ސެމްސަންގްއިން ހާމަކޮށްފައިވާ ގޮތުގައި އެކުންފުނީގެ އެންމެ ފަހުގެ ސްމާޓް ޓީވީތަކަށާއި މޮނީޓަރުތައް މެދުވެރިކޮށް ގޭމްކުޅުމަށް މިހާރަށްވުރެ ފުރިހަމަ މާހައުލެއް ގާއިމުކުރުމުގެ މަސައްކަތް އެކުންފުނިން ދަނީ ކުރަމުންނެވެ. އެގޮތުން މިހާރަށްވުރެ ފުރިހަމަކޮށް ގޭމްކުޅުމުގެ ތަޖުރިބާ ކަސްޓަމަރުންނަށް ދިނުމަށް އެކުންފުނީގެ މި އުފެއްދުންތަކަށް ސެމްސަންގް ގޭމިން ހަބް ތާރަފްކުރުމަށް އެކުންފުނިން ވަނީ ނިންމާފައިއެވެ.
މީގެ ސަބަބުން މި ޓީވީތަކުން ސެމްސަންގް ގޭމިން ހަބްއިން ލިބެންހުރި އެތަކެއް ހިދުމަތްތަކެއް ބޭނުންކުރުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ. މީގެތެރޭގައި އެކްސްބޮކްސް، އެންވީޑިއާ ޖީފޯސް ނައު، ގޫގަލް ސްޓޭޑިއާ، ޔޫޓިއުބް އަދި ސްޕޮޓޮފައި ހިމެނެއެވެ. މީގެއިތުރުން ސެމްސަންގް ގޭމިން ހަބްއަށް މިހާރުވަނީ ޓްވިޗްވެސް އިތުރުކުރެވިފައިއެވެ. އަދި ވަރަށް އަވަހަށް އެމޭޒަން ލޫނާގެ ހިދުމަތްވެސް މި ހަބްއިން ލިބިގެންދާނެއެވެ.
ސެމްސަންގްއިން މިހާރު ނިންމާފައިވަނީ އެކުންފުނީގެ 2022 ނިއޯ ކިއުލެޑް 8ކޭ، ނިއޯ ކިއުލެޑް 4ކޭ، އަދި 2022 ސްމާޓް މޮނީޓާ ސީރީޒްގެ އުފެއްދުންތަކަށް އެކުންފުނީގެ ގޭމިން ހަބްގެ ހިދުމަތް ތައާރަފްކުރުމަށެވެ.
ޓްވިޗްގެ ޓީވީ އެޕްލިކޭޝަން 2019 ވަނަ އަހަރު ވަނީ ސެމްސަންގް ސްމާޓް ޓީވީތަކުން ނަގާފައިއެވެ. އެހެންކަމުން މިހާރު ސެމްސަން ގޭމިން ހަބާއެކު މިއީ ޓްވިޗް ސެމްސަންގެ އުފެއްދުންތަކުގައި ރަސްމީކޮށް ލިބިގެންދާނެ ފުރަތަމަ ފަހަރެވެ. މީގެ އިތުރުން އެމޭޒަން ލޫނާ އާއި ސެމްސަންގްއިން ހަދާފައިވާ އެއްބަސްވުމުގެ ސަބަބުން މި މަންސަ ބޭނުންކުރާ ފަރާތްތަކުގެ އަދަދު އިތުރުވުމަކީ އެކަށީގެންވާކަމެކެވެ. އެމޭޒަންއިން ކްލައުޑް ގޭމިންއަށް ހާއްސަކޮށް ތާރަފްކޮށްފައިވާ މިހިދުމަތް ދަނީ ފަޔާ ޓީވީ މެދުވެރިކޮށް މާޗް މަހުން ފެށިގެން ލިބެމުންނެވެ.
ސެމްސަންގް ގޭމިން ހަބާއެކު ލިބިގެންދާ އެންމެ މުހިންމު އެއް އެޕްލިކޭޝަނަކީ މައިކްރޯސޮފްޓްގެ އެކްސްބޮކްސް ޓީވީ އެޕްލިކޭޝަނެވެ. މިވަގުތު މިއެޕްލިކޭޝަން ޓީވީތަކަށް ލިބިގެންދާނީ ހަމައެކަނި މި ގޭމިން ހަބް މެދުވެރިކޮށެވެ.
2022 ވަނަ އަހަރުގެ ކޮންސިއުމަރ އިލެކްޓްރޯނިކްސް ޝޯވގެ ތެރެއިން އިޢުލާންކުރި ސެމްސަންގް ގޭމިން ހަބްގެ ސަބަބުން ކަސްޓަމަރުންނަށް ކޮމްޕިއުޓަރެއް ނުވަތަ ގޭމް ކޮންސޯލްއެއް ނެތި އެމީހުންގެ ސްމާޓް ޓީވީ މެދުވެރިކޮށް ކްލައުޑް ގޭމިންގެ ގިނަ ހިދުމަތްތައް ހޯދޭނެ މަގުވަނީ ފަހިވެފައިއެވެ.
ސްމާޓް ޓީވީތަކަކީ ގޭމްކުޅުމަށް މިހާރު ބޭނުންކުރާ ހާޑްވެއާގެ ބަދަލުގައި ބޭނުންކުރުމަށް އެކަށޭނެ އެއްޗެއްގެ ގޮތުގައި މިހާރުވަނީ ދެކެވެން ފަށާފައިއެވެ. މީގެ ސަބަބުން ސެމްސަންގްއިން ގަބޫލުކުރާ ގޮތުގައި ކްލައުޑް ބޭސްޑް ގޭމް އަދި ކޮންސޯލް ގޭމްތައް އެއްތަނަކުން ފަސޭހަކަމާއެކު ލިބޭނެ މަގުފަހިވުމުން ގިނަ ބަޔަކު އެހިދުމަތެއް ހިޔާރުކުރާނެއެވެ.
އެގޮތުން އެކުންފުނީގެ ރައީސް އަދި ހެޑް އޮފް ސާވިސް ބިޒްނަސް ޓީމް ހާމަކޮށްފައިވާ ގޮތުގައި ސެމްސަންގ ގޭމިން ހަބަކީ އެކުންފުނިން ސްޓްރީމިން ޓެކްނިލޮޖީގައި ހޯދާފައިވާ ކުރިއެރުން އެކުންފުންޏަށް ހާޑްވެއާ އުފެއްދުމުގައި ލިބިފައިވާ ތަޖްރިބާއާ ގުޅުވާލަދީ ކަސްޓަމަރުންނަށް އެއްވެސް ހުރަހަކާނުލައި ގޭމްކުޅުމުގެ ތަޖްރިބާ ހޯދައިދޭނެ ހިދުމަތެކެވެ. މީގެ އިތުރުން އެކި އެއްބަސްވުންތަކުގެ ސަބަބުން ގޭމްކުޅޭ ފަރާތްތަކަށް ފަސޭހަކަމާއެކު މި ހިދުމަތް ބޭނުންކޮށްގެން ކޮންމެ ގޭމިން މަންސައެއްގެ ގޭމްތަށްވެސް ހޯދާލެވޭނެކަމަށް އޭނާ ވަނީ ހާމަކޮށްފައިއެވެ.
މީގެ އިތުރުން ފާހަނގަކޮށްލަންޖެހޭ އަނެއްކަމަކީ ސެމްސަންގްގެ ޓީވީތަކުގައި މިހާރު ގޭމްކުޅޭ ފަރާތްތަކުން ގެންގުޅޭ އެކި ކޮންސޯލްތަކުގެ ބްލޫޓޫތް ޑިވައިސްތަކާއި ކޮންޓްރޯލާތައް ބޭނުންކޮށްލެވޭނެކަމެވެ. އެގޮތުން ސެމްސަންގްގެ ޕާސްތްރޫ ކޮންޓްރޯލާ ސަޕޯޓް އިންޕުޓް މެދުވެރިކޮށް އެކި ކޮންސޯލްތަކުގެ ކޮންޓްރޯލާތައް ވަކިވަކި ޑިވައިސްތަކުގެ ގޮތުގައި ޕެއާނުކޮށް ބޭނުންކޮށްލެވޭނެއެވެ.
މީގެ އިތުރުން އެހެނިހެން ގޭމް ކޮންސޯލްތަކުގައި ލިބޭގޮތަށް ސެމްސަންގް ގޭމިން ހަބް މެދުވެރިކޮށްވެސް ގޭމްކުޅޭ ފަރާތްތަކަށް ގޭމް ރެކޮމެންޑޭޝަންތަކާއި، ގޭމިން ހަބަރު އަދި ޓިއުޓޯރިއަލްތައް ލިބިގެންދާނެއެވެ.
މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި