އެމެރިކާގެ ހުރިހާ ސްކޫލްތަކެއްގައި ކޮމްޕިޔުޓަރ ސައިންސް ކިޔަވައިދިނުމަށް ގޮވާލައިފިއެވެ.
މިކަމަށް އިލްތިމާސްކޮށް އެމެރިކާގެ ސްޓޭޓް ގަވަރނަރުންނަށާއި ތައުލީމީ އިދާރާތަކުގެ ލީޑަރުންނަށް އަމާޒުކޮށް ލިޔެފައިވާ ހުޅުވާލެވިފައިވާ ސިޓީއެއްގައި ގޫގުލް، އެމެޒަން، އެޕަލް، މެޓާ، މައިކްރޮސޮފްޓް ހިމެނޭގޮތަށް 500 އަށް ވުރެ ގިނަ ކުންފުނިތަކާއި، މަދަނީ ޖަމްއިއްޔާތަކާއި ޔުނިވަރސިޓީގެ ލީޑަރުންވަނީ ސޮއިކޮށްފައެވެ.
މިސިޓީގައި ގޮވާލާފައިވަނީ ކިންޑަރގާޓްންއިން ފެށިގެން ގްރޭޑް 12 (އުމުރުން 5 އަހަރާއި 18 އަހަރު)ގެ ހުރިހާ ދަރިވަރުންނަށް ކޮމްޕިޔުޓަރ ސައިންސް ތަޢާރަފްކުރުމުގެ މުހިއްމު ކަމުގެ މައްޗަށެވެ. ޕްރައިމަރީ އަދި މިޑްލް ސްކޫލުން ފެށިގެން ހައި ސްކޫލާ ހަމައަށް ވެސް ކުދިންނަށް ކޯޑް ކުރަން ދަސްކުރުމުގެ ފުރުސަތު ދޭން ޖެހޭ ކަމަށް ކޯޑް.އޯގްގެ ސީއީއޯ ހާދީ ޕާރްޓޯވީ ބުނެފައިވެއެވެ. މިކަމަށް ގޮވާލާ މިމަސައްކަތުގައި އެންމެ އިސްކޮށް ހަރަކާތްތެރިވަނީ ހާދީ ޕާރްޓޯވީއެވެ.
ސިޓީގައިވާ ގޮތުން ދުނިޔޭގައި މިހާރު މަސައްކަތް ކުރަމުންދާ ކޮންމެ ސިނާއަތަކަށްވެސް ދަނީ ޑިޖިޓަލް ޓެކްނޮލޮޖީގެ އަސަރު ފޯރަމުންނެވެ. ހުރިހާ އިންޑަސްޓްރީތަކެއްގައި ވެސް ޑިޖިޓަލް ޓެކްނޮލޮޖީ ބޭނުންކުރެއެވެ. އެހެން ނަމަވެސް އަދިވެސް ޓެކްނޮލޮޖީ މަސައްކަތް ކުރާ ގޮތް ދަސްކުރުމުގެ ފުރުސަތު ހުރިހާ ދަރިވަރުންނަކަށް ނުލިބެއެވެ. "ކޮމްޕިޔުޓަރ ސައިންސްއަކީ މިޒަމާނުގައި ބަޔޮލޮޖީ އަދި އަލްޖެބްރާ ފަދަ ހުރިހާ ދަރިވަރުންނަށް ވެސް އެނގެންޖެހޭ އަސާސީ މާއްދާއަކަށް ވާންޖެހެއެވެ." ޕާރްޓޯވީ ބުނެފައިވެއެވެ.
މިބަދަލަކީ އެމެރިކާއަށް މުސްތަގުބަލުގައި އެތަށް ކުރިއެރުމަކާއި ފުރުސަތުތަކެއް އިތުރުކޮށްދޭނެ ބަދަލެއްކަމަށާއި، އަދި މިބަދަލު ގެންނަންޖެހޭ ވަގުތަކީ މިހާރުކަމަށް ސިޓީގައި ބުނެފައިވެއެވެ.
ކޮވިޑް 19ގެ ބަލިމަޑުކަމުގައި ސްކޫލްތައް ބަންދުކޮށް، ސްކޫލްތަކުގެ ދަރިވަރިން ކިޔަވާ ގޮތް ވަނީ މުޅިން ބަދަލުކޮށްލާފައެވެ. ކްލާސްރޫމްތަކުގެ ބަދަލުގައި ކޮމްޕިޔުޓަރެއް، ލެޕްޓޮޕެއް ނުވަތަ ޓެބްލެޓެއް ބޭނުންކޮށްގެން ކުރިއަށް ގެންދިޔައީ އޮންލައިން ކްލާސްތަކެވެ. މިހާރު އެކުދިން އެނބުރި އަނެއްކާ ކްލާސްރޫމަށް އަންނަމުން ދާއިރު، ކުރިން ބޭނުންކުރި ޑިވައިސްތައް ބޭނުންކޮށްގެން ކޮމްޕިއުޓަރ ސައިންސް ކްލާސްތަކުގައި ބައިވެރިވެ، މިމާއްދާ ދަސްކުރުން މުހިއްމުވެއެވެ.
ކޯޑް.އޯގްގެ ޗީފް އެކަޑެމިކް އޮފިސަރ ޕެޓް ޔޮންގްޕްރެޑިޓް ބުނާގޮތުގައި މީގެ މާނައަކީ އެންމެ ދަށް ގްރޭޑްތަކުގެ ދަރިވަރުންނަށް ކޯޑިން ލެންގުއޭޖްތައް ދަސްކޮށްދިނުމެއް ނޫންކަމަށެވެ. އޭގެ ބަދަލުގައި ފަށައިގަންނަ ލެވެލްގެ އެންމެ ކުޑަ ކުދިންނަށް މައްސަލަތައް ހައްލުކުރުމުގެ ވިސްނުން އަށަގެންނެވުމަށް އެކިއެކި ފިލާވަޅުތައް ނެގިދާނެކަމަށެވެ. އަދި އެކިއެކި ކަންކަން ކުރުމަށް ކޮމްޕިއުޓަރަށް އިރުޝާދުދޭ ގޮތް ވިސްނައިދިނުމަށް އެހީތެރިވެދޭނެ ފަސޭހަ ފިލާވަޅުތަކުން ފެށިދާނެ ކަމަށެވެ.
ޖާވާ، ޖާވާސްކްރިޕްޓް، އަދި ޕައިތަން އަކީ މިހާރު ކޮލެޖުތަކުގައި ކިޔަވައިދޭ އެންމެ މަގުބޫލު ބައެއް ޕްރޮގްރާމިން ލެންގުއޭޖްތަކެވެ. އެހެންނަމަވެސް ކޯޑް.އޯގް ފަދަ ޕްލެޓްފޯމްތަކުގައި ބޭނުންކުރަނީ ބްލޮކް ކޯޑިންގ އެވެ. ބްލޮކް ކޯޑިންއަކީ ޕަޒްލްއެއްގެ ބައިތަކެއް ނުވަތަ ލެގޯ ބްލޮކްސް ފަދައިން، އެކަތި އަނެކައްޗާއި ގުޅުވާލެވޭ ފަދަ ވަރަށް ފަސޭހައިން ކުދިންނަށް ކޯޑިންގ ކޮންސެޕްޓްތައް ނަގައިގަނެވޭ ޕްރޮގްރާމިންގގެ ބާވަތެކެވެ. ބްލޮކް ކޯޑިންވެސް ބިނާވެފައިވަނީ ހަމަ އެހެނިހެން ކޯޑިން ލެންގުއޭޖްތަކުގެ މައްޗަށެވެ. މިބާވަތް ބޭނުންކޮށްގެން ދަސްކުރުމުން ޕްރޮފެޝަނަލް ޕްރޮގްރާމިން ލެންގުއޭޖްތަކަށް ބަދަލުކުރަން ބޭނުންވުމުން ފަސޭހައިން ބަދަލުކޮށްލެވެއެވެ.
ކޮމްޕިޔުޓަރ ސައިންސް އަކީ މިހާރުގެ ދުނިޔެ އިތުރަށް ތަރައްގީކުރުމަށް ބޭނުންކުރެވިދާނެ މުހިއްމު ޓޫލްއެކެވެ. މިކަމަށްޓަކައި ސްކޫލް ދަރިވަރުން، އެކުދިން ޝައުގުވެރިވާ ކޮންމެ ދާއިރާއަކާއި ގުޅުވައިގެންވެސް މިޓޫލް ބޭނުންކުރެވިދާނެއެވެ. ކޮންމެ ދާއިރާއެއްގެވެސް ހައްލުކުރަން އުނދަގޫ މައްސަލަތައް ހައްލުކުރުމަށް ކޮމްޕިޔުޓަރ ސައިންސްގެ އެހީ ހޯދިދާނެއެވެ. ބޮޑެތި މައްސަލަތައް ކުޑަކުރުމަށާއި، އާންމުކޮށް ދިމާވާ އެއްކަހަލަ މައްސަލައެއްގެ ހައްލުން އަނެއް މައްސަލަ ހައްލު ކުރުމަށް ކޮމްޕިޔުޓަރ ސައިންސުން އިތުރު ބާރެއް ލިބެއެވެ.
"ސީއީއޯސް ފޯރ ސީއެސް"ގެ ނަމުގައިވާ ވެބްސައިޓެއްގައި ހުޅުވާލެވިފައިވާ މިސިޓީގައި ބުނާގޮތުން އެމެރިކާއަކީ ދުނިޔޭގެ ޓެކްނޮލޮޖީ ލީޑްކުރާ އެއް ގައުމު ކަމުގައިވި ނަމަވެސް އެގައުމުގެ ހައިސްކޫލްގެ ދަރިވަރުންގެ ތެރެއިން ކޮމްޕިޔުޓަރ ސައިންސް ކިޔަވަނީ އެންމެ %5 އެވެ. ޕަރސަނަލް ކޮމްޕިޔުޓަރ، އިންޓަރނެޓް އަދި ސްމާޓް ފޯނު އުފެދިގެން އައި ގައުމުގައި މިޒަމާނުގައި މިއަދަދުތަކަކީ ބަލައިގަނެވޭނެ އަދަދުތަކެއް ނޫންކަމަށްވެސް އެސިޓީގައި ބުނެފައިވެއެވެ.
އަންނަން އޮތް ޖީލުތަކަށް ކޮމްޕިޔުޓަރ ސައިންސް އުނގަންނައިދީ، މުސްތަގުބަލަށް އެކުދިން ތައްޔާރުކުރުމަކީ މިއަދުގެ ލީޑަރުންގެ ޒިންމާކަމަށާއި މިކަމުގައި ބައިވެރިވުމަށް އެންމެނަށް ގޮވާލާފައިވެއެވެ.
އެއްވެސް ޝައްކެއް ނެތް ގޮތުގައި މުސްތަގްބަލުގައި ކޮމްޕިޔުޓަރާއި މެޝިންތަކަކީ އެޔާ ނުލާ ދުނިޔެ ނުހިގާނެ ތަކެއްޗެވެ. މުސްތަގްބަލުގެ ޖީލުތަކުގެ ކުދިންނަށް މިފަދަ ޑިޖިޓަލް ދުނިޔެއެއްގައި ލިބެންޖެހޭނެ އެންމެ މުހިއްމު އެއް ހުނަރަކީ ކޮމްޕިޔުޓަރ ސައިންސްގެ ހުނަރެވެ. މިއީ ކޮމްޕިޔުޓަރ ޕްރޮގްރާމިންގ ދަސްކުރަންވީ މުހިއްމު އެއް ސަބަބެކެވެ.
ކޮމްޕިޔުޓަރ ސައިންސް ދަސްކުރުމުގެ ބޭނުމަކީ ހަމައެކަނީ ޓެކްނޮލޮޖީ އުފެއްދުމެއް ނޫނެވެ. މުސްތަގުބަލުގެ ޑިޖިޓަލް ދުނިޔެއެއްގައި އުޅޭނޭ ބަޔަކަށް ޑިޖިޓަލް ޓެކްނޮލޮޖީ ވިސްނުންތެރިކަމާއެކު ބޭނުންކުރަން އެނގުމަކީ ވެސް މިކަން ދަސްކުރުމުގެ އިތުރު ބޭނުމެކެވެ. ކޮމްޕިޔުޓަރ ސައިންސް ކިޔަވައިގެން ހުރިހާ ދަރިވަރުން ކޮމްޕިޔުޓަރ ސައިންޓިސްޓުންނަށް ނުވިނަމަވެސް، ދިމާވާ ބޮޑެތި މައްސަލަތަކަށް ހައްލު ހޯދުމަށް އޭގެން ދަސްކުރެވޭ ހުނަރު އެޕްލައި ކުރެވޭނެއެވެ.
އެމެރިކާގެ ގައުމީ މަންހަޖުގައި ކޮމްޕިޔުޓަރ ސައިންސް ހިމަނައިފިނަމަ، މާލީގޮތުން މިހާރު ޓެކްނޮލޮޖީގެ މައްދާތައް ކިޔެވުމަށް ނުކުޅެދިފައިވާ ފަންތީގެ ދަރިވަރުންނަށްވެސް އެކަން ތައާރަފްކުރެވިގެންދާނެއެވެ. މިއީ ވެސް މި އިނީޝިއޭޓިވް އިން ލިބިދޭނެ މުހިއްމު ފައިދާއެއްކަމަށް މިސިޓީގައި ބަޔާންކޮށްފައިވެއެވެ.
މިކަމުން އެގައުމުގެ އިގްތިސާދު ކުރިއެރުވުމަށް އެހީތެރިވުމުގެ އިތުރުންވެސް އެތަށް ފައިދާއެއް ލިބޭނެކަމަށް ސިޓީގައި ދަލީލުކޮށްފައިވެއެވެ. ދިރާސާތަކުން ދައްކާގޮތުން އެމެރިކާގައި އެކަނިވެސް ކޮމްޕިޔުޓަރ ސައިންސްގެ އެކި ދާއިރާއިން އަހަރަކު 700،000 ވަޒީފާ އުފެދެއެވެ. އެހެން ނަމަވެސް މިދާއިރާއިން ކިޔަވައިގެން ގްރެޖުއޭޓް ވަނީ އަހަރަކު އެންމެ 80،000 ވަރަކަށް މީހުންނެވެ. މިމަގާމުތައް ފުރަން މިހާރު ޖެހެނީ އެހެން ގައުމުތަކުން ކޮމްޕިޔުޓަރ ސައިންސް ދާއިރާއިން ހުނަރު ލިބިފައިވާ މީހުން ހޯދައިގެންނެވެ. އެމެރިކާއިން ގިނަ ބަޔަކަށް މިހުނަރު ހޯދާ ދެވިއްޖެނަމަ އެކަމުގެ ސަބަބުން އެގައުމުގެ ވަޒީފާތަކަށް ވާދަވެރިކޮށް މީހުން އިތުރުކުރެވުންވެސް އެއީ ލިބޭނޭ ފައިދާއެއްކަމަށް ސިޓީގައި ބަޔާކޮށްފައިވެއެވެ.
އަދި އިތުރުވަމުންދާ ސައިބަރ ހަމަލާތަކާއި ކުރިމަތިލެވޭނެ ބަޔަކު ގައުމުގައި އުފެދިގެން ދިޔުމަކީ ސަރުކާރަށާއި ވިޔަފާރިތަކަށް ލިބިގެންދާނެ ބާރެކެވެ.
މިސިޓީގައި ސޮއި ކޮށްފައިވާ ސީއީއޯތައް އެއްބަސްވެފައިވަނީ ކޮމްޕިޔުޓަރ ސައިންސް ދާއިރާގެ ވަޒީފާތައް އެމެރިކާގެ ހުރިހާ ސްޓޭޓެއްގައި އުފެއްދުމަށް އެއްބާރުލުން ދޭނެކަމަށެވެ. ބޭންކިންގ އިން ފެށިގެން، ދަޑުވެރިކަމާއި ސިއްހީ ދާއިރާ ފަދަ ހުރިހާ ދާއިރާތަކެއް ހިމެނޭ ގޮތަށް ވަޒީފާއާއި ކިޔެވުމުގެ ފުރުސަތު އިތުރުކުރުމަށް އެއްބަސްވެފައިވެއެވެ. މިކަމުގައި އަދި ވަކިން ހާއްސަކޮށް މިހާރު ޚިދުމަތް ނުލިބޭ ފަންތީގެ މުޖުތަމަޢުތަކަށް ވަކި ބައެއް ހާއްސަ ކުރެވިގެންދާނެކަމަށް ވެސް ވެއެވެ.
އެމެރިކާގެ ހުރިހާ ދަރިވަރުންނަށްޓަކައި އަދި އިޤްތިޞާދަށްޓަކައި، އަދި ގައުމަށްޓަކައި، ސްކޫލް މަންހަޖުގައި ކޮމްޕިޔުޓަރ ސައިންސް ހިމަނާ އަޕްޑޭޓްކުރުމަށާއި، އަދި ކޮންމެ ސްކޫލެއްގެ ކޮންމެ ދަރިވަރަކަށް ކޮމްޕިޔުޓަރ ސައިންސް އުނގަންނައި ދިނުމަށް ކުރެވޭ މަސައްކަތުގައި 50 ސްޓޭޓްގެ ލީޑަރުންވެސް ބައިވެރިވުމަށް ސިޓީ ނިންމާލަމުން އިލްތިމާސްކޮށް ގޮވާލާފައިވެއެވެ.
މި ސިޓީގައި ގޮވާލި ގޮވާލުމަށް އިޖާބަދީ އެމެރިކާގެ ނޭޝަނަލް ގަވަރނަރސް އެސޯއިއޭޝަނުން ވަނީ 14 ޖުލައި 2022ގައި "ކޮމްޕެކްޓް ޓު އެކްސްޕޭންޑް K-12 ކޮމްޕިއުޓަރ ސައިންސް އެޑިއުކޭޝަން"ގެ ނަމުގައި ހުރިހާ ސްޓޭޓްތަކުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މިއެއްބަސްވުމުގައި ގެނެސްފައިވާ މައިގަނޑު ބައިތަކަކީ،
(1) ކޮމްޕިޔުޓަރ ސައިންސް ކިޔަވާދޭ ސްކޫލްތަކުގެ އަދަދު އިތުރުކުރުން
(2) ކޮމްޕިޔުޓަރ ސައިންސް ކިޔަވާދިނުމަށް ކުރެވޭ ފަންޑިންގ އިތުރުކުރުން
(3) މަތީ ސާނަވީ ތައުލީމަށް ފަހު ކުރިއަށް ދެވޭނެ ކޮމްޕިޔުޓަރ ސައިންސް ދާއިރާގެ ވަޒީފާގެ ފުރުސަތު އުފެއްދުން
(4) އާންމުކޮށް ފުރުސަތު ނުލިބޭ ފެންވަރުގެ ދަރިވަރުންނަށް ކޮމްޕިޔުޓަރ ސައިންސްގެ ފުރުސަތު އިތުރުކުރުން
މިއެއްބަސްވުމުގައި ބައިވެރިވާކަމަށް އިއުލާނުކޮށް ގިނަ ސްޓޭޓްތަކުގެ ގަވަރުނަރުން ވަނީ ޓްވީޓްވެސް ކޮށްފައެވެ.
ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް