އެމެރިކާގެ އިންޓަނެޓް ސްޕީޑްގެ ސްޓެންޑާޑުތައް މަތިކުރުމަށް ހުށަހެޅުމަށް އެގައުމުގެ ފެޑެރަލް ކޮމިއުނިކޭޝަންސް ކޮމިޝަނުގެ ޗެއާވުމަން ޖެސިކާ ރޯސެންވޯސެލް ނިންމައިފިއެވެ. އެގޮތުން އޭނާ ނިންމާފައިވަނީ ޑައުންލޯޑް ސްޕީޑް ސިކުންތަކު 25 އެމްބީ އިން ސިކުންތަކު 100 އެމްބީ އަށް އިންޓަނެޓްގެ ދުވެލި ހަލުވިކުށޮށް އަޕްލޯޑް ސްޕީޑް ސިކުންތަކު 3 އިން ސިކުންތަކު 20 އެމްބީ އަށް މަތިކުރުމަށެވެ. މީގެ އިތުރުން އޭނާ ހުށަހަޅާފައިވާ ބަދަލުތަކުގެ ތެރޭގައި މުސްތަގްބަލުގައި އެގައުމުގެ އިންޓަނެޓް ސްޕީޑް 1 ޖީބީޕީއެސް/500 އެމްބީޕީއެސް އަށް މަތިކުރުންވެސް ހިމެނޭކަމަށް ފެޑެރަލް ކޮމިއުނިކޭޝަންސް ކޮމިޝަނުން ވަނީ ހާމަކޮށްފައިއެވެ.
މިހާރު އެމެރިކާގައި ބޭނުންކުރާ 25/3 އެމްބީޕީއެސްގެ ސްޓޭންޑަޑަކީ ޖެނުއަރީ 2015 ގައި ބޭނުންކުރަން ފެށި ސްޓެންޑާޑްއެކެވެ. އެއަށްފަހު 2021 ވަނަ އަހަރު ފެޑެރަލް ކޮމިއުނިކޭޝަންސް ކޮމިޝަނުން ވަނީ މި ސްޕީޑްތަކަކީ ގޭގޭގައި ބޭނުންކުރުމަށް އަދިވެސް އެންމެ އެކަށޭނެ ސްޕީޑްތަކެއް ކަމަށް ނިންމާފައިއެވެ.
ރޯސެންވޯސެލް ހާމަކޮށްފައިވާ ގޮތުގައި ދުނިޔެއަށް ކުރިމަތިވި ޕެންޑަމިކްއާ ގުޅިގެން އިންޓަނެޓް ބޭނުންކުރާ މިންވަރު އިތުރުވުމާ ގުޅިގެން އެކޮމިޝަނުން ކުރިން ނިންމާފައިވާ ގޮތަށް އިންޓަނެޓް ސްޕީޑް ބެހެއްޓުމަކީ އިންޓަނެޓްގެ ހިދުމަތް ބޭނުންކުރާ ފަރާތްތަކަށް މިހާރު އެންމެ އެދެވޭ ގޮތެއް ނޫނެވެ. މީގެ އިތުރުން އޭނާ ހާމަކޮށްފައިވާ ގޮތުގައި މި ސްޕީޑް ލިމިޓްގެ ސަބަބުން ދަށްފަންތީގެ އާމްދަނީ ލިބޭ ސަރަހައްދުތަކާއި ރަށްފުށު ހިސާބުތައް ވަނީ އިންޓަނެޓް ހިދުމަތުން މަހުރޫމްވެފައިއެވެ.
އޭނާގެ މި ހުށަހެޅުން ފާސްވާނީ ފެޑެރަލް ކޮމިއުނިކޭޝަން ކޮމިޝަނުގެ ބާކީ ތިބި މެމްބަރުންގެ ތާއީދު މި ހުށަހެޅުމަށް ލިބުމުންނެވެ. ނަމަވެސް މިވަގުތު އެކޮމިޝަނުގެ މަސައްކަތް އޮތީ އެގައުމެ ސެނެޓުން ރައީސް ޖޯ ބައިޑަން އެ ކޮމިޝަނަށް އައްޔަނުކުރުމަށް ފޮނުއްވާފައިވާ ފަރާތް އައްޔަންނުކުރުމުން ހުއްޓުމަކަށް އައިސްފައިއެވެ. މިވަގުތު އެކޮމިޝަނުގައި ތިބީ 2 ރިޕަބްލިކަން މެމްބަރުންނާއި 2 ޑިމޮކްރެޓުންނެވެ.
އެމެރިކާގެ ރައްޔިތުންނަށް އެންމެ ފަހުގެ ޓެލެކޮމިއުނިކޭޝަން ޓެކްނޮލޮޖީ ފޯރުކޮށްދޭކަން ކަށަވަރުކުރުމާއި އެފަދަ ޓެކްނޮލޮޖީ ވީއެންމެ އަވަހަކަށް ރައްޔިތުންނާ ހިސާބަށް ފޯރުކޮށްދިނުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުން އެމެރިކާގެ ގާނޫނުތަކުން ފެޑެރަލް ކޮމިއުނިކޭޝަންސް ކޮމިޝަނަށް ވަނީ ލާޒިމްކޮށްފައިއެވެ.
މީގެ އިތުރުން ރޯސެންވޯސެލް ވަނީ އެކޮމިޝަނުން އިންޓަނެޓް ހިދުމަތް ފޯރުކޮށްދޭ މިންވަރު ދިރާސާކުރާއިރު އިންޓަނެޓް ހިދުމަތުގެ އަގާއި އާންމުނަށް ހިދުމަތް ލިބެންހުން ފަސޭހަމިން ބެލުމަށްވެސް ހުށަހަޅާފައިއެވެ. އިންޓަނެޓް ސްޕީޑް ސްޓޭންޑާޑް މަތިކުރުމަށްފަހު މި މައުލޫމާތުތަކާއެކު ބްރޯޑްބޭންޑް ހިދުމަތް ރައްޔިތުންނަށް ލިބޭ މިންވަރު އެކޮމިޝަނުން ދިރާސާކޮށްފިނަމަ މި ހިދުމަތް ރައްޔިތުންނާ ހަމަޔަށް ވީއެންމެ އަވަހަށް ފޯރުކޮށްނުދެވޭކަން ހާމަވެގެންދާނެއެވެ. ނަމަވެސް މި ހުށެހަޅުންތައް ފާސްކުރުމަށް އެކޮމިޝަނުގައި ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވާ 3 މެމްބަރުން ތިބެން ޖެހޭނެއެވެ.
މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި