އައިއޯޓީ ޑިވައިސްތަކާއެކު މަޢުލޫމާތުގެ ރައްކާތެރިކަން ގެއްލެނީ!

ހިންދު ޢަލީ 16 މޭ 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ކޮންމެވެސް މީހަކު ތިމާއަށް ބަލަހައްޓައިގެން ހުންނަ ފަދަ ބިރުވެރި އިހްސާސްވެސް ބައެއް ފަހަރު ކުރެވޭ ހެއްޔެވެ؟ އެހެންނަމަވެސް ވަށައިގެން ހޯދާލާއިރު ފެންނަ ފެނުމަށް އެއްވެސް ބިރުވެރިކަމެއް ނުހުރެއެވެ. މިފަދަ ޓެކްނޮލޮޖީ ތަރައްގީ ޒަމާނެއްގައި އެކަނިވާ އެއް ވަގުތެއްވެސް ނާދޭ ދެންނެވިއްޔާ އެއީ ދޮގަކަށް ނުވާނެއެވެ. އެކަނި ހުރި ނަމަވެސް ވަށައިގެންވާ އެތަށް ހާސް ޓެކްނޮލޮޖީތަކެއް ދަނީ ތިމާ ކުރާކަންތައްތައް 'ބަލަމުން'ނެވެ. ސާފުކޮށް ފެންނަ އެހެންނަމަވެސް ފޮރުވިފައިވާ ތަންތަނުގައެވެ. ބައެއް ފަހަރު ހީވެސް ނުކުރާ ފަދަ ތަންތަނުގައިިވާ ޓެކްނޮލޮޖީތަކުން ދަނީ ބަރާބަރަށް އަހަރުމެންގެ މަޢުލޫމާތު ރެކޯޑް ކުރަމުންނެވެ. އަދި ނުވިތާކަށް އިންޓަނެޓް މެދުވެރިކޮށް އެމަޢުލޫމާތު އެކި ކޮޅުކޮޅަށް ހިއްސާވެސް ކުރެއެވެ.

ސްމާޓްފޯނުތަކާއި އިންޓަރނެޓްގެ ސަބަބުން މިއަދު ލިބިފައިވާ ކުރިއެރުމާއި ފައިދާއާއި ވެބް އަދި މޯބައިލް އެޕްލިކޭޝަންތަކުން ޚިދުމަތް ދިނުމަށް ގެނުވާފައިވާ އިންގިލާބީ ބަދަލު، މީގެ 15 ވަރަކަށް އަހަރު ކުރިން އަހަރުމެންނަށް ތަސައްވަރު ކުރަންވެސް އުދަގޫވީހެވެ. އެހެންނަމަވެސް މިދެންނެވުނު ކުރިއެރުންތަކާއި އެކުއެކީގައި އަހަރުމެންގެ ޒާތީ އަދި އަމިއްލަ މަޢުލޫމާތުގެ ރައްކާތެރިކަން ދަނީ ގެއްލި ހަފުސްވަމުންނެވެ. ސްމާޓްފޯނާއި އޭގެން ހިއްސާކުރެވޭ މަޢުލޫމާތުގެ ރައްކާތެރިކަން ދިރާސާ ކުރާ ސައިންޓިސްޓުން ހާމަ ކުރާ ގޮތުގައި ހާއްސަކޮށް އަަހަރުމެންގެ ގޭތެރޭގައާއި އޮފީހުގައި އަދި ސިޓީތަކުގައި ބޭނުންކުރާ ސްމާޓް އައިއޯޓީ ޑިވައިސްތަކަކީ އަހަރުމެންގެ މަޢުލޫމާތުގެ ރައްކާތެރިކަމަށް ހުރި ބޮޑު ނުރައްކަލެކެވެ.


އިންޓަރނެޓް އޮފް ތިންގްސް (އައިއޯޓީ)

ގޭގައި، އޮފީހުގައި އަދި މަގުމަތީގައިވެސް ބޭނުންކުރާ އެކިއެކި އައިއޯޓީ ޑިވައިސްތަކަކީ އަހަރުމެންގެ ދިރިއުޅުން ފަސޭހަ ކުރުމަށް ބޭނުންކުރާ ތަކެއްޗެވެ. ގެއަށް ވަނުމުން އަމިއްލައަށް ދިއްލޭ އަދި ނިވޭ ބޮކި، ރައްކާކޮށްފައި ހުރި ކާތަކެތި ހަލާކުވާން ގާތްވުމުން ބުނެދޭ ފަދަ ސްމާޓް ފްރިޖްތަކާއި، ބޭރުގައި އުޅެފައި އަންނަންވާއިރަށް އަހަރުމެންގެ ކޮޓަރިތައް އެންމެ އެކަށީގެންވާ ފިނިހޫނުމިނުގައި ބަހައްޓާދިނުމަށް އަހަރެމެން ބޭނުންކުރާ ސްމާޓް ޑިވައިސްތަކަކީ ގިނަ މީހުން މިހާރު ބޭނުންކުރާ ތަކެއްޗެވެ.

މިޑިވައިސްތަކުން ހަދާ "ޖާދޫ" ހެދުމަށް އެތަކެތި އިންޓަނެޓް ބޭނުންކުރެއެވެ. އެއީ އެއަށް ކަނޑައެޅިފައިވާ މަސައްކަތް ކުރުމުގެ އެހީއަކަށް އެކި ދިމަދިމާލަށް ޑޭޓާ ފޮނުވުމަށާއި ޖަމާކުރުމަށެވެ. މިސާލަކަށް އިންޓަރނެޓާއި ނުލާވެސް ތިމާގެ ގެ އެންމެ އެކަށޭނެ ފިނިހޫނުމިނުގައި ބަހައްޓައިދޭނެ އައިއޯޓީ ޑިވައިސްތައް އެބަހުއްޓެވެ. މިފަދަ ޑިވައިސްތަކުގައި ހުންނާނީ ސެޓިންގެ ގޮތަށް މީހާ އިޚްތިޔާރު ކުރާ ފިނިހޫނުމިން ފަދަ މަޢުލޫމާތު ސޭވްކުރެވޭގޮތަށެވެ. އެހެން ނަމަވެސް މިފަދަ ޑިވައިސްތަކުން ރިއަލްޓައިމްކޮށް ފިނިހޫނުމިން ބަދަލުކުރަނީ އިންޓަރނެޓަށް ކަނެކްޓްކޮށް އިންޓަނެޓުގައި ހުންނަ މޫސުމީ ޑޭޓާތައް ހޯދައިގެންނެވެ. ތިމާ އެދޭ ގޮތަށް ގޭގެ ފިނިހޫނުމިން ބަދަލުކުރުނީ މޫސުމީ ޑޭޓާއި އިން ލިބޭ ޖައްވުގެ ފިނިހޫނުމިނަށް ބަލާފައެވެ.


މިދެންނެވި ފަދައިން އިންޓަރނެޓްގެ އެކި ހިސާބުތަކުން މަޢުލޫމާތު އެއްކޮށް މުޢާމަލާތު ކުރަނީ ހަމައެކަނި ގޭގޭގައި ހުރި ޑިވައިސްތަކަކުން ނޫނެވެ. އޮފީސްތަކާއި، ފިހާރަތަކާއި، ސިޓީއެއްގެ މަގުމަތީގައި ހުންނަ ޑިވައިސްތައްވެސް ދަނީ މިހާރު ސްމާޓްވަމުންނެވެ. މިފަދަ އައިއޯޓީ ޑިވައިސްތައް މިހާރު ދަނީ ދަތުރުފަތުރު ކުރުމާއި، މުދާއުފުލުމާއި، މަސްވެރިކަމާއި، ދަނޑުވެރިކަން ފަދަ ދާއިރާތައް އޮޓޮމޭޓްކުރުމަށް ފުޅާދާއިރާއެއްގައި ބޭނުންކުރަމުންނެވެ. 2018 ވަނަ އަހަރު މުޅިދުނިޔޭގައި އިންޓަރނެޓާއި ގުޅާލެވިފައިވާ މިފަދަ 22 ބިލިއަން ޑިވައިސް ހުރިކަމަށް ދިރާސާތަކުން ދައްކައެވެ. އަދި 2030 އާއި ހަމައަށް 50 ބިލިއަނާއި ހަމައަށް އިތުރުވާނެކަމަށް ލަފާކުރެއެވެ.


މިޑިވައިސްތަކަށް އިނގެނީ އަހަރުމެންގެ ކޮން މަޢުލޫމާތެއް؟

ސްމާޓް ޑިވައިސްތައް ބޭނުންކުރާ ފަރާތްތަކުގެ ވަރަށް ގިނަ މަޢުލޫމާތު މިތަކެތިން އެއްކުރެއެވެ. ސްމާޓް ސެކިޔުރިޓީ ކެމެރާ އަދި އެލެކްސާ އަދި ސިރީ ފަދަ ސްމާޓް އެސިސްޓަންޓް ޑިވައިސްތަކަކީ ވީޑިއޯ އަދި އަޑު މެދުވެރިކޮށް ތިމާ އުޅޭ ގޮތްތައް ދަސްކުރަމުންދާ ތަކެއްޗެވެ. އަދި ސްމާޓް ޓީވީ ފަދަ ތަކެތީގައި ހުންނަ ކެމެރާއާއި މައިކް ފަދަ ތަކެތިންވެސް ބޭނުންކުރާ ފަރާތްތަކުގެ ހުރިހާ މޫވްމަންޓްތައް ބަލައެވެ. ސްމާޓް ބޮކިން ތިމާ ނިދާފައި އޮންނަ ވަގުތާއި ހޭލާ ވަގުތު ތިމާގެ ސިއްހީީ ބައެއް މަޢުލޫމާތުތައް ރިކޯޑްކުރާނެއެވެ. ގޭގައި ބޭނުންކުރާ ސްމާޓް ވެކިއުމްތަކުން ދާނީ ގޭގެ ހުރި ފަރުނީޗަރު ފަދަ ތަކެއްޗާއި ގޭގެ ހުރިހާ ތަނެއްގެ މަޢުލޫމާތު ރިކޯޑް ކުރަމުންނެވެ.


މިފަދަ އެއް ޑިވައިސް އަނެއް ޑިވައިސްއާއި ގުޅިފައިވާ އިރު އެކަތި އަނެކައްޗަށް މަޢުލޫމާތު ބަދަލުކޮށް ތިމާއާއި ތިމާގެ ގޭގެ ގިނަ މައުލޫމާތުތަކެއް އެއްކުރެއެވެ.

އައިއޯޓީ ޑިވައިސްތައް އުފައްދާ ފަރާތްތަކުން ގިނަ ފަހަރަށް ބުނާގޮތުގައި ޑިވައިސްތަކުން ނަގާ މަޢުލޫމާތު ހިއްސާކުރާނީ އެހެން ކޮމްޕިޔުޓަރ ނުވަތަ މެޝިންތަކަށް އެކަންޏެވެ. އަދި އެހެން އެއްވެސް އިންސާނަކަށް އެޑޭޓާތައް ނުފެންނާނެ ކަމަށް ޔަގީކޮށްދެއެވެ. އެހެން ނަމަވެސް ބައެއް ފަހަރު ކަންތައްވަނީ މިހެންނެއް ނޫނެވެ. މިސާލަކަށް އެލެކްސާއާއި މީހުންނާއި ދައްކާފައިވާ ވާހަކަ އެމޭޒަންގެ މުވައްޒަފުން އަޑުއަހާކަމަށް ހަބަރުތަކުން ފެނިފައިވެއެވެ. އަދި އެވާހަކަތައް ބޭނުންކޮށްގެން ޑިވައިސް އިތުރަށް ތަރައްގީ ކުރުމަށާއި ނިންމުންތައް ނިމުމަށް އެހެން އޮޓޮމޭޓެޑް ސިސްޓަމްތަކަށް ޖަމާކުރެއެވެ.

މިކަމުގައި ހުރި ނުރައްކަލަކީ މިޑިވައިސްތަކުން އެއްކުރާ މަޢުލޫމާތު އިންޓަރނެޓުގެ އެކި ހިސާބުތަކަށް ހިއްސާކުރާތީއެވެ. އަހަރުމެން އެންމެން ވެސް ދަންނަކަމަކީ އިންޓަރނެޓް މެދުވެރިކޮށް ބަދަލުކުރެވޭ މަޢުލޫމާތަކީ ދުނިޔޭގެ އެކިހިސާބުތަކުގައި ހަރަކާތްތެރިވާ ހެކަރުންނަށް ހުޅުވާލެވިފައިވާ މަަޢުލޫމާތުކަމެވެ.


ތިމާގެ ބަލިފައި ދެނެގަތުން ވަރަށް މުހިއްމު

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސްމާޓް ސްޕީކަރ އަދި ކެމެރާފަދަ ތަކެތި ބޭނުންކުރާ ފަރާތްތަކުން އެތަކެތި ނިއްވާލައެވެ. މިހެން ހަދައިފިނަމަ ދިމާވާ ދެރަކަމަކީ އެޑިވައިސްތަކުން ލިބޭ ފައިދާ ނުލިބުމެވެ. އިންޓަރނެޓް ޑިސްކަނެޓް ވީމާ އެޑިވައިސްތަކަކީ ބޭކާރު ތަކެއްޗަށް ވެދެެއެވެ. ދެން ދިމާވާ އަނެއް ގެއްލުމަކީ މިޑިވައިސްތައް ނުގެންގުޅޭ ފަރާތްތަކަށް ވެސް މިފަދަ ތަކެތިން މުޅީން ސަލާމަތް ނުވެވޭކަމެކެވެ. އޮފީސްތަކާއި ފިހާރަތަކާއި އާންމު އެހެން ތަންތަނުގައި ބޭނުންކުރާ ޑިވައިސްތަކުން، އެތަކެތި ބޭނުން ނުކުރާ މީހުންވެސް ނުރައްކަލަށް ހުށަހަޅައެވެ.

މިފަދަ ޑިވައިސްތައް ބޭނުންކުރާ ފަރާތްތަކުން ވިސްނަންޖެހޭ އެންމެ މުހިއްމު އެއްކަމަކީ، އެތަކެތިން ތިމާއަށް ލިބޭ ފައިދާއާއި ފަސޭހަތަކާއި، އޭގެ ސަބަބުން ތިމާގެ މަޢުލޫމާތުގެ ރައްކާތެރިކަމަށް ހުރި ނުރައްކާތައް އަޅާކިޔާލުމެވެ. މިއީ ގިނަ ފަހަރު ހީކުރާހާ ފަސޭހަކަމަކަށް ނުވެއެވެ. ދިރާސާތަކުން ދައްކާގޮތުގައި ގޭތެރޭގައި ބޭނުންކުރާ ޕަރސަނަލް އެސިސްޓަންޓް ޑިވައިސްތަކުން ނަގާ ޑޭޓާތަކަކީ ކޮބާކަމާއި އެޑޭޓާ ރައްކާކުރަނީ ކޮންތާކުކަމާއި އެއަށް އެކްސެސް ލިބެނީ ކޮންބަޔަކަށް ކަމެއް ޑިވައިސް ބޭނުންކުރާ ގިނަ މީހުންނަކަށް ނޭގެއެވެ.

ދުނިޔޭގެ އެކި ގައުމުތަކުގެ ސަރުކާރުން ދަނީ އެގައުމުތަކުގެ ރައްޔިތުންގެ ޑޭޓާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެތަކެއް ގާނޫނަކާއި ގަވާއިދުތަކެއް އެކުލަވާލަމުންނެވެ. އަދި އެމީހެއްގެ ޑޭޓާގެ ކޮންޓްރޯލް އޮންނަން ޖެހޭނީ އެމީހެއްގެ އަމިއްލަ އަތްމަތީގައިކަން ކަށަވަރުކޮށްދީ މީހުންނަށް ރައްކާތެރިކަން ހޯދައިދިނުމަށް މަސައްކަތް ކުރަމުންނެވެ. އެއީ، މަޢުލޫމާތަކީ މިޒަމާނުގައި އެންމެ އަގުހުރި އެކަތިކަމަށް އެންމެންވެސް ގަބޫލުކުރާތީއެވެ. މިފަދަ ގާނޫނު/ގަވާއިދުގެ ބައެއް މިސާލުތަކަކީ ޖެނެރަލް ޑޭޓާ ޕްރޮޓެކްޝަން ރެގިޔުލޭޝަން (ޖީޑީޕީއާރު) އަދި ކެލިފޯނިއާ ކޮންސިއުމަރ ޕްރައިވަސީ ގާނޫނެވެ. މިފަދަ ގާނުނޫތަކުން މީހުންގެ ޑޭޓާއަށް ރައްކާތެރިކަން ލިއްބައިދެއެވެ. މިސާލަކަށް އެއްވެސް އިދާރާއަކުން ޚިދުމަތެއް ހޯދުމަށް އަންނަ މީހެއްގެ ޑޭޓާ ނަގާނަމަ، އެޑޭޓާ ނަގަނީ ކީއްކުރަން ކޮންބޭނުމެއްގައިތޯ އަދި އެޑޭޓާތައް ތިންވަނަ ފަރާތަކަށް ހިއްސާކުރޭތޯ، އެމީހަކަށް ސުވާލުކުރުމުގެ ހައްގު މިގާނޫނުތަކުން ލިއްބައިދެއެވެ. އެއީ ޑިޖިޓަލް ޚިދުމަތަކަށް އިންޓަރނެޓް މެދުވެރިކޮށް ނަގާ ޑޭޓާތައްވެސް ހިމެނޭ ގޮތަށެވެ. ގިނަވެގެން މަސް ދުވަސް ތެރޭގައި އެމަޢުލޫމާތު އެމީހަކަށް ހިއްސާކުރުމަށް އެއިދާރާއެއްގެ މައްޗަށް ލާޒިމުކުރެއެވެ.

މަޢުލޫމާތުގެ ރައްކާތެރިކަމަށް ގާނޫނު ގަވާއިދު ވަރަށް މުހިއްމެވެ. އެހެންނަމަވެސް ގިނަ ގައުމުތަކުން މިދާއިރާގައި އުޅެނީ ވަރަށް ފަހަތުގައެވެ. އަދި ގާނޫނުތައް ހުރި ނަމަވެސް އެތަކެތި ތަންފީޒުކުރެވޭ މިންވަރު އަދި އެއަށް ވުރެ ދަށެވެ. އިންޓަރނެޓާއި، ޓެކްނޮލޮޖީއާއި އެއާއި ގުޅިފައިވާ ޑިވައިސްތައް އިތުރުވާ ސްޕީޑާއި އަޅާބަލާފައި ގާނޫނުތައް އުފެއްދުމާ ތަންފީޒުކުރުން އުޅެނީ ބަރަވެލި ސްޕީޑުގައެވެ.

ގާނޫނަށް އަރާ ހަމަކުރެވެންދެން ތިމާއަށް މިކަމަށް އެޅިދާނެ ބައެއް ފިޔަވަޅުތައް އެބަހުއްޓެވެ. އެއީ ޒަމާނީ ޓެކްނޮލޮޖީއާއި ޑިވައިސްތަކުގެ ފައިދާ ހޯދުމާއެކުގައި އެހެންނަމަވެސް މަޢުލޫމާތުގެ ރައްކާތެރިކަންވެސް ކަށަވަރު ކުރެވޭނެ ގޮތަކަށެވެ.


ސިއްރު މަޢުލޫމާތު ގެއްލޭ ހާލަތު ދިމާވިނަމަވެސް އޭގެން ލިބޭ ގެއްލުން ވީހާވެސް ކުޑަކުރުން

ސްމާޓް ޑިވައިސްއެއް ގެންގުޅޭނަމަ، މަޢުލޫމާތުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެޅިދާނެ ދެތިން ފިޔަވަޅެއް ފާހަގަކޮށްލާނަމެވެ. މިއީ އެމެރިކާގެ ފެޑެރަލް ޓްރޭޑް ކޮމިޝަނުން ލަފާދޭ ބައެއް ކަންތައްތަކެވެ.

އެއްކަމަކީ އެޑިވަސްތަކުގެ ފަރމްވެއަރ ގަވާއިދުން އަޕްޑޭޓްކުރުމެވެ. ފަރމްވެއަރ އަކީ ޑިވައިސްއިން ކުރަން ކަނޑައެޅޭ މަސައްކަތްކުރުމަށްޓަކައި އެތަކެތި އުފައްދާއިރު ސީދާ ހަރޑްވެއަރއަށް އަޅާފައި ހުންނަ ސޮފްޓްވެއަރއެވެ. ފަރމްވެއަރ އަޕްޑޭޓްކުރުމުން ލިބޭ ފައިދާއަކީ ހާރޑްވެއަރއެއްގައި ނުވަތަ އޭގެ ސޮފްޓްވެއަރގައި މައްސަލައެއް ހުރިނަމަވެސް، ޑިވައިސް އުފައްދާ ފަރާތްތަކުން އެކަން ރަނގަޅުކޮށް ޕެޗްއަޅާ ސޮފްޓްވެއަރ އަޕްޑޭޓް ރިލީޒްކުރާތީ، އެފަދަ މައްސަލަތައް އޭގެން ހައްލުކޮށްދޭނެތީއެވެ.

ދެވަނަކަމަކީ ޑިވައިސްގެ ސެޓިން ޗެކްކޮށް އޭގައި ހުރި ބައިތައް ދެނެގަތުމެވެ. އަދި އެސެޓިންގތައް މެދުވެރިވެ ޑިވައިސްއިން ކުރަން ނުޖެހޭ ޑޭޓާއެއް އެއްކުރޭތޯ ޗެކްކޮށް ޑިސޭބަލް ކުރުމެވެ. އިންޓަރނެޓާއި ކަނެކްޓް ވެފައިވާ ޑިވައިސްތައް ބޭނުންކުރާ ފަރާތްތަކުގެ ރައްކާތެރިކަމާއި އެފަރާތްތަކުގެ މަޢުލޫމާތުގެ ރައްކާތެރިކަމަށް އަޅާނެ ބައެއް ފިޔަވަޅުތަކާއި ޗެކްލިސްޓް ފަދަ ތަކެތި ވަރަށް ފަސޭހައިން ލިބެން އެބަހުއްޓެވެ. މިސާލަކަށް އޮންލައިން ޓްރަސްޓް އެލަޔަންސް އިން ފާހަގަކޮށްފައިވާ ޓިޕްސް އާއި ޗެކްލިސްޓް ފާހަގަކޮށްލަމެވެ. މިފަދަ ތަކެތި ކިޔާ އެންމެ ރަނގަޅު މަޢުލޫމާތު ހޯދުމަކީ މިފަދަ ޑިވައިސް ބޭނުންކުރާ ފަރާތްތަކަށް ވަރަށް މުހިއްމު ކަމެކެވެ.

އައިއޯޓީ ޑިވައިސްއެއް ގަންނަން ވިސްނާ ފަރާތެއްނަމަ، އެ ޑިވައިސްއިން އެއްކުރާނެ މަޢުލޫމާތުތައް ފުރަތަމަ ދެނެގަތުން މުހިއްމެވެ. އަދި އެޑިވައިސް އުފައްދާ ފަރާތުން ޑިވައިސް ބޭނުންކުރާ ފަރާތްތަކުގެ މަޢުލޫމާތު ރައްކާކުރުމަށް އަޅަނީ ކޮން ފިޔަވަޅުތަކެއްތޯ ދެނެގަންނާށެވެ. މޮޒިއްލާގެ "ޕްރައިވަސީ ނޮޓް އިންކްލޫޑަޑް" ޕްލެޓްފޯމަކީ މިކަމަށް ބޭނުންކުރެވިދާނެ މުހިއްމު ޕްލެޓްފޯމެކެވެ. މިފަދަ ވެބްސައިޓްތަކުން ލިބޭ މަޢުލޫމާތު ބޭނުންކޮށްގެން އެންމެ ރައްކާތެރި ޑިވައިސް އުފައްދާ ކުންފުނިތަކުގެ އަދި ތިމާގެ މަޢުލޫމާތުގެ ރައްކާތެރިކަން އެންމެ ބޮޑަށް ކަށަވަރުކޮށްދޭނެ އޮޕްޝަންތައް ޚިޔާރުކުރުމަށް އެހީތެރިވެދޭނެއެވެ.

އެންމެ ފަހު ކަމަކަށް މިކަމާއި ދޭތެރޭ ފުންކޮށް ވިސްނާލުން ރަނގަޅެވެ. ތިމާ ގެންގުޅޭ ހުރިހާ ޑިވައިސްތަކަކީ އިންޓަރނެޓާއި ކަނެކްޓް ވެފައިވާ ސްމާޓް ޑިވައިސްތަކަށް ހަމަ ހަގީގަތުގައިވެސް ވާންޖެހޭތޯއެވެ؟ މެޝިނެއް މެދުވެރިވެ ކޮފީއެއް ހެދުމަށްޓަކައި ތިމާގެ ޒާތީ މަޢުލޫމާތު އިންޓަރނެޓަށް ދޫކޮށްލުން އިޚްތިޔާރުކުރާނީތޯއެވެ؟ ނޫންނަމަ ޚިޔާރު ކުރާނީ އަމިއްލައަށް ކޮފީއެއް ހަދާލާ، ތިމާގެ މަޢުލޫމާތު ރައްކާތެރިކުރުން ތޯއެވެ؟

ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.