މެޓާ އާއި ޓިކްޓޮކާ ދެކޮޅަށް އެމެރިކާގައި ބިލެއް ފާސްކުރަނީ!

އަޙްމަދު ދާއޫދު 29 ޖޫން 2022

މެޓާ، ޓިކްޓޮކް ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ކުޑަކުދިންނަށް ގެއްލުން ލިބޭ ކަމަށް ތުހުމަތު ކުރެވޭ ފީޗާތަކެއް އެފަދަ ޕްލެޓް ފޯމްތަކުގައި އެކުލެވިގެންވުމުގެ ސަބަބުން އެމެރިކާ ސަރުކާރުގެ ވަކީލުންނަށް ދައުވާ ކުރުމުގެ ފުރުޞަތު ފަހިކޮށްދޭ ބިލެއް ކެލިފޯނިއާގެ ސެނެޓަށް ހުށަހަޅައިފިއެވެ.

މި ފިޔަވަޅާއެކު ސްޓޭޓް އެޓާނީ ޖެނެރަލް އާއި ލޯކަލް ޑިސްޓްރިކްޓް އެޓާނީން އަދި ކެލިފޯނިއާގެ އެންމެ ބޮޑު ހަތަރު ސިޓީގެ ސިޓީ އެޓާނީންނަށް ސޯޝަލް މީޑިއާ ކުންފުނިތަކާ ދެކޮޅަށް ދައުވާ ކުރުމުގެ ހުއްދަ ލިބޭނެ އެވެ.

މެއި މަހު ސްޓޭޓް އެސެމްބްލީން ފާސްކުރި މާއްދާއެއްގައި ވާގޮތުން ބެލެނިވެރިންނަށް އެމީހުންގެ ދަރިންނަށް ގެއްލުން ދިނުމުން އެ ކުންފުނިތަކާ ދެކޮޅަށް ދައުވާ ކުރެވޭނެއެވެ. އެގޮތުން ކްލާސް އެކްޝަން ދައުވާތަކުގައި ދައުވާ ލިބޭ ފަރާތަކަށް މަދުވެގެން 1،000 ޑޮލަރު ދެއްކޭނެ ކަމަށް ބިލްގައި ބަޔާންކޮށްފައިވެއެވެ. އެ ބިލްގައި އެޑިކްޝަން މާނަކުރީ ޖިސްމާނީ، ނަފްސާނީ، ތަރައްގީއަށް ނުވަތަ މާއްދީ ގެއްލުންތަކެއް ލިބޭ ސޯޝަލް މީޑިއާ ބޭނުންކުރުމަށެވެ.

މި ބިލް ހުށަހެޅި ނަމަވެސް ވިޔަފާރި އާއި ޓެކް އިންޑަސްޓްރީގެ ޖަމާއަތްތަކުން އަދި މިބިލް ހުށަހެޅި ސްޓޭޓް ސެނެޓްގެ ޖުޑިޝަރީ ކޮމިޓީގެ ޗެއާމަން ، މިދިޔަ ހަފްތާ ބަންދުގައި އެއްބަސްވީ ބިލަށް އިސްލާހު ގެނައުމަށެވެ.

ފަހުން ހުށަހެޅުނު އިސްލާހް ތަކާއެކުވެސް ޓެކް ކުންފުނިތަކަށް އަދިވެސް ގަވާއިދާ ހިލާފުވެއްޖެނަމަ ނުވަތަ ގެއްލުން ހުރި ފީޗާސްތައް ބޭނުންކޮށްފައިވާކަން ސާބިތު ވެއްޖެނަމަ 250،000 ޑޮލަރުގެ މަދަނީ ޖުރިމަނާއެއް އަންނާނެ އެވެ. ފަހުން ހުށަހެޅި އިސްލާޙްގައި އެ ބިލުން އުނިކުރީ ހަމައެކަނި ރިޓްރޯއެކްޓިވް ދައުވާތަކަށް ހުއްދަ ލިބޭނެ މާއްދާއެވެ.

ކެލިފޯނިއާ ސްޓޭޓްގެ ސެނެޓްގެ ޖުޑިޝަރީ ކޮމިޓީން އަންގާރަ ދުވަހު އެ ބިލާ ގުޅޭ އަޑުއެހުމެއް ބާއްވާއިރު، އެ ބިލަށް ވޯޓަށް އަހާނީ އެދުވަހުގެ ވަރަށް ފަހުގެ ވަގުތެއްގައި ކަމަށް ބެލެވެއެވެ. އެ އިސްލާހް ފާސްވެއްޖެނަމަ އޮގަސްޓް މަހު ބާއްވާ ގާނޫނު ހަދާ މަޖިލީހުގެ ޖަލްސާ ނިމުމުގެ ކުރިން އެ މާއްދާ ފާސްކުރަން ޖެހޭނެ އެވެ.

މި ފިޔަވަޅާ ދެކޮޅަށް ވަކާލާތުކުރާ އިންޑަސްޓްރީ ޓްރޭޑް ގްރޫޕެއް ކަމަށްވާ ޓެކްނެޓުން ބުނީ ބިލުގެ ކުރީގެ ވާޝަންގެ ސަބަބުން ކުންފުނިތަކަށް އެތައް ސަތޭކަ މިލިއަން ޑޮލަރުގެ ގެއްލުމާއި، ކުރިމަތިވެ މުޅި ޓެކްނޮލޮޖީގައި ޒުވާނުންނަށް އޮތް ޑިމާންޑް ދޫކޮށްލަން ޖެހިދާނެ ކަމަށެވެ.

“ކިހިނެއްތަ މިކަން ހަމައެކަނި ކެލިފޯނިއާއަށް ތަންފީޒު ކުރާނީ؟ އަޅުގަނޑުމެން މިދައްކަނީ ހަމައެކަނި ވަކިސްޓޭޓްތަކެއްގެ ވާހަކައެއް ނޫން، ދުނިޔޭގެ ހުރިހާ ހިސާބެއްގައި ހުރި ވެބްސައިޓްތަކާއި ޕްލެޓްފޯމްތަކުގެ ވާހަކަ،” ޓެކްނެޓްގެ ކެލިފޯނިއާ އާއި ހުޅަނގު ދެކުނުގެ އެގްޒެކެޓިވް ޑިރެކްޓަރު ޑައިލަން ހޮފްމަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ކުންފުނީގެ މެމްބަރުން އިސްކަންދެއްވާނީ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާ އެކު ޑިޒައިން ފީޗާސް ރެގިއުލޭޓް ކުރާ ވަކި ބިލެއް އެކުލަވާލުމަށް މަސައްކަތް ކުރެއްވުމަށް ކަމަށާއި އެ ބިލް މަސައްކަތް ވެސް އަންގާރަ ދުވަހު ކުރިއަށް ގެންދާނެ ކަމަށެވެ.

ސްނެޕް އާއި ބައިޓެޑެންސްގެ މަންދޫބުން ވަނީ އެ ބިލާ ގުޅޭ ގޮތުން އެއްޗެއް ވިދާޅުވާން ދެކޮޅު ހައްދަވާފަ އެވެ. މެޓާގެ މަންދޫބަކު ވިދާޅުވީ މި ފިޔަވަޅަކީ ކުންފުނިތަކަށް މާނަހުރި ބަދަލުތަކެއް ގެނެވޭނެ ފިޔަވަޅެއް ނޫން ކަމަށެވެ.

އިލެކްޓްރޯނިކް ފްރޮންޓިއާ ފައުންޑޭޝަން ހިމެނޭ ގޮތަށް އިންޓަނެޓް ޕްރައިވެސީއަށް ވަކާލާތުކުރާ ފަރާތްތަކުން ވެސް ވަނީ އެ ގާނޫނާ ދެކޮޅު ހަދާފައެވެ. އެފަރާތްތަކުން ބުނީ އެއީ ޕްރޮޑަކްޓް ލައިބިލިޓީ އާއި ވާހަކަ ދެއްކުމުގެ މިނިވަންކަމާ ދެމެދު އޮންނަ ހައްޤުތައް ގެއްލިދާނެ ކަމެއް ކަމަށެވެ.

އަނެއްކޮޅުން މިސްޓަރ ކަނިންހަމް ވިދާޅުވީ މި ގާނޫނު ހެދުމަށް ބޭނުންވަނީ ނަފްސާނީގޮތުން އަދި ޖިސްމާނީގޮތުން ސިއްހަތަށް ނޭދެވޭ އަސަރުތަކެއް ކުރި ނަމަވެސް ސޯޝަލް މީޑިއާ ކުންފުނިތަކުން ކުދިންގެ ޕްލެޓްފޯމްތަކުގައި ހޭދަކުރާ ވަގުތު އެންމެ ފުރިހަމައަށް ބޭނުން ކުރުމަށް މަސައްކަތް ކުރުން ކަމަށެވެ.

މިދިޔަ އަހަރު ދަ ވޯލް ސްޓްރީޓް ޖާނަލް އިން ނެރުނު ރިޕޯޓާއި އޭގެ ފަހުން ކޮންގްރެސްގެ އަޑުއެހުންތަކުން ހާމަވި ގޮތުގައި ފޭސްބުކްގެ އެތެރޭގެ ދިރާސާތަކުން ދައްކާ ގޮތުގައި ޚާއްސަކޮށް ފުރާވަރުގެ އަންހެން ކުދިންގެ މެދުގައި ނަފްސާނީ ސިއްހަތުގެ މައްސަލަތަކަށް ބާރު ފޯރުވައިގެން އެ ކުންފުނީގެ އެލްގޮރިޒަމްތަކުން ކުޑަކުދިންނަށް ގެއްލުން ލިބޭ ކަމުގައެ އެވެ. ނަމަވެސް ޗީފް އެގްޒެކެޓިވް މާކް ޒުކަބާގް ވިދާޅުވީ އެ އަޑުއެހުންތަކުގައި ބޭނުންކޮށްފައިވަނީ މެޓާގެ ފޭކް ތަސްވީރެއް ކަމަށާއި ސޯޝަލް މީޑިއާ ބޭނުންކުރުމުން ލިބޭ ގެއްލުންތަކާ ބެހޭ ގޮތުން ކުރެވުނު ދިރާސާއަކުން ހަމައެކަނި އެކަން ނިންމާލެވެން އޮވެގެން ނުވާނެކަމަށެވެ.

ކެލިފޯނިއާގެ މި ހުށަހެޅުމަކީ ފެޑެރަލް ގާނޫނުތައް އަދިވެސް ހުއްޓިފައި އޮތުމުން ސޯޝަލް މީޑިއާ ކުންފުނިތައް ރެގިއުލޭޓް ކުރުމަށް ސްޓޭޓްތަކުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ކުރާ މަސައްކަތްތަކުގެ އެންމެ ފަހުގެ މިސާލެވެ. އޭގެ އިތުރުން މިނިސޯޓާގެ ގާނޫނު ހަދާ މަޖިލީހުގައި ދިރާސާ ކުރަމުންދާ ބިލެއްގެ ދަށުން ކުޑަކުދިންނަށް ސޯޝަލް މީޑިއާ އެލްގޮރިޒަމް ބޭނުން ކުރުން މަނާ ކުރާނެ އެވެ.

ކެލިފޯނިއާގެ ފިޔަވަޅާ ދެކޮޅަށް މެޓާ، ޓްވިޓާ އިންކް އަދި ސްނެޕް އިން ވަކާލާތު ކުރަމުންދާއިރު، ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަށް އެ ގާނޫނާ ދެކޮޅު ހަދަން ޕްރެޝަރު ކުރުމުގައި މެޓާ އިސް ދައުރެއް އަދާކޮށްފައިވާ ކަމަށް ގާނޫނު ހަދާ މަޖިލީހުގައި މަސައްކަތް ކުރާ ބައެއް މީހުން ބުނެ އެވެ.

މި ބިލަށް ތާއީދުކުރާ ލޮސް އެންޖެލިސްގެ ޓެކް ރެގިއުލޭޝަން އަށް ވަކާލާތުކުރާ އުމުރުން 18 އަހަރުގެ އެމިލީ ކިމް ގާނޫނު ހަދާ މަޖިލީހުގައި ދިން ހެކިބަހުގައި ބުނީ އިންސްޓަގްރާމް އިން އޭނާގެ ފުރާނައަށް ނުރައްކާވާ މިންވަރަށް އެކިވަރުގެ ޕްރެޝަރ ކޮށްފައިވާކަމަށެވެ.

މެޓާ އިން ބުނާ ގޮތުގައި އިންސްޓަގްރާމްގައި އުމުރު ޔަޤީންކުރުމުގެ ޕްރޮޓޮކޯލްތައް ހަރުކަށިކޮށްފައިވާނެއެވެ. އަދި ފުރާވަރުގެ ކުދިން އެކުދިންގެ އުމުރާ ނުގުޅޭ މައުޟޫއު ތަކާއި ދޯޅުވާނަމަ އަދި އެކަން ބެލެނިވެރިންނަށް ފާހަގަކުރެވިއްޖެނަމަ އެޕް އަށް ވަނުން ބެލެނިވެރިންނަށް މިހާރު ބްލޮކް ކުރެވޭނެ އެވެ.

"އަޅުގަނޑުމެން ބޭނުންވަނީ އަޅުގަނޑުމެންގެ ޕްލެޓްފޯމްތަކުގައި ތިބޭ މީހުންނަށް ރައްކާތެރި އަދި ހެޔޮ ތަޖުރިބާއެއް ލިބޭނެ ގޮތް ހެދުމަށް،" މެޓާގެ އުތުރު އެމެރިކާގެ ހެޑް އޮފް ސޭފްޓީ ޖެނިފާ ހެންލީ ވިދާޅުވި އެވެ.

ޓެކް ލޮބީސްޓުން ވަނީ ސޯޝަލް މީޑިއާ ޑިޒައިންގެ ފީޗާސް ރެގިއުލޭޓް ކުރާ ނަމަވެސް ޕޮޓެންޝަލް ލައިބިލިޓީއަށް ހުޅުވާނުލާ ތަފާތު ބިލަކަށް ތާއީދު ކުރުމަށް ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަށް ބާރު އަޅާފަ އެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.