އިނގިރޭސިވިލާތުގެ ސެޓެލައިޓް އޮޕަރޭޓަރެއް ކަމަށްވާ ވަންވެބްއާއި ޔޫރަޕްގެ ކުންފުންޏެއް ކަމަށްވާ ޔޫޓެލްސެޓްއިން ވަނީ ދެކުންފުނި އެއްކުންފުންޏަކަށް ބަދަލުކުރުމަށް 3.4 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ހަދާފައެވެ. މި އެއްބަސްވުމުގެ މަގްސަދަކީ އީލޮން މަސްކްގެ ސްޕޭސް އެކްސް އާއި ވާދަކުރެވޭފަދަ މޮޅު ކުންފުންޏެއް އުފެއްދުމެވެ.
މި އެއްބަސްވުމުގެ ދަށުން ޔޫޓެލްސެޓް 230 މިލިއަން އާ ހިއްސާ ދޫކޮށް، އެ ހިއްސާތައް ވަންވެބްގެ ބާކީ ހިއްސާތަކާއި ބަދަލުކުރާނެކަމަށް އަންގާރަ ދުވަހު ނެރުނު ނޫސްބަޔާނެއްގައިވެއެވެ. މި ދެ ކުންފުނީގެ ހިއްސާދާރުންނަށްވެސް މި ޖޮއިންޓް ވެންޗަރގެ %50 ހިއްސާ ލިބޭނެއެވެ. މި އެއްބަސްވުމުގެ ދަށުން ވަންވެބްގެ އަގަކީ 3.4 ބިލިއަން ޑޮލަރެވެ.
ޔޫޓެލެސެޓް އާއި ވަންވެބްއިން ބުނެފައިވާ ގޮތުގައި ދެކުންފުނި އެއްވުމުން 23-2022 ވަނަ އަހަރު ގާތްގަނޑަކަށް 1.2 ބިލިއަން ޔޫރޯ (1.22 ބިލިއަން ޑޮލަރު) އާމްދަނީއެއްގެ ގޮތުގައި ލިބޭނެއެވެ.
ޔޫޓެލްސެޓްގެ ޗެއާރމެން ޑޮމިނިކް ޑީ'ހިނިން އާއި ސީއީއޯ އީވާ ބެރްނެކޭ ޖޮއިންޓް ވެންޗަރގައިވެސް ތިބޭނީ ހަމަ އެމަގާމްތަކުގައެވެ. އަދި ވަންވެބްގެ ޗެއަރމަން ސުނިލް ބާރތީ މިޓަލް ވާނީ ޖޮއިންޓް ކުންފުނީގެ ކޯ ޗެއަރމަންއަށެވެ.
ޑީ'ހިނިން ބުނި ގޮތުގައި ޔޫޓެލްސެޓްއާއި ވަންވެބް، ޖޮއިންޓް ވެންޗަރއަކަށް ވުމަކީ އެ ދެ ކުންފުންޏަށްވެސް ކުރިއެރުމަށް ލިބޭ ވަރަށް ފަހި ފުރުސަތެކެވެ.
ވަންވެބްގެ މައިގަނޑު އެއް މަގްސަދަކީ އިންޓަނެޓްގެ ހިދުމަދް ލިބުން ދަތިވާ ސަރަހައްދުތަކަށް ބްރޯޑްބޭންޑް ބީމް ކުރުމަށް އެހީތެރިވެދޭނެ 648 ލޯ-އާރތް އޯބިޓް ސެޓެލައިޓްތައް ފޯރުކޮށްދިނުމެވެ. މިހާރު އޯބިޓްގައި ވަންވެބްގެ 428 ސެޓެލައިޓް ހުރިއިރު، ޖޮއިންޓް ވެންޗާއާއި އެކު އެ ސެޓެލައިޓްތައް ޔޫޓެލްސެޓްގެ 36 ޖިއޯސްޓޭޝަނަރީ ސެޓެލައިޓްތަކާ ގުޅޭނެއެވެ.
ސްޕޭސް އެކްސްގެ ސްޓާލިންކް ސެޓެލައިޓް އިންޓރނެޓް ޕްރޮޖެކްޓާއި، އެމަޒަންގެ ޕްރޮޖެކްޓް ކުއިޕަރގެ ވާދަވެރިއެއްގެ ގޮތުގައި ކުރިއަރަމުންދިޔަ ވަންވެބަށް ވަނީ އެކުންފުނީގެ ލަނޑުދަނޑިތައް ހާސިލްކުރުމުގައި ތަފާތު އެކި ގޮންޖެހުންތަކާއި ކުރިމަތިލާންޖެހިފައެވެ. އެގޮތުން 2020 ވަނަ އަހަރު ވެންޗާ ކެޕިޓަލްގެ ގޮތުގައި އެތައް ބިލިއަން ޑޮލަރެއްގެ ގެއްލުން ލިބި ކުންފުނި ބަނގުރޫޓުވުމުގެ ނުރައްކަލާ ކުރިމަތިލާންޖެހުނެވެ. މިކަމުން ސަލާމަތްވީ އިނގިރޭސިވިލާތުގެ ސަރުކާރު ވަންވެބަށް 500 މިލިއަން ޑޮލަރު ބެއިލްއައުޓް ޕެކޭޖެއްގެ ގޮތުގައި ދިނުމުނެނެވެ.
އަދި ހަމަމިއާއެކު މޮސްކޯއިން ޔޫކްރެއިންނަށް އަރައިގަތުމުގެ ސަބަބުން ރަޝިޔާއިން ރޮކެޓް ލޯންޗުކުރުން ވަނީ ހުއްޓާލާފައެވެ. ނަތީޖާއެއްގެ ގޮތުން ވަންވެބް ޖެހުނީ ސްޕޭސް އެކްސްގެ ފަރާތުން އެހީއަށް އެދޭށެވެ. ވަންވެބްގެ އުންމީދަކީ ޔޫޓެލްސެޓްއާއި ގުޅުމުން ކުންފުނީގެ ނަސީބު އަނބުރާލެވޭނެކަމަށެވެ.
ޔޫޓެލްސެޓް އިން ވަނީ ވަންވެބްގެ ސެޓެލައިޓް ކޮންސްޓެލޭޝަން ޑިޕްލޮއިކުރުމަށް ވަގުތީ ގޮތުން ކުންފުނީގެ ޑިވިޑެންޑް ސަސްޕެންޑު ކުރާނެކަމަށް ބުނެފައެވެ. ނަތީޖާއެއްގެ ގޮތުން ޔޫޓެލްސެޓްގެ ހިއްސާތަކުގެ އަގުވަނީ ކުރިން ނުދާހާވަރަށް ދަށަށް ގޮސްފައެވެ.
ވަންވެބްއާއި ޔޫޓެލްސެޓްއިން ވެފައިވާ އެއްބަސްވުމުގައިވާ ގޮތުގައި ވަންވެބްއިން ވިޔަފާރިކުރަމުންދާނީ ހަމަ ކުރިންވެސްކުރަމުން ދިޔަގޮތަށް ވަންބެބްގެ ނަމުގައި އެކުންފުނީގެ ޔޫކޭ އޮފީހުގައެވެ. އަދި ޔޫޓެލްސެޓް އިން ދަނީ ލަންޑަން ސްޓޮކް އެކްސްޗޭންޖްގައި އިތުރު ލިސްޓިންގްއެއް ހޯދުމަށް މަސައްކަތްކުރަމުންނެވެ.
ޔޫޓެލްސެޓް އިން މީގެ ކުރިން ވެސް ވަނީ ޕޯސްޓް ބެއިލްއައުޓް ފައިނޭންސިންގެ ދަށުން ވަންވެބްގެ ހިއްސާއެއް ނަގާފަ އެވެ.
ފްރީލޭންސް ލިޔުންތެރިޔެއް