ވެބް ޓެލެސްކޯޕުން ފެނުނު މަންޒަރުން ސައިންޓިސްޓުން ރޮއްވައިފި

ޢާއިޝަތު ޝައިހާ 02 ޖުލައި 2022

ޖޭމްސް ވެބް ސްޕޭސް ޓެލެސްކޯޕް އޯބިޓަށް ދޫކޮަށްލުމަށް ބޭނުންކުރި ޔޫރަޕްގެ ރޮކެޓް ދިޔަތާ 6 މަސްދުވަސް ވޭތުވެ ހިނގައްޖެއެވެ. ދޫކޮށްލި ވަގުތުން ފެށިގެން، މި އަލްޓްރާ-ކޮމްޕްލެކްސް ޓެލެސްކޯޕް ވަނީ ކާމިޔާބު ކަމާއި އެކު އޭގެ ބޮޑު އަވިން ރައްކާތެރި ކޮށްދޭ ފަށަލަ ނެރެ، އޭގެ ސައިންސް ސާމާނުތައް މަސައްކަތް ކުރަން ފައްޓައި، މި ދުނިޔެއާއި 1.5 މިލިއަން ކިލޯމީޓަރުގެ ދުރުމިނެއްގައި ހުރެ ވަމުންދާ ގޮތްތައް ބަލަން ފައްޓާފައެވެ.

2021 ވަނަ އަހަރު ޖައްވަށް ދޫކޮށްލުމުގެ ކުރިން، ޖައްވުގައި މިފަދަ ބިރުވެރި ޒަމާނެއް މި އައީ، ޓެލެސްކޯޕް ފަރުމާކޮށް، އުފައްދާ އަދި ޓެސްޓުކުރުމަށްފަހު 20 އަހަރު ފަހުންނެވެ. ވެބްގެ 6.5 މީޓަރު ޑަޔަމީޓަރު ބޮޑު ދުރަށް ބަލައި، ސައިންސްއާއި ބެހޭ މުހިއްމު މައުލޫމާތުތަކާއި ތަސްވީރުތައް ދަނީ ހޯދަމުންނެވެ. މިއީ އިންސާނުން ޖައްވަށް ދޫކުރި އެންމެ ބޮޑު އަދި އެންމެ ބާރުގަދަ ޓެލެސްކޯޕެވެ. އަދި އަޅުގަނޑުމެންގެ ޖައްވާއި ގުޅޭ އެތައް މައުލޫމާތުތަކެއް މިހާރުވެސް ދަނީ މީގެ ޒަރީޢާއިން ލިބެމުންނެވެ.

ޖުލައި 12 ވާ ދުވަހު ވެބްގެ "ފުރަތަމަ އަލީގެ" ޒަރީޢާއިން ފެނުނު ކަންތައްތަކުގެ ނަތީޖާ ފެންނަ އެތައް ގިނަގުނަ ތަސްވީރުތަކެއް ދައްކާލުމަށް ރާވަމުން އަންނަ ކަމަށް ނާސާއިން ވަނީ ބުނެފައެވެ. ބުދަ ދުވަހު، ސްޕޭސް އޭޖެންސީގެ ރަސްމީ މުވައްޒަފުން ބުނެފައިވާ ގޮތުގައި ތަސްވީރުތަކާއި އެހެނިހެން މައުލޫމާތުތަކުގެ ތެރޭގައި ހިމެނޭނީ މި ކައުނުގެ އެންމެ ފުން ފީލްޑް ތަސްވީރުތަކާއި، އެކްސޯޕްލެނެޓެއް ވަށައިގެންވާ ވައިގެ ފަށަލައިގެ އެކިއެކު ބައިތަކެވެ. އިންފްރާރެޑްއަށް ބަލައިގެން، ކާބަން ޑައިއޮކްސައިޑް އަދި އޯޒޯން ފަދަ ކުދިކުދި މާއްދާތަކުގެ ނިޝާންތައް ވެބްއަށް ދެނެގަނެވޭނެއެވެ. މީގެ މައްޗަށް ބިނާކޮށް އެހެން ތަރިތަކުގެ ވަށައިގެން ދުނިޔެއެއް ބިނާކުރެވޭނެތޯ ނުވަތަ ނޫންތޯ ކުރާ ސުވާލަށް ޖަވާބެއް ލިބިގެން ދާނެއެވެ.

ނާސާގެ ޑެޕިއުޓީ އެޑްމިނިސްޓްރޭޓަރ ޕޭމް މެލްރޯއީ ބުނެފައިވާ ގޮތުގައި ވެބްއިން މިހާތަނަށް އުފެއްދި ތަސްވީރުތަކުން އޭނާ އާޝޯޚުކޮށްލައިފި ކަމަށެވެ. "އަޅުގަނޑަށް ފެނުނު މަންޒަރުތަކުން، ސައިންޓިސްޓެއްގެ ހައިސިއްޔަތުންނާއި، އިންޖިނިއަރެއްގެ ހައިސިއްޔަތުގެ އިތުރުން އިންސާނެއްގެ ހައިސިއްޔަތުން ވަރަށް ގިނަ ކަންތައްތަކެއް އިހުސާސްކުރެވުނު،" އޭނާ ބުނެފައި ވެއެވެ.

ޓެލެސްކޯޕް ވަނީ ދުޅަހެޔޮކަން މަތީގައެވެ. ޔޫރަޕިއަން ސްޕޭސް އޭޖެންސީގެ އޭރިއޭން 5 ރޮކެޓް އޭގެ ކަނޑައެޅިފައިވާ ވަގުތުގައި ކަނޑައެޅިފައިވާ ގޮތަށް ޖައްވަށް ދޫކޮށްލުމުގެ ސަބަބުން، 20 އަހަރުގެ މުއްދަތަކަށް ދެމިހުންނާނެ ކަމަށް ލަފާކުރެވެއެވެ. ހަމަ އެހެންމެ، މިހާތަނަށް 5 މައިކްރޯ މީޓިއަރޮއިޑްގެ އަސަރު ކޮށްފައި ވީނަމަވެސް، މި ޓެލެސްކޯޕް ފަރުމާ ކޮށްފައި ވަނީ މިފަދަ ކުދިކުދި ކަންތައްތަކުން މަސައްކަތަށް ބުރޫ ނާރާނެހެންނެވެ.

ޒަބަޗަން، ވެބް އިން ލިބުނު ފުރަތަމަ މައުލޫމާތުތަކާއި ބެހޭ ގޮތުން ހިއްސާ ކުރަމުން ބުނެފައި ވަނީ އޭނާ ހުރީ އެ ޓެލެސްކޯޕުގެ ގާބިލުކަން ފެނިފައި އާޝޯޚުވެފައި ކަމަށެވެ. އޭނާ ބުނެފައި ވަނީ މި އާ ވަސީލަތުން ނަގާފައިވާ ތަސްވީރުތައް ފެނި އޭނާއަށް ނުރޮވުނީ ހަމަ ކިރިޔާއެވެ.

"އެހެން ނަޒަރަކުން ކައުނާއި ދިމާލަށް ނަޒަރު ހިންގާލުމަށްފަހު ހިތަށް އަސަރުކުރާ ވަގުތުކޮޅެއް ލިބިގެން ނުދިޔުމަކީ ވުން ނާދިރުކަމެއް،" އޭނާ ބުނެފައި ވެއެވެ. "ކުއްލިއަކަށް ޤުދުރަތުން އޭގެ ސިއްރުތައް ދޫކުރާ މަންޒަރު ފެނުމަކީ ހިތަށް ވަރަށް އަސަރުކުރާ ހިނދުކޮޅެއް. އަދި އަޅުގަނޑު ބޭނުންވަނީ ތިޔަ ބޭފުޅުންވެސް އެކަން ހިތުގައި ތަސައްވަރު ކޮށްލާ އެ ވަގުތުކޮޅަށް އިންތިޒާރުކުރަން."

ހިތާމައަކީ ވެބްގެ ފުރަތަމަ އޮބްޒަވޭޝަންތަކުގެ އެންމެ ފަހު އުފެއްދުން ބަލާލުމަށްޓަކައި އަދި 2 ހަފްތާ އިތުރަށް މަޑުކުރަން ޖެހޭ ކަމެވެ. ނާސާއިން ބުނެފައި ވަނީ އެ ތަސްވީރުތައް އެއްވެސް ހާލެއްގައި އަވަހަށް ދޫނުކުރާނެއެވެ. ނަމަވެސް އަޅުގަނޑުމެން މި ވަނީ ވެބް އޮންލައިން ވެ ހަބަލް ސްޕޭސް ޓެލެސްކޯޕްގެ ހައްޤު ވާރިޘަކަށް ވާ މަންޒަރު ބަލަން 20 އަހަރުގެ އިންތިޒާރެއް ކޮށްފައެވެ. ކަންމިހެން އޮތް ނަމަވެސް އަޅުގަނޑުމެންނަށް އަދި ދުވަސްކޮޅަކު އިންތިޒާރު ކޮށްލެވޭނެ ކަން ޔަޤީނެވެ.

ޢާއިޝަތު ޝައިހާ

ޢާއިޝަތު ޝައިހާ

އަޅުގަނޑަކީ ޝައިހާ އެވެ. މިހާރު އަޅުގަނޑު ކިޔަވަމުން ގެންދަނީ ސީއެޗްއެސްސީ ގެ ގްރޭޑް 12 ގައެވެ. ކުރިމަގުގައި، ލިޔުންތެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގައި ޝާމިލުވުމަކީ އަޅުގަނޑަށް ލިބޭ ހިތްހަމަޖެހުމެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.