އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން އިން ރަޝިއާ ވަކިވަނީ!

އަޙްމަދު ދާއޫދު 27 ޖުލައި 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

2024 ވަނަ އަހަރަށް ފަހު އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން ދޫކޮށްލުމަށް ރަޝިޔާއިން ނިންމައިފި އެވެ.

ހުޅަނގާއި އެކު އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) ޕްރޮޖެކްޓުން 2024 ވަނަ އަހަރަށް ފަހު ރަޝިޔާ ވަކިވާނެ ކަމަށް އެގައުމުގެ ޖައްވީ އިދާރާ ރޮސްކޯސްމޮސްގެ އާ ވެރިޔާ ޔޫރީ ބޮރިސޯވް އަންގާރަ ދުވަހު ވަނީ ވިދާޅުވެފަ އެވެ.

އައިއެސްއެސްގެ މަޝްރޫއުގެ ތެރެއިން ބޭރުގެ ބައިވެރިންނަށް އޮތް ހުރިހާ ވާޖިބުތަކެއް އަދާކުރުމަށް މޮސްކޯއިން ގަސްތުކުރި ނަމަވެސް "2024 ވަނަ އަހަރަށް ފަހު މި ސްޓޭޝަނުން ވަކިވާން ނިންމި" ކަމަށް ކްރެމްލިންގައި ބޭއްވި ބައްދަލުވުމެއްގައި ބޮރިސޯވް ވިދާޅުވި އެވެ.

"އަޅުގަނޑަށް ހީވަނީ، އެ ވަގުތު އަތުވެއްޖެހެން. އަޅުގަނޑުމެން ރަޝިޔާގެ އޯބިޓަލް އަމިއްލަ ސްޓޭޝަނެއް ޤާއިމް ކުރަން މިވަނީ ފަށާން ގަސްދުކޮށްފައި،" ސްޕޭސް ބޮސް އިތުރަށް ވިދާޅުވި އެވެ.

ބޮރިސޯވްގެ ތަޞައްވުރު އޭނާ ވަނީ ހާމަކުރައްވާފައެވެ. ރަޝިޔާގެ އިންސާނުންނާއެކު ޖައްވީ ދަތުރުތައް ކުރުމަކީ ނިޒާމީ ޢިލްމީ ޕްރޮގްރާމެއްގެ ބައެއްގެ ގޮތުގައި ވާންޖެހޭނެ ކަމަށާއި، ކޮންމެ މިޝަނަކުންވެސް އެޤައުމަށް އާ ޢިލްމެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރޮސްކޯސްމޮސްގެ ކުރީގެ ވެރިޔާ ޑިމިޓްރީ ރޮގޮޒިން ލަފާކުރެއްވި ގޮތުގައި 2030 ވަނަ އަހަރާ ހަމައަށް ނާސާއިން ހިންގަން ރާވާފައިވާ އައިއެސްއެސް މަރާމާތަށް "ބޮޑެތި އަދަދުތަކެއް" އިންވެސްޓް ނުކޮށްފިނަމަ އެ ހުރިހާ ކަމެއް ފެއިލްވާނެއެވެ.

އެކަމަކު މިހާރު އޮތް ޖިއޮޕޮލިޓިކަލް މާހައުލުގެ ސަބަބުން އެ ސްޓޭޝަން އޯބިޓްގައި ބެހެއްޓުމަށް ކުރާ މަސައްކަތަކީ ރަޝިޔާއަށް ފައިދާހުރި މަސައްކަތެއް ނޫން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

އައިއެސްއެސް ލޯންޗުކުރީ 1998 ވަނަ އަހަރު ކަމަށްވާއިރު، އައިއެސްއެސް އަކީ ރަޝިޔާ، އެމެރިކާ، ޖަޕާން، ކެނެޑާ އަދި ޔޫރަޕްގެ ޖައްވީ އިދާރާތަކުން ގުޅިގެން ކުރި މަސައްކަތެކެވެ.

ރޮސްކޮސްމޮސް އިން މީގެ ކުރިން ވަނީ އައިއެސްއެސްގެ ބަދަލުގައި އުފައްދާފައިވާ ރަޝިޔާގެ އޯބިޓަލް ސާވިސް ސްޓޭޝަން (އާރުއޯއެސްއެސް) ގެ ސްކެޗްތައް ހިއްސާކޮށްފަ އެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.