އިންޑޮނޭޝިއާ އިން ޔާހޫއާއި ޕޭޕާލް ބޮލޮކްކޮށްފި

ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ލައިސަންސްގެ އުސޫލުތަކާ ހިލާފްވުމުގެ ސަބަބުން ސަރޗް އިންޖީން ވެބްސައިޓް ޔާހޫ، ޕޭޕާލް، އަދި ބައެއް ގޭމިންގް ޕެބްސައިޓްތައް އިންޑޮނޭޝިއާއިން ބޮލޮކްކޮށްފައިވާކަމަށް އޮފިޝަލަކު ހޮނިހިރު ދުވަހު ވިދާޅުވެއްޖެއެވެ.

ނޮވެމްބަރ 2020 ގައި ނެރުނު ގަވައިދުތަކުގެ ދަށުން ހުރިހާ ކުންފުންޏެއްވެސް ސަރުކާރުގައި ރަޖިސްޓްރީ ކުރުމަށްވަނީ މަޖުބޫރުކޮށްފައެވެ. އަދި ބައެއް ޔޫޒަރުންގެ ޑާޓާ ހޯދުމާއި، ގާނޫނާއި ހިލާފު ކަމަށް ބެލެވޭ ކޮންޓެންޓް ޑިލީޓްކުރުމުގެ ބާރުވެސް ސަރުކާރަށް ލިބިގެންވެއެވެ.

ސަރުކާރުން ހުޅުވާލި ރަޖިސްޓްރޭޝަން މުއްދަތުގެ ތެރޭގައި ރަޖިސްޓްރީވި ކުންފުނިތަކުގެ ތެރޭގައި އަލްފަބެޓް، ފޭސްބުކް، އިންސްޓަގްރާމް އަދި އެމަޒޯން ހިމެނެއެވެ.

އިންޑޮނޭޝިއާގެ ކޮމިއުނިކޭޝަން މިނިސްޓްރީގެ އިސް އޮފިޝަލެއް ކަމަށްވާ ސޭމުއެލް އަބްރިޖާނީ ޕަންގޭރަޕަން ވިދާޅުވެފައިވާ ގޮތުގައި ބޮލޮކްކޮށްފައިވާ ވެބްސައިޓްތަކުގެ ތެރޭގައި ޔާހޫ، ސްޓީމް، ޕޭޕާލް، ކައުންޓަރ ސްޓްރައިކް އަދި އެޕިކް ގޭމްސް ހިމެނެއެވެ.

ޔާހޫގެ ބެލެނިވެރި ކުންފުނި ކަމަށްވާ ޕޭޕާލް އަދި އެޕިކް ގޭމްސްއިން މިހާލަތާއި ބެހޭގޮތުން އެއްވެސް އެއްޗެއް އަދި މިހާތަނަށް ބުނެފަކާ ނުވެއެވެ.

"ބްލޮކިރްކޮމިންފޯ" (ބްލޮކް ކޮމިއުނިކޭޝަން މިނިސްޓްރީ)، އެޕިކް ގޭމްސް، އަދި ޕޭޕާލް ފަދަ ހޭޝްޓެގްތައްވަނީ އިންޑޮނޭޝިއާގެ ޓްވިޓާގައި ޓެރެންޑްވެފައެވެ. އަދި މި ސައިޓްތައް ބްލޮކްކުރުމުން އިންޑޮނޭޝިއާގެ ގޭމިންގް އިންޑަސްޓްރީ އާއި ޕޭޕާލް ބޭނުންކުރާ ފްރީލޭންސް މަސައްކަތްތެރިންނަށް ނޭދެވޭ އަސަރު ކުރާނެތީ އިންޑޮނެޝިއާގެ ސަރުކާރަށްވަނީ ފާޑުކިޔުން އަމާޒުވެފައެވެ.

ޕޭޕާލް އިން ޑިޕޮސިޓް ނެގުމަށް ބޭނުންވާ މީހުންނަށް ސަރުކާރުން ހައްލެއް ހޯދާދޭނެކަމަށް ޕަންގޭރަޕާން ވަނީ ވިދާޅުވެފައެވެ. އަދި ފަހަރެއްގައި ޕޭޕާލްގެ ވެބްސައިޓް ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ހުޅުވާލެވިދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޕަންގޭރަޕާން އިތުރަށް ވިދާޅުވިގޮތުގައި ރަޖިސްޓްރޭޝަންގެ އުސޫލުތަކަށް އަމަލުކޮށްފިނަމަ ވެބްސައިޓްތައް އަންބްލޮކް ކުރާނެއެވެ.

ގާތްގަނޑަކަށް 191 މިލިއަން އިންޓަނެޓް ބޭނުންކުރާ ފަރާތްތަކާއި އަދި ސޯޝަލް މީޑިއާއަށް ފަރިތަ ޒުވާން އާބާދީއެއް އޮންނަ އިންޑޮނޭޝިއާއަކީ ޓެކް ކުންފުނިތަކަށް ވަރަށް މުހިންމު މާކެޓެކެވެ.

ފާޠިމަތު އައިން ލަބީޤް

ފާޠިމަތު އައިން ލަބީޤް

ފްރީލޭންސް ލިޔުންތެރިޔެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.