ސްމާޓްފޯނު ގެންގުޅޭ ބައެއް މީހުންނަކީ އަހަރަކު އެއްފަހަރު ނުވަތަ ފޯނުގެ އައު ވަރޝަން ހަމަ ނިކުންނަ އިރަށް ފޯނު އައުކުރަން ބޭނުންވާ މީހުންނެވެ. އަހަރުމެންގެ ތެރެއިން މިގޮތަށް ގިނައިން ވިސްނަނީ ޓެކަށް ލޯބިކުރާ މީހުންނެވެ. ނުވަތަ އެންމެ އަޕްޑޭޓެޑް ޑިވައިސްތައް އޮތްކަމަށް ދައްކަން ބޭނުންވާ މީހުންނެވެ. މިހާ އަވަސް އަވަހަށް ފޯނު އައު ކޮށްލުމަކީ ކުޅަދާނަ ކަމެއް ބާއޭ ވެސް ބައެއް ފަހަރު ހިތަށްއަރައެވެ.
މިގޮތަށް ފޯނު އައު ކުރާ ފަރާތްތަކުން މިކަން ކުރަނީ އެކިފަހަރު އެކި ގޮތަށެވެ. ބައެއް ފަރާތްތަކުން ކުރިން ގެންގުޅުނު ފޯނު ވިއްކާލައިގެންނެވެ. ނުވަތަ ގިނަ ދުވަސްތަކަކަށް ފައިސާ ރައްކާކޮށްގެންނެވެ. ނުވަތަ ފޯނު ވިއްކާ ވިޔަފާރިތަކުން ހުޅުވާލާފައި ހުންނަ އިންސްޓޯލްމަންޓް ސްކީމްތައް ވެސް ބައެއް ފަރާތްތަކުން ބޭނުންކުރެއެވެ. މިހާރަކަށް އައިސް އާންމުވެފައިވާ، އަވަސް އަވަހަށް ފޯނު އައު ކުރަން ޖެހޭކަމަށް ވިސްނާ ވިސްނުން ބަދަލުކޮށްލަން ޖެހިއްޖެއެވެ. ފޯނުތަކަކީ ކުޑަ ދުވަސްކޮޅަކަށް ބޭނުންކޮށްފައި އައު ކުރަން ޖެހޭ ތަކެތި ކަމަށް ހީކުރުން ހުއްޓާލަންވީ ވަގުތު ޖެހިއްޖެ އެވެ.
ފޯނު ބަދަލުކުރަން ވިސްނަންވީ ހަމަ ކޮންމެހެންވެސް އެނޫންގޮތެއް ނެތް ހިސާބަށް ދިޔުމުންނެވެ. މިސާލަކަށް ފޯނު ގެއްލުމުން، ނުވަތަ ހަލާކުވެގެންނެވެ. ތިމާ ބޭނުން ކުރާ ފޯނަކީ އެންމެ ފަހުގެ ފޯނުކަމުގައި ނުވި ނަމަވެސް އޭގެން ތިމާ ކުރަންޖެހޭ ކަންތައްތައް ކުރެވޭނަމަ ފޯނު އައު ކުރަންޖެހޭ އެއްވެސް ބޭނުމެއް ނެތެވެ. ފޯނުކުރެވެއެވެ. ފޮޓޯނެގެއެވެ. އިންޓަރނެޓް ބޭނުންކުރެއެވެ. ސޯޝަލް މީޑިއާ އެޕްލިކޭޝަންތައް ވެސް ބޭނުންކުރެވެއެވެ. ގޭމް ވެސް ކުޅެލާކަށް އުނދަގުލެއް ނޫނެވެ. އެހެންވީމާ މިއަންނަ އަހަރު ރިލީޒްވާ ފޯނުގެ އައު ވަރޝަން ނުގަންނަން ކަނޑައަޅަމާ ހިނގާށެވެ. އޭގެން ތިމާގެ ދިރިއުޅެމަށް ލިބޭނެ ފައިދާ އެހާ ގިނައެވެ. ހަމަގައިމުވެސް އައު ފޯނެއް ނުގަތުމުން ލިބޭނެ ގެއްލުމެއް ނެތެވެ.
ފޯނު އުފައްދާ ކުންފުނިތަކުން އަހަރުމެންނަށް އައު ފޯނު ވިއްކަން ވަރަށް މަސައްކަތްކުރާނެއެވެ. ވާނީވެސް އެހެންތާއެވެ. އެއީ އެކުންފުނިތަކުގެ ބިޒްނަސްއެވެ. އެޕަލްއިން އައިފޯން 13 ގެންގުޅޭ މީހުނަށް އަމާޒުކޮށް އައިފޯނު 14ގައި ހުރި އިތުރު މޮޅު ފީޗަރސްތައް ވަރަށް އިސްތިހާރު ކުރާނެއެވެ. ހަމަ އެގޮތަށް ގޫގުލް، ސެމްސަންގ އަދި ދެންހުރި ހުރިހާ ކުންފުނިތައްވެސް މިގޮތަށް މީހުންގެ ބޯކާލަން ވަރަށް މަސައްކަތްކުރާނެއެވެ. ކުރީގެ ފޯނަށް ވުރެ ފަހުގެ ވަރޝަންގެ ކެމެރާ ރަނގަޅުވާނެއެވެ. ނުވަތަ ފޯނު ލުއިވެފައި ތުނިވާނެއެވެ. ނުވަތަ ފަތްޖަހާލެވޭނެއެވެ. ނޫނީ އެނޫންވެސް އަދި މޮޅު ކަމެއް ވިއްކާނެއެވެ.
ކުންފުނިތަކުން މާކެޓްކުރާ އިރު ގިނަ ކަންތައްތަކަށް ވިސްނައެވެ. ކުންފުނިތަކުން އެންމެ ބޮޑަށް މަސައްކަތް ކުރަނީ މީހަކު މިހާރު ގެންގުޅޭ ބްރޭންޑްތަކުގެ އައު ވަރޝަން ވިއްކުމަށެވެ. ފޯނުގެ ބްރޭންޑް ބަދަލު ކުރުމަށް ވުރެ އެއްބްރޭންޑެއްގެ އައު ވަރޝަން ކަސްޓަމަރަށް ވިއްކަން ފަސޭހައެވެ. އެހެން ކަމުން ގިނަ ކުންފުނިތަކުން ބޮޑަށް މަސައްކަތް ކުރަނީ މިގޮތަށް ކަސްޓަމަރުންނަށް މާކެޓްކުރުމަށެވެ. އެހެން ނަމަވެސް ބްރޭންޑް ބަދަލުކުރުމަށް ހުރިހާ ބްރޭންޑްތަކެއް އަޅާކިޔާ ކުންފުނިތަކުގެ އަމިއްލަ ބްރޭންޑް ވިއްކުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރެއެވެ.
އަހަރަކު އެއްފަހަރު އައު ޑިވައިސްއެއް ނުގަތުމަށް ގިނަ ސަބަބުތަކެއް އެބަހުއްޓެވެ. އެހެން ނަމަވެސް އެންމެ މުހިއްމު ސަބަބަކީ ތިމާ އަތުގައި މިހާރު އޮތް ޑިވައިސް އަދިވެސް ފުދޭތީއެވެ. ފުދުން އެކަންޏެއް ނޫނެވެ. މިހާރު އޮތް ފޯނު އަދި ދެރައެއްވެސް ނޫންދޯއެވެ.
ފޯނުގެ ވަރަށް ކުރީގެ ވަރޝަނެއް ގެންގުޅޭނަމަ ބަދަލުކޮށްލުން އެންމެ ރަނގަޅެވެ. އެއީ ކުރިއާއި އަޅާ ބަލާފައި ބޮޑުތަނުއް ފީޗަރސްގެ ގޮތުން ކުރި އަރާފައިވާނެތީއެވެ. މިގޮތަށް ބަދަލު ކުރަން ވިސްނާ ނަމަވެސް އެންމެ ފަހުގެ ވަރޝަން ނުގަނެ އޭގެ ކުރީގެ ވަރޝަން ގަތުން މާރަނގަޅެވެ. މިސާލަކަށް ގެލެކްސީ އެސް9 ގެންގުޅޭ ފަރާތެއްނަމަ، 2023 ގައި ގެލެކްސީ އެސް22 ގަނެލުން ވަރަށް ވިސްނުންތެރިއެވެ. އެއީ 2023 ގެ އައު ވަރޝަން ނިކުތުމުން 2022 ގެ ވަރޝަން ކުރިއާއި އަޅާބަލާއިރު އެތައްތަނެއް އަގު ހެޔޮ ވާނެތީއެވެ.
އައު ފޯނެއް ނުގަތުމުން ލިބޭ އަދި އެހެން ފައިދާއެއް އެބައޮތެވެ. އެއީ ތިމާވެސްޓަށްވެސް އެހީތެރިވެދޭނެ ކަމެކެވެ. ރާއްޖޭގެ ގިނަ ބަޔަކު އަބަދުވެސް ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރަން މަސައްކަތް ކުރެއެވެ. ދިވެއްސަކަށް ވީތީ މިކަމަށް ވިސްނާލުން ވަރަށް މުހިއްމެވެ.
ފޯނެއް އުފައްދަން ބިމުން ނަގަން ޖެހޭ އެކި އެކި މައުދަންތައް ނެގުމަށް ބޮޑު ޚަރަދަކާ ގިނަ ހަކަތައެއް ހޭދަކުރަންޖެހެއެވެ. އަދި ދިރާސާތަކުން ދައްކާ ގޮތުގައި ފޯނު އުފެއްދުމަށް ބޭނުންކުރާ އެކި އެކި މައުދަނަކީ ނަގަމުން ނަގަމުން ގޮސް ހުސްވާން ގާތްވެފައިވާ ތަކެއްޗެވެ. ފޯނެއް ތައްޔާރުކުރުމަށް އެތަކެއް މައުދަނެއް ބޭނުންވެއެވެ. މީގެ ތެރޭގައި ފޯނުގެ ސްޕީކަރުތަކާއި މައިކްތަކަށް ބޭނުންކުރާ ދަގަނޑާއި، ފޯނުގެ ސްކްރީނަށާއި ފްރޭމަށް ބޭނުންވާ އެލުމިނިއަމްއާއި މެގްނީސިއަމްއެވެ. ފޯނުގެ އިލެކްޓްރޯނިކް ސަރކިޓްތަކަށް ބޭނުންވާ ކޮޕަރ، ރަން، ރިހި، ލެޑް އަދި ޓިން ފަދަ މައުދަނާއި ބެޓެރީއަށް ބޭނުންވާ ލިތިއަމްއާއި، ޕްރޮސެސަރތައް އުފެއްދުމަށް ބޭނުންވާ ސިލިކަން ހިމެނެއެވެ.
ފޯނު އައު ކުރުމުގެ ވައްޓަފާޅި އަދި އިތުރަށް ގޯސްވެގެން ދަނީ މީހުންގެ އަމަލުތައް ހުންނަ ގޮތުންނެވެ. އެވްރެޖްގޮތެއްގައި މީހަކު 2 އަހަރުން އެއް އަހަރު އައު ފޯނެއް ގަންނަކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އައު ފޯނު ގަންނަ ފަރާތްތަކުގެ ތެރެއިން ކުރިން ގެންގުޅުނު ފޯނު ރިސައިކަލް ކުރަނީ މަދުބައެކެވެ. މީގެ ސަބަބުން ފޯނު އުފައްދަން ބޭނުންކުރާ ޓޮކްސިކް (ވިހަ) ކުނި އަދި ޕްލާސްޓިކް ކުނި އުފެދުން ގިނަވެއެވެ.
ސްޓެޓިސްޓާ އިން 2019 ގައި ކޮށްފައިވާ ދިރާސާތަކުގައި ދައްކާ ގޮތުން އިލެކްޓްރޯނިކް ވޭސްޓް (ނުވަތަ އީ-ވޭސްޓް) އަކީ ދުނިޔޭގައި މިހާރު އެންމެ ހަލުވިކަމާއެކު އުފެދޭ ކުނީގެ ބާވަތެވެ. 2019 ވަނަ އަހަރު މުޅި ދުނިޔޭގައި 54 މިލިއަން މެޓްރިކް ޓަނު އިލެކްރޯނިކް ކުނި އުފެދިފައިވެއެވެ. އަދި 2030 އާއި ހަމައަށް މިއަދަދު %30 އަށް އިތުރުވާނެއެވެ. ކޮންމެ އަހަރަކު އުފެދޭ އީ-ވޭސްޓްގެ ތެރެއިން ރިސައިކަލް ކުރެވެނީ ހަމައެކަނި %20 އެވެ. މިގޮތަށް ކުރިއަށް ދާނަމަ މިއީ ދެމެހެއްޓެނިވި ގޮތެއް ނޫނެވެ.
މީގެ އިތުރުން ފޯނު ޕެކްކުރުމަށް ބޭނުންކުރާ ފޮށި އުފައްދާ ކަރުދާހަކީ ތިމާވެށި ހަލާކުކޮށްގެން އުފައްދާ ތަކެއްޗެވެ. އަދި ޕްލާސްޓިކުން އުފައްދާ ފޯނުގެ ބައިވަރު ބައިތަކާއި ޕެކްކުރުމަށް އުފައްދަންޖެހޭ ޕްލާސްޓިކާއި ދޭތެރޭ ވިސްނާލާށެވެ. މިތަކެތި ބޭނުންވާ ފަރާތްތަކާއި ހަމައަށް ޑިލިވަރ ކުރުމަކީވެސް ވަކި ކުޑަ ގެއްލުމެއް ނޫނެވެ. އެކަމަށް އެތަށް ގިނަ އަދަދަކަށް ފިއުލް އަންދާނެއެވެ.
މިހުރިހާ އެއްޗެއްގެ މައްޗަށް އަދި ކުރިން ބޭނުންކުރި ފޯނާއި، އެއާއެކުގައި ހިމެނޭ ޕްލާސްޓިކް އުކާލުމަށް ނުވަތަ ނައްތާލުމަށް ކުރަންޖެހޭ ކަންތައްތަކުގައި ވެސް ތިމާވެއްޓަށް ލިބޭ ގެއްލުންތައް ބައިވަރެވެ. މިކަންތައްތައް ކުޑަކޮށްވެސް މަދު ކުރެވިއްޖެނަމަ އެއީ އަހަހަރުމެން އެންމެންނަށްވެސް ތިމާވެށި ރައްކާތެރިކުރުމަށް ކުރާ މަސައްކަތުގައި ބައިވެރިވެވިދާނެ ގޮތްތަކެކެވެ.
މަދު ބަޔަކު ފޯނެއް ނުގަތުމުން އަދި ތިމާވެއްޓަށް ކުރާ އަސަރު ކުޑައެއް ނުވާނެއޭ ހިތަށް އަރާފާނެއެވެ. ކޮންމެވެސް އެއްބަޔަކު މަދުކޮށްލިޔަސް ތަފާތެއް ފެނިދާނެއެވެ.
އަދިވެސް ފޯނު ގަތުން މަދުކުރުމަށް މިދެއްނެވުނު ސަބަބުތަކާ އެއްބަހެއް ނުވެވޭތޯއެވެ؟ އެންމެ ރަނގަޅެވެ. ދެން ތިމާވެއްޓަށް ނުވިސްނާށެވެ. ތިމާގެ އަމިއްލަ ފައިސާ ސަލާމަތްވުމަކީ އަދި މާ ބޮޑު ފައިދާއެއް ދޯއެވެ. ހަނގުރާމައާއި އާންމު ބަލިތައް ގިނަވެފައިވާ ދުވަސްވަރެއްގައި، މުޅި ދުނިޔޭގެ އިގްތިސާދަށް މިހާ އަސަރުކޮށްފައިފައިވާ ދަނޑިވަޅެއްގައި، ފައިސާ ސަލާމަތް ކުރުމަކީ މުހިއްމު ކަމެއްކަމަށް ގިނަ ބަޔަކަށް އެއްބަސްވެވޭނެއެވެ. ރާއްޖޭގައިވެސް ކުރިއަށް އޮތް އަހަރުތަކުގައި ޓެކްސްތައް އިތުރުވެ، ސަބްސިޑީތައް ކުޑަ ވެގެން ދާން އޮތް މުސްތަގުބަލެއްގައި ފަހަށް ފައިސާ ރައްކާކުރުން، ނުވަތަ ކޮންމެހެން ކުރަން ނުޖެހޭ ހަރަދުތައް މަދު ކުރުމަކީ މުހިއްމު ކަމެކެވެ. އެހެން އެއްވެސް ސަބަބެއް ބަލައި ނުގަތް ނަމަވެސް މިކަން ބަލައިގަތުން ފައިދާ ބޮޑެވެ.
ޓެކްނިއުސް ފަދަ ޓެކްނޮލޮޖީގެ އެކި އެކި މަޢުލޫމާތު ހިއްސާކުރާ ނޫހެއްގައި މިފަދައިން ހެޑްލައިން ލިޔެފައި އޮތުން އެއީ ހައިރާންވާޖެހޭ ކަމެއް ކަމުގައި ހީވެދާނެއެވެ. ޓެކްނިއުސްއަކީ އަބަދުވެސް އައު ޑިވައިސްތަކުގެ މަޢުލޫމާތާއި، އެތަކެތީގައި ހުންނަ މޮޅު ފީޗަރސްތަކުގެ ވާހަކަވެސް ގެނެސްދޭ ޕްލެޓްފޯމަށް ވީތީއެވެ. އެހެން ނަމަވެސް ޓެކްނޮލޮޖީ ޑިވައިސްތައް ބޭނުންކުރާ ފަރާތްތަކުގެ ހައްގުގައި ވާހަކަ ދެއްކުމަކީވެސް މުހިއްމު ކަމެކެވެ. އެހެންކަމުން އަނެއްކާވެސް ބުނެލާނީ، އައު ފޯނެއް ގަންނަ ވިސްނާނަމަ އިތުރަށް އަދި ވިސްނާލުމަށެވެ. ފޯނު ނުގަތުމުގެ ސަބަބުން ތިމާއަށް ލިބޭ ފައިދާތަކާއި ދޭތެރޭ ވިސްނާލާށެވެ. އަދި ތިމާވެއްޓަށް ކުރާނެ ރަނގަޅު އަސަރުވެސް ހަނދާންކޮށްލާށެވެ.
ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް