އުރީދޫ މޯލްޑިވްސް އެމް-ފައިސާ މެދުވެރިކޮށް އިންޓަނޭޝަނަލް މަނީ ޓްރާންސްފާ ޚިދުމަތުގެ ޓްރައްލް ރަސްމީކޮށް ފަށާފައިވާ ކަމަށް އެކުންފުނިން މިއަދު ބޭއްވި ޙާއްސަ ހަފްލާއެއްގައި ވަނީ އިއުލާނު ކޮށްފައެވެ. އިންޓަނޭޝިނަލް މަނީ ޓްރާންސްފަރ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ލައިސަންސް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނުގެ ދަށުން މި އަހަރު ކުރީކޮޅު އެ ކުންފުނިއަށްވަނީ ދީފައެވެ.
މި ލައިސަންސް ދޫކުރެވުނު ދުވަހުން ފެށިގެން އުރީދޫ މޯލްޑިވްސްގެ ސިސްޓަމްތައް ބައިނަލްއަގްވާމީ ޕާޓްނަރުންނާއި އިންޓަގްރޭޓްކޮށް، މި ސިސްޓަމްގެ ތަފާތު ޓެސްޓުތައް ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މި ޚިދުމަތް ރަސްމީކޮށް އިފްތިތާހުކުރެވުމުން އެމް-ފައިސާ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ބައިނަލްއަގުވާމީ މަނީ ޓްރާންސްފާގެ ޚިދުމަތް ފޯރުކޮށްދެވިގެން ދިޔުމަކީ މޮބައިލް މަނީ ދާއިރާއިން ޙާޞިލުކުރެވޭ މުހިންމު ލަނޑުދަނޑިއެކެވެ.
ކުރިއަށް އޮތް މަސްތަކުގައި މި ޚިދުމަތް ރަސްމީކޮށް ތަޢާރަފްވުމުން، އެމް-ފައިސާ ކަސްޓަމަރުންނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އާއިލާ އާއި ރައްޓެހިންނަށް ކޮންމެތާކުން، ކޮންމެވަގުތަކުވެސް ފަސޭހަކަމާއެކު ފައިސާ ފޮނުވާލެވޭނެއެވެ. އެމް-ފައިސާ ވޮލެޓުން ރާއްޖެއިން ބޭރަށް ފައިސާ ފޮނުވޭނީ ދިވެހި ރުފިއްޔާއިންނެވެ. އަދި ފައިސާ ލިބިވަޑައިގަންނަ ފަރާތައް ފައިސާ ލިބޭނީ އެމީހެއްގެ އެކައުންޓަށް ނުވަތަ ޑިޖިޓަލް ވޮލެޓްތަކަށް ޑޮލަރު ނުވަތަ އެ ގައުމެއްގެ ފައިސާއިންނެވެ.
"ޑިޖިޓަލް ދިވެހިރާއްޖެއެއް ބިނާކުރުމަށް އަޅުގަނޑުމެން މިކުރާ ދަތުރުގައި މި އަދަކީ މުހިންމު މޭލުގަލައް ޙާޞިލްކުރުމަށް ނެގޭ ވަރަށް ބޮޑު ފިޔަވަޅެއް. އަޅުގަނޑުމެންގެ އަމާޒަކީ ޑިޖިޓަލް ޙިދުމަތްތައް މެދުވެރިކޮށް ކަސްޓަމަރުންގެ މުޢާމަލާތްތަކާއި ފުރުޟަތުތައް ފަހި ކޮށްދިނުން. އެމް-ފައިސާ މެދުވެރިކޮށް އިންޓަނޭޝަނަލް މަނީ ޓްރާންސްފަރ ރަސްމީކޮށް އިފްތިތާހު ކުރުމާއެކު ފަސޭހަކަމާއި އެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ރައްޔިތުންނަށް މާލީ ފުރުޟަތުތައް ފުޅާވެ، ކޮންމެތާކު އަދި ކޮންމެ ވަގުތަކުވެސް ބޭރު ގައުމުތަކުގައި ދިރިއުޅުއްވައި އާއިލާ އާއި ރައްޓެހިންނަށް ފައިސާ ޓްރާންސްފަރ ކުރުމުގެ ފަސޭހަކަން ލިބިގެންދާނެ." ކަމަށް އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރ، ހުސައިން ނިޔާޒް ވިދާޅުވިއެވެ.
އެމް-ފައިސާ މެދުވެރިކޮށް އިންޓަނޭޝަނަލް މަނީ ޓްރާންސްފާ ޚިދުމަތް ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރަކަށް ވެސް އެމް-ފައިސާ ވޮލެޓެއް ރެޖިސްޓަރ ކޮށްލުމުން ފައިސާ ފޮނުވޭނެއެވެ. މި ޕްރޮޖެކްޓާއެކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާއި ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކާއި ވިޔަފާރިތަކަށް ޑިޖިޓަލް މާލީ ޚިދުމަތްތައް އިތުރަށް ފަހިކޮށްް، އީޖާދީ ޕޭމަންޓް ސޮލިއުޝަންތައް ފޯރުކޮށްދިނުމުގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން އުރީދޫއިން އަރުވައެވެ.
ޓެކްނޮލޮޖީ ދިރާސާކުރާ ފަރާތެއް، ގްރެފިކް ޑިޒައިނަރެއް