ދުނިޔޭގެ އެކިކަންކޮޅުތަކުގައި މަސައްކަތްތެރިން ލިބުމުގެ ދަތިތަކުން އަރައިގަތުމަށްޓަކައި ވަޒީފާދޭ ފަރާތްތަކުން ވަނީ އޮޓޮމޭޓެޑް ޓެކްނޮލޮޖީ އަދި ރޮބޮޓްތަކުގެ ބޭނުން ހިފަންފަށާފައިއެވެ. އެގޮތުން އޮޓޮމޭޝަން އަކީ އައުކަމަކަށް ނުވިޔަސް ވޯލްސްޓްރީޓް ޖާނަލް އިން ރިޕޯޓް ކުރާގޮތުގައި ދުނިޔޭގެ ބާޒާރަށް އަންނަ ބަދަލުތަކާ ގުޅިގެން އެކަމުން އަރައިގަތުމަށް ގިނަ ކުންފުނިތަކުން ވަނީ އޮޓޮމޭޝަން އާއި ދިމާލަށް މިސްރާބު ޖަހާފައިއެވެ.
މިއާއެކު 2022 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ރޮބޮޓް އުފެއްދުމަށް ދެވުނު އޯޑަރުތަށް ވަނީ 40 އިންސައްތަ އިތުރުވެފައިއެވެ. މީގެ އިތުރުން މިއަދަދު 2021 ވަނަ އަހަރު ނިމުނު އިރު ވަނީ 21 އިންސައްތަ އިތުރުވެފައިއެވެ. އެސޯސިއޭޝަން ފޮ އެޑްވާންސިން އޮޓޮމޭޝަންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިކަމުގެ ސަބަބުން މިއިންޑަސްޓްރީއަށް ޗަނީ 1.6 ބިލިއަން ޑޮލަރުގެ ފައިދާއެއް ލިބިފައިއެވެ.
އެމްޓެކް އިންކްގެ ސިއީއޯ ޑޭވިޑް ޒެޕިކޯ ބްލޫމްބާގް އާއި ވާހަކަދައްކަމުން ހާމަކޮށްފައިވާ ގޮތުގައި މިހާރު ގިނަ ކުންފުނިތަކުން ބޭނުންވަނީ މަސައްކަތްތެރިން ހޯދުމުގެ ބަދަލުގައި އޮޓޮމޭޝަން އާއ ދިމާލަށް ދިއުމަށެވެ. މީގެ ސަބަބުން މިފަދަ އާލާތްތަށް އުފައްދާ ކުންފުނިތަކުން ހުއްޓުމެއްނެތި ޑިމާންޑާއެއްވަރަށް ބާޒާރަށް މިތަކެތި ނެރުމަށް މަސައްކަތްކުރަމުންދާކަމަށްވެސް އޭނާ ވަނީ ހާމަކޮށްފައިއެވެ. ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ދުނިޔޭގެ ވަޒީފާގެ ބާޒާރަށް ދިމާވި އެންމެ ދަތި ދުވަސްތަކުގައި ރޮބޮޓް މެދުވެރިކޮށް ވަނީ ކޮންމެވެސް ވަރެއްގެ ވަގުތީ ހައްލެއް ގެނެވިފައެވެ.
މާޗް މަހު އެމެރިކާގެ ވަޒީފާގެ ބާޒާރުގައި ވަނީ ރިކޯޑްއަދަދަކަށް ވަޒީފާތަކަށް ހުޅުވާލާފައިއެވެ. އެގޮތުން 11.5 މިލިއަން ވަޒީފާގެ ފުރުސަތު އެގައުމުގެ އެކިއެކި އިންޑަސްޓްރީތަކުން ހުޅުވާލާފައިވެއެވެ. ތަޖުރިބާކާރުން ހާމަކުރާ ގޮތުގައި ވަޒީފާތަކަށް މަސައްކަތްތެރިން ލިބުމުގެ ދަތިކަން އެތަކެއް އަހަރަކަށް ދެމިގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ. މަސައްކަތްތެރިން ލިބުމުގެ ދަތިތަކާ ގުޅިގެން ދުނިޔޭގެ ހުރިހާ އިންޑަސްޓްރީއަކަށްވެސް ވަނީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިއެވެ. ނަމަވެސް ކުރިއަރަމުން އަންނަ ޓެކްނޮލޮޖީގެ ސަބަބުން މި ދަތިތަށް ހައްލުކުރުމަށް މެޝިންތަކާއި ރޮބޮޓްތަށް ދަނީ ބޭނުންކުރަމުންނެވެ.
އިންޑަސްޓްރިއަލް ރޮބޮޓް އުފައްދާ ފަނޫކް އެމެރިކާގެ ޗީފް އެގްޒެކެޓިވް އޮފިސަރު މައިކަލް ސިކޯ ވޯލް ސްޓްރީޓް ޖާނަލް އާއި ވާހަކަދައްކަމުން ހާމަކޮށްފައިވާ ގޮތުގައި ރޮބޮޓްތައް ދަނީ ބޭނުންކުރަން ފަސޭހަވަމުންނެވެ. އަދި މީގެ ކުރިން ކުންފުނިތަކުން ހީކޮށްގެންތިބީ އޮޓޮމޭޝަން އަކީ ތަންފީޒު ކުރަން އުނދަގޫ ނުވަތަ ހަރަދު ބޮޑު އެއްޗެއްކަމަށްވެސް އޭނާ ވަނީ ހާމަކޮށްފައިއެވެ.
ނަމަވެސް މިހާރު ދިމާވެފައިވާ މަސައްކަތްތެރިން ލިބުމުގެ މައްސަލައަށް ހައްލެއް އަންނައިރު ރޮބޮޓްތަކުގެ ސަބަބުން އިންސާނުން މިހާރު އަދާކުރާ ގިނަ ވަޒީފާތަށް ގެއްލިދާނެތީ އެކަމުގެ ކަންބޮޑުވުން ބައެއް ފަރާތަތަކުން މިހާރު ދަނީ ފާޅުކުރަމުންނެވެ.
އެގޮތުން އެމްއައިޓީގެ އިކޮނޮމިކްސް ޕްރޮފެސަރެއްކަމަށްވާ ޑެރަން އެސްމޮގްލޫ ހާމަކޮށްފައިވާ ގޮތުގައި ހަލުވިކަމާއެކު އޮޓޮމޭޝަންގެ މަސައްކަތްކުރިއަށް ގޮސްފިނަމަ ގިނަ ވަޒީފާތަކެއް ނެތިގެންދާނެއެވެ. މީގެ އިތުރުން އޭނާ ފާހަގަކޮށްފައިވާ ގޮތުގައި މަސައްކަތްތެރިން ނުލިބުމުގެ މައްސަލައަކީ ވަގުތީ ކަމެކެވެ.
މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި