ޔޫކްރޭނުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅޭ މަނާ މައުލޫމާތުތައް ޑިލީޓް ނުކުރުމުން، އެމެރިކާގެ ސަރޗް ޖަޔަންޓް ގޫގުލް އިން ހޯމަ ދުވަހު 21 ބިލިއަން ރޫބަލް (366 މިލިއަން ޑޮލަރު) އިން ޖޫރިމަނާކޮށްފި ކަމަށް އާރުއައިއޭ ނޮވޮސްޓީ އިން ބުނެފި އެވެ.
ރަޝިޔާގެ ގާނޫނުން މަނާކޮށްފައިވާ މައުލޫމާތުތައް ޑިލީޓް ކުރަން ތަކުރާރުކޮށް ދެކޮޅު ހެދުމުން މޮސްކޯގެ ޓަގަންސްކީ ޑިސްޓްރިކްޓް ކޯޓުން ވަނީ އައިޓީ ކުންފުނިން ޓާނަވަރ އަށް ބިނާކޮށް ޖޫރިމަނާކޮށްފަ އެވެ.
ގައުމީ އިންޓަނެޓާއި މީޑިއާ ވޮޗްޑޮގް ރޮސްކޮމްނާޑްޒޯރ އިން ކުރިން ވަނީ ޔޫކްރޭނަށް ރަޝިޔާއިން ދިން އަސްކަރީ ހަމަލާއާ ގުޅޭ ހުރިހާ ދޮގުޚަބަރުތަކާއި، ވީޑިއޯތައް ޔޫޓިއުބުން ނައްތާލުމަށް އެ ކުންފުނިން ލާޒިމްކޮށްފަ އެވެ.
އެ ކޯޓުގެ ހުކުމުގެ ކުރިން ރޮސްކޮމްނާޑްޒޯރ އިން ގޫގުލް އަށް ރަޝިޔާގެ ގާނޫނަށް އަމަލުކުރަން ޖެހޭ 17 އަމުރެއް ފޮނުވި ނަމަވެސް ޓެކް ޖަޔަންޓް އިން ވަނީ އެއަށް އަމަލު ނުކޮށްފަ އެވެ.
ބޭރުގެ ޕްލެޓްފޯމްތަކުން ގައުމީ ގާނޫނުތަކާ ހިލާފު އޮންލައިން ކޮންޓެންޓް ފެތުރުމާމެދު ރަޝިޔާއިން ގިނަ ދުވަސްތަކެއް ވަންދެން އައީ ފާޑުކިޔަމުން ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.
މިދިޔަ ޑިސެމްބަރު މަހު ސިލިކަން ވެލީގެ ފަރުމާއަށް 7.2 ބިލިއަން ރޫބަލް (ގާތްގަނޑަކަށް 98.1 މިލިއަން ޑޮލަރު) އިން ޖޫރިމަނާ ކުރި އިރު، އެއީ ރަޝިޔާގައި އައިޓީ ކުންފުންޏެއް އާމްދަނީއާ ގުޅުން ހުރި ޖޫރިމަނާއަކުން ޖޫރިމަނާ ކުރި ފުރަތަމަ ފަހަރެވެ .
ޖޫން މަހުގެ ފަހުކޮޅު ރޮސްކޮމްނާޑްޒޯރ އިން ވަނީ ޔޫޓިއުބުން މަދުވެގެން 7،000 "ގާނޫނާ ހިލާފު ތަކެތި" ޑިލީޓްކޮށްފައި ނުވާ ކަމަށް ބުނެ ގޫގުލް އިން ތަކުރާރުކޮށް މަނާ ތަކެތި ނައްތާލުމުގައި ދެކޮޅު ހަދާފައިވާކަމަށް ބުނާ ރިޕޯޓެއް ޢާއްމު ކޮށްފަ އެވެ.
އޭރު ވޮޗްޑޯގް އިން ތުހުމަތު ކުރި ގޮތުގައި އައިޓީ ބިޔަ ކުންފުނިން ޔޫކްރެއިންގެ މައްސަލައާ ބެހޭ ގޮތުން ދޮގު މައުލޫމާތު ޕްރޮމޯޓްކޮށް، ހަރުކަށި ފިކުރަށް ތާއީދުކުރާ އަދި ކުޑަކުދިންނަށް ހުއްދަ ނެތި ބޮޑެތި މުޒާހަރާތަކުގައި ބައިވެރިވުމަށް ހިތްވަރުދޭ މެޓީރިއަލް ހޯސްޓް ކުރި އެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.