އިންޑިއާގެ ބައެއް ވީޕީއެން ސާވަތަށް ހުއްޓާލައިފި

އިސްމާއިލް އަލީ 17 ޖޫން 2022

ވީޕީއެން ހިދުމަތްދޭ ކުންފުނިތަށްކަމަށްވާ އެކްސްޕްރެސް ވީޕީއެން، ނޯޑް ވީޕީއެން އަދި ސާފްޝާކްއިން ވަނީ އެކުންފުނިތަކުގެ އިންޑިއާ ސާވާތަށް ހުއްޓާލުމަށް ނިންމާފައިއެވެ. އެކުންފުނިތަކުން މި ނިންމުން ނިންމާފައިވަނީ އިންޑިއާގެ ސައިބާ ސެކިއުރިޓީ އިދާރާ ދާދިފަހުން ތައާރަފްކޮށްފައިވާ އައު ސައިބާސެކިއުރިޓީ ގަވާއިދުތަކާއި ގުޅިގެންނެވެ. މިގަވާއިދަށް އަމަލުކުރަން ފެށުމާއެކު ވީޕީއެން ހިދުމަތްދޭ ކުންފުނިތަކަށް އެހިދުމަތްތަށް ބޭނުންކުރާ ފަރާތްތަކުގެ މައުލޫމާތު 5 އަހަރު ދުވަހަށް ރައްކާކުރުމަށް މަޖުބޫރުވެއެވެ.

ވީޕީއެން އާންމުކޮށް ބޭނުންކުރަނީ އިންޓަނެޓް ބޭނުންކުރާއިރު ޕްރައިވަސީ ޔަގީންކުރުމަށެވެ. އެގޮތުން ވަރަށް ގިނަބަޔަކު ދަނީ ލޮކޭޝަން ޑޭޓާ ފަދަ މައުލޫމާތު އެއްކުރުން ހުއްޓުވުމަށް ވީޕީއެން ބޭނުންކުރަމުންނެވެ. ނަމަވެސް އިންޑިއާއިން ތައާރަފްކުރި މިގަވާއިދުން މިހިދުމަތް ފޯރުކޮށްދޭ ކުންފުނިތަކަށް އިސްތިސްނާއެއް ނުލިބެއެވެ.

އެގޮތުން 26 އޭޕްރިލް 2022 ގައި އިންޑިއާގެ މިނިސްޓްރީ އޮފް އިލެކްޓްރޯނިކްސް އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީގެ ސައިބާސެކިއުރިޓީ ޑިވިޝަނުންވަނީ ވީޕީއެން ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް އެފަރާތްތަކުގެ ކަސްޓަމަރުންގެ ނަމާއި، ހިދުމަތް ބޭނުންކުރި މުއްދަތާއި، އެފަރާތްތަކަށް ކަނޑައެޅިފައިވާ އައިޕީ އެޑްރެސްއާއި، އީމެއިލް އެޑްރެސް، ހިދުމަތް ބޭނުންކުރި ގަޑި ފަދަ މައުލޫމާތު ފަސް އަހަރަށް ރައްކާކުރަންޖެހޭނެކަމަށް އަންގާފައިއެވެ.

އިންޑިއާ ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި މި ފިޔަވަޅުތަކުގެ ސަބަބުން އެގައުމުން ސައިބާކްރައިމްއާ ދެކޮޅަށްކުރަމުންދާ މަސައްކަތްތަކަށް ފަސޭހަވެގެންދާނެއެވެ. ނަމަވެސް މިފިޔަވަޅަކީ ޕްރައިވަސީ ކަށަވަރުކުރުމަށްޓަކައި ބޭނުންކުރާ ވީޕީއެންތަކުގެ ބޭނުން އެއްކޮށްހެން ކެޑިގެންދާނެ ފިޔަވަޅެކެވެ.

އިންޑިއާ ސަރުކާރުގެ މިނިންމުމަށް އަމަލުނުކުރާ ފަރާތްތަކަށް އެއްއަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެކަމަށްވެސް މިގަވާއިދުގައި ބުނެފައިވެއެވެ. މި ގަވާއިދުގެ ދަށުން ވީޕީއެން ހިދުމަތެއް ބޭނުންކުރާ ފަރާތަކުން އެހިދުމަތް ބޭނުންކުރުން ހުއްޓާލުމުންވެސް އެމީހެއްގެ މައުލޫމާތު ރައްކާކުރުމަށް ވީޕީއެން ހިދުމަތް ފޯރުކޯށްދޭ ފަރާތަށް މަޖްބޫރުވެގެންދެއެވެ. މި ގަވާއިދަށް އަމަލުކުރަން ފަށާނެކަމަށް ބެލެވޭ ތާރިހަކީ 27 ޖުލައި 2022 އިން ފެށިގެންނެވެ.

މި ގަވާއިދު އާންމު ކުރުމާއެކު މިދާއިރާގެ ފަރާތްތަކުން ވަނީ މި ގަވާއިދުގެ ސަބަބުން ޒާތީ މިނިވަންކަން ގެއްލޭނެކަން ފާހަގަކޮށް ކަންބޮޑުވުން ފާޅުކޮށްފައިއެވެ. އެގޮތުން އިންޓަނެޓް ފްރީޑަމް ފައުންޑޭޝަނުންވެސް ވަނީ މިގަވާއިދުގެ ދަށުން ޒާތީ މައުލޫމާތު ރައްކާތެރި ކުރުމުގެ ހައްގު ހަނިވެގެންދާ ކަމަށާއި މީގެ އަދި މީގެ ސަބަބުން އިންޑިއާގައި ހަރަކާތްތެރިވާ ވީޕީއެން ކުންފުނިތަކަށް ގެއްލުންތަކެއް ވާނެކަން ހާމަކޮށްފައިއެވެ. ރޮއިޓާޒް އިން ހާމަކޮށްފައިވާ ގޮތުގައި ސޯޝަލް މީޑިއާ އަދި ޓެކްކުންފުނިތަކުގެ ވެރިންގެ މެދުގައި ބޭއްވުނު ބައްދަލުވުމެއްގައި ވަނީ މިގަވާއިދަށް އަމަލުކުރުން މަޑުޖައްސާލަން އިންޑިއާ ސަރުކާރުގައި އެދުމާގުޅޭ ގޮތުން މަޝްވަރާކޮށްފައިއެވެ.

ނަމަވެސް މިގަވާއިދަށް އަމަލުކުރުން މަޑުޖައްސާލަން ދެކޮޅު ހަދަމުން މޭމަހުގެ 18 ވަނަ ދުވަހު އިންޑިއާ ސަރުކާރުން ވަނީ ވީޕީއެން ހިދުމަތްދޭ ކުންފުނިތަކަށް އިންޒާރުދީފައިއެވެ. އެގޮތުން އިންޑިއާގެ މިނިސްޓަރަކުވަނީ ކަންބޮޑުވުންތަކެއް ހުއްޓަސް މިގަވާއިދަށް އަމަލުކުރުން ހުއްޓާނުލާނެ ކަމަށާއި ޓެކްކުންފުނިތަކުގެ ހިދުމަތް ހޯދަނީ ކޮންބައެއްތޯ ދެނެގަތުމަކީ އެކުންފުނިތަކުގެ ޒިންމާއެއްކަމަށް ބުނެފައިއެވެ. މީގެ އިތުރުން އޭނާ ވަނީ މިގަވާއިދަށް އަމަލުކުރަން ބޭނުންނުވާ ނަމަ އިންޑިއާ ދޫކޮށްދިއުމަށްވެސް އެކުންފުނިތަކަށް ގޮވާލާފައިއެވެ.

މިނިންމުމާއެކު އެންމެ ފުރަތަމަ އިންޑިއާ ސަރުކާރުގެ ނިންމުން ބަލައިނުގަތުމަށް ނިންމައި އެކުންފުނީގެ ސާވާތަށް އިންޑިއާއިން ބޭރަށް ގެންދިއުމަށް ނިންމާފައިވަނީ އެކްސްޕްރެސް ވީޕީއެންއިންނެވެ. އެގޮތުން އެކުންފުނިންވަނީ މިގަވާއިދާކީ މިގެ ސަބަބުން އެތަކެއް ގެއްލުމެއް ލިބޭނެ ގަވާއިދެއްގެ ގޮތުގައި ސިފަކޮށްފައިއެވެ. މިގަވާއިދުގެ ސަބަބުން ލިބޭނެ ފައިދާތަކަށްވުރެ މިދަވާއިދުގެ ނާޖާއިޒް ބޭނުންހިފައިގެން ލިބޭނެ ގެއްލުން ބޮޑުވާނެކަމަށްވެސް އެކުންފުނިން ވަނީ ބުނެފައިއެވެ. އެކުންފުނިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި އެކުންފުނިން އެއްވެސް އިރެއްގައި އިންޑިއާ ސަރުކާރުން ބޭނުންވާ މައުލޫމާތު ރައްކާކޮށްފައި ނުވާނެކަމަށާއި ކުރިއަށްއޮތްތާވެސް މިފަދަ މައުލޫމާތު ރައްކާނުކުރާނެކަމަށެވެ. މީގެއިތުރުންވެސް އިންޑިއާގައި އެކުންފުނީގެ ހިދުމަތްތަށް ބޭނުންކުރާ ފަރާތްތަކަށް ސިންގަޕޫރު އަދި އިނގިރޭސިވިލާތުގައި ހުންނަ އެކުންފުނީގެ ސާވާތަށް މެދުވެރުކޮށް ހިދުމަތް ލިބޭނެކަމަށްވެސް އެކުންފުނިންވަނީ ހާމަކޮށްފައިއެވެ.

އެކްސްޕްރެސް ވީޕީއެންގެ މިނިންމުމަށްފަހު ސާފްޝާކް ވީޕީއެންއިންވެސް ވަނީ އިންޑިއާގައި ހުންނަ އެކުންފުނީގެ ސާވާތަށް ހުއްޓާލަން ނިންމާފައިއެވެ. އެކުންފުނިން އާންމުކޮށްފައިވާ ބްލޮގް ޕޯސްޓެއްގައި ހާމަކޮށްފައިވާ ގޮތުގައި މިނިންމުން ނިންމާފައިވަނީ ކަސްޓަމަރުންގެ ގިނައަދަދެއްގެ މައުލޫމާތު ރައްކާކުރަން އެގައުމުގެ ސަރުކާރުން މަޖުބޫރުކޮށްފައިވާތީއެވެ.

މިޔަށްފަހު ނޯޑް ވީޕީއެންއިންވެސް ވަނީ ހަމަ މިފަދަ ނިންމުމެއް ނިންމާފައިއެވެ. އެކުންފުނިން ހާމަކޮށްފައިވާ ގޮތުގައި މިފަދަ ގަވާއިދުތަކަކީ ހުދުމުހުތާރު ވެރިން ރައްޔިތުންގެ ހައްގުތަށް ހަނިކުރުމަށް ބޭނުންކުރާ އުކުޅެކެވެ. އަދި ޑިމޮކްރަސީތަކުން މިފަދަ ގަވާއިދުތަށް ހަދައި އަމަލުކުރަން ފެށުމުން ރައްޔިތުންގެ ހިޔާލުފާޅުކުރުމުގެ ހައްގަށް އުނިކަން ލިބޭނެކަމަށްވެސް އެކުންފުނިން ވަނީ ބުނެފައިއެވެ.

ކޮންމެއަކަސް އިންޑިއާ ސަރުކާރުގެ މި ނިންމުމާއެކު ކޮންމެވެސް ގޮތަކުން އެގައުމުގައި ދިރިއުޅޭ މީހުންގެ ޕްރައިވެސީ އާއި ޑިޖިޓަލް ސެކިއުރިޓީއަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެއެވެ.

އިސްމާއިލް އަލީ

އިސްމާއިލް އަލީ

މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.