އައިއޯއެސް 14 ތައާރަފްވުމާއެކު ޓިކޮޓޮކްއިން އައިފޯނުގެ އިންޓަފޭސްއަށް ތަފާތުއެކި ބަދަލުތައް ގެންނަ ވީޑިއޯތައް އާންމުވާންފެށިއެވެ. މިވީޑިއޯތަކުން އެކި ފަރާތްތަކުން އެކިގޮތްގޮތަށް އެމީހުންގެ އައިފޯނުގެ އިންޓަފޭސްއަށް ބަދަލުގެނެސްފައިވާތަން ވަނީ ފެނިގެންގޮސްފައިއެވެ. އެގޮތުން ވަރަށް ރީތި ބަދަލުތަކުން ފެށިގެންގޮސް އެހާ ގަޔާނުވާކަހަލަ ބަދަލުތަށްވެސް މި ވީޑިއޯތަކުން ފެނުނެވެ. ކޮންމެއަކަސް މިކަމުން ހާމަވެގެންދިޔައީ އައިފޯނު ގެންގުޅޭ ފަރާތްތަކުން އެމީހުންގެ ފޯނުތަކުގެ އިންޓަފޭސް އެމީހުން ބޭނުންގޮތަކަށް ބަދަލުކުރަން ބޭނުންވާކަމެވެ.
މިކަމަކީ އެންމެ ކުރީގެ މެކްއިން ފެށިގެންވެސް އާންމުކޮށް ދެކެވޭ ވާހަކައެކެވެ. ނަމަވެސް އެޕަލްއިން ވަނީ އެކުންފުނީގެ ޑިވައިސްތަކަށް އެތަކެތި ބޭނުންކުރާ ފަރާތްތަކުން ގެންނަން ބޭނުންވާ ބަދަލުތައް ގެނެވޭނެގޮތް ހެދުމަށް ދެކޮޅުހަދާފައިއެވެ. އެގޮތުން މިޑިވައިސްތަކުގެ ލޮކް ސްކްރީން އަދި ވޯލްޕޭޕަރ ކަސްޓަމަރުން ބޭނުންވާ ގޮތަކަށް ބަދަލުކޮށްލުން ފިޔަވައި ދެން މާބޮޑު ބަދަލެއް ނުގެނެވެއެވެ.
ނަމަވެސް އައިއޯއެސް 14 އަށް ލިބުނު ތަރުހީބާއެކު އެޕަލްގެ ވިސްނުން ކޮންމެވެސް ވަރަކަށް ބަދަލުވެއްޖެކަމަށް ބެލެވުމުގެ ފުރުސަތު އެބައޮތެވެ. އެގޮތުން އައިއޯއެސް 16 ގެ ލޮކް ސްކްރީނަށް ކުރިއަށްވުރެ ގިނަ ބަދަލުތައް މިހާރު ޑިވައިސް ބޭނުންކުރާ ފަރާތަށް ގެނެވޭނެއެވެ. މީގެތެރޭގައި ފޮންޓްތައް ބަދަލުކުރުމާއި، ކުލަތައް ބޭނުންވާގޮތަކަށް ބަދަލުކުރުމާއި ތަފާތު ވިޖެޓްތައްވެސް ލޮކް ސްކީރަނަށް ގެނެވޭ ބަދަލުތަކުގެ ތެރޭގައިހިމެނެއެވެ.
އެޕަލްއިން ހާމަކޮށްފައިވާ ގޮތުގައި އައިއޯއެސް 16 އާއެކު އައިފޯނުގެ ލޮކް ސްކްރީން އެޑިޓްކުރެވޭ ގޮތަށް ހަދާފައިވަނީ އެޕަލް ވޮޗްގައި ހިމެނޭ ފޭސް އެޑިޓާ އަސްލަކަށް ބަލައިގެންނެވެ. އެޕަލް ވޮޗް ގައި ހިމެނޭ މިފީޗާއާއި އައިފޯނުގައި ހިމެނޭ މިފީޗާއަކީ ވަރަށްއެއްގޮތް ދެ ފީޗާއެވެ. އެގޮތުން އެޕަލް ވޮޗްގެ ފޭސް އެޑިޓް ފީޗާ މެދުވެރިކޮށް ބައެއް ވަށްތަރުގެ މޫނާއި ކުލަ އެޑިޓްކުރެވޭއިރު އައިފޯނުގައި ހިމެނޭ ލޮކް ސްކްރީން އެޑިޓް ފީޗާ މެދުވެރިކޮށްވެސް ބޭނުންކުރެވެން ހުރީ ވަރަށް މަދު ކުލަތަކާއި ފޮންޓުތަކެކެކެވެ. މީގެ އިތުރުން ސީދާ އެޕަލް ވޮޗްއިން ނަކަލުކޮށްފައިވާ ވިޖެޓްތަކަށް ހާއްސަ ސްލޮޓެއްވެސް އައިފޯނުގެ ލޮކް ސްކްރީންގައި ވަނީ ހިމަނާފައިއެވެ.
އެޕަލްއިން ލޮކް ސްކްރީން އެޑިޓްކުރެވޭކަމަށް ހާމަކޮށްފައިވީ ނަމަވެސް ފާހަގަކޮށްލެވޭ ކަމަކީ އެޕަލްއިން ކަސްޓަމަރުންގެ ފޮޓޯތައް ދިރާސާކޮށް އެކުންފުންޏަށް ގަބޫލުކުރެވޭ އިފެކްޓްތައް ހުށަހަޅާކަމެވެ. އަދި މިނޫން ބަދަލުތަކެއް ފޮޓޯތަކަކަށް ނުގެނެވެއެވެ. އެހެންކަމުން ބޮޑަށް ބެލެވޭ ގޮތުގައި މިފީޗާ މެދުވެރިކޮށްވެސް އެޕަލްއިން ވަނީ އެކުންފުނިން ނުރުހޭ ޒާތުގެ ބަދަލުތައް އެކުންފުނީގެ ޑިވައިސްތަކަށް ގެނައުން ހުއްޓުވޭނެ އިތުރުގޮތެއް ހޯދާފައިއެވެ.
އެޕަލްއިން އިތުރަށް ވަނީ ލޮކް ސްކްރީނާއި ފޯކަސް މޯޑް ގުޅުވާލުމަށްވެސް ނިންމާފައިއެވެ. އެގޮތުން ފޯކަސް މޯޑް ބަދަލުކުރުމުން ލޮކް ސްކްރީނާއި ހޯމް ސްކްރީންވެސް ބަދަލުވާނެއެވެ. ބެލެވޭ ގޮތުގައި އެޕަލްއިން މިހާރު މިސްރާބު ޖަހާފައިވަނީ އެކުންފުނީގެ ޑިވައިސްތަކަށް ތީމްސް ތާރަފްކުރުމާ ދިމާލަށެވެ. އައިއޯއެސްގައި މިހާރުވެސް ލައިޓް އަދި ޑާކް ތީމް ހިޔާރުކުރެވެން ހުރެއެވެ. ނަމަވެސް މި ތީމްތަކާއި ލޮކް ސްކްރީން، ހޯމް ސްކްރީން އަދި ފޯކަސް މޯޑާއިއެއްވެސް ގުޅުމެއް ނުހުރެއެވެ.
އެންޑްރޮއިޑް 12 އާއެކު ޕާސަނަލައިޒޭޝަން އަދި ކަސްޓަމައިޒޭޝަން ނުވަތަ ޑިވައިސް ގެންގުޅޭ ފަރާތްތަކުން ބޭނުންވާ ބަދަލުތައް ގެނެވޭ ފީޗާ ތާރާފްކުރިއިރު އެންޑްރޮއިޑްގެ އާންމު އުސޫލުން އެއޮޕަރޭޓިން ސިސްޓަމް ބޭނުންކުރާ ފަރާތްތަކުން ގެންނަން ބޭނުންހާ ބަދަލެއް ގެނެވޭގޮތަށް އެފީޗާތައް ވަނީ ފަރުމާކުރެވިފައިއެވެ. ނަމަވެސް އެޕަލްއިން ދުވަހަކުވެސް އެކުންފުނީގެ ޑިވައިސްތައް ގެންގުޅޭ ފަރާތްތަކަށް މިފަދަ ބާރެއް ދޭނެކަމަކަށް ނުބެލެވެއެވެ. މީގެ ބަދަލުގައި އެކުންފުނީގެ ޑިވައިސްތަކަށް ލިބިގެންދާނީ އެކުންފުނިން ތައްޔާރުކޮށްފައިވާ ހާއްސަ ތީމްތަކެއް އެކަންޏެވެ.
އައިއޯއެސް 16 ގެ ލޮކް ސްކްރީނަށް ބަލާލުމުން އެނގެނީ ކަސްޓަމަރުން ބޭނުންވާ ކަންކަން އެޕަލްއަށް އަޑުއިވި އެކަންތައްތަކަށް ކޮންމެވެސް ވަރަކަށް ބޯލަބައިފިކަމެވެ. ނަމަވެސް މީގެއިން އިތުރަށް ދޭހަވަނީ އެންޑްރޮއިޑްއިން ދީފައިވާ މިނިވަންކަމަށް ކަސްޓަމަރުންނަށް ދޭން އެކުންފުނިން އެއްގޮތަކަށްވެސް ބޭނުންނުވާކަމެވެ. މިއާ ހިލާފަށް އެކުންފުނިން ކުރިއަށްދާނީ އާންމު އުސޫލުން އެޕަލްއިން ކަންކުރާ އެކުންފުނީގެ އަމިއްލަވަންތަ ގޮތަށެވެ.
އެހެންކަމުން އައިއޯއެސް 16 އާއި އެންޑްރޮއިޑްއާއި ވަށްތަރުގޮތްތަކެއް ހުއްޓަސް މިއީ އެންޑްރޮއިޑްއިން ލިބިދޭ ފުރިހަމަ މިނިވަންކަން ލިބިދޭ އޯއެސްއެއް ނޫނެވެ. އެއާއި ހިލާފަށް އެޕަލްއިން ދަނީ އެކުންފުނީގެ ޑިވައިސްތައް ބޭނުންކުރާ ފަރާތްތަކަށް ހާއްސަކޮށް ތީމްތަކެއް ފަރުމާކޮށް މިތީމްތައް މެދުވެރިކޮށް އެމީހުން ބޭނުންވާ ބަދަލުތަކެއް އެކުންފުނީގެ ޑިވައިސްތަކަށް ގެނެވޭނެގޮތް ތައާރަފްކުރުމަށް މަސައްކަތްކުރަމުންނެވެ. އެހެންކަމުން އައިއޯއެސް އަށް އަންނަ އިތުރު އަޕްޑޭޓްތަކާއެކު މިހާރަށްވުރެ ބޮޑަށް އެޕަލްގެ ޑިވައިސްތައް ކަސްޓަމައިޒްކޮށްލެވޭނެކަމަށް ބެލެވެއެވެ.
މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި