ޕާސްވޯޑް ބޭނުންނުކޮށް ލޮގިން ކުރެވޭގޮތް ހަދަނީ

ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ޓެކް ކުންފުނިތަކަކީ ގިނަފަހަރަށް އެއްކަމަކަށް އެއްބަސްވެވޭ ކުންފުނިތަކެއް ނޫނެވެ. ނަމަވެސް މިފަހަރު އެޕަލް، ގޫގަލް އަދި މައިކްރޯސޮފްޓުން ގުޅިގެން ވަނީ މޯބައިލް، ޑެސްކްޓޮޕް އަދި ބްރައުޒާ ތަކުގައި ޕާސްވޯޑްލެސް ލޮގިން ސަޕޯޓް ފޯރުކޮށްދޭން ނިންމާފައިއެވެ.

ޕާސްވޯޑްތަކަކީ ގިނަފަހަރަށް އެހާ ރައްކާތެރި އެއްޗެއްނޫނެވެ. އެގޮތުން ރައްކާތެރި ނޫން ޕާސްވޯޑްތަކާއި ފަސޭހައިން ގެސްކޮށްލެވޭ ޕާސްވޯޑްތަށް ބޭނުންކުރުމަކީ މައުލޫމާތުގެ ރައްކާތެރިކަން ގެއްލުމަށް މެދުވެރިވާ މައިގަނޑު ސަބަބެވެ. އެގޮތުން ވެރައިޒޯންގެ އެނުއަލް ޑޭޓާ ބްރީޗް ރިޕޯޓުން ހާމަވާ ގޮތުގައި މައުލޫމާތުގެ ރައްކާތެރިކަން ގެއްލެންދިމާވާ 80 އިންސައްތަ ފަހަރު މިފަދަކަންކަން ހިނގާފައި ހުރީ ރައްކާތެރި ނޫން ޕާސްވޯޑް ބޭނުންކުރުމުގެ ސަބަބުންނެވެ. ޕާސްވޯޑް މެނޭޖާތަކާއި މަލްޓިފެކްޓާ ޓެކްނޮލޮޖީގެ ސަބަބުން ޕާސްވޯޑްތަކުގެ ރައްކާތެރިކަން އިތުރުވެފައިވިޔަސް އެޕަލް، ގޫގަލް އަދި މައިކްރޯސޮފްޓުން މިހާރު މަސައްކަތް ފަށާފައިވަނީ މިޔަށްވުރެވެސް ރައްކާތެރި ސައިން-އިން ނިޒާމެއް ގާއިމުކުރުމަށެވެ.

އެގޮތުން މިކުންފުނިތަކުން ހާމަކޮށްފައިވާ ގޮތުގައި އެކުންފުނިތަކުގެ ޑިވައިސްތަކުން މުސްތަގްބަލުގައި ފީޑޯ އެލިއަންސް އަދި ވޯލްޑް ވައިޑް ވެބް ކޮންސޯޓިއަމް ގުޅިގެން އުފައްދާފައިވާ ޕާސްވޯޑް ފްރީ ސައިން-އިން ސްޓޭންޑަޑް ބޭނުންކޮށްލެވޭނެއެވެ. މީގެ ސަބަބުން ސްމާޓްފޯން ބޭނުންކޮށްގެން ކޮންމެ އޮޕަރޭޓިން ސިސްޓަމެއް ނުވަތަ ބްރައުޒާއެއްގައި ބޭނުންކުރާ އެޕަކަށް ލޮގިންވުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ. މިގޮތަށް ލޮގިން ކުރުމަށް ބޭނުންވާނީ ފޯނު ހުޅުވުމަށް ބޭނުންކުރާ ފިންގާޕްރިންޓް، ޕިން ނުވަތަ ފޭސް ސްކޭންއެވެ.

މީގެ އިތުރުން މި ހިދުމަތް ބޭނުންކުރާ ފަރާތްތަކަށް އަލުން ކޮންމެ އެކައުންޓެއް އެންރޯލް ނުކޮށް އެފަރާތްތަކުގެ ފީޑޯ ސައިން-އިން ކްރެޑެންޝިއަލްސް ނުވަޔަ ޕާސްކީސްތަކަށް ތަފާތު އެކި ޑަވައިސްތަކުން އެކްސެސް ވެވޭނެއެވެ. މިކުންފުނިތަކުން މިގޮތަށް އިއުލާންކުރިކަމުގައި ވިޔަސް މިފީޗާތަށް ބޭނުންކުރުމަށްޓަކައި އެޕްލިކޭޝަން ނުވަތަ ވެބްސައިޓަކަށް އެ ޑިވައިސްއަކުން ޕާސްވޯޑް ބޭނުންކޮށްގެން އެއްފަހަރު ލޮގިން ވާންޖެހޭނެއެވެ.

ކުރިއަށްއޮތް 3 އަހަރު ތެރޭގައި މިކުންފުނިތަކުން މެކްއޯއެސް، ސަފާރީ، އެންޑްރޮއިޑް، ކްރޯމް، ވިންޑޯޒް އަދި އެޖްގައި ފީޑޯ ސައިން-އިން ސްޓޭންޑާޑް ބޭނުންކުރެވޭގޮތް ހަދާނެއެވެ. މީގެ ސަބަބުން މައިކްރޯސޮފްޓްގެ ވިންޑޯޒް ގައި ގޫގަލް ކްރޯމް އިން ވެބްސައިޓަކަށް ލޮގިންކޮށްލުމަށް އެޕަލް ޑިވައިސްއަކުން ހޯދާ ޕާސްކީ ބޭނުންކޮށްލެވޭނެއެވެ. މީގެ ސަބަބުން ސައިން-އިން ވުމަށްޓަކައި ފިޒިކަލް ޑިވައިސްއެއް ބޭނުންވުމުގެ ސަބަބުން ހެކަރުންނަށް ރިމޯޓްކޮށް ލޮގިން މައުލޫމާތު ހޯދައިގެން ސައިން-އިން ވުމުގެ ފުރުސަތު ހުއްޓިގެންދާނެއެވެ.

އެޕަލްއިން ހާމަކޮށްފައިވާ ގޮތުގައި އެކުންފުނީގެ އަމާޒަކީ އަބަދުވެސް އެންމެ ފުރިހަމަ ސެކިއުރިޓީއެއް ކަސްޓަމަރުން ފޯރުކޮށްދިނުމެވެ އެގޮތުން މި މަސައްކަތުގެ ސަބަބުން އެކަން ހާސިލުވާނެކަމަށް ދެކޭކަމަށްވެސް އެކުންފުނީގެ ސީނިއާ ޑިރެކްޓާ އޮފް ޕްލެޓްފޯމް ޕްރޮޑަކްޓް މާކެޓިން ކާޓް ނައިޓް ވަނީ ހާމަކޮށްފައިއެވެ. ޔޫއެސް ސައިބާސެކިއުރިޓީ އެންޑް އިންފްރާސްޓްރަކްޗާ ސެކިއުރިޓީ އޭޖެންސީން ހާމަކޮށްފައިވާ ގޮތުގައި މިފަދަ މަސައްކަތްތަކުގެ ސަބަބުން އެގައުމުގެ ރައްޔިތުންނަށް އިތުރު ސަލާމަތާއި ރައްކާތެރިންކަން ލިބިގެންދާނެއެވެ. މީގެ އިތުރުން މިކަމަކީ ޕާސްވޯޑް ބޭނުންކުރުން ހުއްޓާލުމަށް އެޅިގެންދާމުހިންމު ބިންގަލެއްކަމަށްވެސް އެއިދާރާއިން ވަނީ ހާމަކޮށްފައިއެވެ.

ނަމަވެސް ފާހަނގަކޮށްލަން ޖެހެނީ މީގެކުރިންވެސް ޕާސްވޯޑް ބޭނުންކުރުން ހުއްޓާލައި ޕާސްވޯޑް ނައްތާލުމަށްޓަކައި ކުރެވުނު މަސައްކަތްތަކުން އަރައިގަނެ ޕާސްވޯޑަތަށް ވަނީ މިއަދާހަމަޔަށްވެސް މިދާއިރާގައި ވަކިހިއްޕާލާފައިއެވެ. ނަމަވެސް އެޕަލް، ގޫގަލް އަދި މައިކްރޯސޮފްޓް ގުޅިގެން ފެއްޓި މިމަސައްކަތަކީ ޕާސްވޯޑްތަކުގެ ނިންމުންކަމަށް ވުމަކީ އެކަށީގެންވާ ކަމެކެވެ.

އިސްމާއިލް އަލީ

އިސްމާއިލް އަލީ

މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.