ޗައިނާގެ ޓެލެކޮމް ކުންފުނިތައް ކަމަށްވާ ވާވޭ އަދި ޒީޓީއީ އިން އުފައްދާފައިވާ ތަކެތި އެމެރިކާގެ ނެޓްވޯކްތަކުން ނެގުމަށް އިތުރު 3 ބިލިއަން ޑޮލަރު ބޭނުންވާ ކަމަށް އެމެރިކާގެ ފެޑެރަލް ކޮމިއުނިކޭޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ. އެކޮމިޝަނުން އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި ހާމަކޮށްފައިވާ ގޮތުގައި މިއާއެކު މި މަސައްކަތަށް މުޅިއަކު 4.9 ބިލިއަން ޑޮލަރު ހަރަދުވެގެންދާނެއެވެ.
އެކޮމިޝަނުގެ ޗެއާވުމަން ޖެސިކާ ރޯސެންވޯސެލް އެގައުމުގެ ސެނެޓްގެ ކޮމާސް، ސައިންސް އަދި ޓްރާންސްޕޮޓޭޝަން އާއި ބެހޭ ކޮމިޓީގެ ޗެއާ ސެނެޓާ މާރިއާ ކާންޓްވެލް އަށް ފޮނުވާފައިވާ ސިޓީއެއްގައި ހާމަކޮށްފައިވާ ގޮތުގައި ޗައިނާގެ ކުންފުނިތަކުގެ އުފެއްދުންތައް ބޭނުންކުރުން ހުއްޓާލުމުންދޭ ބަދަލެއްގެ ގޮތުގައި މުޅިއަކު 4.9 ބިލިއަން ޑޮލަރު ހޭދަވާނެއެވެ. މިއީ މި މަސައްކަތައް މިހާރު އިތުރަށް ބޭނުންވާ 3.08 ބިލިއަން ޑޮލަރު ހިމަނައިގެންނެވެ.
މި ސިޓީގައި އޭނާ އިތުރަށް ހާމަކޮށްފައިވާ ގޮތުގައި ކޮންގްރެސް އިން މި މަސައްކަތަށް ދިނުމަށް ނިންމާފައިވަނީ 1.9 ބިލިއަން ޑޮލަރެވެ. އެހެންކަމުން ކުންފުނިތަކަށް ބަދަލުގެ ގޮތުގައި ދެވޭނީ ގާތްގަނޑަކަށް 40 އިންސައްތަ ކަމަށްވެސް އޭނާ ވަނީ ހާމަކޮށްފައިއެވެ.
2019 ވަނަ އަހަރު އެމެރިކާގެ ކޮންގްރެސްއިން ވަނީ ފެޑެރަލް ސަބްސިޑީ ލިބޭ ކުންފުނިތަކަށް އެމެރިކާގެ ގައުމީ ސަލާމަތަށް ގެއްލުން ލިބޭނެ ފަދަ އުފެއްދުންތައް ބޭނުންކުރުން ހުއްޓުވުމަށް ފެޑެރަލް ކޮމިއުނިކޭޝަންސް ކޮމިޝަނަށް ލާޒިމްވާ ގާނޫނެއް ފާސްކޮށްފައިއެވެ. މި ގާނޫނުގެ ދަށުން މިފަދަ އުފެއްދުންތައް ބޭނުންކުރުން ހުއްޓާލާ ކުންފުނިތަކަށް ބަދަލު ދިނުމަށްވެސް ވަނީ ނިންމާފައިއެވެ.
ފެޑެރަލް ކޮމިއުނިކޭޝަންސް ކޮމިޝަނުން ވަނީ މިއާއެކު ވާވޭ އަދި ޒީޓީއީ އަކީ އެގައުމުގެ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކުންފުނިތަކުގެ ގޮތުގައި ނިންމާފައިއެވެ. މީގެ ސަބަބުން އެމެރިކާގެ ކުންފުނިތަކުން މިކުންފުނިތަކުގެ އުފެއްދުންތައް ބޭނުންކުރުން ހުއްޓާނުލާނަމަ އެގައުމުގެ ސަރުކާރުން އައު ވަސީލަތްތައް ހޯދުމަށްދޭ 8.3 ބިލިއަން ޑޮލަރުގެ އެހީ ހޯދުމުގެ ފުރުސަތު ބަންދުވާނެއެވެ. ނަމަވެސް މި މަސައްކަތަށް ކޮންގްރެސް ބަޖެޓްކޮށްފައިވަނީ 1.9 ބިލިއަން ޑޮލަރެވެ. މިފަދަ އުފެއްދުންތައް ބޭނުންކުރުން ހުއްޓާލަން ކުންފުނިތަކަށް މަޖްބޫރު ވާނީ ބަދަލު ލިބުމުންނެވެ. މީގެ ސަބަބުން މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ކުރިއަށްދާނެ ކަމާމެދު ވަނީ ޝައްކު އުފެދިފައިއެވެ.
މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި