އުރީދޫ ނޭޝަން ގޭމިން ޕްލެޓްފޯމް ތަޢާރަފްކޮށްފި

ޝުޖާޢަތު ރަޝީދު 22 ޖޫން 2022

އުރީދޫއިން ބައިނަލްއަގުވާމީ ގޭމިންގް ޕްލެޓްފޯމް އުރީދޫ ނޭޝަން-ގޭމަރސް ލޭންޑް ރާއްޖޭގައި ތަޢާރަފްކޮށްފި އެވެ.

ދަރުބާރުގޭގައި ރޭގައި ބޭއްވި ކުލަގަދަ ހަފްލާގައި "އުރީދޫ ނޭޝަން-ގޭމަރސް ލޭންޑް" މި ޕްލެޓްފޯރމް ރާއްޖެއަށް ތައާރަފްކޮށްފައިވަނީ ރާއްޖޭގައި ގޭމިން ކޮމިއުނިޓީ އެއް ބިނާކޮށް، ހަލުވިދުވެއްޔެއްގައި ކުރިއަރަމުން އަންނަ މި އިންޑަސްޓްރީގެ ނިމުމެއް ނެތް ފުރުސަތުތަކާ ގުޅުވާލަދިނުމުގެ މަގްސަދުގައެވެ.

މި ޕްލެޓްފޯމް ތަޢާރަފް ކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތު އުރީދޫ މޯލްޑިވްސްގެ މެނޭޖްމަންޓާއި ރާއްޖޭގެ ގޭމިން ކޮމިއުނިޓީގެ ބޭފުޅުންގެ ހާޒިރުގައި މިނިސްޓަރ އޮފް ޓުއަރިސަމް، އަލްފާޟިލް އަބްދުއްލާ މައުސޫމް އިފްތިތާޙްކޮށްދެއްވި އެވެ.

އުރީދޫ ނޭޝަން މެދުވެރިކޮށް އައިޓިއުންސް، ނިންޓެންޑޯ، ޕްލޭސްޓޭޝަން އަދި މިނޫންވެސް ދުނިޔޭގެ އެކި ގޭމިން ޕްލެޓްފޯމްތަކުގެ ގިފްޓް ކާޑް ބައްލަވައިގަނެވޭނެއެވެ.

މީގެ އިތުރުން، ގޭމް ކުޅޭ ފަރާތްތަކަށް ooredoonation.mv މެދުވެރިކޮށް ޕަބްޖީ، ގެރީނާ ފްރީ ފަޔަރ، މޯބައިލް ލެޖެންޑްސް، ކޯލް އޮފް ޑިއުޓީ، ރޮބްލަކްސް އަދި މިނޫންވެސް ގިނަ ގޭމްތަކަށް މޮބައިލް ޑޭޓާ ޕެކް ތައް އެކްޓިވޭޓް ކުރެވޭނެއެވެ.

މި ޕްލެޓްފޯމް މެދުވެރިކޮށް ލޯކަލްއާއި އިންޓަނޭޝަނަލް މުބާރަތްތައްވެސް ކުރިއަށްދާނެ ކަމަށް އޫރީދޫއިން ހާމަ ކުރިއެވެ.

އެގޮތުން އުރީދޫ ނޭޝަންގެ ފުރަތަމަ މުބާރާތް ކަމަށްވާ އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕް، 100،000ރ. ގެ ޕްރައިޒް ޕޫލަކާއެކު ރޭގައި ބޭއްވުނު ހާއްސަ ހަފްލާގައި ވަނީ އިއުލާނުކޮށްފައެވެ.

މި ޗެމްޕިއަންޝިޕްގައި ޕަބްޖީ ގެ ސިލްސިލާ މުބާރާތްތަކުގައި ބައިވެރިވެ ލެވަލް މަތިވާވަރަކަށް ފައިސާގެ އިނާމު އިތުރުވަމުން ދާނެ ކަމަށް އުރީދޫއިން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވެއެވެ. ޗެމްޕިއަންޝިޕްގައި ބައިވެރިވާ ފަރާތްތަކުގެ ނަތީޖާއާއި ވަނަ އުރީދޫ ނޭޝަން ލީޑާބޯޑްއިން ފެންނާނެ އެވެ.

މި ހަފްލާގައި ވާހަކަ ދައްކަވަމުން އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ޗީފް ކޮމަރޝަލް އޮފިސަރ ޚާލިދު އަލް ޙަމާދީ ވިދާޅުވީ "ހަލުވިދުވެއްޔެއްގައި ބަދަލުވަމުން އަންނަ ގޭމިން އިންޑަސްޓްރީން ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތަފާތު ފުރުސަތުތައް ހުޅުވިގެންގޮސްފައި. މިއަދު އަޅުގަނޑުމެން މި ހާސިލްކުރި މުހިންމު ލަނޑުދަނޑިއާއެކު، އައު ފުރުސަތުތަކާއެކު ރާއްޖޭގެ ގޭމިން ކޮމިއުނިޓީއަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ. އުރީދޫ ނޭޝަން ރާއްޖޭގައި ތައާރަފްކުރުމަކީ، މި ދާއިރާގައި ޕްރޮފެޝަނަލް ބަޔަކަށް ވެ، އިތުރު ހަރުފަތަކަށް ވާސިލްވުމަށް، ލޯކަލް ގޭމިން ކޮމިއުނިޓީ ބާރުވެރިކުރުވުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. އަޅުގަނޑުމެން މިތިބީ މި އިންޑަސްޓްރީގެ އިސް ސަފުގައި ހަރަކާތްތެރިވެ ރާއްޖޭގެ ގޭމިން ކޮމިއުނިޓީގެ ކުރިއެރުމަށް މަގުފަހިކޮށްދިނިމުގެ އަޒުމުގައި." ކަމަށެވެ.

މި ރަސްމިއްޔާތުގައި އުރީދޫއިން ދިވެހިރާއްޖޭގެ ގޭމިން ކޮމިއުނިޓީގެ މިހާރު އެންމެ މަޤުބޫލު ބައިވެރިންގެ ސްޓޯލްތަކެއް ޑިސްޕްލޭ ކޮށްފައިވެއެވެ. މީގެ ތެރޭގައި ވީ.އާރު ކެފޭ، ދަ ލޫޕް ކްރާފްޓް، އެންމެން ގޭމިންގއާއި އީޓޫއެސް ހިމެނުނެވެ.

އުރީދޫގެ ގޭމިން ޕްލެޓްފޯމް މެދުވެރިކޮށް ގިފްޓް ކާޑް، މޮބައިލް ޑޭޓާ ޕެކް އާއި ސުޕަނެޓް ޕެކްވެސް ނެގެން ހުރެއެވެ.

ކްލައުޑް ގޭމިން އަދި އޭއާރް/ވީއާރް ފަދަ ޓެކްނޮލޮޖީތައް ގެ އެހީގައި ފުޅާވެ ޑިޖިޓަލް އިގްތިސާދު ކުރިއެރުވުމުގައި ގޭމިން އިންޑަސްޓްރީ މުހިންމު ރޯލެއް އަދާ ކުރާއިރު މިއީ އުރީދޫ އިން ދިވެހި ޒުވާނުންނަށާއި ފަންނާނުންނަށް ގޭމިން އިންޑަސްޓްރީއިން ކުރިއަށް ދިއުމަށް ތަނަވަސް ފުރުސަތުތަކެއް ފޯރުކޮށްދޭނެ ކަމެއް ކަމުގައިވެސް އެ ކުންފުނިން ނެރުނު ނޫސް ބަޔާނުގައި ހާމަކޮށްފައިވެއެވެ.

ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.