ޑީޕްފޭކް އަކީ ކޮބާ؟ ޑީޕްފޭކް ދެނެގަންނާނީ ކިހިނެއް؟

އިސްމާއިލް އަލީ 26 ޖޫން 2022

އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ އެގައުމުގެ ރައީސްކަމުގައި ޑޮނަލްޑް ޓްރަމްޕް ހުންނަވަނިކޮށް އޭނާއާ ދިމާލަށް ބޭއަދަބީ ބަހުން މުއާމަލާތްކުރާ ވީޑިއޯއެއް ދުށިންހެއްޔެވެ؟ ނުވަތަ ފޭސްބުކްގެ ބާނީ މާކް ޒަކަބާގް އެތަށް ބިލިއަން މީހުންގެ ޑޭޓާ އޭނާ ކޮންޓްރޯލްކުރާކަމަށް ބުނާ ވީޑިއޯއަކާއި ގޭމް އޮފް ތްރޯންސް ނިމުނުގޮތާއި މެދު ޖޮން ސްނޯ މާފަށްއެދޭ ވީޑިއޯއެއް ދެކުނިން ހެއްޔެވެ؟ ޓިކްޓޮކުގައި ވައިރަލްވި މަޝްހޫރު އެކްޓަރ ޓޮމްކްރޫޒް ގޮލްފު ކުޅެ، މެޖިކް ކޮއިންއެއް ގެންގުޅޭ ވީޑިއޯތައް ފެނުނު ހެއްޔެވެ؟ މި ވީޑިއޯތަށް ފެނުނު ކޮންމެ މީހަކަށްވެސް ހުންނާނީ ޑީޕްފޭކް ވީޑިއޯއެއް ބަލާލުމުގެ ފުރުސަތު ލިބިފައިއެވެ.

ޑީޕްފޭކްއަކީ ފޮޓޯޝޮޕްކުރުމުގެ ބަދަލުގައި 21 ވަނަ ގަރުނުގައި މީހުން ބޭނުންކުރާ ޓެކްނޮލޮޖީއެކެވެ. މި ޓެކްނޮލޮޖީއަށް ޑީޕްފޭކްގެ ނަން ދެވުނީ އާޓިފިޝަލް އިންޓެލިޖެންސްގެ ވައްތަރެއްކަމަށްވާ ޑީޕް ލާނިން މެދުވެރިކޮށް ފޭކް އިވެންޓްތަކާއި ފޮޓޯތަށް އުފައްދާތީއެވެ. އެގޮތުން އާންމުކޮށް ޑީޕްފޭކް ބޭނުންކުރަނީ ސިޔާސީ މީހެއްގެ އަނގައިން ކޮންމެވެސް ބަހެއް ބުނުވުމަށް ނޫނީ ތިމާ ގަޔާވާ ފިލްމެއްގެ މަންޒަރެއްގައި އަމިއްލަ މަންޒަރެއް ހިމެނުން ފަދަ ކަންކަމުގައިއެވެ.

އެންމެ ގިނައިން ޑީޕްފޭކް ފޮޓޯތަކާއި ވީޑިއޯތަށް ބޭނުންކޮށްފައި ހުންނަނީ ބަރަހަނާ މަންޒަރުތަށް ދެއްކުމަށެވެ. އެގޮތުން އާޓިފިޝަލް އިންޓެލިޖެންސްއަށް ހާއްސަ ކުންފުންޏެއްކަމަށްވާ ޑީޕްޓްރޭސްގެ ދިރާސާތަކުން 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް 15،000 ޑީޕްފޭކް ވީޑިއޯ އޮންލައިންކޮށް ދައުރުކުރާކަން ވަނީ ހާމަވެފައިއެވެ. މީގެތެރެއިން 96 އިންސައްތަ ވީޑިއޯތަކަކީ ބަރަހަނާ މަންޒަރު ދައްކުވައިދޭ ވީޑިއޯތަކެކެވެ. މިވީޑިއޯތަކުގެ ތެރެއިން 99 އިންސައްތަ ވީޑިއޯގައި ވަނީ މަޝްހޫރު އަންހެނުންގެ މޫނު ފެންނަގޮތަށް ހަދާފައިއެވެ.

އައު ޓެކްނޮލޮޖީގެ ސަބަބުން މިހާރު މި ދާއިރާގެ އެއްވެސް ހުނަރެއް ނެތް ފަރާތަކަށްވެސް ޑީޕްފޭކް ވީޑިއޯއެއް އުފެއްދުމަކީ މާ އުދަގޫ ކަމެއް ނޫނެވެ. މީގެސަބަބުން މަޝްހޫރު މީހުންގެ ވީޑިއޯ އުފެއްދުމުގެ އިތުރަށް ބަދަލު ހިފުމަށްވެސް މިފަދަ ވީޑިއޯތަށް ބޭނުންކުރަން ފެށުން އިތުރުވެގެން ދާނެކަމަށް ބެލެވެއެވެ. އެގޮތުން ބޮސްޓަން ޔުނިވާސިޓީގެ ލޯ ޕްރޮފެސަރެއް ކަމަށްވާ ޑެނިއެލް ސިޓްރޯން ހާމަކޮށްފައިވާ ގޮތުގައި ޑީޕްފޭކް ޓެކްނޮލޮޖީ ދަނީ އަންހެނުންނާ ދެކޮޅަށް ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރަމުންނެވެ. މިފަދަ ބޭއަދަބީ ކަންކަމުގެ އިތުރަށް ކޮމެޑީ އަދި ސަކަރާތްޖެހުމުގެ ގޮތުތުންވެސް ޑީޕްފޭކް ޓެކްނޮލޮޖީ ބޭނުންކުރެއެވެ.

މިއީ ހަމައެކަނި ވީޑިއޯއަށް ހާއްސަ ޓެކްނޮލޮޖީއެއް ހެއްޔެވެ؟

ޑީޕްފޭކް ޓެކްނޮލޮޖީ ބޭނުންކުރަނީ ހަމައެކަނި ވީޑިއޯ އުފެއްދުމަކަށް ނޫނެވެ. އެގޮތުން މި ޓެކްނޮލޮޖީ ބޭނުންކޮށްގެން އަސްލާ އެއްގޮތް ފޭކް ފޮޓޯވެސް އުފެއްދިދާނެއެވެ. މީގެ އިތުރުން މި ޓެކްނޮލޮޖީގެ އެހީގައި އަޑުވެސް ނަކަލުކުރެވިދާނެއެވެ. އެގޮތުން ޑީޕްފޭކް ފޮޓޯ ބޭނުންކޮށްގެން ވަނީ އެކި މީސްމީހުންގެ ނަމުގައި ޓްވިޓާ އަދި ލިންކްޑްއިން ޕްރޮފައިލް އުފައްދާފައިއެވެ. ހަމައެއާއެކު ޑީޕްފޭކް ޓެކްނޮލޮޖީ މެދުވެރިކޮށް އުފައްދާފައިވާ ފޮޓޯ ބޭނުންކޮށްފައިވާ ޕްރޮފައިލްތަށް މެދުވެރިކޮށް ޖާސޫސުކުރާކަމުގެ މައްސަލަތަށްވެސް ވަނީ ފެންމަތިވެފައިއެވެ.

ޑީޕްފޭކް ބޭނުންކޮށްގެން ނަކަލުކޮށްފައިވާ އަޑު ބޭނުންކޮށްގެން ވަނީ ބޮޑެތި ކުށްތަކަށްވެސް އަރަގަނެފައިއެވެ. އެގޮތުން އިނގިރޭސިވިލާތުގައި ހިންގާ ޖަރުމަނުގެ ކުންފުންޏެއްގެ މުވައްޒަފަކަށް ގުޅައި އެކުންފުނީގެ ސީއީއޯގެ އަޑުން ވާހަކަދައްކައި 200،000 ޕައުންޑް ވަނީ ފޭރިގެންފައިއެވެ. މިފަދަ އެތަށް ހާދިސާތަކެއް ހިނގާފައިވާއިރު ގިނަފަހަރު މިކަމުގައި ބޭނުންކޮށްފައި ވަނީ ވަޓްސްއެޕް މެދުވެރިކޮށް ފޮނުވާ ރިކޯޑްކޮށްފައިވާ އޯޑިއޯ މެސެޖެކެވެ.

ޑީޕްފޭކް އުފައްދަނީ ކިހިނެތް؟

ޔުނިވާސިޓީތަކާއި ސްޕެޝަލް އިފެކްޓްސް ސްޓޫޑިއޯތަކުން ވީޑިއޯ އަދި ފޮޓޯ މެނިޕުލޭޝަންގެ ދާއިރާގައި ހުރި ހުރަސްތަށް ކަޑައްތުކޮށް އައު މަރުހަލާއަކަށް އެދާއިރާ ގެންދިއުމަށް މަސައްކަތްކުރާތާ ޒަމާންތަކެއް ވެއްޖެއެވެ. ނަމަވެސް އެންމެ ފުރަތަމަ ޑީޕްފޭކް ޓެކްނޮލޮޖީ ފެނިގެންގޮސްފައިވަނީ ޑީޕްފޭކް ނަމަކަށްކިޔާ ރެޑިޓް އެކައުންޓަކުން 2017 ވަނަ އަހަރު މިޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާފައިވާ ބަރަހަނާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް އާންމުކުރުމާއެކުއެވެ. މިވީޑިއޯތަކުގައި ވަނީ އޭގައި ހަރަކާތްތެރިވާ މީހުންގެ މޫނުތަކުގެ ބަދަލުގައި ޓޭލާ ސްވިފްޓް، ސާލެޓް ޖޮހެންސަން އަދި ގަލް ގަޑޮޓް ފަދަ މަޝްހޫރު ފަންނާނުންގެ މޫނު ފެންނަގޮތް ހަދާފައިއެވެ.

މިގޮތަށް ފޭސް ސްވޮޕް ވީޑިއޯއެއް އުފެއްދުމަށް ކުރަންޖެހޭނީ ވަރަށް ކުޑަ މަސައްކަތެކެވެ. އެގޮތުން މޫނު ބަދަލުކުރަން ބޭނުންވާ ދެމީހުންގެ އެތަށް ހާސް ފޮޓޯ އެންކޯޑާ ނަމަކަށްކިޔާ އާޓިފިޝަލް އިންޓެލިޖެންސް އަލްގޮރިދަމްއެއް މެދުވެރިކޮށް އަޅާކިޔަންޖެހެވެ. އެންކޯޑާއިން ދެ ފަރާތުގެ މޫނުގައި ހުންނަ އެއްގޮތް ކަންކަމާއި ދެނެގަނެ އެމައުލޫމާތު އެއްކޮށް ފޮޓޯ ކޮމްޕްރެސްކުރެއެވެ. މިޔަށްފަހު ޑީކޯޑާ ނަމަކަށްކިޔާ އެހެން އޭއައި އަލްގޮރިދަމްއަކަށް ކޮމްޕްރެސްކުރެވުނު ފޮޓޯތަކުން މޫނުތަށް ވަކިކުރުމަށް ދަސްކޮށްދެވެއެވެ. މި މަރުހަލާގައި 2 ފަރާތުގެ މޫނު ތަފާތުވުމުން އެއް ޑީކޯޑާއަށް އެކަކުގެ މޫނު ދެނެގަންނަން ދަސްކޮށްދޭއިރު ދެންހުންނަ މީހާގެ މޫނު ދެނެގަތުމަށް ދެވަނަ ޑީކޯޑާއަކަށް ދަސްކޮށްދޭން ޖެހޭނެއެވެ.

އެކަކު އަނެކަކުގެ މޫނު ބަދަލުކުރުމަށް ނުވަތަ ސުވޮޕް ކުރުމަށް ނުބައި ޑީކޯޑާއަކަށް ކުރިން ކޮމްޕްރެސްކުރެވުނު ފޮޓޯ ލުމުން ނިމުނީއެވެ. އެގޮތުން ފުރަތަމަ މީހާގެ ފޮޓޯ ގެ ފޮޓޯ ދެވަނަ މީހާގެ މޫނު ދެނެގަތުމަށް ޓްރެއިން ކޮށްފައިވާ ޑީކޯޑާއަށް ލުމުން ފުރަތަމަ މީހާގެ މޫނުގެ ސިފައާއި އެއްގޮތަށް ދެވަނަ މީހާގެ މޫނު ޑީކޯޑާއިން އުފައްދާނެއެވެ. މިފަދަ ގޮތަކަށް އަސްލާއެއްގޮތް ވީޑިއޯ އެއް އުފެއްދުމަށް ކޮންމެ ފްރޭމަކަށް މި މަރުހަލާ ތަކުރާރު ކުރަން ޖެހޭނެއެވެ.

މީގެ އިތުރުން ދެން ޑީޕްފޭކް އުފެއްދުމަށް ބޭނުންކުރަނީ ޖެނެރޭޓިވް އެޑްވަސޭރިއަލް ނެޓްވޯކް (ގޭން)އެވެ. ގޭން މެދުވެރިކޮށް ޑީޕްފޭކް އުފެއދުމަށް ދެ އާޓިފިޝަލް އިންޓެލިޖެންސް އަލްގޮރިދަމް ބޭނުންކުރެއެވެ. އެގޮތުން ފުރަތަމަ ޖެނެރޭޓާ ކިޔާ އޭއައި އަލްގޮރިދަމްއަކަށް ރެންޑަމް ނޮއިޒް ފޯރުކޮށްދިނުމުން މި އަލްގޮރިދަމް މެދުވެރިކޮށް އެތަކެތި ފޮޓޯއަކަށް ބަދަލުކުރެއެވެ. މި އުފެއްދުން ދެން ފީޑްކުރަނީ މަޝްހޫރު ތަރިންގެ އަސްލު ފޮޓޯތަކާއެކު ޑިސްކްރިމިނޭޓާކިޔާ އަލްގޮރިދަމްއަކަށެވެ. އެންމެ ފުރަތަމަ މިގޮތަށް އުފައްދާ ފޮޓޯތަށް އަސްލު ފޮޓޯތަކާ އެއްވެސް ވަރަކަށް ވައްތަރެއް ނުވާނެއެވެ. ނަމަވެސް މި ދެ މަރުހަލާ އެތަކެއް ފަހަރު ތަކުރާރު ކުރުމުން ޖެނެރޭޓާ އަދި ޑިސްކްރިމިނޭޓާއިން އުފައްދާ އުފެދުމުގެ ކޮލެޓީ ރަނގަޅުވާނެއެވެ. މީގެސަބަބުން ވަކިހިސާބަކުން މުޅިން އައު ފޮޓޯތަކެއް ޖެނެރޭޓާއިން އުފައްދަން ފަށާނެއެވެ. ޑީޕްފޭކް އުފެއްދުމުގައި ވަރަށް ގިނަ ބަޔަކު ޝާމިލުވެއެވެ. އެގޮތުން ތައުލީމީ ދިރާސާކުރާ ފަރާތްތަކާއި، މަޖަލަކަށް މިކަންކުރާ ފަރާތްތަކާއި، ވިޝުއަލް އިފެކްޓްސް ސްޓޫޑިއޯތަކުން ޑީޕްފޭކް އުފެއްދުމުގައި ހަރަކާތްތެރިވެއެވެ. މީގެ އިތުރުން ސަރުކާރުތަކުން އެކިއެކި ޕްރޮޕަގެންޑާ ފެތުރުމަށްވެސް ޑީޕްފޭކް ޓެކްނޮލޮޖީ ބޭނުންކުރެއެވެ.

ޑީޕްފޭކް އުފެއްދުމަށް ބޭނުންވަނީ ކޮން ޓެކްނޮލޮޖީއެއް؟

އާންމުކޮށް ބޭނުންކުރާ ސްޓޭންޑަޑް ކޮމްޕިއުޓަރަކުން ރަނގަޅު ޑީޕްފޭކްއެއް އުފެއްދުމަކީ ވަރަށް އުދަގޫކަމެކެވެ. އެގޮތުން ގިނަ ޑީޕްފޭކް އުފައްދަނީ ބާރުގަދަ ގްރެފިކްސް ކާޑު ހިމެނޭ ކޮމްޕިއުޓަރުތަށް ބޭނުންކޮށްގެންނެވެ. ނުވަތަ ކްލައުޑް މެދުވެރިކޮށެވެ. މީގެ ސަބަބުން ޕްރޮސެސް ކުރުމަށް ހޭދަވާ ވަގުތު އެތަކެއް ހަފްތާއިން މަދު ދުވަސްތަކަކަށް ބަދަލުކޮށްލައެވެ. މީގެ އިތުރުން ނިމިފައިވާ ވީޑިއޯ ޓަޗްއަޕް ކުރުމަށް މިކަމުގެ ހުނަރުވެސް ބޭނުންވާނެއެވެ.

ނަމަވެސް މިހާރު ޑީޕްފޭކް އުފެއްދުމަށް އެހީތެރިވާ އެތަށް އެޕްލިކޭޝަން ލިބެން އެބަހުއްޓެވެ. މީގެ އިތުރުން ބައެއް ކުންފުނިތަކުން ޑީޕްފޭކް އުފައްދައި ކްލައުޑްގައި ޕްރޮސެސްކުރުމުގެ ހިދުމަތްވެސް ދެއެވެ. ޗައިނާގެ ކުންފުންޏަކުން ވަނީ ޑީޕްފޭކް އުފެއްދުމަށް ހާއްސަ އެޕްލިކޭޝަނެއްވެސް ތާރަފްކޮށްފައިއެވެ. ޒައޯ ނަމަކަށްކިޔާ މިއެޕް މިދެވުރިކޮށް އެއެޕްލިކޭޝަންގައި ހުންނަ ފޮޓޯ އަދި ވީޑިއޯތަކަށް މީހުންގެ މޫނު ލެވޭނެއެވެ.

ޗައިނާގެ ޑީޕްފޭކްއަށް މަޝްހޫރު ޒައޯ އެޕް


ޑީޕް ފޭކް ވީޑިއޯ ހެދުމަށް ޚާއްސަ ޑީޕްފޭކް ވެބްސް


ޑީޕްފޭކް ދެނެގަންނާނީ ކިހިނެއް؟

މިޓެކްނޮލޮޖީ ކުރިއަރައިގެންދާވަރަކަށް ޑީޕްފޭކް ދެނެގަތުމަށް ވަރަށް އުދަގޫވާނެއެވެ. 2018 ވަނަ އަހަރު އެމެރިކާގެ ދިރާސާކުރާ ފަރާތްތަކަކަށް ވަނީ ޑީޕްފޭކް ވީޑިއޯތަކުގައި ފެންނަ މީހުން އާންމުކޮށް ކަޅިނުޖަހާކަން ފާހަނގަކުރެވިފައިއެވެ. މިކަން މިހެންވަނީ އާންމުކޮށް ޑީޕްފޭކް އުފެއްދުމަށް ބޭނުންކުރާ ފޮޓޯތަކަކީ ލޯހުޅުވައިގެން ހުންނަ ފޮޓޯތަކަށް ވުމުން ޑީޕްފޭކް އުފެއްދުމަށް ބޭނުންކުރާ އަލްގޮރިދަމްތަކަށް ކަޅިޖަހަން ދަސްނުވާތީއެވެ. ނަމަވެސް މިކަން ހާމަކުރުމާއެކު ޑީޕްފޭކް އުފައްދާ ފަރާތްތަކުން ވަނީ މިކަން އިސްލާހުކޮށްފައިއެވެ.

ފެންވަރުދަށް ޑީޕްފޭކް ދެނެގަންނަން ފަސޭހަވާނެއެވެ. އެގޮތުން މިފަދަ އުފެއްދުންތަކުގައި މީހާގެ ހަމުގެ ކުލަ ދިމާނުވުމާއި ވާހަކަ ދައްކާއިރު އަނގައާއި އަޑު ދިމާނުވުން ފަދަ މައްސަލަތަށް ފެންނާނެއެވެ. ޑީޕްފޭކް އުފައްދާއިރު ނަކަލުކުރުމަށް އެންމެ އުދަގޫވާނީ ކުދިކުދި ކަންކަމެވެ. އެގޮތުން އިސްތަށިގަނޑަކީ ޑިޕްފޭކް އުފެއްދުންތަކުގައި ނަކަލުކުރުމަށް އުދަގޫއެއްޗެއް ކަމުގައި ބައެއް ރިޕޯޓުތަކުން ހާމަކުރެއެވެ. މީގެއިތުރުން ދަތާއި ގަހަނާފަދަ ތަކެތި ފެންވަރުދަށްކޮށް ރެންޑާކޮށްފައިވާނަމަ ޑީޕްފޭކް އުފެއްދުނަތަށް ދެނެގަތުމަށް ފަސޭހަވާނެއެވެ.

ސަރުކާރުތަކުންނާއި ޔުނިވާސިޓީތަކުން އަދި ބޮޑެތި ޓެކް ކުންފުނިތަކުން މިހާރު ވަނީ ޑީޕްފޭކް ދެނަގަތުމަށް ކުރާ ދިރާސާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން ފަށާފައެވެ. އެގޮތުން މިދިޔަ އަހަރު ފޭސްބުކް ގޫގަލް އަދި އެމޭޒަންގެ އެހީއާއެކު ކޭގަލްގައި ފެށި ޑީޕްފޭކް ޑިޓެކްޝަން ޗެލެންޖުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން މީހުން ބައިވެރިވިއެވެ.

ޑީޕް ފޭކް ދެނެގަތުމަށް ބޭނުންކުރާނެ އެކި އާލާތްތައް މިހާރު އެބަހުއްޓެވެ.


ޑީޕްފޭކް ވީޑިއޯ ޗެކްކުރުމަށް ޑީޕްވެއަރ ބޭނުން ކުރެވިދާނެ


ސެންސިޓިވިޓީ.އޭއައި ގައިވެސް އެކި ވައްތަރުގެ ޑީޕް ފޭކް ހޯދޭނެ ޚިދުމަތް ހިމެނޭ


ފޭކް ނިއުސްއާއި ދެކޮޅަށް ހިންގާ ފިޔަވަޅުތަކުގެ ތެރެއިން ޔޫރަޕިއަން ކޮމިޝަނުން ދޮގު މައުލޫމާތު ދިނުމާ ބެހޭ އަޕްޑޭޓް ކޯޑް އޮފް ޕްރެކްޓިސް ވަރަށް އަވަހަށް ޝާއިއުކުރާނެ ކަމަށް ބެލެވެ އެވެ. މި ބަދަލާއެކު ގޫގަލް، ފޭސްބުކް، ޓްވިޓާ އަދި އެހެނިހެން ޓެކް ކުންފުނިތަކުން އެ ކުންފުނިތަކުގެ ޕްލެޓްފޯމްތަކުގައި ހުންނަ ޑީޕްފޭކްތަކާއި ފޭކް އެކައުންޓުތަކާއި ދެކޮޅަށް ހަރުދަނާ ފިޔަވަޅުތައް އެޅުމަށް މަޖުބޫރުވާނެއެވެ.

ޑީޕްފޭކްގެ ސަބަބުން ނޭދެވޭ އަސަރުތަކެއް ކުރާނެތަ؟

މުސްތަގްބަލުގައި ޑީޕްފޭކް ތަކުގެ ސަބަބުން އެކިއެކި ނޭދެވޭ އަސަރުތަށް ކުރާނެކަމަށް ބެލެވެއެވެ. އެގޮތުން ބިރުދެއްކުމާއި ދަށުދަރަޖައިގެ އެތަށް ކަމެއް މީގެ ސަބަބުން އާންމު ވެގެންދާނެކަމަށް ބެލެވެއެވެ. ނަމަވެސް ޑީޕްފޭކްގެ ސަބަބުން ބައިނަލްއަގްވާމީ މައްސަލަ ތަކެއްއުފެދިދާނެތޯ ނޫންތޯ އަދި ދެނެގަތުމަށް ދަތިތަކެއް އެބަހުއްޓެވެ. އެގޮތުން ދުނިޔޭގެ ލީޑަރަކު ނިއުކްލިއާ ހަމަލާއެއް ދިނުމަށް ގޮވާލާ ޑީޕްފޭކް ވީޑިއޯއަކުން ނިއުކްލިއާ ހަނގުރާމައެއް ފެށުމަކީ ނާދިރުކަމެކެވެ. އަދި ޑީޕްފޭކް މެދުވެރިކޮށް އުފައްދާފައިވާ ފޮޓޯއަކުން ބޯޑަރެއް ކައިރިއަށް ގިނައަދަދެއްގެ ސިފައިން ޖަމާވާތަން ފެނުމުން ހަނގުރާމައެއްފެށުންވެސް ވާނީ ނާދިރުކަމަކަކަށެވެ. އެއީ މިފަދަ މައުލޫމާތު ދެނެގަތުމަށް ކޮންމެ ގައުމަކުންވެސް އެކަމަށް ހާއްސަ ނިޒާމުތަކެއް އެކަށައަޅާފައިވާތީއެވެ. އެހެން ކަމުން ޑީޕްފޭކްގެ ނޭދެވޭ އަސަރުތަށް ބޮޑަށް ފޯރާނީ ވަކިވަކި ފަރުދުންނަށެވެ.

ނަމަވެސް ޑީޕްފޭކްގެ ސަބަބުން ދުނިޔޭގެ ހިއްސާގެ ބާޒާރަށް ނުވަތަ ގައުމުތަކުގެ ދެމެދުގައި އޮންނަ ގުޅުންތަކަށް ހީނަރުކަން އައުމަކީ އެކަށީގެންވާކަމެކެވެ. އެގޮތުން އެމެރިކާގެ ކުރީގެ ރައީސް ޓްރަމްޕް ވަނީ އޭނާއަށް ނޭޓޯގެ ލީޑަރުން ހަޖޫޖަހައި މަލާމާތްކުރާ ވީޑިއޯއެއް އާންމުވުމުން ނޭޓޯ ސަމިޓްދޫކޮށް ގައުމަށް އެބުރިގޮސްފައިއެވެ. މީގެ އިތުރުން ޓެސްލާގެ ހިއްސާގެ އަގުވަނީ އީލަން މަސްކް މަސްތުވާތަކެތީގެ ބާވަތެއް ބޭނުންކުރާ ވީޑިއޯއެއް އާންމުވުމާއެކު ދަށަށް ގޮސްފައިއެވެ. ވީމާ މިފަދަ ވީޑިއޯ މެދުވެރިކޮށް ސިޔާސީ މަންފާ ހޯދުމާއި މާލީ މަންފާ ހޯދުމަކީ ވުންގާތްކަންކަމެވެ. މިއަހަރުގެ ކުރީކޮޅުގައި ޔޫކްރޭންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ އޭނާގެ ސިފައިންނަށް ހަތިޔާރު ބާއްވަން ގޮވާލާފައިވާ ޑީޕްފޭކެއް މިއަދު ހެކްކޮށްފައިވާ ޔޫކްރޭންގެ ނިއުސް ވެބްސައިޓަކަށް ރަޝިޔާމީހުން އަޕްލޯޑު ކުރިކަމަށް މީޑިއާގައި ފެންމަތި ވުމުން ރައީސް ޒެލެންސްކީ ރައްދު ދިނެވެ.

ޑީޕްފޭކް އުފެއްދުންތަކުގެ ސަބަބުން މުޖްތަމައުގެ ހަމަޖެހުން ގެއްލުމަކީވެސް އެކަށިގެންވާ ކަމެކެވެ. އެގޮތުން މިފަދަ އުފެއްދުންތަކުގެ ސަބަބުން ތެދާއި ދޮގު ވަކިކުރަން އުދަގޫވެ މީހުންނަށް އިތުބާރުކުރަން ދަތިވާނެއެވެ. މީގެ އިތުރުން ޑީޕްފޭކް ޓެކްނޮލޮޖީ ކުރިއަރައިގެންދާވަރަކަށް ކޯޓުތަކަށާއި ބަޔޯމެޓްރިކް ސެކިއުރިޓީ ޑިވައިސްތަކަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހޭނެއެވެ. އެގޮތުން ކޯޓުތަކުގައި ހިނގާ މައްސަލަތަށް ނުފޫޒުފޯރުވުމަށް ޑީޕްފޭކް ހެކި އުފެއްދުމަކީ ވެދާނެކަމެކެވެ. އަދި މޫނު. އަޑު އަދި މީހާގެ އެހެން އެކިސިފަތަށް ބޭނުންކުރާ ބަޔޯމެޓްރިކް ސެކިއުރިޓީ ނިޒާމްތަކަށް އޮޅުވާލުމަށްވެސް މި ޓެކްނޮލޮޖީގެ ބޭނުން ހިފިދާނެއެވެ. މީގެ އިތުރުން މިހާރުވެސް އެކިނަންނަމުގައި ހިންގާ އޮޅުވާލައިގެން ފައިސާ ހޯދުމުގެ ކުށްތަކަށް ޑީޕްފޭކް އުފެއްދުންތަކުގެ ސަބަބުން އައުދޮރެއް ހުޅުވުމަކީ ވުން ވަރަށް ކައިރިކަމެކެވެ.

ޑީޕްފޭކް އުފެއްދުންތަކަކީ ހުސް ގެއްލުންދެނިވި އުފެއްދުންތަކެއް ނޫނެވެ. އެގޮތުން ބައެއް އުފެއްދުންތަކަކީ ހެއްވާ މަޖާ އުފެއްދުންތަކެކެވެ. އަދި ބައެއް ޑީޕްފޭކް ތަކަކީ ވަރަށް ބިނާކުރަނިވި ތަކެއްޗެވެ. އެގޮތުން އެކި ބަލީގެ ސަބަބުން ވާހަކަދެއްމުގައި ދަތިތަށް ކުރިމަތިލާންޖެހޭ ފަރާތްތަކަށް ޑީޕްފޭކް މެދުވެރިކޮށް އަޑު ނަކަލުކޮށްދެވިދާނެއެވެ. މީގެ އިތުރުން މުނިފޫހިފިލުވުމުގެ އިންޑަސްޓްރީއަށް މި ޓެކްނޮލޮޖީ ބޭނުންކޮށްގެން މިހާރަށްވުރެ ފުރިހަމަކޮށް ފިލްމްތަށް ޑަބްކުރެވޭނެއެވެ. މީގެ އިތުރުން މަރުވެފައިވާ އެކްޓަރުން ފިލްމްތަކުގައި ދެއްކިދާނެއެވެ. އެގޮތުން ފައިންޑިން ޖެކް ގައި ޖޭމްސް ޑީން ފެނިގެންދާއިރު އޭނާ ވަނީ މަރުވެފައިއެވެ.

ގޭމް އޮފް ތްރޯންސްގެ ފަހު ސީޒަނުގައި ޖޯން ސްނޯ ސްޓާބަކްސް ކަޕް ކެމިއޯއަށް މައާފަށް އެދިފައިވާ މި ޑީޕްފޭކް އިން ވެސް ސިންތެޓިކް ވީޑިއޯތަކުގެ ސަމާސާ ފަރާތް ދައްކުވައިދެ އެވެ.

މަޝްހޫރު އާޓްވޯކްތައް އަލުން ތަޞައްވުރު ކުރުމަށް ޓެކްނޮލޮޖީގެ މާހިރުން ޑީޕްފޭކް ޓެކްނޮލޮޖީ ތައާރަފް ކުރަމުންދާ ކަމީ ހައިރާންވާންޖެހޭ ކަމެއް ނޫނެވެ.މިސާލަކަށް މޮނާލީސާ ނަގާށެވެ. ސެމްސަންގް އޭއައި ސެންޓަރާއި ސްކޮލްކޯވޯ އިންސްޓިޓިއުޓް އޮފް ސައިންސް އެންޑް ޓެކްނޮލޮޖީގެ ދިރާސާވެރިން ވަނީ ޑަ ވިންޗީގެ “މޮނާލީސާ” ފަދަ ފޮޓޯތަކެއް ނަގައި، ހަގީގީ ބައެއް ފަދައިން ވާހަކަ ދައްކައި ހަރަކާތްތެރިވުމަށް މެނިޕިއުލޭޓްކޮށްފަ އެވެ. ސާދާ އެނިމޭޝަނަށް ވުރެ މާ ކުރިއަރާފައިވާ މޮނާލީސާ ދިރުވައި އާލާކުރުމުގެ ޕްރޮސެސްގައި ހިމެނެނީ ކުރިއަރާފައިވާ އަލްގޮރިދަމް "ކުރެހުމުގައި ހުރި މޫނުމަތީގެ ލޭންޑްމާކްތައް" ދެނެގަތުމެވެ.

ކޮންމެއަކަސް ޑީޕްފޭކްގެ ސަބަބުން ލިބޭ ގެއްލުންތަކާއި ކުރިއެރުންވެސް މި ޓެކްނޮލޮޖީ ކުރިއަރާވަރަކަށް ދާނީ އިތުރުވަމުންނެވެ. މީގެ އިތުރުން މި ޓެކްނޮލޮޖީ ގެއްލިގެން ދިއުމަކީވެސް ނާދިރުކަމެކެވެ. އެޔަށްވުރެ ބޮޑަށް ދުނިޔޭގެ އެކިކަންކަމުގައި މިހާރު ޑީޕްފޭކް އުފެއްދުންތަށް ދަނީ ބޭނުންކުރެވެމުންނެވެ.

އިސްމާއިލް އަލީ

އިސްމާއިލް އަލީ

މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.