ނިދުމަށް އެހީވެދޭ މޮބައިލް އެޕްތަކެއް

ޝުޖާޢަތު ރަޝީދު 23 ޖުލައި 2022

އެމެރިކާގައި 2019 ގައި ކުރެވުނު ދިރާސާއެއްގައި ދައްކާގޮތުގައި ގާތްގަނޑަކަށް 5 މިލިއަން މީހުންނަކީ ރޭގަނޑު ގަޑީގައި ނިދުމަށް ދަތިތަކެއް ކުރިމަތިވާ މީހުންނެވެ.

ނިދުމަށް އުނދަގޫތަކެއް ހުންނަ ނަމަ ނުވަތަ ނިދުމުގެ ސައިކަލް ޓްރެކްކޮށް ސިއްހީ ބޭނުމުގައްޔާއި އެހެނިހެން ބޭނުންތަކުގައި ރެކޯޑު ކުރެވޭނެ ބައިވަރު މޮބައިލް އެޕްތައް މިހާރު މާކެޓުގައި އެބަހުއްޓެވެ.

މިބަލާލަނީ މިހާރު އެންމެ ކުރީގައި އުޅޭ ނިދުން ޓްރެކް ކުރުމަށް ބޭނުން ކޮށްލެވިދާނެ މޮބައިލް އެޕްތަކަށާއި އެ އެޕްތަކުގެ ފީޗާ ތަކަށެވެ.

1. އޯރާ

އެމެރިކަން އެކަޑެމީ އޮފް ސްލީޕް މެޑިސިންގެ ކްލިނިކަލް ސައިކޮލޮޖިސްޓެއް ކަމުގައިވާ މައިކަލް ޖޭ. ބްރެއުސް ބުނާ ގޮތުގައި މިއީ ވަރަށް ސައްހަކޮށް ނިދުން ޓްރެކް ކޮށްލެވޭނެ މޮބައިލް އެޕެކެވެ. އޯރާ އެޕަކީ އެމީހުންގެ ސްލީޕް ރިންގާއި އެކީގައި ބޭނުން ކޮށްލެވޭ އެޕެކެވެ.

އޯރާ މޮބައިލް އެޕަކީ ހިލޭ ބޭނުން ކުރެވޭ އެޕެއް ކަމުގައިވިޔަސް އެމީހުންގެ ރިންގުގެ އަގަކީ $299 އެވެ. މިއީ އައިއޯއެސްގައްޔާއި އެންޑްރޮއިޑްގައިވެސް ބޭނުން ކޮށްލެވޭ އެޕެކެވެ.

އޯރާ އެޕުން މުޅިއެކު 3 ގޯލެއް ޓްރެކް ކުރެއެވެ. މީގެ ތެރޭގައި ހިމެނެނީ ރޭގަނޑު ނިދުނު ގޮތް ޓްރެކްކޮށް ރޭޓް ކުރުމާއި، އެކްޓިވިޓީތައް ބެލެންސް ކުރާ ގޮތް ޓްރެކްކޮށް ސްކޯރ ކުރުމާއި އެހެނިހެން މުހިންމު ސުވާލުތަކަށް ޖަވާބުދާރީވެ ޓްރެކް ކުރުމެވެ.

އޯރާގެ ރިންގު ބޭނުން ކުރާނަމަ ނިދާފައި އޮންނަ އިރު ހިތުގެ ވިންދާއި ހަށިގަނޑުގެ ފިނިހޫނުމިން ބަލައި އެޗް.އާރު.ވީ ބެލުމަށްފަހު ނިދުނުގޮތް އެނެލައިސްކޮށް ރިޕޯޓު ކުރަމުންދެއެވެ.

ނިދުން ރެކޯޑު ކުރުމުގެ އިތުރުން ހަމަ މި އެޕް ބޭނުންކޮށްގެން މެންސްޓުރަލް ސައިކަލްވެސް ޓްރެކް ކުރެވޭނެއެވެ.

މިއީ އެޕަލް އައިފޯނުގައްޔާއި އެންޑްރޮއިޑްގައި ބޭނުން ކޮށްލެވޭނެ އެޕެކެވެ.

2. ސޮމްރިސްޓް

މިއީ ކޮގްނިޓިވް ބިހޭވިއަރަލް ތެރަޕީ (ސީ.ބީ.ޓީ.އައި) ބޭނުންކޮށްގެން ތައްޔާރު ކުރެވިފައިވާ މޮބައިލް އެޕްތަކުގެ ތެރެއިން އެއް އެޕެވެ.

މި އެޕުން އެފްޑީއޭ އެޕްރޫވްކޮށްފައިވާ ގޮތަށް އިންސޮމްނިއާ ތެރަޕީ ބޭނުން ކުރެވޭނެއެވެ. މިއީ ނިދުމުގެ ހާލަތް އިތުރަށް ރަނގަޅުކޮށް ރޭގަނޑުގެ ނިދުމަށް ފަސޭހަ ލުޔެއް ހޯދަދޭނެ އެއް އެޕެވެ.

ސޮމްރިސްޓް މޮބައިލް އެޕް ޑިޒައިން ކުރެވިފައިވަނީ ސްލީޕް ސްޕެޝަލިސްޓުންނާއި ގުޅައި ކޮންސަލްޓް ކުރެވޭ ގޮތަށެވެ.

ކުރިއަށްދާ ދުވަސްތަކުގައި ނިދުން ޓްރެކްކޮށް ނިދުމުގެ ކަންތައް ހަމަޔަކަށް ގެނެސް ބެލުމަށް މި އެޕަކީ އެހީވެދޭނެ އެޕެއް ގޮތުގައި ފާހަގަ ވެއެވެ.

މި އެޕް އެޕަލް އެޕް ސްޓޯރުންނާއި، ގޫގަލް ޕްލޭ ސްޓޯރުން ޑައުންލޯޑްކޮށް ބޭނުން ކޮށްލެވޭނެއެވެ.

3. މިއުސް

މިއުސް އެޕަކީ ސްލީޕް އެސިސްޓަންޓެއް ގޮތަށް މަސައްކަތް ކުރާ އެޕެކޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ.

ގައިޑެޑް މެޑިޓޭޝަންގެ އިތުރުން މި އެޕާއި އެކު ބޭނުން ކުރުމަށް ސެންސަރު ލައިފައިވާ ހެޑްބޭންޑެއްވެސް ގަނެގެން ބޭނުން ކޮށްލެވެއެވެ.

މި އެޕާއެކު ބޭނުން ކުރެވޭ ހެޑްބޭންޑުގެ އަގަކީ 249.99$ އެވެ.

މި އެޕަކީ އައި.އޯއެސްގައްޔާއި އެންޑްރޮއިޑް ގައިވެސް ބޭނުން ކުރެވިދާނެ އެޕެކެވެ.

4. ކާމް

މިއީ ބޭނުން ކުރަން ފަސޭހަ އެޕެކެވެ. މީގައި ނިދާ ގަޑީގައި ކިޔާލުމަށް ނުވަތަ އަޑު އަހާލުމަށް ވާހަކަވެސް އެކުލަވާފައިވެއެވެ. އެއީ ހަމައެކަނި ބޮޑެތި މީހުންނަކަށް ނޫނެވެ. މީގައި ކުޑަކުދިންނަށްވެސް ވާހަކަ ހިމަނާފައިވެއެވެ.

މީގެ އިތުރުން މެޑިޓޭޓް ކުރުމަށް އެހީއާއި ތަފާތު ފަސޭހަ އަޑުތައް ހިމަނާފައިވެއެވެ. ވާރޭ ވެހޭ އަޑާއި ރާޅުގެ އަޑު، ވައިޓް ނޮއިސްވެސް ނިދާ ވަގުތު މި އެޕުން އަޑުއަހާލެވޭނެއެވެ.

މިއީވެސް އައިފޯނުގައްޔާއި އެންޑްރޮއިޑް ފޯނުތަކުގައި ބޭނުން ކުރެވޭ އެޕެކެވެ.

5. ރިފްލެކްޓްލީ

ނިދުމަށް އެރުމަށްފަހު ސިކުނޑިއަށް ލުއިކަން ހޯދައިދިނުމަށް އެހީތެރިވެދޭ ރޭގަނޑުގެ ރޫޓިންއެއް ގާއިމް ކުރަން ބޭނުން ނަމަ، ޖާނަލް ކުރުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ.

މިއެޕުގައި ޕާސަނަލް ޖާނަލްއެއް ގެންގުޅެވެއެވެ. މި އެޕުން ކުރާ ސުވާލުތަކަށް ޖަވާބުދީ ވިސްނަމުން ގެންދާ ކަންތައްތައް ހަމަޔަކަށް އަޅުވާލެވެއެވެ.

މިއީ އައިފޯނުގައްޔާއި އެންޑްރޮއިޑް ފޯނުތަކުގައިވެސް ބޭނުން ކުރެވިދާނެ އެޕެކެވެ.



ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.