ޕްލޭ ސޮޓޯރގެ އުސޫލްތަކަށް ބޮޑު ބަދަލެއް، އިޝްތިހާރުވެސް މަދުކުރަނީ

ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ޕްލޭ ސްޓޯރގައި ހިމެނޭ އެޕްތަކުގައިވާ މައްސަލަތައް ހައްލުކުރުމަށްޓަކައި ގޫގަލް ޕްލޭ އިން އެކުންފުނީގެ ގަވައިދުތަކަށް ދޭތެރެދޭތެރެއިން ބަދަލުތައް ގެނެއެވެ. މިގޮތަށް ގޫގަލް ޕްލޭއިން ޕްލޭ ސޮޓޯރއަށް ގެންނަ ބަދަލު ތަކުގެ ސަބަބުން ޑިވެލޮޕަރުންނާއި، ޕްލޭ ސޮޓޯރ ބޭނުންކުރާ ފަރާތްތަކަށް އޭގެ ނޭދެވޭ އަސަރު ކުރެއެވެ. ނަމަވެސް ބައެއް ފަހަރު މި ބަދަލުތަކުގެ ސަބަބުން ފައިދާވެސް ކުރެއެވެ.

ފުލް ސްކްރީން އިޝްތިހާރު

މިފަހަރު ޕްލޭ ސްޓޯރއަށް ގެނައި ބަދަލުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ކަމަކީ ފުލް ސްކްރީން އިޝްތިހާރާއި ބެހޭ ގަވައިދުތަކަށް ގެނައި ބަދަލެވެ. ގޫގަލް ޕްލޭއިން ވަނީ ފުލް ސްކްރީން އިޝްތިހާރުތަކާ ގުޅޭ ގަވައިދުތައް އިތުރަށް ހަރުކަށިކޮށްފައެވެ. އެގޮތުން ސެޕްޓެމްބަރ 30 އިން ފެށިގެން އެޕްތައް ފުރަތަމަ ޖައްސާއިރު ނުވަތަ އެކްޓިވް ގޭމްޕްލޭގެ މެދުތެރޭގައި ފުލް ސްކްރީން އިޝްތިހާރުދެއްކުން މުޅިން މަނާވާނެއެވެ.

ނަމަވެސް ބައެއް ގޭމްތަކުގައި އިތުރު ކޮންޓެންޓާއި، ފީޗާސް އަންލޮކް ކުރުމަށް ގޭމް ކުޅޭ ފަރާތްތަކުން އިޝްތިހާރު ބަލަން ނިންމައިފިނަމަ ޑިވެލޮޕަރުންނަށް ބޭނުން ދިގުމިނެއްގެ ފުލް ސްކްރީން އިޝްތިހާރުތައް ދެއްކޭނެއެވެ. އަދި ހަމަމިއާއެކު ގޭމްގެ ބުރެއް ނިމުމުން ނުވަތަ މިފަދަ އެކަށީގެންވާ ވަގުތުގައި އިޝްތިހާރުތައް ދެއްކުން އަދިވެސް ހުއްދައެވެ.

މިގޮތަށް ގޭމްސްއާއި އެހެން އެޕްތަކުން ފުލް ސްކްރީން އިޝްތިހާރު ދެއްކުން މަނާކޮށްފައި ވިނަމަވެސް ހޫލޫ އާއި ފްރީވީ ފަދަ ވީޑިއޯ ސްޓްރީމިންގް ސާރވިސެސް އިން ދައްކާ އިޝްތިހާރުތަކަށް މި އާ އުސޫލުތައް ނުހިންގާނެއެވެ.

ސަބްސްކްރިޕްޝަންތައް

ޕްލޭ ސްޓޯރ ބޭނުންކުރާ ފަރާތްތަކަށް ދެން އެންމެ ބޮޑު ފައިދާ ކުރާނެ ބަދަލަކީ ސަބްސްކްރިޕްޝަން ހުންނަ އެޕްތަކަށް އަމާޒުކޮށްގެން ގެނެސްފައިވާ ބަދަލުތަކެވެ. ސެޕްޓެމްބަރ 30 އިން ފެށިގެން ޕްލޭ ސްޓޯރގެ އެޕްތައް ބޭނުންކުރާ ފަރާތްތަކަށް ވީހާވެސް ފަސޭހައިން ސަބްސްކްރިޕްޝަންތައް މެނޭޖްކުރަން ނުވަތަ ކެންސަލް ވެވޭނެ ގޮތް ހެދުމަށް އެޕްތަކުގެ ޑިވެލޮޕަރުންނަށް މަޖުބޫރުވާނެއެވެ. މިކަން ކުރަންޖެހޭ ވަކި ޝަރުތަކެއް ކަނޑައަޅާފައި ނުވުމުން އިން-އެޕް ޕްރޮސެސް އެއް ބޭނުންކޮށްގެން ނުވަތަ އެހެން ވެބްސައިޓަކަށް ލިންކްކޮށްގެން ސަބްސްކްރިޕްޝަން މޭނެޖުކުރެވޭގޮތް ހެދިދާނެއެވެ.

ސިއްހަތާ ބެހޭ ނުރަނގަޅު މައުލޫމާތު

ގޫގަލްއިންދަނީ ސިއްހަތާ ބެހޭ ނުރަނގަޅު މައުލޫމާތު ފަތުރާ އެޕްސްތައް ޕްލޭ ސްޓޯރއިން ނެރެމުންނެވެ. ގޫގަލްގެ އެންމެ ފަހު ޕޮލިސީ އަޕްޑޭޓާއި އެކު ނެރުނު ބަޔާނުގައި ބުނެފައިވާގޮތުގައި މީހުންނަށް ގެއްލުންލިބޭފަދަ ނުރަނގަޅު ސިއްހީ މައުލޫމާތު ފަތުރާ އެޕްސްތައް ޕްލޭ ސްޓޯރއިން ވިއްކުމަށް ހުއްދައެއް ނުލިބޭނެއެވެ.

މިއީ ޕްލޭ ސްޓޯރ ބޭނުންކުރާ ފަރާތްތައް ސްކޭމްތަކުން ރައްކާތެރިކުރުމަށް އަޅަން ޖެހޭ ވަރަށް މުހިންމު ފިޔަވަޅެކެވެ. ފާއިތުވެދިޔަ ދެ އަހަރުވެސް މި ގަވައިދު ތަންފީޒުކޮށްފައިވާއިރު ރަސްމީ ގޮތުގައި މި ގަވައިދަށް އަމަލުކުރަން ފަށާނީ މިއަހަރުގެ އޮގަސްޓް 30 ގައެވެ.

ފޭކް ބްރޭންޑްސް (އިމްޕާރސޮނޭޝަން)

ގޫގަލްގެ އަމާޒަކީ މަޝްހޫރު ބްރޭންޑުތަކާއި ކުންފުނިތަކާ ގުޅުން ހުރި ކަމަށް ހެދިގެން އުޅޭ އެޕްތައް ޕްލޭ ސްޓޯރގެ ލިސްޓިންގްއިން ނެރުމެވެ. އެގޮތުން އެހެން ކުންފުނިތަކުގެ ގްރެފިކްސް އާއި އައިކޮން އެއްވައްތަރު އެޕްސްތައް ވެސް ޕްލޭ ސްޓޯރއިން ނެރުމަށް ވަނީ ނިންމާފައެވެ.

ސްޕެޝަލް ޕާމިޝަން ބޭނުންކުރާ އެޕްތައް

އާ ގަވައިދުގެ ދަށުން އެކްސްސިބިލިޓީ އެޕްތަކުން ' ފްލެގް ސިކްޔަރ' އެކްޓިވޭޓް ކުރެވިފައިވާއިރު ޔޫޒަރުގެ ޑިވައިސްއިން ބޭރަށް އެއްވެސް މައުލޫމާތެއް ހިއްސާ ކުރުމަކީ މަނާ ކަމެކެވެ.

ސްޓޯލްކާރވެއަރ

މޮނިޓަރިންގް އެޕްތަކަކީ ކުޑަކުދިން އިންޓަނެޓް ބޭނުންކުރާގޮތް ދެނެގަތުމަށް ބެލެނިވެރިންނަށް ވަރަށް މުހިންމު އެޕްތަކެކެވެ. ގޫގަލް ޕްލޭގެ އެންމެ ފަހު ޕޮލިސީ އަޕްޑޭޓްގައިވާ ގޮތުން މިފަދަ އެޕްތަކުގެ ޑާޓާ ޕްރައިވެސީއާއި ބެހޭ މައުލޫމާތު ޕްލޭ ސޮޓޯރގެ ލިސްޓިންގައި ހިމަނަންޖެހެއެވެ. އަދި މި އެޕްތަކުގެ މެޓަޑާޓާ ފައިލްގައި ' އިސްމޮނިޓަރިންގް ޓޫލް' އެކުލަވާލަންވަނީ މަޖުބޫރުކޮށްފައެވެ. ނޮވެމްބަރ 1 ގެ ކުރިން މި ޝަރުތަތައް ފުރިހަމަކުރަންޖެހެއެވެ.

ފެމިލީސް ސެލްފް ސެޓިފައިޑް އެޑްސް އެސްޑީކޭ ޕްރޮގްރާމް

މޮނިޓަރިންގް އެޕްސްއަށް ފަހު ދެން ގޫގަލް އިން ފޯކަސް ކުރާނީ ކުޑަކުދިންނަށް އަމާޒުކޮށްފައިވާ ގޭމްތަކާއި އެޕްތަކުން ދައްކާ އިޝްތިހާރުތައް މަދުކުރުމަށެވެ. އެހެންކަމުން މި މާކެޓުގައި މަސައްކަތްކުރާ ހުރިހާ ޑިވެލޮޕަރުންވެސް ޕޮލިސީއަށް ގެނައި އެންމެ ފަހުގެ ބަދަލުތައް ބެލުމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހެއެވެ.

މި އާ ގަވާއިދުތަކުގެ ބޮޑު ބަޔަކަށް ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާއިރު، ކުޑަކުދިންނަށް އިޝްތިހާރު ފޯރުކޮށްދޭ އެސްޑީކޭ ޑިވެލޮޕަރުންނަށް ޕްރޮގްރާމްގައި ދެމިހުރުމަށްޓަކައި އާ އެސްޑީކޭ އަލުން ހުށަހަޅައި އެޕްތައް ޓެސްޓް ކުރަން ޖެހިދާނެ އެވެ.

އެހެންކަމުން ޑިވެލޮޕަރެއްނަމަ ގޫގަލްގެ އާ ޕޮލިސީތައް ރަނގަޅަށް ބަލާ، އެއަށް އަމަލުކުރަންވާނެއެވެ.

ފާޠިމަތު އައިން ލަބީޤް

ފާޠިމަތު އައިން ލަބީޤް

ފްރީލޭންސް ލިޔުންތެރިޔެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.