ސްޓާލިންކްއަށް ހަމަލާދިނުމުގެ ގާބިލުކަން ހޯދުމަށް ޗައިނާއިން ގޮވާލައިފި

އިސްމާއިލް އަލީ 05 ޖޫން 2022

ޗައިނާގެ ގައުމީ ސަލާމަތަށް ނުރައްކާ ވާނަމަ ސްޓާލިންކް ސެޓްލައިޓްތަކަށް ހަމަލާދޭނެ ހަތިޔާރު އުފެއްދުމަށް ޗައިނާގެ އަސްކަރިއްޔާގެ ސައިންސްވެރިން ގޮވާލައިފިއެވެ. އެގޮތުން ސައިންސްވެރިން ވަނީ ސްޓާލިންކްއަކީ މުސްތަގްބަލުގައި އަސްކަރީ އެކިއެކި ބޭނުންތަކަށް ބޭނުންކުރެވިދާނެ ނިޒާމެއްކަމަށް ފާހަގަކޮށްފައިއެވެ. އެހެންކަމުން ޗައިނާއިން ސްޓާލިންކް ސެޓްލައިޓްތަކަށް ޖާސޫސުކުރުމުގެ ގާބިލުކަމާއި މިތަކެތި ނައްތާލަން ޖެހިއްޖެނަމަ މިތަކެއްޗަށް ހަމަލާދޭނެ ހަތިޔާރު އުފައްދަންޖެހޭކަމަށް އެގައުމުގެ ސައިންސްވެރިން ވަނީ ހާމަކޮށްފައިއެވެ.

ޗައިނާގެ އަސްކަރީ ސައިންސްވެރިން މިކަން ހާމަކޮށްފައި ވަނީ ޗައިނާސް މޮޑާން ޑިފެންސް ޓެކްނޮލޮޖީ ޖާނަލަގައި ޝާއިއުކޮށްފައިވާ ދިރާސާއެއްގައިއެވެ. އެގޮތުން މިދާރާސާ ކުރިއަށްގެންދިޔަ ސައިންސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ސްޓާލިންކްގެ އަސްކަރީ ގާބިލުކަމާމެދުގައިއެވެ. އެގޮތުން އެފަރާތްތަކުން ގަބޫލުކުރާ ގޮތުގައި ސްޓާލިންކް މެދުވެރިކޮށް މުސްތަގްބަލުގައި ހައިޕާސޮނިކް މިސައިލް ޓްރެކްކުރުމާއި، އެމެރިކާގެ އަސްކަރީ ޑްރޯންތަކާއި ސްޓެލްތް ފައިޓާ ޖެޓްތަކުގެ ޑޭޓާ ޓްރާންސްމިޝަން ސްޕީޑް ހަލުވިކުރުމާއި ޗައިނާގެ ސެޓްލައިޓްތަށް ހަލާކުކުރުން ފަދަ އެތަށްކަމެއް ކުރެވިދާނެއެވެ.

އެގޮތުން ޖުލައި އަދި އޮކްޓޯބަރު 2021 ގައި ސްޓާލިންކް ސެޓްލައިޓްތަކާއި މުޑިއެރުން ހުއްޓުވުމަށް ޗައިނާގެ ޖައްވީ ސްޓޭޝަން ވަނީ ކުއްލިހާލަތަށް ގެނެސްފައިއެވެ. މިކަމުގެ ސަބަބުން އެގައުމުން ވަނީ އެކުވެރި ދައުލަތްތަކުގެ ޖަމާއަތަށް މިކަމާގުޅޭ ގޮތުން ލިޔުމުން ޝަކުވާ ހުށަހަޅާފައިއެވެ.

ޗައިނާގެ އަސްކަރިއްޔާގެ ސްޓްރެޓީޖިކް ސަޕޯޓް ފޯސް އާއި ގުޅިފައިވާ ބެއިޖިން އިންސްޓިޓިއުޓް އޮފް ޓްރެކިން އެންޑް ޓެލެކޮމިއުނިކޭޝަންސްގެ ސައިންސްވެރިން ޝާއިއުކޮށްފައިވާ މިދިރާސާގައި ވަނީ ސްޓާލިން ސެޓްލައިޓްތަކުގެ މަސައްކަތް ހުއްޓުވުމަށާއި އެތަކެތީގެ އޮޕަރޭޓިން ސިސްޓަމް ހަލާކުކޮށްލުމަށް ހާޑް އަދި ސޮފްޓް ކިލް މެތަޑްތަށް ގެންގުޅެންޖެހެއެވެ. ހާޑް ކިލް މެތަޑްތަކަކީ މިސައިލް ފަދަ ހަތިޔާރު ބޭނުންކޮށްގެން ދެވޭ ސީދާ ހަމަލާތަކެވެ. ސޮފްޓް ކިލް މެތަޑްތަކަކީ ޖޭމްކުރުމާއި ލޭސާ މެދުވެރިކޮށް ދެވޭ ހަމަލާތަކެވެ.

ޗައިނާއަށް މިހާރުވެސް ސެޓްލައިޓްތަށް ނައްތާލުމުގެ ގާބިލުކަން ލިބިފައިވެއެވެ. އެގޮތުން ސެޓްލައިޓްތަކުގެ މުވާސަލާތީ ނިޒާމު ހަލާކުކޮށްލުމުގެ ގާބިލުކަން ލިބިފައިވާ މައިކްރޯވޭވް ޖޭމާ އަދި ލޭޒާ އެގައުމުން ގެންގުޅޭކަމަށް އެމެރިކާގެ ޑިފެންސް ޑިޕާޓްމަންޓުން ވަނީ ހާމަކޮށްފައިއެވެ. މީގެ އިތުރުން ދިގުރާސްތާ އެންޓި ސެޓްލައިޓް މިސައިލްގެ އިތުރުން ސެޓްލައިޓްތަށް ހެކްކުރުމުގެ ގާބިލުކަންވެސް އެގައުމަށް ލިބިފައިވެއެވެ.

ނަމަވެސް ޗައިނާގެ ސައިންސްވެރިން ހާމަކޮށްފައިވާ ގޮތުގައި މިތަކެއްޗަކީ ވަކިވަކި ސެޓްލައިޓްތަކާ ދެކޮޅަށް ކާމިޔާބު ކަމާއެކު ބޭނުންކުރެވިދާނެ ތަކެއްޗަށް ވިޔަސް މިތަކެތި ސްޓާލިންކްފަދަ ގިނަ ސެޓްލައިޓް ބޭނުންކުރާ ވަސީލަތެއް އެއްކޮށް ނައްތާލުމަށް ކާމިޔާބުކަމާއެކު ބޭނުމެއް ނުކުރެވޭނެއެވެ.

ޗައިނާއެކޭ އެއްގޮތަށް ރަޝިއާއިންވެސް ވަނީ ސްޓާލިންކާ ދެކޮޅަށް އަޑުއުފުލާފައިއެވެ. އެގޮތުން އެގައުމުން ވަނީ ސްޓާލިންކް މެދުވެރިކޮށް އެގައުމާ ދެކޮޅަށް ބޭނުންކުރުމަށް އަސްކަރީ މުވާސަލަތީ ޓެކްނޮލޮޖީ ޔޫކްރޭންގެ އަސްކަރިއްޔާއަށް ފޯރުކޮށްދޭކަމަށް ތުހުމަތުކޮށްފައިއެވެ. މީގެ އިތުރުން މިޝްރޫއު ކުރިއަށްގެންދާ ބިލިއަނަރު އީލަން މަސްކް ހާމަކޮށްފައިވާ ގޮތުގައި ރަޝިއާއިން ވަނީ ސްޓާލިންކް ހެކްކުރުމަށާއި ސިގްނަލް ޖޭމްކުރުމަށްވެސް މަސައްކަތްކޮށްފައިއެވެ.

އިސްމާއިލް އަލީ

އިސްމާއިލް އަލީ

މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.