ރޭންސަމްވެއަރގެ ޝިކާރައަކަށް ކެނެޑާގެ އަވަށެއް އެކީ

ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ކެނެޑާގެ އޮންޓޭރިއޯގައިވާ ކުޑަ އަވަށެއް ކަމަށްވާ ސެއިންޓް މޭރީ ވަނީ ރޭންސަމްވެއަރ އޯގަނައިޒޭޝަންއެއް ކަމަށްވާ ލޮކްބިޓްގެ ޝިކާރައަކަށް ވެފައެވެ. އެ ރަށުގެ މީހުން ބުނިގޮތުގައި އަދިވެސް ރަށުން ލޮކްބިޓްއަށް ފައިސާ ނުދައްކައެވެ. ނަމަވެސް އެ އަވަށުގެ ހުރިހާ ކަމެއް ރަނގަޅަށް ހިނގަމުންދާކަމަށް އެތަނުގެ މޭޔަރ ވަނީ ބުނެފައެވެ.

ސެއިންޓް މޭރީގެ ރަސްމީ ވެބްސައިޓަށް ޒިޔާރަތްކުރާ ފަރާތްތަކަށް ތިރީގައިވާ ލިޔުން ފެންނާނެއެވެ.

" މިވަގުތު އަޅުގަނޑުމެންމިދަނީ ސެއިންޓް މޭރީގެ ސާރވާތައް ލޮކްކޮށް، ޑާޓާ އެންކްރިޕްޓް ކުރި ސައިބަރ ސެކިއުރިޓީ ހާދިސާއެއް ތަހުގީގު ކުރަމުންނެވެ. އަދި ސައިބަރ ސެކިއުރިޓީގެ ތަޖުރިބާކާރުންނާ ގުޅިގެން މި ހާދިސާ ހިނގި ގޮތް ތަހުގީގުކޮށް، ބެކްއަޕް ޑާޓާ އަލުން ހޯދައި، މިކަމުގެ ސަބަބުން އަޅުގަނޑުމެންގެ ޑާޓާއަށް ކުރަމުންދާ އަސަރުތައް ހޯދުމަށްވެސް މަސައްކަތްކުރަމުން އެބަ ދަމެވެ.

"މި ހާދިސާއާއި ގުޅިގެން ކުރިމަތިވެދާނެ މައްސަލަތައް ހައްލުކުރުމަށް ސެއިންޓް މޭރީއިން ވަނީ ހުނަރުވެރި ސައިބްރ ސެކިއުރިޓީ ތަޖުރިބާކާރުންނާއި ގާނޫނީ ވަކީލުން ހިމެނޭ ޓީމެއް އެކުލަވާލާފައެވެ." ސެއިންޓް މޭރީއިން ނެރުނު ނޫސްބަޔާނެއްގައި ރަށުގެ މޭޔަރ އަލް ސްޓަރްތްޑީ ވިދާޅުވިއެވެ.

ފަހަކަށްއައިސް ރޭންސަމްވެއަރ އެޓޭކްތަކުގެ އަދަދުވަނީ އިތުރުވެފައެވެ. މިއަހަރުގެ މާރޗް 3 ގައި އެފްބީއައިގެ އިންޓަނެޓް ޓާސްކް ފޯސްއިން ނެރުނު ރިޕޯޓެއްގައި ބުނެފައިވާގޮތުގައި ރޭންސަމްވެއަރއަށް އެޓޭކްތަކުގެ ސަބަބުން މުނިސިޕަލްޓީތަކުގެ ވަސީލަތްތަކަށް ބުރު އަރާނެއެވެ. ހަމަ އެ ރިޕޯޓުގައި މިބާވަތުގެ ސެކިއުރިޓީ ބްރީޗްތަކާއި ރެންސަމްވެއަރ އެޓޭކްތައް ހުއްޓުވުމަށް ކުރެވޭނެ ކަންތައްތައް ލިސްޓު ކޮށްފައިވެއެވެ. އެހެންކަމުން މުނިސިޕަލްޓީތަކުން މި ރިޕޯޓު ކިޔާލުމަކީ މުހިއްމުކަމެކެވެ.

ފަހަކަށް އައިސް ލޮކޮބިޓްއިން ވަނީ ތަފާތު އެކި ސަބަބުތަކާ ހުރެ ހަބަރުތަކުގެ ފަލަސުރުހީއަށް އަރާފައެވެ. އެގޮތުން ލޮކްބިޓްއިން ވަނީ ވަރަށް ފަހުން ފޮކްސްކޮންގެ ފެކްޓްރީއަކަށް ރެންސަމްވެއަރ އެޓޭކެއް އަމާޒުކޮށް، އެކުންފުނީގެ ހިންގުން ވަގުތީގޮތުން މެދުކަނޑާލުމަށް މަޖުބޫރުކޮށްފައެވެ.

ލޮކްބިޓްއިން އަންދާޒާކުރަނީ ސެއިންޓް މޭރީއިން ރެންސަމް ދައްކާނެކަމަށެވެ. ސަބަބަކީ ރެންސަމް ނުދައްކައިފިނަމަ އެ ރަށުގެ ރައްޔިތުންގެ ޑާޓާ ލީކްކޮށްލުމުގެ ބާރު ލޮކްބިޓް އަށް ލިބިފައިވާތީއެވެ.

އުންމީދުކުރަނީ އެރަށުގެ ރައްޔިތުނަނަށް މާބޮޑެތި ގެއްލުންތަކެއް ނުލިބި މައްސަލަ ހައްލު ކުރުވޭނެކަމަށެވެ. ސެއިންޓް މޭރީ އަކީ އެންމެ 7،500 މީހުން ދިރިއުޅޭ ރަށެކެވެ. އިތުރު މައުލޫމާތާއި އަޕްޑޭޓްތައް ހޯދުމަށް ސެއިންޓް މެރީގެ ވެބްސައިޓާއި، ފޭސްބުކް ޕޭޖާއި، ޓްވިޓަ ފީޑް ބެލުމަށް ރައްޔިތުންނަށްވަނީ ބާރުއަޅާފައެވެ.

ފާޠިމަތު އައިން ލަބީޤް

ފާޠިމަތު އައިން ލަބީޤް

ފްރީލޭންސް ލިޔުންތެރިޔެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.