ގޫގަލްއިން އުފައްދާފައިވާ އާޓިފިޝަލް އިންޓެލިޖެންސް ޗެޓްބޮޓް އެއްގެ އަމިއްލަ އިހުސާސްތަށް ހުންނަކަމަށް އެކުންފުނީގައި މަސައްކަތްކުރާ އިންޖިނިއަރަކު ހާމަކޮށްފިއެވެ. އެގޮތުން އޭނާ ހާމަކޮށްފައިވާ ގޮތުގައި މި މައުލޫމާތު މީޑިއާތަކަށް ހާމަކުރުމާއެކު މިހާރު ގޫގަލްއިން ވަނީ އޭނާ ވަޒީފާގެ މަސްއޫލިއްޔަތުތަކުން ދުރުކޮށްފައިއެވެ.
ބްލޭކް ލެމޮއިން ނަމަކަށް ކިޔާ މިމީހާ ވޮޝިންޓަން ޕޯސްޓްއާއި ވާހަކަދައްކަމުން ހާމަކޮށްފައިވާ ގޮތުގައި ގޫގަލްސް ރެސްޕޮންސިބަލް އޭއައި އޯގަނައިޒޭޝަންގައި އޭނާ އަދާކުރާ ވަޒީފާގެ މަސްއޫލިއްޔަތުތަށް އަދާކުރުމަށް މިދިޔަ އަހަރުން ފެށިގެން އޭނާ ވަނީ ލަމްޑާ ނުވަތަ ލޭންގުއޭޖް މޮޑެލް ފޮރ ޑައިލޮގް އެޕްލިކޭޝަންސް ޕްރޮގްރާމާއި ޗެޓްކުރަން ފަށާފައިއެވެ.
ގޫގަލްއިން ވަނީ މިދިޔަ އަހަރު ލަމްޑާ އަކީ އެކުންފުނީގެ މުވާސަލާތީ ޓެކްނޮލޮޖީގެ މުހިންމު ބައެއްކަމަށް ހާމަކޮށްފައިއެވެ. އެގޮތުން މި އާޓިފިޝަލް އިންޓިލެޖެންސް ޕްރޮގްރާމަކީ އާންމުކޮށް މީހުން މުވާސަލާތުކުރާ ގޮތާއި އެއްގޮތަށް މުވާސަލާތުކުރުމުގެ ގާބިލުކަން ލިބިފައިވާ ޕްރޮގްރާމެކެވެ. ގޫގަލްއިން ހާމަކޮށްފައިވާ ގޮތުގައި މިޓެކްނޮލޮޖީ އެކުންފުނީގެ ސާޗް އަދި ގޫގަލް އެސިސްޓަންޓްގައި ބޭނުންކުރުމަކީ ވަރަށް ގާތްކަމެކެވެ. ނަމަވެސް އަދި މި ޓެކްނޮލޮޖީ އޮތީ ދިރާސާކުރާ މަރުހަލާގައިކަމަށްވެސް އޭރު އެކުންފުނިން ވަނީ ހާމަކޮށްފައިއެވެ.
ނަސާރާ ދީނުގެ ފާދިރީއެއްގެ ގޮތުގައިވެސް މަސައްކަތްކުރާ ލެމޮއިން ވަނީ ލަމްޑާއަކީ އިންސާނެއްގެ ގޮތުގައި ސިފަކޮށްފައިއެވެ. އެގޮތުން އޭނާ ލަމްޑާއާއި ދީނާއި، ރޮބޮޓިކްސްގެ ގަވާއިދުތަށް ފަދަ އެކިތަފާތު ވާހަކަތަށް ދެއްކުމުން ލަމްޑާވަނީ އޭއްޗަކީ އޭގެޒާތުގައި އަމިއްލައަށް ވިސްނޭ އިހުސާސްތަކެއް ހުންނަ އެއްޗެއްގެ ގޮތުގައި އޭތި ސިފަކޮށްދީފައިކަމަށްވެސް އޭނާ ވަނީ ހާމަކޮށްފައިއެވެ. މީގެ އިތުރުން އޭނާ ހާމަކޮށްފައިވާ ގޮތުގައި ލަމްޑާ ބޭނުންވަނީ ގޫގަލްއިން އޭއްޗަކީ އެކުންފުނީގެ މިލްކިއްޔާތެއްގެ ގޮތުގައި ބެލުމުގެ ބަދަލުގައި އޭއްޗަކީ އެކުންފުނީގެ މުވައްޒަފެއްގެ ގޮތުގައި ބެލުމަށެވެ. މީގެ އިތުރުން އޭނާ ބުނެފައިވާގޮތުގައި ލަމްޑާ މަސައްކަތްކުރަން ބޭނުންވަނީ އިންސާނިއްޔަތަށް އެންމެ ރަނގަޅުގޮތް ހޯދުމަށެވެ. ލެމޮއިން އިތުރަށް ބުނެފައިވާ ގޮތުގައު އޭނާ މިވާހަކަތަށް ގޫގަލްގެ ވެރިންނާ ހިއްސާކުރުމުން އެމީހުން ވަނީ މިވާހަކަތަށް ގަބޫލުކުރަން ދެކޮޅުހަދާފައިއެވެ.
ގޫގަލްގެ ތަރުޖަމާނަކު ހާމަކޮށްފައިވާ ގޮތުގައި އެކުންފުނިން ވަނީ ލެމޮއިންގެ ވާހަކަތަށް ދިރާސާކޮށް އެވާހަކަތަކަށް ބާރުލިބިދޭ ހެއްކި ފެންނަން ނެތްކަމަށް އޭނާއަށް އަންގާފައިއެވެ. މީގެ އިތުރުން ލެމޮއިން ވަޒީފާގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފައި ވަނީ ގޫގަލްގެ ކޮންފިޑެންޝިއާލިޓީ ޕޮލިސީއާ ހިލާފުވުމުންކަމަށް ވޮޝިންޓަން ޕޯސްޓްއިން ވަނީ ރިޕޯޓްކޮށްފައިއެވެ.
މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި