އުރީދޫ: މުއާސަލާތީ ޚިދުމަތް ފޯރުކޮށްދިނުމުގައި 17 އަހަރު

ހިންދު ޢަލީ 01 އޯގަސްޓު 2022


2005 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 1 ވަނަ ދުވަހު އުފެއްދުނު އުރީދޫ މޯލްޑިވްސް އަކީ ރާއްޖޭގެ މުވާސަލާތީ ސިނާއަތަށް އިންގިލާބެއް ގެނެސްދީފައިވާ ކުންފުންޏެކެވެ. އެކުންފުނީގެ މަގުސަދަކީ ކަސްޓަމަރުންނަށް ފައިދާހުރި ޒަމާނީ ޓެކްނޮލޮޖީތަކާއި މުވާސަލާތީ ޚިދުމަތްތައް ފޯރުކޮށްދިނުމެވެ. މިއަހަރު 17 އަހަރު ފާހަގަކުރާ އުރީދޫ އަކީ ރާއްޖޭގައި އުފެއްދުނު ދެވަނަ ޓެލްކޮމް ކުންފުންޏެވެ. އެކުންފުނި ފުރަތަމަ ފެށުނީ ވަތަނިއްޔާ ޓެލެކޮމް މޯލްޑިވްސްގެ ނަމުގައެވެ. ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ދުވަހެއް ދުވަހަކަށް ތަރައްގީކޮށް އިތުރަށް ކުރިއެރުވުމަކީ އެކުންފުނި ފެށުނީއްސުރެވެސް ކުރާ މަސައްކަތެކެވެ.

ވޭތުވެދިޔަ 17 އަހަރުގެ ތެރޭގައި އުރީދޫން އިން ވަނީ ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ޚިދުމަތް ވަރަށް ބޮޑު ތަނެއް ކުރިއެރުވުމުގައި އެހީތެރިވެދީފައެވެ. ޒަމާނާއި އެއްގޮތަށް ކަސްޓަމަރުންގެ މުވާސަލާތީ ބޭނުންތަކަށް އެއްމެ އެކަށޭނެ ހައްލުތަކެއް މުޅި ރާއްޖެ ހިމެނޭހެން ދަނީ ފޯރުކޮށްދެމުންނެވެ. އެގޮތުން އުރީދޫ އަކީ ރާއްޖޭގެ އެންމެހާ ރަށްތަކަށް 4ޖީ+ ފޯރުކޮށްދިން ފުރަތަމަ އޮޕަރޭޓަރ އެވެ. ހަމައެއާއި އެކު، އުރީދޫ އިން ވަނީ އެކުންފުނީގެ ޓްރާންސްމިޝަން ނެޓްވަރކް ފުލް އައި.ޕީ އަށް ބަދަލުކޮށް، ކަސްޓަމަރުންގެ ޑޭޓާ އެކްސްޕީރިއަންސް އިތުރަށް ރަގަޅުކޮށްދީފައެވެ.

އޭގެ އިތުރުން ރާއްޖޭގެ ފުރަތަމަ، ޓިއަރ-3ގެ ޑޭޓާ ސެންޓަރުގެ ޚިދުމަތާއި، ސްމާޓް ސިޓީ އުފެއްދުމުގެ އެކި މަސައްކަތްތަކުގައި ރާއްޖެއިން އަދި ރާއްޖޭން ބޭރުގެ ޕާޓީތަކާއެކު ޓެކްނޮޮލޮޖީ ޑިވެޕްކުރުމަށާއި ޒަމާނީ ގޮތްތައް ތަޢާރަފް ކުރުމުގެ ގިނަ މަސައްކަތްތަކެއް ވެސް ކުރަމުންދެއެވެ. އުރީދޫއިން ހާމަކުރާ ގޮތުގައި ކުރިޔަށް އޮތް ތަނުގައި ވެސް، ޑިޖިޓަލް ދުނިޔޭގެ އެންމެ ފަހުގެ ޓެކްނޮލޮޖީތައް ދިވެހިރާއްޖެއަށް ގެނެސްދިނުމުގައި އުރީދޫއިން ދެމިތިބޭނެއެވެ.

17 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި މިއަދު އުރީދޫ މޯލްޑިވްސްއިން ވަނީ، އެކުންފުނީގެ 5ޖީ ނެޓްވޯކް ގްރޭޓަރ މާލޭ ސަހަރައްދަށް ފުޅާކޮށްފައިވާކަމަށް އިޢުލާނުކޮށްފައެވެ. މިޚިދުމަތް ފުޅާކުރެވުނީ މާލެ، ވިލިމާލެ، ހުޅުމާލެ ފޭސް 1 އަދި ހުޅުލެ ހިމެނޭ ގޮތަށެވެ. މިގޮތުން މިސަހަރައްދުތަކުގައި އުރީދޫ ކަސްޓަމަރުންނަށް މިއަދުން ފެށިގެން ހަލުވި ސްޕީޑްގައި އިންޓަރނެޓް ލިބިގެންދާނެއެވެ.

ގައުމީ ޑިޖިޓަލް އިންފްރާސްޓްރަކްޗަރގެ ޚިދުމަތް ޒަމާނީކޮށް ފުޅާކުރުމަކީ އެކުންފުނިން ކުރަމުން ދިޔަ ތަސައްވުރެކެވެ. އެގޮތުން ޑިސެމްބަރ 2020 ގައި ރާއްޖެއަށް 5ޖީގެ ޚިދުމަތް ފުރަތަމަ ތައާރަފްކުރި ކުންފުންޏަކީ އުރީދޫއެވެ. އުރީދޫއިން އެންމެ ފުރަތަމަ 5ޖީގެ ޚިދުމަތް ތަޢާރަފްކޮށްފައިވަނީ އެއަރފައިބަރ މެދުވެރިކޮށް މާލެ ސިޓީގެ ސަހަރައްދުތަކަށެވެ. 5ޖީ ނެޓްވޯކް އިތުރު ސަރަހައްދުތަކަށް މިއަދު ފުޅާކުރެވިގެން މިދިޔައީ، ޑިޖިޓަލް ޒަމާނާއި އެކަށީގެންވާ ކުރިއެރުން ގެނެސް ހައިޓެކް ޚިދުމަތްތައް ބޭނުންކުރާ އުރީދޫގެ ކަސްޓަމަރުންނަށް ހަލުވި ސްޕީޑްގައި ފެންވަރު ރަނގަޅު އިންޓަނެޓްގެ ޚިދުމަތް ކަށަވަރުކޮށްދިނުމުގެ ބޭނުމުގައި ކަމަށް އުރީދޫގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ ޚާލިދު އަލްހަމާދީ ވިދާޅުވިއެވެ.

ނެޓްވޯކް ފުޅާކުރުމުގެ އިތުރުންވެސް އެކުންފުނިން ވަނީ ކުންފުނީގެ ކަސްޓަމަރުންނަށް 5ޖީ ގެ ހަލުވި ސްޕީޑް ތަޖުރިބާ ކޮށްލުމަށް ބޮޑެތި ޑޭޓާ އެލަވަންސްތަކެއް ލިބޭ ހާއްސަ ފުރުސަތު ތަކެއްވެސް މިއަދު ތައާރަފްކޮށްފައެވެ. ސުޕަރނެޓް އެއަރފައިބަރ 5ޖީ ޕްލޭންތައް ބޭނުންކުރާ ކަސްޓަމަރުންނަށް މަހުގެ އެލަވަންސް ބޭނުންކުރުމަށް ފަހުވެސް 5އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑް ލިބިގެންދާނެކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައެވެ.

އުރީދޫ 5ޖީގެ ކަސްޓަމަރުންނަށް ތައާރަފްކޮށްފައިވާ މޯބައިލް ޑޭޓާގެ ބޮޑު ފައިދާތަކުގެ ތެރޭގައި ހިމެނެނީ؛

1. އުރީދޫ ޕްރީޕެއިޑް، އާޗާ ޕްރީޕެއިޑް އަދި މަގޭ ޕްލޭން މެދުވެރިކޮށް، 5ޖީގެ ހަލުވި ސްޕީޑް ތައް ތަޖުރިބާކޮށްލުމަށް ޑަބަލް ޑޭޓާ ބޯނަސް އާއި އެކު ހާއްސަ 5ޖީ ޕްލޭންތަކެއް.

* 5ޖީ އާޗާ ޕްރީޕެއިޑް: 30 ދުވަހުގެ ވެލިޑިޓީއާއެކު ދުވާލަކު 1 ޖީބީ - 500 ރުފިޔާ
* 5ޖީ މަގޭ ޕްރީޕެއިޑް: 30 ދުވަހުގެ ވެލިޑިޓީއާއެކު 30 ޖީބީ - 500 ރުފިޔާ
* 5ޖީ އާޗާ ޕްރީޕެއިޑް: 30 ދުވަހުގެ ވެލިޑިޓީއާއެކު ދުވާލަކު 2 ޖީބީ - 750 ރުފިޔާ
* 5ޖީ މަގޭ ޕްރީޕެއިޑް: 30 ދުވަހުގެ ވެލިޑިޓީއާއެކު 60 ޖީބީ - 500 ރުފިޔާ


2. އުރީދޫ ޕޯސްޓްޕެއިޑް 800 އާއި މަތީގެ ޕްލޭންތައް ގެންގުޅުއްވާ ފަރާތްތަކަށް 2 ގުނަ ބޯނަސް ޑޭޓާ.


އުރީދޫ މޯލްޑިވްސްއަށް 17 އަހަރު ފުރޭ މުނާސަބަތުގައި ޓެކްނިއުސްގެ ފަރާތުން ކުންފުނީގެ ވެރިންނަށާއި އެންމެހާ މުވައްޒަފުންނަށް މަރުހަބާ ދަންނަވަމެވެ.

ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.