ފާއިތުވެ ދިޔަ ދުވަސްތަކުގައި އަޕްޑޭޓް ނުކޮށް ދޫކޮށްލާފައިވާ ގާތްގަނޑަކަށް 900،000 އެންޑްރޮއިޑް އެޕް، ޕްލޭ ސްޓޯރުން ވަރަށް އަވަހަށް ފޮހެލާނެކަމަށް ގޫގުލް އިންބުނެފި އެވެ.
އަޕްޑޭޓް ނުކުރެވި ހުރި އެޕްތައް ފޮހެލުމަށް ގޫގުލް ތައްޔާރުވަމުންދާއިރު، އަދި ގޫގުލްއިން ރާވާފައިވާ ގޮތަށް އެ އެޕްތައް ނައްތާލައިފިނަމަ ގޫގުލް ޕްލޭ ސްޓޯރުން ލިބެން ހުރި އެޕްތަކުގެ އަދަދު ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައަށް މަދުވާނެ އެވެ.
ގޫގުލް އާއި އެޕަލް އިން ވެސް ވަނީ ދެ އަހަރު ތެރޭގައި އަޕްޑޭޓް ނުކުރެވި ދޫކޮށްލާފައިވާ އެޕް ނުވަތަ އެޕްތަކާ ކުރިމަތިލާން ޖެހޭނެ ފިޔަވަޅުތައް ހާމަކޮށްފަ އެވެ. ގޫގުލްގެ ޕްލޭ ސްޓޯރުގައި އެފަދަ 869،000 އެޕް ހިމެނޭއިރު އެޕަލް ސްޓޯރުގައި ގާތްގަނޑަކަށް 650،000 އެޕް އެބަހުއްޓެވެ. އެ އެޕްތައް ދޫކޮށްލަން ގޫގުލް އިން ތައްޔާރުވަމުންދާއިރު، އެ އެޕްތައް ޑިވެލޮޕަރުން އަޕްޑޭޓް ނުކުރާހާ ހިނދަކު އެ އެޕްތައް ޑައުންލޯޑް ނުކުރެވޭނެ އެވެ.
ދެ ކުންފުނިންވެސް މި ފިޔަވަޅުތައް އަޅަމުންދާ މައިގަނޑު ސަބަބަކީ އެ ކުންފުނިތައް ބޭނުންކުރާ ފަރާތްތަކުގެ ރައްކާތެރިކަން ހިމާޔަތް ކުރުމެވެ. އެންޑްރޮއިޑް އަދި އައިއޯއެސް އަށް އަންނަ ބަދަލުތަކާއި، އާ އެޕްތަކާއި، ނުވަތަ ރައްކާތެރިކަން އިތުރުކޮށްދޭ އާ ޑިވެލޮޕްމަންޓް މެތޮޑްތަކުގެ ފައިދާ ދުވަސްވީ އެޕްތަކުން ނުނަގައެވެ. ނަތީޖާއެއްގެ ގޮތުން ދުވަސްވީ އެޕްތަކުގައި އާ އެޕްތަކުގައި ނެތް ސެކިއުރިޓީ ފްލޯތައް ހުރެދާނެ އެވެ.
ދެ އަހަރު ވަންދެން އަޕްޑޭޓް ނުކުރެވި ހުރި އެޕްތައް ނައްތާލަން ރާވާފައިވާތީ ބައެއް ޑިވެލޮޕަރުން ވަނީ ޝަކުވާކޮށްފަ އެވެ. ބައެއް ހާލަތްތަކުގައި، އިންޑީ ގޭމް އުފައްދާ ފަރާތްތައް ފަދަ އާދައިގެ ގޭމެއް ހަދައި ރިލީޒް ކޮށް ނިމުމުން ކުރާނެ މާބޮޑު އަދާހަމަ ކުރުމެއް ނުހުރެއެވެ. މިފަދަ ޑިވެލޮޕަރުންނަށް ހީވަނީ އެޕަލް އާއި ގޫގުލްގެ އަމަލުތަކުގެ ސަބަބުން އެމީހުންނަށް ނުހައްގު ބުރައެއް އުފުލަން ޖެހިދާނެކަމަށެވެ.
ކޮންމެ ގޮތެއްވިޔަސް، އެއްވެސް ކުންފުންޏަކުން އެމީހުންގެ މި ނިންމުން ބަދަލުކުރާނެކަމަށް ނުބެލެވެއެވެ. އަދި އިންޑީ (އިންޑިވިޖުއަލް) ޑިވެލޮޕަރުންގެ ކަންބޮޑުވުންތައް ހުރި ނަމަވެސް އެއީ ޔޫޒަރ ސެކިއުރިޓީއަށް ރަނގަޅުވެގެންދާނެ ނިންމުމެއްކަމަށް ގިނަބަޔަކު ދެކެއެވެ.
ގިނަ ޒަމާންތަކެއްވަންދެން އަދާހަމަ ނުކޮށްހުރި ގިނަ ދިވެހި އެޕްލިކޭޝަންތައްވެސް ހުރިކަން ވަނީ ފާހަގަ ކުރެވިފައެވެ. އެޕް ސްޓޯރ އަދި ޕްލޭ ސްޓޯރ ގެ މިނިންމުމާއި އެކު މިފަދަ ދިވެހި އެޕްތައްވެސް ފޮހެވިގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.