މެޓައިން އެވެޓާސް ސްޓޯ ތަޢާރަފުކޮށްފި

ޢާއިޝަތު ޝައިހާ 28 ޖޫން 2022

ދާދިފަހުން، ފޭސްބުކްގެ ބެލެނިވެރި ކުންފުނި ކަމަށްވާ މެޓައިން، ބޭނުންކުރާ ފަރާތްތަކުގެ ޑިޖިޓަލް އެވެޓާތަކަށް ބޭނުންވާނެ އަންނައުނާއި އެހެނިހެން ގަހަނާތައް ހިމެނޭ އޮންލައިން އެވެޓާ ސްޓޯއެއް ތަޢާރަފުކޮށްފިއެވެ. އެފަރާތްތަކުގެ އެވެޓާތަކަށް އަންނައުނު ގަތުމަކީ އެބައެއްގެ އަމިއްލަ ޚިޔާލުފާޅުކުރުމަށް މިހާރަށް ވުރެ ރަނގަޅަށް ފާޅުކުރުމަށް ލިބޭ ފުރުސަތެކެވެ. އަދި ކުންފުނީގެ ތެރެއަށް ފައިސާ ވަންނާނެ އިތުރު މަގެއްވެސް މެއެވެ.

މެޓަ ބޭނުންކުރާ ފަރާތްތަކަށް ޑިޖިޓަލް ޑިޒައިނަރު ހެދުން ގަނެލެވޭނެ

2022 ވަނަ އަހަރުގެ ޖޫން މަހުގެ 18 ވަނަ ދުވަހުގައު، މާކް ޒަކަބަގް އޭނާގެ ރަސްމީ ފޭސްބުކް އެކައުންޓްގައި ކުރި ޕޯސްޓެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، "އަޅުގަނޑުމެން މި ދަނީ ތިޔަ ބޭފުޅުންގެ އެވެޓާތަކަށް ބަދަލު ގެނައުމަށްޓަކައި ޑިޖިޓަލް އަންނައުނުތައް ހިމެނޭގޮތަށް، ފޭސްބުކް، އިންސްޓަގްރާމް އަދި މެސެންޖާގައި އެވެޓާސް ސްޓޯ ތަޢާރަފުކުރުމަށް ތައްޔާރުވަމުން." މީގެ އިތުރުން ޒަކަބަގް ބުނެފައި ވަނީ "ޑިޖިޓަލް މުދާތަކަކީ މެޓަވާސްގައި އަމިއްލަ ޚިޔާލު ފާޅުކުރުމަށް އޮތް މުހިއްމު މަގެއް އަދި އުފެއްދުންތެރި އިގްތިޞާދަކަށް ހުޅުވިގެންދާ މުހިއްމު ދޮރެއް." ހަމައެއާއެކު، މެޓައިގެ ސީއީއޯ އިތުރަށް ބުނެފައިވާ ގޮތުގައި، ގިނަ ބްރޭންޑުތައް އިތުރުކޮށް، ވީއާރް ގެ ތަޖުރިބާ ގެނެސް، ޕްރާޑާ، ތޮމް ބްރައުން އަދި ބަލެންޝިއާޖާ ފަދަ މަޝްހޫރު ބްރޭންޑުތަކުގެ ތަކެތި އިތުރުކުރުމަކީ ލިބޭ ބޮޑު އުފަލެއް ކަމަށެވެ.

ދާދިފަހުން މެޓައިން ވަނީ ބޭނުންކުރާ ފަރާތްތަކަށް އެބައެއްގެ އަމިއްލަ ޑިޖިޓަލް އެވެޓާތައް އުފައްދާ، ފޭސްބުކް އަދި އިންސްޓަގްރާމް ފަދަ މަންސަތަކުގައި ބޭނުންކުރުމުގެ ފުރުސަތު ލިބޭ ސިފައެއް ތަޢާރަފުކޮށްފައެވެ. މިހާރު، ބޭނުންކުރާ ފަރާތްތަކުގެ އެވެޓާތައް ފަރުމާ ކުރާއިރު ބޭނުންވަނީ އެމީހެއްގެ އަމިއްލަ ނަފްސުގެ އެންމެ ރަނގަޅު ވާޝަންއެވެ. އެހެންކަމުން އެ ފަރާތުން އެބައެއްގެ އެވެޓާތަކަށް ޚާއްސަ އަންނައުނު ހޯދަން ޖެހިދާނެއެވެ. ފޭސްބުކް، އިންސްޓަގްރާމް އަދި މެސެންޖާގައި ލިބެން ހުރި މެޓަ އެވެޓާ ސްޓޯރ އިން ބޭނުންކުރާ ފަރާތްތަކަށް ހަގީގީ ދުނިޔޭގެ ފައިސާ ބޭނުންކޮށްގެން ޑިޖިޓަލް ދުނިޔޭގެ އަންނައުނު ގަނެލެވޭނެއެވެ. ފުރަތަމަ މެޓަ އެވެޓާ ސްޓޯގެ ޚިދުމަތް ލިބޭނީ އެމެރިކާ، ކެނެޑާ، ތައިލޭންޑް އަދި މެކްސިކޯގައި ބޭނުންކުރާ ފަރާތްތަކަށެވެ.

ޢާއިޝަތު ޝައިހާ

ޢާއިޝަތު ޝައިހާ

އަޅުގަނޑަކީ ޝައިހާ އެވެ. މިހާރު އަޅުގަނޑު ކިޔަވަމުން ގެންދަނީ ސީއެޗްއެސްސީ ގެ ގްރޭޑް 12 ގައެވެ. ކުރިމަގުގައި، ލިޔުންތެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގައި ޝާމިލުވުމަކީ އަޅުގަނޑަށް ލިބޭ ހިތްހަމަޖެހުމެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.