ހަނގުރާމައިގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ޔޫކްރޭންގެ ރައްޔިތުންނަށް އިންޓަނެޓްގެ ހިދުމަތް ދިނުމަށްޓަކައި އީލަން މަސްކްގެ ސެޓެލައިޓް އިންޓަނެޓް ހިދުމަތް ފޯރުކޮށްދޭ ކުންފުނި ސްޕޭސްއެކްސް ހަރަކާތްތެރިވާކަން ހާމަވެއްޖެއެވެ. އެގޮތުން ޔޫކްރޭނުގެ ބޮޑުވަޒީރުގެ ނައިބު ހާމަކޮށްފައިވާ ގޮތުގައި އެގައުމުގައި ދުވާލެއްގެ މައްޗަށް 150،000 މީހުން ސްޕޭސްއެކްސްގެ ސްޓާލިންކް ހިދުމަތް ބޭނުންކުރެއެވެ.
އެގޮތުން އޭނާ އިތުރަށް ހާމަކޮށްފައިވާ ގޮތުގައި މިހިދުމަތަކީ އެގައުމުގެ އިންފްރާސްޓްރަކްޗާއަށް ލިބިފައިވާ ގެއްލުމުން އަރައިގަނެ ރަޝިއާއިން ހިފާފައިވާ އެގައުމުގެ ސަރަހައްދުތައް އަނބުރާ އެގައުމުގެ ކޮންޓްރޯލްގެ ދަށަށް ގެނައުމަށް ލިބިދެވޭ ބާރެކެވެ. މީގެ އިތުރުން އޭނާ ހާމަކޮށްފައިވާ ގޮތުގައި ރަޝިއާގެ ހަމަލާތައް ކިތަންމެ ވަރުގަދަވިޔަސް އެގައުމުގެ އިންޓަނެޓް ހިދުމަތް ހުއްޓިގެން ނުދާނެއެވެ.
ސްޓާލިންކްއަކީ ސްޕޭސްއެކްސް ކުންފުނިން މުޅިދުނިޔެއަށް އިންޓަނެޓް ހިދުމަތް ފޯރުކޮށްދިނުމަށް އުފައްދާފައިވާ ސެޓެލައިޓް ނެޓްވޯކް މެދުވެރިކޮށް ދެމުންގެންދާ އިންޓަނެޓް ހިދުމަތެކެވެ. 2018 ވަނަ އަހަރު މިމަސައްކަތައް ބޭނުންވާ ސެޓެލައިޓްތައް ޖައްވަށް ފޮނުވަން ފަށާފައިވާއިރު މިހާރު އެކުންފުނިން ވަނީ 2000 އަށްވުރެ ގިނަ ސެޓެލައިޓް ޖައްވަށް ފޮނުވާފައިއެވެ.
ރަޝިއާއިން ޔޫކްރޭނަށް ހަމަލާދޭން ފެށުމާއެކު އެގައުމުން އެދިގެން ސްޕޭސްއެކްސްއިން ވަނީ ސްޓާލިންކް ޓާމިނަލްތަކެއް އެގައުމަށް ފޮނުވާފައިއެވެ. މީގެ އިތުރުން އީލަން މަސްކްވަނީ ސްޓާލިންކް ޔޫކްރޭންގައި ބޭނުންކުރެވޭނެކަން ޔަގީންކޮށްދީ އިތުރު ޓާމިނަލްތަކެއް އެގައުމަށް ފޮނުވާނެކަމަށް ވައުދުވެފައިއެވެ. މީގެ އިތުރުން މިޓާމިނަލް ބޭނުންކުރާ ފަރާތްތަކަށް ރަޝިއާއިން ހަމަލާދީފާނެތީ އެކަމަށް ސަމާލުވުމަށްވެސް އޭނާ ވަނީ އަންގާފައިއެވެ.
ވޮޝިންޓަން ޕޯސްޓްއިން ރިޕޯޓްކުރާ ގޮތުގައި ޔޫކްރޭނަށް ސްޓާލިންކް ޓާމިނަލްތައް ފޮނުވުމަށް އެމެރިކާ ސަރުކާރުން ހަރަދުކޮށްފައިވާ ކަމަށްބެލެވެއެވެ.
މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި