ވިންޑޯޒް ދޫކޮށް ޗައިނާއިން ލިނަކްސް ބޭނުންކުރަން ނިންމައިފި

ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ޖަރުމަނަށްފަހު ޗައިނާއިންވެސް މައިކްރޯސޮފްޓްގެ ވިންޑޯޒް ދޫކޮށް ލިނަކްސްއަށް ބަދަލުވާން ނިންމައިފިއެވެ. ޗައިނާއިން މިނިންމުން ނިންމިއިރު މިދިޔަ އަހަރު ޖަރުމަނުން ވަނީ އެގައުމުގެ 25،000 އަށްވުރެ ގިނަ ކޮމްޕިއުޓަރުގައި ވިންޑޯޒްގެ ބަދަލުގައި ލިނަކްސް ބޭނުންކުރުމަށް ނިންމާފައިއެވެ. ޖަރުމަނުގެ މި ނިންމުމާއެކު ގިނަބަޔަކު ވަނީ ގިނަ ގައުމުތަކަކުން ކުރިއަށްއޮތް ތަނުގައި ވިންޑޯޒްގެ ބަދަލުގައި ލިނަކްސް ހިޔާރުކުރާނެކަމަށް ލަފާކޮށްފައިއެވެ. ޗައިނާއިން މިފަދަ ނިންމުމެއް ނިންމާފައިވާއިރު އެގައުމުން ރާވާފައިވަނީ 50 މިލިއަނަށްވުރެ ގިނަ ކޮމްޕިއުޓަރުގައި ލިނަކްސް ބޭނުންކުރުމަށެވެ.

މި ދެގައުމުގެ ބޭނުމަކީވެސް ލިނަކަސް ބޭނުންކޮށް ވިންޑޯޒްއަށް ބަރޯސާވުން ހުއްޓުމެވެ. ނަމަވެސް މި ނިންމުން މިދެގައުމުން ނިންމި ސަބަބުތަށް ވަރަށް ތަފާތެވެ. އެގޮތުން ޖަރުމަނުން ވިންޑޯޒް ބޭނުންކުރުން ހުއްޓާލީ ދައުލަތުން ވިންޑޯޒް ލައިސެންސް ގަތުމަށް ކުރާ ހަރަދުތަށް މަދުކޮށް އޯޕަން-ސޯސް އުފެއްދުންތަށް ޕްރޮމޯޓްކުރުމަށެވެ. ނަމަވެސް މިއާ ހިލާފަށް ޗައިނާއިން ލިނަކްސް ހިޔާރުކުރުމަށް ނިންމީ އެހެން ގައުމުތަކުން އުފައްދާ އޮޕަރޭޓިން ސިސްޓަމްތަކަށް ބަރޯސާވުން ހުއްޓުވުމަށާއި އެގައުމުން އަމިއްލައަށް އޮޕަރޭޓިން ސިސްޓަމްތަކަށް ދިމާވާ މައްސަލަތަށް ހައްލުކުރުމުގެ ބޭނުމުގައިއެވެ.

މި ނިންމުމަކީ ލިނަކްސް އަށާއި އޯޕަން-ސޯސް ސޮފްޓްވެއާ އުފައްދާ ކުންފުނިތަކަށް އުފާވެރި ހަބަރެކެވެ. ނަމަވެސް ލެޕްޓޮޕް ތަކާއި ކޮމްޕިއުޓަރު އުފައްދާ ކުންފުނިތަކަށާއި ސޮފްޓްވެއާ އުފައްދާ ބޮޑެތިކުންފުނިތަކަށް މިއީ އެހާ އުފާވެރި ހަބަރެއްނޫނެވެ. މީގެ އިތުރުން ޗައިނާގެ ނިންމުމާއެކު ގިނަ ކުންފުނިތަކެއް "ފޮރިން" ނުވަތަ ގައުމުން ބޭރު ކުންފުނީގެ ގޮތުގައި ލޭބަލްކުރެވި އެކުންފުނިތަކުގެ ވިޔަފާރިއަށް އެގައުމުގައި ހީނަރުކަން އައުން އެކަށީގެންވެއެވެ. ނަމަވެސް މިއާ ހިލާފަށް އެގައުމުގެ ކުންފުނިތަށް ކަމަށްވާ ލެނޯވޯ، ވާވޭ އަދި ކިންގްސޮފްޓް ފަދަ ކުންފުނިތަކުގެ ވިޔަފާރި ކުރިއަރާނެކަމަށް ބެލެވެއެވެ.

އެގޮތުން ބްލޫމްބާގް އިންޓެލިޖެންސްއިން ރިޕޯޓްކުރާ ގޮތުގައި ޗައިނާ ސަރުކާރުގެ އަމުރަށް އެގައުމުގެ އިދާރާތަކާއި ސަރުކާރުގެ ކުންފުނިތަކުން ބޭރުގައުމުތަކުގެ އުފެއްދުންތަށް ބަދަލުކުރަން ފެށުމާއެކު ލެނޯވޯގެ ވިޔަފާރި ވަރަށް ބޮޑަށް ކުރިއަރައިގެން ދާނެއެވެ.

އިސްމާއިލް އަލީ

އިސްމާއިލް އަލީ

މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.