މޮބައިލްއެއް ބޭނުން ކުރާއިރު ޕްރައިވެސީ ހޯދާނީ ކިހިނެއް؟

ގިނަ ސްމާޓްފޯންތަކުގައި މިހާރު ހުންނަ ފީޗާތަކުގެ ސަބަބުން ޕްރައިވެސީއަށް ވަރަށް ބޮޑު ބަދަލެއް މިވަނީ އައިސްފައެވެ. ޖީޕީއެސް ލޮކޭޝަން އޮންކޮށްގެން ފޯނު ބޭނުން ކުރާ މީހުން ގިނަ އެވެ.

ނޭނގޭ ތަނެއް ހޯދުމަށް ނުވަތަ ކޮންމެވެސް މޮބައިލް އެޕަކަށް ލޮކޭޝަން ބޭނުން ވާތީވެ، ލޮކޭޝަން އޮން ކުރާ ގޮތައް ބަހައްޓާފައި ހުރެވެނީއެވެ.

މިގޮތަށް ލޮކޭޝަން އޮންކޮށްފައި ބެހެއްޓުމުން ޓާގެޓް ކޮށްގެން ގެނެސްދޭ އިޝްތިހާރުތައް ފެންނަލެއް ގިނަވެއެވެ. ފޭސްބުކް، އެޕަލް، މައިކްރޮސޮފްޓް، އެމޭޒަން، ގޫގަލްއާއި އެނޫންވެސް ޓެކް ކުންފުނިތަކުން މިފަދަ ފީޗާތައް ބޭނުން ކުރަނީ މޮބައިލް އެޑް ދެއްކުމަށެވެ. މިއީ އެމީހުން ކުންފުންޔަށް ވިޔަފާރި ހޯދާ އެއް ގޮތެވެ.

1. ފޯނުގެ ޕްރައިވެސީއާއި ލޮކޭޝަން ސެޓިންތައް ރަނގަޅަށް ބަލަހައްޓާށެވެ.

އައި.އޯއެސްއިންނާއި އެންޑްރޮއިޑު ފޯނުތަކުން ލޮކޭޝަން ޓްރެކް ކުރުން ހުއްޓުމަށް ޕްރައިވެސީ ސެޓިންއެއް ފޯނުގައި ހިމަނާފައިވެއެވެ. މި ފީޗާގެ ޑީފޯލްޓް ސެޓިންއަކީ އަބަދުވެސް އާންމުކޮށް އުޅޭ ތަންތަން ނުވަތަ ފްރީކުއެންޓް ލޮކޭޝަންތައް ބެލެހެއްޓުމެވެ.

އައިފޯން

މި ލޮކޭޝަން ސެޓިން ހުއްޓުމަށް ފޯނުގެ ސެޓިންއަށް ގޮސް، ޕްރައިވެސީ މެނޫގައި އިންނަ "ލޮކޭޝަން ސާވިސަސް" ނެގުމަށްފަހު "ސިސްޓަމް ސާވިސަސްއަށް ސްކްރޯލް ކޮށްލާށެވެ. ސިސްޓަމް ސާވިސަސްއަށް ފިތާލުމަށްފަހު ސިގްނިފިކަންޓް ލޮކޭޝަން" ނެގުމަށްފަހު ރެކޯޑް ކޮށްފައި ހުރި ލޮކޭޝަންތައް ބަލައި މި ސެޓިން އޮފް ކޮށްލާށެވެ.

އެންޑްރޮއިޑް

އެންޑްރޮއިޑް ފޯނުގައިވެސް ސެޓިންއަށް ގޮސް، ލޮކޭޝަން ނެގުމަށްފަހު "ގޫގަލް ލޮކޭޝަން ސެޓިން" ނަގާށެވެ. އަދި މީގެ ތެރެއިން "ލޮކޭޝަން ރިޕޯޓިން" އާއި "ލޮކޭޝަން ހިސްޓްރީ" ނެގުމަށްފަހު އޮފް ކޮށްލާށެވެ.

ލޮކޭޝަން ހިސްޓްރީ ފޮހެލަން ބޭނުންވާ ނަމަ ލޮކޭޝަން ހިސްޓްރީގެ ތިރީގައި އިން "ޑިލީޓް ލޮކޭޝަން ހިސްޓްރީ" އަށް ފިތާލާށެވެ.

2. ފޯނަށް އަޅާފައި ހުރި މޮބައިލް އެޕްތަކަށް ދެވިފައި ހުރި ހުއްދަތައް ރަނގަޅަށް ދެވިފައި ހުރިތޯ ބަލާށެވެ.

ކޮންމެ މޮބައިލް އެޕެއްވެސް ފުރަތަމަ އަލަށް ހުޅުވާ އިރު އެޕުން ޓްރެކް ކުރަން ބޭނުންވާ އެހެން ފީޗާތަކަށް ހުއްދަ ދިނުމަށް އަހާނެއެވެ. މީގެ ތެރޭގައި ފޯނުގެ މައިކްރޯފޯނަށާއި ކެމެރާއަށް، އަދި ލޮކޭޝަންއަށްވެސް އެޕަށް ހުއްދަ ދިނުމަށް އަހާނެއެވެ.

ކޮންމެހެން މިއެޕްތަކަށް މިފަދަ އެއްޗިއްސަށް ހުއްދަ ދިނުމަށް މުހިންމު ނޫން ނަމަ ހުއްދަ އިންކާރު ކޮށްލާށެވެ.

އައިފޯން

އައިފޯނުގައި މިހާރު އެޕްތަކަށް ދީފައި ހުރި ހުއްދަތައް ފެންނަން ހުންނާނެއެވެ. މި ތަފްސީލް ބަލައި ބަދަލު ގެންނަން ބޭނުންވާނަމަ ސެޓިން އެޕަށް ގޮސް، ފޯނަށް އަޅާފައި ހުންނަ އެޕްތައް ބަލައި އެއަށް ދީފައި ހުރި ހުއްދަތައް ރިވިއުކޮށް ބަދަލު ގެނެވޭނެއެވެ.

މީގެ އިތުރަށް އެކްޓިވިޓީ ޓްރެކް ކުރަން ހުއްދަ ދެވިފައި ހުރި އެޕްތައް ބަލާލުމަށް ހަމަ ޕްރައިވެސީ ސެޓިންއަށް ގޮސް ޓްރެކިން ނަގާށެވެ. މިތަނުގައި މިހާރު އެޕްތަކުން އެކްޓިވިޓީ ޓްރެކް ކުރާނަމަ ފެންނާނެއެވެ.

އެންޑްރޮއިޑް

ހަމަ މިގޮތަށް އެންޑްރޮއިޑް ފޯނަށް އަޅާ އެޕްތަކަށްވެސް ދެވޭ ހުއްދައަކީ އަމިއްލައަށް ބެލެހެއްޓޭނެ ކަމެކެވެ. ސެޓިން ތެރެއަށް ދިއުމަށްފަހު އިންސްޓޯލް ކޮށްފައި ހުރި އެޕަށް ފިތާލުމަށްފަހު އެއަށް ދެވިފައިވާ ހުއްދަތައް ބަލާށެވެ. ބޭނުންވާ ހުއްދަތައް އިންކާރު ކުރުމަށްފަހު ސެޓިން އޮފް ކޮށްލާށެވެ.

3. އޮންލައިން މީސް މީޑިއާ އެކައުންޓުތަކުގެ ޕްރައިވެސީ ސެޓިން ހަދާށެވެ.

ގިނަ މީހުން ފޭސްބުކް، އިންސްޓަގްރާމް ނުވަތަ އެނޫންވެސް އެކައުންޓު ހުޅުވާ ގޮތަށް ބަހައްޓަނީއެވެ. މިހާރު މީގެއިން ކޮންމެ އެޕެއްގައިވެސް ޕްރައިވެސީ ސެޓިން ހުރެއެވެ. ފޭސްބުކްގައި ނަމަ ސެޓިން އެންޑް ޕްރައިވެސީއަށް ގޮސް ލޮކޭޝަން ނެގުމަށްފަހު ލޮކޭޝަން އޮފް ކޮށްލާށެވެ. އަދި އެކައުންޓް ސެޓިންއަށް ގޮސް ބޭނުންވާ އެކައުންޓް ޕްރައިވެސީތައް އިނޭބަލް ކުރާށެވެ.

4. އިޝްތިހާރު ނުފެންނަ ގޮތް ހެދުން

ހަމައެކަނި އިންޓްރެސްޓް ބޭސްޑް އިޝްތިހާރު އިޚްތިޔާރުކުރުމުގެ ބާރު – ނުވަތަ މަދުން ނަމަވެސް އޭގެ ބޮޑުބައެއް އިޚްތިޔާރުކުރުމުގެ ބާރު މިހާރު އޮތީ އަހަރެމެން އަތުގައެވެ. ޑިޖިޓަލް އެޑްވަޓައިޒިން އެލަޔަންސްގައި ކޮންޒިއުމާ ޗޮއިސް ޕޭޖެއް އޮންނަ އިރު، އެ ޕޭޖުގައި ބައިވެރިވާ ޕާޓްނަރުންގެ ތެރެއިން މިހާރު ކޮމްޕިއުޓަރުގައި ކަސްޓަމައިޒްޑް އިޝްތިހާރުތައް ބޭނުން ކުރަނީ ކޮން ބައެއްތޯ ބަލާލުމުގެ ފުރުސަތު އޮވެ އެވެ.

މި ވެބްސައިޓަށް ފުރަތަމަ ދާއިރު، ވެބްސައިޓުން ކޮމްޕިއުޓަރު ސްކޭން ކުރެއެވެ. އެތަނުން، އިންޓްރެސްޓް ބޭސްޑް އެޑްތަކަށް މި ކުންފުނިތަކުން ބޭނުންކުރާ ޕްރެކްޓިސްތަކާއި، އަމިއްލަ ކޮމްޕިއުޓަރުގެ ޕްރިފަރެންސްތަކާއެކު ބްރައުޒަރގައި ރައްކާކުރެވޭ "އޮޕްޓް-އައުޓް ކުކީޒް" ބޭނުންކޮށްގެން އޮޕްޓް-އައުޓް ކުރުމުގެ އިހްތިޔާރު ދެއެވެ.

5. ވާޗުއަލް އެސިސްޓަންޓުންނަށް ދީފައި ހުރި ހުއްދަތައް ބެލުން

ސިރީ އާއި ގޫގުލް އެސިސްޓެންޓް ފަދަ ވާޗުއަލް އެސިސްޓެންޓުން އުފެދުމާއެކު، އަހަރެމެންގެ ސްމާޓްފޯންތައް މިހާރު ކޯލްތަކާއި ޗެޓްތަކަށް ހަރުކަށިކޮށް ބޭނުން ނުކުރެވޭ — މިހާރު މި ގެޖެޓްތަކަށް އަމިއްލައަށް ކޮމާންޑް ކުރުމަށް އަހަރެމެންގެ އަޑުތައް ބޭނުން ކުރެވިދާނެ އެވެ.

ނަމަވެސް، މި ވާޗުއަލް އެސިސްޓެންޓުންގެ ވޭކް ބަސްތައް ކިޔާއިރު، އަމިއްލަ ވޮއިސް ކޮމާންޑްގެ އޯޑިއޯ ފައިލް އަޕްލޯޑްކޮށް، ޕްރޮސެސް ކުރުމަށް އެޕަލް، އެމޭޒަން ނުވަތަ ގޫގުލްގެ ސަރވަރތަކަށް ސޭވް ކުރެވެއެވެ.

އެހެން ޓްރެކިން މައުލޫމާތުތަކެކޭ އެއްފަދައިން، މި ޑޭޓާއަކީ ވެސް ނަން ހާމަނުކޮށް، ޓާގެޓެޑް އިޝްތިހާރުތަކަށް ބޭނުން ކުރެވިދާނެ އަޚުލާގާއި ޕެޓާންތައް ހޯދަން އެލްގޮރިދަމްތައް މެދުވެރިކޮށް ބޭނުންކުރުމުގެ ފުރުސަތު ބޮޑު ޑޭޓާއެކެވެ.

ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.