ތަފާތަކަށް މި އެޕުގައި ފެނިގެންދާނީ މި އެޕުގައި ޤުރުއާން ދިވެހި ތަރުޖަމާގައި އަރަބި ބަސްތަކުގެ ބަދަލުގައި ގިނަ ބަސްތައް ހުރީ ދިވެހި ބަހަށް ބަދަލު ކުރެވިފައެވެ.
މިއީ މި މޮބައިލް އެޕްގައި ބަސްތައް ހޯދުމަށް ސާޗް ފަންކްޝަން އެންމެ އެދެވިގެންވާ ގޮތަކަށް ބޭނުން ކުރަން ފަސޭހައަކަށް ހެދިފައިވާ ގޮތެކެވެ.
އެޕްގައި ދައްކާފައިވާ ޤުރުއާން ލިޔުމަކީ ކިންގް ފަހުދު ޤުރުއާން ޕްރިންޓިން ކޮމްޕްލެކްސް (ކޭ.އެފް.ކިއު.ޕީ.ސީ) ޑެވެލޮޕާ ރިސޯސަސްއިން ނެގިފައިވާ ލިޔުމެކެވެ.
ޤުރުއާންއެމްވީ އެޕް އިންސްޓޯލްކޮށް ބަލާލުމުން ވަރަށް ގިނަ ކަންތައްތައް ފާހަގަވެގެން ދިޔައެވެ.
މި އެޕްގައި އެކުލަވާފައިވާ ސްކްރީންތައް ވަރަށް މަދުވުމުން މޮބައިލް އެޕެއް ބޭނުން ކުރުމުގެ ފަސޭހަ އެވެ.
ފުރަތަމަ ބައި ނުވަތަ ސްކްރީނަކީ "އަރުޝީފު" އެވެ. މިއީ އެޕް ފުރަތަމަ ހުޅުވާލެވޭ އިރު ފެންނަން އިންނަ ސްކްރީނެވެ. މިބައިގައި ފެންނަން އިންނަނީ އެންމެ ފަހުން ކިޔެވި އާޔަތެވެ.
އަލަށް އެޕް އިންސްޓޯލްކޮށް ހުޅުވާއިރު މި ސްކްރީނުން ފެނިގެންދަނީ ޤުރުއާންއެމްވީ އެޕަށް އެންމެ ފަހުން ގެނެސްފައިވާ ބަދަލުތަކުގެ ކުރު ޚުލާސާއެކެވެ.
ދެވަނަ މެނޫގައި އެކުލަވާފައިވަނީ ފިހުރިސްތާއީ ޤުރުއާނުގެ ޖުރުއުއެވެ. މިބައިގައި ފޮތްތަކާއި ހިޒްބުތަކާއި ރުބުއުތައް ހިމެނޭ ތަފްސީލު ފިހުރިސްތެއް ބަލާލުމަށް ފަސޭހަކަމާއެކީ ސްކްރޯލް ކޮށްލެވެއެވެ. އަދި ކިޔަވަން ބޭނުންވާ ސޫރަތަށް ޓެޕްކޮށްލުމުން ހުޅުވެއެވެ.
ސޫރަތް ކިޔަވަމުންދާ ސްކްރީނަކީ ފޮތެއް ފަދައިން އެއް ގަނޑުން އަނެއް ގަނޑަށް އެއްލައި ބަދަލު ކުރެވޭ ގޮތަށް ޑިޒައިންކޮށްފައިވާ ސްކްރީނެކެވެ.
ހަމަ މި ސްކްރީނުގައި އިތުރު ބަޓަންތަކެއް ލެވިފައިވެއެވެ. މިބަޓަންތަކުގެ އެހީގައި އަކުރު ނުވަތަ ފޮންޓުގެ ކުޑަ ބޮޑުމިން ބަދަލު ކޮށްލެވެއެވެ. ފޮންޓް ސައިޒް ބަދަލުކުރާ މިފީޗާގެ ފަސޭހަކަން ފާހަގަވަނީ ބޭނުންވާ ސައިޒް ޓައިޕް ކުރަން ނުޖެހި މިބަޓަންއަށް ފިތާލުމުން އަކުރުތައް ބޮޑުވެ، ކުޑަވާތީވެއެވެ.
ސޫރަތް ކިޔެވުމަށް ބަލާ ސްކްރީނުގައި ހަމައެކަން މުސްހަފްގައި ހުންނަ ގޮތަށް އަރަބިން ކިޔާލެވެއެވެ. ބޭނުންނަމަ ކަނާތް ފަޅީގައި އިންނަ ބަޓަންއަށް ފިތާލުމަށްފަހު ޤުރުއާނުގެ މާނަޔާއި އެކީ ކިޔަވާލެވެއެވެ.
ނައިޓްމޯޑް ނުވަތަ ސްކްރީން އަނދިރިކޮށް ކިޔާލުމަށްވެސް ސޫރަތް ކިޔަވާ ސްކްރީނުގައި ބަޓަންއެއް ލެވިފައިވެއެވެ. އެންމެ ވައަތް ފަޅިއަށް މިސްކްރީނުގައި ދެން އިންނަނީ ފިހުރިސްތައް އަނބުރާ ދިޔުމަށް ބޭނުންކުރާ "ބެކް" ބަޓަންއެވެ.
ސޫރަތްތަށް ކިޔަވާ ސްކްރީނުގައި ހުރުމަށްފަހު ނައިޓްމޯޑަށް ލައިފިނަމަ މުޅި މޮބައިލް އެޕް އެއްކޮށް ނައިޓްމޯޑަށް ބަދަލުވާކަން ފާހަގަކުރެވުނެވެ.
ދެން މިއެޕުގައި އެކުލަވާފައިވާ ފާހަގަ ކުރެވޭ ފީޗާއަކީ އެކި މަޢުލޫމާތު ހޯދުމަށް ލެވިފައިވާ ސްކްރީނެވެ. މިސްކްރީނުގައި ތަރުޖަމާއިން ނުވަތަ ޤުރުއާނުން ހޯދަން ބޭނުންވާ ލަފްޒެއް ޖަހާލުމަށްފަހު އާޔަތްތައް ހޯދާލެވެއެވެ.
މިސާޗް ބަޓަންގައި ލިޔުމަށް ބައްޓަން ކުރެވިފައިވާ ގޮޅީގައި ލިޔެވެނީ ދިވެހި ކީބޯޑު ބޭނުންކޮށްގެންނެވެ. އޮޓޯއިން އިނގިރޭސި ކީބޯޑުގެ އެހީގައި ލިޔެވޭ ތަކެތި ދިވެއްސައް ބަދަލުވާ ގޮތަށް ފަރުމާކޮށްފައިވާ ގޮޅިއެއް ނޫންކަން ފާހަގަ ކުރެވުނެވެ.
މިއެޕުގައި އާޔަތްތަކަން ވަކިން ކްލިކް ކޮށްލުމުން ތަފާތު ބަޓަންތަކެއް ދައްކައެވެ. އެއީ އާޔަތެއް އެހެން މީހަކާ ހިއްސާ ކުރުމަށް، އާޔަތް ބުކްމާކް ކުރުމަށް، އާޔަތުގެ ކިޔެވުން އަޑުއަހާލުމަށް ނުވަތަ އާޔަތާ ގުޅޭ އަމިއްލަ ނޯޓެއް ލިޔެލުމަށް އެކުލެވިފައިވާ އިތުރު ބަޓަންތަކެކެވެ.
ނޯޓު ލިޔާ ސްކްރީނުގައި އަމިއްލަ ޓެގްވެސް ހަދައި ސޭވް ކޮށްލެވެއެވެ. މިޓެގަކީ ފަހުން އަމިއްލައަށް ހޯދުމަށް ފަސޭހައަކަށް ބޭނުން ކޮށްލެވޭނެ ފަދަ އެއްޗެކެވެ.
މިއީ ވަރަށް ފަސޭހަވެގެންދާނެ ބަޓަންތަކެއްކަން ހާމަވިއެވެ. ބުކްމާކް ކުރާ އާޔަތް ދައްކާލަނީ ފުރަތަމަ ސްކްރީން (އަރުޝީފުން) ނެވެ.
އާޔަތް އަޑު އަހާލުމަށް ކްލިކް ކުރުމުން ޑީފޯލްޓްކޮށް ޤާރީއެއްގެ އަޑުން ކިޔަވާ އަޑު އިވެން ފަށައެވެ. އަދި ކިޔަވާ ޤާރީގެ އަޑު ބަދަލުކުރުމަށް ބޭނުންވާނަމަ ޤާރީގެ ނަމަށް ކްލިކް ކުރުމުން ލިސްޓެއް ދައްކާލައެވެ. މިތަނުން ބޭނުންވާ ޤާރީއެއް އިހްތިޔާރު ކުރެވެއެވެ.
އާޔަތެއްގެ ފޮޓޯ ހިއްސާ ކުރުމަށް ފިތާލައިފިނަމަ، ފޮންޓުގެ ކުލަޔާއި ފޮޓޯގެ ބެކްގްރައުންޑް ކުލަވެސް އަމިއްލައަށް ބޭނުންވާ ކުލައަކަށް ބަދަލުކޮށްލެވެއެވެ. ހަމަ މިސްކްރީނުން ތަރުޖަމާ އެކަނި، އާޔަތް އެކަނި ނުވަތަ ތަރުޖަމާއާއި އާޔަތް ހިއްސާ ކުރުމަށްވެސް އިހްތިޔާރު ކުރެވެއެވެ.
ޝެއާ ބަޓަންއަށް ފިތާލުމުން ބޭނުންވާ އެޕަކަށް ހިއްސާ ކުރުމަށް އަހާލައެވެ. މިގޮތް ބޭނުން ނުވާނަމަ، ވަގުތުން އިންސްޓަގްރާމް ސްޓޯރީއަށްވެސް އާޔަތް ތަރުޖަމާއާއި އެކީވެސް ހިއްސާ ކުރެވެއެވެ.
މިއެޕްގެ ފީޗާސްތަކަކީ އެހެން މިފަދަ ދިވެހި އެޕްތަކާއި ވަރަށް ތަފާތު ފަސޭހަ އެޕެއްކަން ފާހަގަވެގެން ދިޔައެވެ.
އެންމެ ކަމުދިޔައީ މާ ގިނަ ބަޓަންތަކެއް އެއް ސްކްރީނަކުން ފެންނަން ނުހުރެ، އާޔަތްތަކަށް ފިތާލުމުން ނުވަތަ ސްކްރީން ބަދަލުކޮށް މެނޫ އައިޓަމްތައް ނަގާލުމުން އިތުރު ކަންތައްތައް ކުރެވެން ހުންނާތީވެއެވެ. މިއީ ވަރަށް ޔޫޒާ އިންޓަރެކްޓިވް ޑިޒައިނެކެވެ.
ޤުރުއާންއެމްވީ އެޕްގެ ކުރިމަގާއި ބެހޭ ގޮތުން ސުވާލުކުރުމުން ނިހާޒް ބުނީ މި އެޕަކީ އެކި އުމުރުފުރާގެ ދިވެހިން ޤުރުއާން ކިޔަވައި، ތަރުޖަމާ ބަލައި އިތުރަށް ދަސްކުރުމަށް ފަސޭހަ ކުރުމަށްޓަކައި އުފެއްދުނު އެޕެއް ކަމުގައެވެ. އަދި ކުރިއަތް އޮތް ދުވަސްތަކުގައިވެސް އޭނާގެ އުއްމީދަކީ މިބޭނުމުގައި ވީހާވެސް ގިނަ މީހުން މި އެޕް ބޭނުން ކުރުމެވެ.
ޤުރުއާންއެމްވީ މޮބައިލް އެޕްގެ މެނޫ އައިޓަމްތަކާއި މުޅި ޔޫސާ އިންޓަފޭސް ލޭބަލް ކުރެވިފައިވާނީ ދިވެހި ބަހުންނެވެ. މިއީ ހާއްސަކޮށް ދޮށީ އުމުރުގެ މީހުންނަށް މޮބައިލް އެޕް ނެވިގޭޓް ކުރުމަށް ތައްޔާރު ކުރެވިފައިވާ ގޮތެކެވެ.
ޤުރުއާންއެމްވީ މޮބައިލް އެޕް އެއްކޮށް ތައްޔާރުކޮށް ނެރުމަށް ގާތްގަނޑަކަށް 45 ދުވަސް ހޭދަވެ، ގިނަ މަސައްކަތް ކުރެވިފައިވަނީ މިއަހަރުގެ ރަމަޟާން މަހު ކަމުގައިވެސް އޭނާ ހާމަ ކުރިއެވެ.
ޤުރުއާންއެމްވީ މޮބައިލް އެޕް މިހާރު ގޫގަލް ޕްލޭ ސްޓޯރުންނާއި، އެޕަލް ސްޓޯރުން ހިލޭ ޑައުންލޯޑް ކުރެވޭނެއެވެ.
ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.