އެންއެފްޓީއަކީ ކޮބާ؟

ހިންދު ޢަލީ 25 ޖޫން 2022

އެންއެފްޓީއަކީ މިދުވަސްވަރު ހުރިހާ ތަނެއްގައި ނަންގެނެވޭ، އެންމެންވެސް ދަންނަ އެއްޗެކެވެ. އެހެން ނަމަވެސް މިއީ ކޯއްޗެއްކަން ބުނެދޭން ގިނަ މީހުންނަށް ވަރަށް އުނދަގުލެވެ. އަދި އަސްލު ހަގީގަތުގައި މިއީ ކޯއްޗެއްކަން ނޭގޭ މީހުންވެސް ވަރަށް ގިނައެވެ.

އާޓާއި މިއުޒިކުން ފެށިގެން ކާބޯތަކެއްޗާއި ޓޮއިލެޓް ޕޭޕަރަށް ވެސް ވަނީ އެންއެފްޓީ ތައްޔާރުކޮށް، މިޑިޖިޓަލް އެސެޓްތައް އެތައް މިލިއަން ޑޮލަރަކަށް ދަނީ ވިއްކަމުންނެވެ.

އެކަމަކު ސުވާލަކީ މިއެންއެފްޓީތަކަކީ އެތަކެތި ވިއްކަން އަގުކޮށްފައިވާ ފައިސާގެ އަދަދުތަކާއި އެއްވަރުގެ އަގުހުރި ތަކެތި ހެއްޔެވެ؟ ނުވަތަ މިއީ މިކަމުގެ ހައިޕްގެ އަގު ހެއްޔެވެ؟ ބައެއް ތަޖުރިބާކާރުން ބުނާ ގޮތުގައި އެއީ 1636 ވަނަ އަހަރުގެ "ޓިއުލިޕްމޭނިއާ" ނުވަތަ 1996 ގެ "ބީނީ ބޭބީ" ކްރޭޒް ނުވަތަ 2000 ވަނަ އަހަރުގެ "ޑޮޓް ކޮމް ބަބްލް" ފަދަ ދެންމެ ދެންމެ ފަޅައިގެން ހިނގައިދާނެ ސައިބޯނި ބޮތްކެއް ފަދަ އެއްޗެކެވެ.

އެހެންނަމަވެސް އަނެއް ބަޔަކު ގަބޫލުކުރާ ގޮތުގައި އެންއެފްޓީއަކީ ދިގު މުއްދަތަކަށް ދެމިގެންދާނެ އެއްޗެކެވެ. އަދި މިއީ ގިނަ ބައެއްގެ އިންވެސްޓްކުރުމުގެ ވައްޓަފާޅި އެކީ ބަދަލުކޮށްލާނެ ފަދަ އެއްޗެކެވެ.


އެންއެފްޓީއަކީ އަސްލު ކޯއްޗެއް؟

އެންއެފްޓީއަކީ ވަރަށް ތިލަކޮށް ބުނާނަމަ މީހެއްގެ މިލްކުރެވިކަމުގައި އޮންނަ އަސްލު އެސެޓެއް ސައްހަކަމަށް ދަލީލުކޮށްދޭ ޑިޖިޓަލް ޓޯކަންއެކެވެ. އެންއެފްޓީއަކުން ރަމްޒުކޮށްދެނީ އެއެސެޓެއްގެ ސައްހަކަމެވެ. އެހެން އެއްޗަކާ އެއްފަދަ ކުރާނަމަ މިއީ، މީހަކު އަގުހުރި އެއްޗެއް ގަތުމުން ލިބޭ ސެޓިފިކެޓް އޮފް އޯތެންޓިސިޓީ ފަދަ ޑިޖިޓަލް ޓޯކަންއެކެވެ.

އާންމުކޮށް އެންއެފްޓީ ގަނެ ވިއްކަނީ އޮންލައިންކޮށެވެ. އަދި އެކަމަށް ބޭނުންކުރަނީ ކްރިޕްޓޯކަރަންސީއެވެ. އާންމުކޮށް އެންއެފްޓީ ރަމްޒުކުރަނީ ޑިޖިޓަލް މުދަލެވެ. އެހެން ނަމަވެސް ފިޒިކަލް މުދަލަށްވެސް މިފަދަ ޓޯކަން ދީފައި ހުރެއެވެ. އެންއެފްޓީ އަކީ ބްލޮކްޗެއިން ޓެކްނޮލޮޖީގެ މައްޗަށް އުފައްދާފައިވާ ޓޯކެންއެކެވެ. އެންއެފްޓީ އަކީ އާޓް، މިއުޒިކް، އިން-ގޭމް އައިޓަމްސް އަދި ވީޑިއޯ ފަދަ ހަގީގީ ދުނިޔޭގެ ތަކެތި ތަމްސީލުކުރާ ޑިޖިޓަލް އެސެޓެކެވެ.

އެންއެފްޓީ އުފެއްދީ 2014 ވަނަ އަހަރުގައި ނަމަވެސް މީގެ މަގުބޫލުކަން އިތުރުވެ ވައިގައި ހިފައިފާވަނީ 2021 ވަނަ އަހަރުން ފެށިގެންނެވެ. އެއީ ޑިޖިޓަލް އާޓް ގަނެ ވިއްކުމަށް އެންއެފްޓީ ބޭނުންކުރުން އިތުރުވާންފެށި ހިސާބުންނެވެ. 2021 ވަނަ އަހަރު އެކަނިވެސް އެންއެފްޓީތަކުގެ މާކެޓަކީ 15.70 ބިލިއަން ޑޮލަރުގެ މާކެޓެކެވެ. އަދި ދިރާސާއިން ދައްކާގޮތުގައި 2028 ވަނަ އަހަރާއި ހަމައަށް 122 ބިލިއަން ޑޮލަރަށް އަރާހަމަވާނެ ކަމަށް ބެލެވެއެވެ.

އާންމުކޮށް އެންއެފްޓީއަކީ "ވަން-އޮފް-އަ-ކައިންޑް" ނުވަތަ ވަރަށް ލިމިޓެޑްކޮށް އުފައްދާ އެއްޗެކެވެ. އަދި ކޮންމެ އެންއެފްޓީއެއް ދެނެގަނެވޭނެ ޔުނީކް އައިޑެންޓިފަޔަރ ކޯޑެއް ހިމެނޭނެއެވެ. ވޮޝިންޓަން ޓެކްނޮލޮޖީ އިންޑަސްޓްރީ އެސޯސިއޭޝަން ކެސްކެޑިއާ ބްލޮކްޗޭން ކައުންސިލްގެ ޗެއާމަން އަދި ޔެލޯ އަމްބްރެލާ ވެންޗާސްގެ މެނޭޖިން ޑިރެކްޓަރު އަރީ ޔޫ ބުނާގޮތުންނަމަ، އެންއެފްޓީގެ ސަބަބުން އެސެޓްތައް ޔުނީކްކޮށްދެއެވެ. އާންމުކޮށް ޑިޖިޓަލްކޮށް އުފައްދާ ތަކެއްޗަކީ ފަސޭހައިން ކޮޕީކޮށް ޑުޕްލިކޭޓްކޮށް ގިނަ ކުރެވޭ ތަކެއްޗެވެ. އެންއެފްޓީގެ ސަބަބުން މުދާ ޔުނީކްވުމުން، އެއެއްޗަކަށް ޑިމާންޑް ބޮޑުވެ މުދަލުގެ އަގުއުފުލޭނެކަމަށް ބެލެވެއެވެ.

2021 ވަނަ އަހަރުގެ އެންމެ މަޝްހޫރު އެންއެފްޓީއަކަށް ވާނީ މަޝްހޫރު ޑިޖިޓަލް އާޓިސްޓް މައިކް ވިންކްލްމަން (ބީޕްލް) ތައްޔާރުކޮށްފައިވާ "އެވްރީޑޭސް: ދަ ފަސްޓް 5000 ޑޭސް" ނަމުން ނަންދެވިފައިވާ ކުރެހުމަށް ތައްޔާރުކުރެވުނު އެންއެފްޓީއެވެ. މިއީ 1 މެއި 2007 އިން ފެށިގެން 7 ޖެނުއަރީ 2021 އާއި ހަމައަށް ކޮންމެ ދުވަހަކު ކުރެހުމެއްގެ މަގުން ވިންކްލްމަން ކުރަހާފައިވާ ހުރިހާ ޑިޖިޓަލް ކުރެހުންތައް އެއްކޮށްލައިގެން އުފައްދާފައިވާ ކުރެހުމެކެވެ. ކްރިސްޓީސް ވެބްސައިޓްގައި މިކުރެހުން ވިއްކާލާފައިވަނީ 69.3 މިލިއަން ޑޮލަރަށްވުރެން މަތިންނެވެ.

Source: Christie's

ކޮންމެ މީހަކަށް ވެސް ވަކިވަކި ތަސްވީރުތަކެއް ކުރެހިދާނެދޯއެވެ. ނޫންނަމަ އޮންލައިންކޮށް ހިލޭ ޑައުންލޯޑްކުރަން ލިބެން ހުރި ވަކިވަކި ތަސްވީރުތައް އެއްކޮށްގެން ކޮލާޖެއްވެސް ހެދިދާނެދޯއެވެ. އެހެންވީމާ އޭހާ ފަސޭހައިން ސްކްރީންޝޮޓް ނެގިދާނެ ނުވަތަ ޑައުންލޯޑް ކުރެވިދާނެ އެއްޗަކަށް އެތައް މިލިއަނުން ޑޮލަރެއް ޚަރަދު ކުރަން މީހުން ތައްޔާރަށް ތިބީ ކީއްވެގެން ހެއްޔެވެ؟

އެއީ އެންއެފްޓީއެއް ގަންނަ ފަރާތަށް އޮރިޖިނަލް އެއްޗެއްގެ މިލްކުވެރިކަން ލިބިގެންދާތީއެވެ. އޭގެ އިތުރުން އެންއެފްޓީތަކުގައި ހިމެނޭ އިންބިލްޓް އޮތެންޓިކޭޝަން ފީޗަރއިން އޭގެ ވެރިފަރާތަށް އެކަނި އެއެއްޗެއްގެ މިލްކުވެރިކަން ޔަގީންކޮށްދޭތީއެވެ. މިފަދަ އޮރިޖިނަލް ތަކެތި އެއްކުރާ ކަލެކްޓަރސްއަށް އެ އޮރިޖިނަލް އެސެޓްގެ މިލްކުވެރިކަމާއި އެއްވަރަށް (ނުވަތަ އެއަށްވުރެވެސް ބޮޑަށް)، އޭނާއަށް ނޫން އެހެން ފަރާތަކަށް އެސެޓެއް ނުލިބޭނެކަން ކަށަވަރުވުމަކީ އަދި މާއަގުހުރި ކަމަކަށް ވެއެވެ.


އެންއެފްޓީ އާއި ކްރިޕްޓޯކަރަންސީ ތަފާތުވަނީ ކިހިނެއް ހެއްޔެވެ؟

އެންއެފްޓީގެ ދިގުގޮތަކީ ނޮން-ފަންޖިބަލް ޓޯކެންއެވެ. އެންއެފްޓީއާއި ބިޓްކޮއިން ނުވަތަ އެތީރިއަމް ފަދަ ކްރިޕްޓޯކަރަންސީވެސް ތައްޔާރުކޮށްފައިވަނީ އެއްބާވަތެއްގެ ޕްރޮގްރާމިންގ ބޭނުންކޮށްގެންނެވެ. ނަމަވެސް، އެންއެފްޓީއާއި ކްރިޕްޓޯކަރަންސީގައި ހުރި އެއްގޮތްކަން އެހިސާބުން އެނިމުނީއެވެ.

އަހަރުމެން އާންމުކޮށް ގެންގުޅޭ ފައިސާއާއި ކްރިޕްޓޯކަރަންސީއަކީ "ފަންޖިބަލް" ތަކެއްޗެވެ. މާނައަކީ ދެބާވަތްވެސް އެއީ ވިޔަފާރިކުރުމުގައި އެކަތި އަނެކައްޗަށް ބަދަލު ކުރެވޭނެ ތަކެއްޗެވެ. އަދި މިފަދަ ފައިސާގެ އެކަތި އަނެކައްޗާއި އެއްވަރުކުރެވޭނެ ތަކެއްޗެވެ. މިސާލަކަށް 1 ޑޮލަރަކީ ބަދަލުކުރެވޭނީ ހަމަ 1 ޑޮލަރާއި އެއްވަރުގެ އެއްޗަކަށެވެ. ހަމަ އެގޮތަށް 1 ބިޓްކޮއިންވެސް ބަދަލުކުރެވޭނީ ހަމަ 1 ބިޓްކޮއިންނާއި އެއްވަރުގެ އެއްޗަކަށެވެ. ކްރިޕްޓޯކަރަންސީ އަކީ ބްލޮކްޗެއިން ޓެކްނޮލޮޖީގެ މައްޗަށް ބިނާވެފައިވާ އެއްޗަކަށްވާތީ، އެބާވަތުގެ ކަރަންސީ ބޭނުންކޮށްގެން ކުރެވޭ މުޢާމަލާތްތަކަށް އިތުބާރު ބޮޑުވެއެވެ.

އެންއެފްޓީ އެއާއި ތަފާތެވެ. އެއީ "ނޮން-ފަންޖިބަލް" ތަކެއްޗެވެ. ކޮންމެ އެންއެފްޓީއަކީ ވަކި ޑިޖިޓަލް ސިގްނޭޗާރއަކާއެކު ވަކި ޔުނީކް އައިޓެންޑިފައަރ އެއް ހިމެނޭ އެއްޗެތިކަމުން އެކަތި އަނެކައްޗާއި ބަދަލެއް ނުކުރެވެއެވެ. އަދި އެކަތި އަނެކައްޗާއި އެއްވަރެއްވެސް ނުކުރެވެއެވެ. މިސާލަކަށް އެންބީއޭގެ ޓޮޕްޝޮޓްސްގެ ވީޑިއޯއެއްގެ އެންއެފްޓީއަކާއި ބީޕްލްގެ އެވްރީޑޭސްގެ އެންއެފްޓީއަކާއި އެއްވަރެއް ނުކުރެވޭނެއެވެ. އަދި އެންބީއޭގެ ޓޮޕްޝޮޓްސްގެ އެއް ވީޑިއޯއެއްގެ އޭގެ އެހެން ވީޑިއޯއެއްގެ އެންއެފްޓީއަކާވެސް އެއްވަރެއް ނުކުރެވެއެވެ.


އެންއެފްޓީއެއް މަސައްކަތް ކުރަނީ ކިހިނެއް ހެއްޔެވެ؟

އެންއެފްޓީ ބިނާވެފައިވަނީ ކުރިންވެސް ދެއްނެވުނު ފަދައިން ބްލޮކްޗެއިން ޓެކްނޮލޮޖީގެ މައްޗަށެވެ. ދެން އުފެދޭ ސުވާލަކީ ބްލޮކްޗެއިންނަކީ ކޮބާތޯއެވެ؟ އެކައުންޓިންގ ކިޔެވި ފަރާތްތަކަށް ލެޖަރއަކީ ކޮންއެއްޗެއްކަން އެނގޭނެއެވެ. ލެޖަރ އެއްގައި ލިޔެވޭނީ ވިޔަފާރިއެއްގައި ހިމެނޭ ކޮންމެ މުއާމަލާތެކެވެ. ލިބޭ ފައިސާގެ ރެކޯޑްތަކާއި، ހަރަދުކުރާ ފައިސާގެ ރެކޯޑްތަކެވެ. ބްލޮކްޗެއިން ޓެކްނޮލޮޖީ މަސައްކަތް ކުރަނީ ޑިޖިޓަލް މުއާމަލާތްތައް ރެކޯޑްކުރާ ޑިސްޓްރިބިއުޓެޑް ޕަބްލިކް ލެޖަރއެއް ފަދައިންނެވެ. މި ލެޖަރގައި ރެކޯޑްކުރެވޭނީ ޑިޖިޓަލް އެސެޓެއްގެ ގަތުމާއި ވިއްކުމުގެ މުއާމަލާތްތަކުގެ މައުލޫމާތެވެ. ކްރިޕްޓޯކަރަންސީ އުފެއްދުމަށް މަގުފަހިކޮށްދިން އެންމެ މުހިއްމު އެއް ޓެކްނޮލޮޖީއަކީ ވެސް ބްލޮކްޗެއިންއެވެ.

އެންއެފްޓީއެއްގެ މުއާމަލާތްތައް އާންމުކޮށް ރެކޯޑްކުރެވިފައިވަނީ އެތީރިއަމް ބްލޮކްޗެއިންގައެވެ. ނަމަވެސް އެހެން ބްލޮކްޗޭންތަކުން ވެސް އެންއެފްޓީ ސަޕޯޓް ކުރެއެވެ.

އެންއެފްޓީއެއް އުފެއްދުމަށް "މިންޓް" ކުރުމޭވެސް ކިޔައެވެ. ފިޒިކަލް ނުވަތަ ޑިޖިޓަލް އެސެޓެއް ރަމްޒުކޮށްދޭ އެންއެފްޓީވެސް ހުރެއެވެ. މިސާލަކަށް، ޑިޖިޓަލް ކުރެހުން، ޖިފް (ނުވަތަ ގިފް)، ވީޑިއޯ ކްލިޕް، ކަލެކްޓިބަލްސް، ގޭމްތަކުގައި ބޭނުންކުރާ އެވަޓަރ ނުވަތަ ވީޑިއޯ ގޭމް ސްކިންސް، ޑިޒައިނަރ ބޫޓު ނުވަތަ މިޔުޒިކްގެ އެންއެފްޓީ މީގެ ކުރިން ފެނިފައިވެއެވެ. ޓްވީޓްތަކަކީވެސް މީގެކުރިން އެންއެފްޓީ ކުރެވިފައިވާ ތެކެއްޗެވެ. ޓްވިޓަރގެ ކޯ ފައުންޑަރ ޖެކް ޑޯރސީ ވަނީ އެންއެފްޓީއެއްގެ ގޮތުގައި އޭނާގެ ފުރަތަމަ ޓްވީޓް 2.9 މިލިއަން ޑޮލަރަށް ވުރެ އަގުބޮޑުކޮށް ވިއްކާލާފައެވެ.

އެންއެފްޓީއަކީ ވެސް އަގުހުރި ކުރެހުމެއް ނުވަތަ ގަޑިއެއް ފަދަ ފިޒިކަލް ތަކެތި ފަދައިން މީހުން އެއްކުރާ ތަކެއްޗެވެ. ތަފާތަކީ އެންއެފްޓީއަކީ ޑިޖިޓަލް އެސެޓެކެވެ. އަގުހުރި ތަކެތި އެއްކުރާ ފަރާތްތަކަށް މަޝްހޫރު ކުރެހުންތެރިއެއް ކުރަހާފައިވާ ފިޒިކަލް ކުރެހުމެއް ލިބޭ ފަދައިން، އެންއެފްޓީ ގަންނަ ފަރާތަކަށް ލިބެނީ ޑިޖިޓަލް ފައިލެކެވެ.

އެންއެފްޓީ ގަންނަ ފަރާތްތަކަށް އެކްސްކްލޫސިވް އޯނަރޝިޕް ރައިޓްސްވެސް ލިބެއެވެ. އެންއެފްޓީއެއްގެ މިލްކުވެރިކަން އެއްވަގުތެއްގައި އޮންނާނީ އެންމެ ފަރާތަކަށެވެ. މިލްކުވެރިކަން އޮންނަ ފަރާތެއް އެންއެފްޓީ ގަތް މުއާމަލާތުގެ މައުލޫމާތު ރެކޯޑްކުރެވެނީ އެންއެފްޓީ ބިނާވެފައިވާ ބްލޮކްޗެއިންގައެވެ. ބްލޮކްޗެއިންގައި ހިމެނޭ މުއާމަލާތްތަކުން އެންއެފްޓީއެއްގެ ވެރިފަރާތަކީ ކޮބައިކަން ދެނެގަނެވެއެވެ. އަދި އެކަކު އަނެކަކަށް ވިއްކާލައިފިނަމަ އެކުރެވޭ މުއާމަލާތްތަކުގެ މައުލޫމާތުވެސް ބްލޮކްޗެއިންގައި ރިކޯޑްކުރެވެއެވެ. އެންއެފްޓީއެއް އުފައްދާ ފަރާތަކުން އެއެސެޓަކާއި ބޭހޭގޮތުން ބޭނުންވާ މައުލޫމާތެއް އެންއެފްޓީގެ މެޓަޑޭޓާގެ ގޮތުގައި ރައްކާކުރެވޭނެއެވެ. ބައެއް އާޓިސްޓުން އެމީހުން އުފައްދާ އެންއެފްޓީގައި އެމީހުންގެ ސޮއިވެސް ހިމަނައެވެ.


އެންއެފްޓީތައް ބޭނުންކުރަނީ ކޮން ކަމަކަށް ހެއްޔެވެ؟

ބްލޮކްޗޭން ޓެކްނޮލޮޖީއާއި އެންއެފްޓީތަކުގެ ސަބަބުން އާޓިސްޓުންނާއި ކޮންޓެންޓް ކްރިއޭޓަރުންނަށް އެމީހުންގެ އުފެއްދުންތަކުން ފައިސާ ހޯދުމުގެ ފުރުސަތު ފަހިކޮށްދެއެވެ. މިސާލަކަށް އާޓިސްޓުން އެމީހުންގެ ކުރެހުންތައް ވިއްކަން އާޓް ގެލެރީއެއްގައި ބަހައްޓާކަށް މިހާރު ނުޖެހެއެވެ. އޭގެ ބަދަލުގައި އާޓިސްޓަށް އޭނާގެ ކުރެހުން ސީދާ ކޮންސިއުމަރަށް އެންއެފްޓީއެއްގެ ގޮތުގައި ވިއްކާލެވެއެވެ. މިގޮތުން ކުރެހުން ވިއްކައިގެން ލިބޭ ފައިދާގެ ބޮޑުބައެއް އާޓިސްޓަށް ލިބިގެން ދިޔުމަށް ވެސް މަގުފަހިވެއެވެ. އަދި އާޓިސްޓް ބޭނުންނަމަ އޭނާގެ ކުރެހުން ގަންނަ ފަރާތުން، އިތުރަށް އެހެން ފަރާތަކަށް އެވިއްކައިފިނަމަ އެމުއާމަލާތުގެ އިންސައްތައެއް، ރޮޔަލްޓީގެ ގޮތުގައި ލިބޭގޮތައްވެސް އެންއެފްޓީ ތައްޔާރުކުރެވިދާނެއެވެ. މިއީ މިފަދަ ޑިޖިޓަލް އާޓް އުފައްދާ ފަރާތްތަކުން ހާއްސަކޮށް ޝައުގުވެރިވާ ފައިދާއެކެވެ.

މިހެން ދެންނެވުނު ނަމަވެސް، އެންއެފްޓީތަކުން ފައިދާ ހޯދޭނެ ހަމައެކަނި ބަޔަކީ އާޓިސްޓުންނެއް ނޫނެވެ. ޗާމިން އަދި ޓާކޯބެލް ފަދަ ބްރޭންޑްތަކުން މީގެކުރިން ވަނީ އެކުންފުނިތަކުގެ ބްރޭންޑް ހިމެނޭ އެސެޓުގެ އެންއެފްޓީތައް ނީލަންކިޔައިގެން ޗެރިޓީއަށް ފައިސާ ހޯދާފައެވެ. ޗާމިންއިން ވިއްކީ އެންއެފްޓީޕީ (ނޮންފަންޖިބަލް ޓޮއިލެޓް ޕޭޕަރ)ގެ ނަމުގައި ޓޮއިލެޓް ޕޭޕަރ ތީމް ކްރިޕްޓޯ އާޓެވެ. ޗާމިންއަކީ އެމެރިކާގައި ޓޮއިލެޓް ޕޭޕަރ ވިއްކާ ކުންފުންޏެކެވެ.

އަދި އެމެރިކާގެ މަޝްހޫރު ފާސްޓްފުޑް ޗެއިނެއްކަމަށްވާ ޓާކޯބެލްއިން ވެސް ވަނީ ޑިޖިޓަލް އާޓް އަދި ޖިފް ހިމެނޭ 5 އެންއެފްޓީއެއް ވިއްކައިގެން ޗެރިޓީއަށް ފައިސާ ހޯދާފައެވެ.

"ނަޔަން ކެޓް" ނަމަކަށް ކިޔުނު، ޕޮޕްޓާޓެއްގެ ސިފައަށް ކުރަހާފައި އިން ބުޅަލެއްގެ ޖިފެއްގެ އެންއެފްޓީއެއް 2021ގެ ފެބްރުއަރީ މަހު ވަނީ ގާތްގަޑަކަށް 6 ލައްކަ ޑޮލަރަށް ވިކިފައެވެ.

އަދި އެންބީއޭގެ ޓޮޕްޝޮޓް ނަމަކަށް ކިޔުނު ވީޑިއޯ ކްލިޕްތަކެއްގެ އެންއެފްޓީ ވިއްކައިގެން 2022ގެ މެއިމަހާއި ހަމައަށް ވަނީ 1 ބިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ލިބިފައެވެ. ބާސްކެޓް ބޯޅަ ތަރި ލެބްރޯން ޖޭމެސްގެ ކުޅުން ދައްކުވައިދޭ އެންމެ އެންއެފްޓީއަކަށް ވެސް 2 ލައްކަ ޑޮލަރު ލިބިފައިވެއެވެ. މީގެ އިތުރުންވެސް ލިންޑްސީ ލޯހަން، ސްނޫޕް ޑޯގް ފަދަ މަޝްހޫރު އެތަށް ސެލެބްރިޓީއިން ވެސް ދަނީ އެމީހުންގެ މުހިއްމު ވަގުތުތައް ދައްކުވައިދޭ ފޮޓޮއާއި އާޓް އެންއެފްޓީގެ ގޮތުގައި ރިލީޒްކޮށް ވިއްކާފައިވެއެވެ.


އެންއެފްޓީއެއް ގަންނާނީ ކިހިނެތް؟

އަމިއްލައަށް އެންއެފްޓީ ކަލެކްޝަން ފަށަން ޝައުގުވެރިވާނަމަ، ހޯދަންޖެހޭ ބައެއް މުހިއްމު ތަކެތި ފާހަގަކޮށްލާނަމެވެ.

ފުރަތަމަ ކަމަކަށް އެންއެފްޓީ އާއި ކްރިޕްޓޯކަރަންސީ ރައްކާކުރެވޭނެ ޑިޖިޓަލް ވޮލެޓެއް ހޯދަން ޖެހޭނެއެވެ. އަދި އެންއެފްޓީ ގަތުމަށް ބޭނުންވާނޭ، އީތަރ ފަދަ ކޮންމެވެސް ކްރިޕްޓޯކަރަންސީއެއް ތިމާ އަތުގައި ހުންނަންޖެހޭނެއެވެ. އީތަރ ނޫނަސް ގަންނަން ބޭނުންވާ އެންއެފްޓީ ވިއްކާ ފަރާތުން ބަލައިގަންނަ އެހެން ކްރިޕްޓޯކަރަންސީވެސް ހޯދިދާނެއެވެ. ކޮއިންބޭސް، ކްރެކެން، ނެޓްކޮއިންސް އަދި ވެލްތްސިމްޕްލް ފަދަ ޕްލެޓްފޯމްތަކުގައި ކްރެޑިޓް ކާޑެއް ބޭނުންކޮށްގެން މިހާރު ކްރިޕްޓޯކަރެންސީ ގަނެވިދާނެއެވެ. އެއަށްފަހު އެޕްލެޓްފޯމަކުން ގަތް ކަރަންސީއެއް ޑިޖިޓަލް ވޮލެޓަކަށް ޖަމާކުރެވޭނެއެވެ.

މިގޮތަށް ކްރިޕްޓޯ ގަންނައިރު އިތުރު ދިރާސާކޮށް އެކި އޮޕްޝަންތައް ބެލުން މުހިއްމެވެ. ގިނަ ކްރިޕްޓޯ އެކްސްޗޭންޖްތަކުން ކްރިޕްޓޯ ގަންނައިރު މުއާމަލާތުގެ އިންސައްތައެއް ފީގެ ގޮތުގައި ނަގަ އެވެ. އެކި އެކްސްޗޭންތަކުން ޗާޖުކުރާވަރު ބަލާފައި އެންމެ ފައިދާ ހުރި އޮޕްޝަނެއް ނެގުން ވަރަށް މުހިއްމެވެ.


މަޝްހޫރު އެންއެފްޓީ މާކެޓްޕްލޭސް

ވޮލެޓް ސެޓްއަޕްކޮށް ފައިސާ ހޯދައި ނިމުމުން ދެންޖެހޭނީ އެންއެފްޓީ ވިއްކާ ޕްލެޓްފޯމެއް ހޯދުމެވެ. އެފަދަ ބައިވަރު މާކެޓްޕްލޭސްތައް މިހާރު އެބަހުރިއެވެ. މިވަގުތު އެންއެފްޓީގެ އެންމެ ބޮޑު މާކެޓްޕްލޭސްތަކަކީ؛

އޯޕަންސީ.އައިއޯ - މިތަން އިޝްތިހާރު ކުރަނީ "މަދުން ނޫނީ ނުފެންނަ ޑިޖިޓަލް ތަކެއްޗާއި ކަލެކްޓިބަލްސް" ވިއްކާ ތަނެއްގެގޮތުގައެވެ. މިތަނުގައި ވިޔަފާރުކުރަން ފެށުމަށް ފުރަތަމަ ކަމަކަށް ޖެހޭނީ އެކައުންޓެއް ހުޅުވާށެވެ. އެއަށްފަހު މިތަނުގައި ހުރި އެންއެފްޓީތައް ބަލާ ބްރައުޒްކޮށް ހެދޭނެއެވެ. އެންމެ ގިނައިން ވިޔަފާރިވާ އެންއެފްޓީތަކާއި އަލަށް ތައާރަފްވާ އާޓިސްޓުންގެ އެންއެފްޓީތައް ވަކިންވެސް ބަލާލެވޭނެއެވެ.

ރެއަރިބަލް - އޯޕަންސީއާއި އެއްގޮތަށް ރެއަރިބަލް އަކީ ވެސް އާޓިސްޓުންގެ އެންއެފްޓީ ގަނެ ވިއްކުމުގެ ފުރުސަތު ލިބޭ އޯޕަން މާކެޓްޕްލޭސްއެކެވެ. މިޕްލެޓްފޯމްގައި ބޭނުންކުރަން ރާރީ (RARI) ޓޯކަންތަކެއް ދޫކުރެއެވެ. މީގެ ޓޯކެން ލިބިފައިވާ ފަރާތްތަކަށް މިތަނުގެ ފީ އާއި ކޮމިއުނިޓީ ގަވާއިދުތައް ފަދަ ފީޗަރސްތަކަށް ބަދަލުގެނައުމަށް ހުށަހެޅުމާއި ވޯޓުލުމުގެ ފުރުސަތު ލިބިގެން ދެއެވެ.

ފައުންޑޭޝަން - މިމާކެޓްޕްލޭސްގައި އައު އާޓިސްޓުންނަށް އެމީހުންގެ އުފެއްދުންތައް ޕޯސްޓް ކުރެވޭނީ، މިތަނުގައި ރެޖިސްޓަރވެފައިވާ އާޓިސްޓެއްގެ ފަރާތުން ދައުވަތު ލިބިގެންނެވެ. ނުވަތަ އައު އާޓިސްޓުގެ އުފެއްދުމަށް "އަޕްވޯޓް" ލިބިގެންނެވެ. އަދި މިޕްލެޓްފޯމްގައި އާޓިސްޓުން އެމީހުންގެ އުފެއްދުންތައް މިންޓުކުރުމަށް ދައްކަންޖެހޭ އިތުރު ޗާޖުތަކެއް ހުރެއެވެ. މިފަދަ އެކްސްކްލޫސިވް ޕްލެޓްފޯމެއް ވީމާ، އާޓިސްޓުންނަށް އަގުބޮޑެތި ތަކެތި ވިއްކުމުގެ ޗާންސްބޮޑެވެ. ކުރިން ދެންނެވުނު ނަޔަން ކެޓް އެންއެފްޓީ ވިއްކީ މިޕްލެޓްފޯމްގައެވެ. އަނެއްކޮޅުން އެންއެފްޓީ ގަންނަން އުޅޭ ފަރާތެއްގެ ގޮތުން ވިސްނައިފިނަމަ، މިމާކެޓްޕްލޭސްގައި ތަކެތި އަގުބޮޑުވުން ވަރަށް ގާތެވެ.

މިދެންނެވުނު މާކެޓްޕްލޭސްތަކުގެ އިތުރުންވެސް އެތައް ހާސް އެންއެފްޓީއެއް އުފައްދާ ގަނެ ވިއްކާ ޕްލެޓްފޯމްތައް އެބަހުއްޓެވެ. މުހިއްމުކަމަކީ އެންއެފްޓީއެއް ގަތުމުގެ ކުރިން ރަނގަޅަށް ދިރާސާކޮށް ހުރިހާ ގޮތަކުން ބަލާފައި ގަތުމެވެ. އާޓިސްޓުންނަށް ނޭގި، ހުއްދަނެތި، އެމީހުންގެ އުފެއްދުންތައް ނަކަލުކޮށް އޮޅުވާލައިގެން ޕްލެޓްފޯމަތަކުގައި ލިސްޓުކޮށް ވިއްކާ މައްސަލައަކީ ބައެއް އާޓިސްޓުންނަށް ދިމާވެފައިވާ މައްސަލައެކެވެ.

މީގެ އިތުރުން، އާޓިސްޓުންނާއި އެމީހުންގެ އުފެއްދުންތަކުގެ ސައްހަކަން ކަށަވަރުކުރާ ގޮތް އެކި ޕްލެޓްފޯމްތަކުގައި ތަފާތެވެ. ބައެއް ތަންތަނުގައި ވަރަށް ސްޓްރިކްޓްކޮށް ބެލިނަމަވެސް އަނެއްބައި ތަންތަނުގައި މިބައި އުޅެނީ ވަރަށް ދަށްކޮށްނެވެ. މިސާލަކަށް އޯޕަންސީ އާއި ރެއަރަބަލްގައި އެންއެފްޓީ ލިސްޓް ކުރާ ފަރާތްތަކެއް ވެރިފައިއެއް ނުކުރެއެވެ. އެހެންކަމުން މިފަދަ ބައެއް ޕްލެޓްފޯމްތަކުގައި ގަނެވޭ އެއްޗެއްގެ ސައްހަކަން ކަށަވަރު ކުރުމަކީ ގަންނަ މީހާގެ ޒިންމާއެކެވެ.


އެންއެފްޓީ ގަންނަންވީ ހެއްޔެވެ؟

ގަނެވޭތީއޭ ކިޔަފާއި އެންއެފްޓީ ގަންނަންވީ ހެއްޔެވެ؟ މިހާރު ހައިޕްގައި އުޅޭ ކަމެއްވީމާ މިކަންކުރަން ބޭނުންވާ މީހުންވެސް ތިބޭނެއެވެ. އެހެން ނަމަވެސް ޔެލޯ އަމްބްރެލާ ވެންޗާސްގެ މެނޭޖިން ޑިރެކްޓަރު އަރީ ޔޫ ބުނާގޮތުންނަމަ، އެންއެފްޓީއަކީ އައު އެއްޗަކަށްވާތީ އޭގެ މުސްތަގުބަލް އޮތްގޮތެއް ނޭގޭ އެއްޗެކެވެ. އައު އެއްޗަކަށް ވާތީ ކުރިން ވެފައި ހުރި ކަންތައްތަކަށް ބެލޭކަށްވެސް ނޯންނާނެތާއެވެ. އެހެންކަމުން ޔޫ ލަފާދެނީ މިކަމަށް އިންވެސްޓް ކުރިޔަސް ކުޑަ އަދަދަކުން އިންވެސްޓްކުރުމަށެވެ.

އެހެން ގޮތަކަށް ބުނާނަމަ، އެންއެފްޓީތަކަށް އިންވެސްޓް ކުރުމަކީ އަމިއްލަ ނިންމުމެކެވެ. މިކަމަށް އިންވެސްޓް ކުރާނޭ ފައިސާހުރި ނަމަ، އަދި ގަންނަން އުޅޭ އެންއެފްޓީއަކީ ތިމާއަށް މާނަވީ މުހިއްމު އެއްޗެއްނަމަ އެކަމަށް އިންވެސްޓް ކުރުމަށް ވިސްނިދާނެއެވެ.

ވިސްނަންވީ އަނެއްކަމަކީ، އެންއެފްޓީއެއްގެ އަގު މުޅިން ބިނާވެފައިވަނީ އެކަމަށް އެހެން މީހަކު ހަރަދުކުރަން ތައްޔާރަށް ހުރި އަދަދެއްގެ މައްޗަށްކަމަށެވެ. އެހެން ވިޔަފާރިތަކުގައި ބަލާ އަސާސީ، ފަންނީ ނުވަތަ އިގްތިސާދީ އިންޑިކޭޓަރުތަކާއި ޚިލާފަށް އެންއެފްޓީ ވިޔަފާރީގައި ބޮޑަށް ވިސްނަންޖެހޭނީ އެއެއްޗަކަށް އެވަގުތަކު އޮތް ޑިމާންޑަށް އެކަންޏެވެ. މީގެ މާނައަކީ ތިމާ ގަތް އެންއެފްޓީއެއް ބޮޑުއަގެއްގައި ވިއްކާލަން ވިސްނައިގެން ހުރިނަމަވެސް، އެއަށް ޑިމާންޑް ކުޑަވީމާ، ގަތްއަގަށްވުރެ ކުޑައަގެއްގައި ވިއްކާލަންވެސް ޖެހިދާނެއެވެ. ނޫނީ ބޭނުންވާ މީހަކު ނެތްނަމަ އެއްގޮތަކަށްވެސް ނުވިކިދާނެއެވެ.

އެންއެފްޓީއަކީވެސް ވިޔަފާރި ފައިދާއިން ޓެކްސް ނެގިދާނެ ތަކެއްޗެވެ. އަދި ހާއްސަކޮށް ކަލެކްޓިބަލްސްގެ ދަރަޖަ ދެވިފައިވާ ފިޒިކަލް އެސެޓަށް ދައްކަންޖެހޭ ފަދައިން، އެންއެފްޓީއަށްވެސް މަތީ ރޭޓްތަކުން ޓެކްސް ކުރެވިދާނެކަމަށް ލަފާކުރެވެއެވެ. އަދި ހަނދާންބަހައްޓަންޖެހޭ އިތުރު ކަމަކީ އެންއެފްޓީ ގަންނަން ބޭނުންކުރާ ކްރިޕްޓޯކަރަންސީ އިންވެސް ޓެކްސް ނަގާފާނެކަމެވެ. އެހެންކަމުން އެންއެފްޓީ ގަތުމުގެ ކުރިން މިއާގުޅޭ ޓެކްސްއާއި ބެހޭ މައުލޫމާތު ހޯދުންވެސް މުހިއްމެވެ.

އެންމެ ފަހު ކަމަކަށް މިކަމާ ވިސްނާލާށެވެ. އެހެން ކަމަކަށް އިންވެސްޓް ކުރުމުގެ ކުރިން ދިރާސާކުރާފަދައިން އެންއެފްޓީއަށް އިންވެސްޓްކުރުމާމެދު ވެސް ދިރާސާކޮށްލާށެވެ. އޭގައި ހިމެނޭ ރިސްކުތައް ދެނެގަންނާށެވެ. އަދި އެހެން އިންވެސްޓްމަންޓްތަކުގައި ވެސް ވެދާނެފަދައިން އިންވެސްޓްކުރާ ހުރިހާ ފައިސާއެއް އެއީއެކަށްވެސް ގެއްލުންވެދާނެކަމާމެދު ވިސްނާލައިގެން ކުރިއަށް ދިޔުން މުހިއްމެވެ.

ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.