ގޫގަލްއާ އިޒްރޭލުގެ އޭއައި ވިޔަފާރީގެ މައުލޫމާތު ހާމަވެއްޖެ

އިސްމާއިލް އަލީ 30 ޖުލައި 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ގޫގަލްއިން އިޒްރޭލަށް ވިއްކަމުންދާ އެޑްވާންސްޑް އާޓިފިޝަލް އިންޓެލިޖެންސް ޓޫލްސްތަކުގެ މައުލޫމާތު ހާމަވެއްޖެއެވެ. އެގޮތުން ދި އިންޓަސެޕްޓްއަށް ލބިފައިވާ ލިޔެކިޔުންތަކުން އެނގޭގޮތުގައި ގޫގަލްއިން ދަނީ އެކުންފުންޏާއި އިޒްރޭލުގެ ސަރުކާރާދެމުދު ހެދިފައިވާ ޕްރޮޖެކްޓް "ނިމްބަސް" އެއްބަސްވުމުގެ ދަށުން އެގައުމަށް އާޓިފިޝަލް އިންޓެލިޖެންސް އަދި މެޝިން ލާނިންގެ ގާބިލުކަން އިތުރުކުރުމަށް އެހީތެރިވަމުންނެވެ.

2021 ވަނަ އަހަރުގެ އޭޕްރިލް މަހުގައި އިޒްރޭލުގެ މާލީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި ޕްރޮޖެކްޓް ނިމްބަސްއަކީ އެގައުމުގެ ސަރުކާރާއި ދިފާއި އިދާރާތައް އަދި އެހެނިހެން އިދާރާތަކަށް ބޭނުންވާ ކްލައުޑް ހިދުމަތްތައް އެއްވިއުގައަކުން ލިބޭނެގޮތް ހެދުމަށް ކުރިއަށް ގެންދެވޭ މަޝްރޫއެކެވެ. މި ޕްރޮޖެކްޓަކީ ގޫގަލް އާއި އެމޭޒަން އާއި ގުޅިގެން ކުރިއަށް ގެންދާ 1.2 ބިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއްކަމަށްވެސް އެވުޒާރާއިން ވަނީ ހާމަކޮށްފައިއެވެ.

މިޕްރޮޖެކްޓް އިއުލާން ކުރުމާއެކު ގޫގަލްގެ އިންޖިނިއަރުންވަނީ އެމީހުންގެ މަސައްކަތްތައް މެދުވެރިކޮށް އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކަށް އިތުރަށް އަރައިގަންނާނެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިއެވެ. މީގެ އިތުރުން 2021 ވަނަ އަހަރު ހިއުމަން ރައިޓްސް ވޮޗް އަދި އެމްނެސްޓީ އިންޓަނޭޝަނަލްއިން ވަނީ އިޒްރޭލުން އިންސާނިއްޔަތާއި ދެކޮޅު ޖަރީމާތަށް ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާކަމަށް އިއުލާންކޮށްފައިއެވެ. އިޒްރޭލުގެ އަސްކަރިއްޔާ އަދި ސަލާމާތީ އިދާރާތަކުން މިހާރުވެސް ކުރިއަރާފައިވާ ތަފާތު އެކި ކޮމްޕިއުޓަރައިޒްށް ސާވެލަންސް ނިޒާމުތައް ފަލަސްތީނު ރައްޔިތުންނަށް ޖާސޫސުކުރުމަށް ބޭނުންކުރެއެވެ. ނަމަވެސް ގޫގަލްގެ ކުރިއަރާފައިވާ ޓެކްނޮލޮޖީއާއެކު މިހާރަށްވުރެ ބޮޑަށް ފަލަސްތީނާ ދެކޮޅަށް އިޒްރޭލުން ގެންގުޅޭ ހަރުކަށި އުސޫލުތައް ހަރުކަށިވާނެކަމަށް ބެލެވެއެވެ.

ނިމްބަސް ބޭނުންކުރާ ފަރާތްތައް ތަމްރީނުކުރުމަށް ފަރުމާކުރެވިފައިވާ އެޑިއުކޭޝަން ޕޯޓަލްއަކުން ލިބިފައިވާ ތަމްރީނުކުރުމާގުޅޭ ލިޔުންތަކާއި ވީޑިއޯތަކުން ހާމަވާގޮތުގައި ގޫގަލްއިން ދަނީ އިޒްރޭލުގެ ސަރުކާރަށް އެކުންފުނީގެ ކްލައުޑް ޕްލެޓްފޯމްގައި ހިމެނޭ ހުރިހާ މެޝިން ލާނިން އަދި އާޓިފިޝަލް އިންޓެލިޖެންސް ހިދުމަތްތައް ފޯރުކޮށްދެމުންނެވެ. މިލިޔެކިޔުންތަކުން ނިމްބަސް ބޭނުންކުރާނެ ގޮތުގެ މައުލޫމާތު ހާމަވެފައި ނުވިޔަސް ގޫގަލްއިން ފޯރުކޮށްދޭ ހިދުމަތްތައް ވަނީ ހާމަވެފައިއެވެ. އެގޮތުން މި ޕްރޮޖެކްޓްގެ ތެރެއިން އިޒްރޭލަށް ފޭސް ޑިޓެކްޝަން، އޮޓޮމޭޓެޑް އިމޭޖް ކެޓަގޮރައިޒޭޝަން، އޮބްޖެކްޓް ޓްރެކިން އަދި ފޮޓޯތަކުންނާއި ލިޔެކިޔުންތަކުންނާއި އަދި ދައްކާ ވާހަކައިގެ ސެންޓިމެންޓް އެނަލިސިސް ހެދުމުގެ ގާބިލުކަން ލިބިގެންދާނެއެވެ.

މިލިޔެކިޔުންތަކުން އިތުރަށް ހާމަވެފައިވާ ގޮތުގައި ނިމްބަސް ބޭނުންކުރާ ފަރާތްތަކަށް އޮންލައިންކޮށް ތަމްރީނުތައް ހިންގަމުންދަނީ ކޯސެރާ މެދުވެރިކޮށެވެ. ކޯސެރާ މެދުވެރިކޯށް ތަމްރީނުތައް ފޯރުކޮށްދެމުންދާ އިދާރާތަކުގެ ތެރޭގައި އިޒްރޭލުގެ ދިފާއީ ވުޒާރާވެސް ހިމެނެއެވެ. މިމައުލޫމާތުތައް ދި އިންޓަސެޕްޓްއަށް ހާމަކޮށްފައިވަނީ އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ޓެކް އިންކުއަރީގެ ޑިރެކްޓާ ޖެކް ޕޯލްސަންއެވެ. އޭނާއަށް މިމައުލޫމާތު ފެނިފައިވަނީ އިޒްރޭލުގެ ކަމާގުޅޭ ލިޔެކިޔުންތަކަކުން ކަމަށްވެސް އޭނާ ވަނީ ހާމަކޮށްފައިއެވެ. ޕޯލްސަން ހާމަކޮށްފައިވާ ގޮތުގައި ނިމްބަސްގެ މައިގަނޑު ބޭނުމަކީ ބައިނަލްއަގްވާމީ ޖިނާއީ ކޯޓަށް އިޒްރޭލުގެ މައްސަލަ ހުށަހެޅުމަށް ބޭނުންވާ މައުލޫމާތު ޖަރުމަނު ސަރުކާރަށް ނުލިބޭގޮތް ހެދުމެވެ.

ޕޯލްސަންއަކީ ގޫގަލްގެ ރިސާޗް ސައިންޓިސްޓެއްގެ ގޮތުގައި މަސައްކަތްކުރުމަށްފަހު 2018 ވަނަ އަހަރު އިސްތިއުފާ ދީފައިވާ ފަރާތެކެވެ. އޭނާ ހާމަކޮށްފައިވާ ގޮތުގައި ހިއުމަން ރައިޓްސް ވޮޗް އިން އިޒްރޭލުން ފަލަސްތީނުގައި ހިންގަނީ އިންސާނިއްޔަތާއި ހިލާފު ޖަރީމާތަކެއްކަން ހާމަކުރުމާއެކު ގޫގަލް އަދި އެމޭޒަންއިން އިޒްރޭލުގެ އަސްކަރިއްޔާއަށް ފޯރުކޮށްދޭ އާޓިފިޝަލް އިންޓެލިޖެންސް ސާވެލަންސް ހިދުމަތްތައް ރަނގަޅަށް ޑޮކިއުމެންޓްކޮށް ބަލަހައްޓަންޖެހެއެވެ.

ޕޯލްސަން މެދުވެރިކޮށް އިންޓަސެޕްޓަށް ލިބިފައިވާ ބައެއް ލިޔެކިޔުންތަކުގައި ގޫގަލްގެ ލޯގޯ އަދި އިޒްރޭލުގެ ދިދަ ހުރިކަން ފާހަގަކުރެވެއެވެ. ނަމަވެސް މީގެ ތެރެއިން ގިނަ ލިޔެކިޔުންތަކަކީ އާންމުކޮށް ގޫގަލް ކްލައުޑްގެ ހުރިހާ ކަސްޓަމަރުންނަށްވެސް ތަމްރީނު ދިނުމަށް ބޭނުންކުރާ ލިޔެކިޔުންތައްކަންވެސް ފާހަގަކޮށްލެވެއެވެ.

މި ލިޔެކިޔުންތަކުން ނިމްބަސް މެދުވެރިކޮށް ގޫގަލްއިން އިޒްރޭލަށް ފޯރުކޮށްދޭ ކްލައުޑް ހިދުމަތްތަކުގެ ތަފްސީލު ފުރަތަމަ ފަހަރަށް އާންމުވެގެން ގޮސްފައިވާއިރު އެޕްރޮޖެކްޓާ ގުޅޭ މާގިނަ މައުލޫމާތެއް މީގެކުރިން ހާމަވެފައިނުވެއެވެ. އެގޮތުން އެޕްރޮޖެކްޓް މެދުވެރިކޮށް ސީދާ ކުރާނީ ކޮންކަމެއްކަން ގޫގަލް ކްލައުޑް ހިދުމަތްތަށް އުފެއްދުމުގައި ހަރަކާތްތެރިވާ ފަރާތްތަކަށްވެސް ނޭގެއެވެ. 2020 ވަނަ އަހަރު އެމެރިކާގެ ކަސްޓަމްސް އެންޑް ބޯޑާ ޕްރޮޓެކްޝަންއިން ވެސް ވަނީ ނިމްބަސްގައި ބޭނުންކުރާ އާޓިފިޝަލް އިންޓެލިޖެންސް ޓޫލްސް މެދުވެރިކޮށް އެއިދާރާގެ ބޯޑާ ސާވެލަންސް ޓަވަރުތަކުން ލިބޭ ފޮޓޯތައް ޕްރޮސެސްކުރުމަށް މަސައްކަތްކޮށްފައިއެވެ.

އިންޓަސެޕްޓަށް ލިބިފައިވާ ލިޔެކިޔުންތަކުގައި ހުރި މައުލޫމާތުތަކަށް ބަލާއިރު ނިމްބަސްގެ ސަބަބުން އިޒްރޭލަށް ފަލަސްތީނުގެ ރައްޔިތުންނަށް ޖާސޫސުކޮށް އެމީހުންގެ މައުލޫމާތު އެއްކުރުމުގެ ގާބިލުކަން މިހާރަށްވުރެ އިތުރުވާނެއެވެ. އިޒްރޭލުން މީގެކުރިންވެސް ވަނީ ތަފާތުއެކި ޓެކްނޮލޮޖީ ބޭނުންކޮށްގެން ފަލަސްތީނުގެ ރައްޔިތުންގެ މައުލޫމާތުއެއްކޮށްފައިއެވެ. އެގޮތުން 2021 ގައި ވޮޝިންޓަން ޕޯސްޓްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ބްލޫ ވުލްފް ނަމަކަށްކިޔާ ސިއްރު އަސްކަރީ ޕްރޮގްރާމެއް މެދުވެރިކޮށް އިޒްރޭލުންވަނީ ފަލަސްތީނު ރައްޔިތުންނަށް ފާރަލާފައިއެވެ. މިޕްރޮގްރާމް މެދުވެރިކޮށް މީހުންނަށް ފާރަލުމަށް ބޭނުންކޮށްފައި ވަނީ ފޭޝަލް ރިކޮގްނިޝަން ބޭނުންކުރެވޭ ސްމާޓްފޯނުތަކާއި ކެމެރާއެވެ.

ގޫގަލްއިން އިޒްރޭލު ސަރުކާރަށް ސެންޓިމެންޓް ޑިޓެކްޝަން ޓެކްނޮލޮޖީ ބޭނުންކުރާނެ ގޮތުގެ މައުލޫމާތު ދީފައިވާކަންވެސް ފާހަގަކޮށްލެވެއެވެ. މިޓެކްނޮލޮޖީއަކީ މީހާގެ މޫނަށް އަންނަ ބަދަލުތަކުން ނުވަތަ ދައްކާ ވާހަކައިން އޭނާގެ ހިޔާލާއި ފިކުރު ދެނެގަންނަ ޓެކްނޮލޮޖީއެއްކަމަށް ގޫގަލްއިން ބުނެއެވެ. ނަމަވެސް މިއީ އިތުބާރުހިފޭ މެޝިން ލާނިންގެ ވައްތަރެއްނޫނެވެ. އެގޮތުން ޖޫންމަހު މައިކްރޯސޮފްޓުންވެސް ވަނީ އެކުންފުނީގެ ހިދުމަތްތަކުގައި މިޒާތުގެ މެޝިންލާނިން ބޭނުންކޮށްގެން ފޯރުކޮށްދޭ އިމޯޝަން ޑިޓެކްޝަން ފީޗާތައް އުނިކުރުމަށް ނިންމާފައިއެވެ.

އިސްމާއިލް އަލީ

އިސްމާއިލް އަލީ

މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.