ޓިކްޓޮކް އަކީ މިއުޒިކާއި ވަރަށް ބޮޑަށް ގުޅިފައިވާ އެޕްއަކަށްވާއިރު، އެ ކުންފުނީގެ އަމިއްލަ މިއުޒިކް ސްޓްރީމިންގް އެޕްއެއް ތައާރަފްކުރުމަކީ އެހާ ހައިރާންކުރަނިވި ކަމެއް ނޫނެވެ. އިންސައިޑަރއިން ހާމަކޮށްފައިވާގޮތުގައި ޓިކްޓޮކްއިން ދަނީ މިއުޒިކް ސްޓްރީމިންގް އެޕްއެއް ތައާރަފްކުރުމަށް ތައްޔާރުވަމުންނެވެ.
ޓިކްޓޮކްގެ ބެލެނިވެރި ކުންފުނިކަމަށްވާ ބައިޓްޑާންސް އިން ވަނީ މިއަހަރުގެ މޭއި މަހު އެމެރިކާގެ ޕެޓެންޓް އެންޑް ޓްރޭޑްމާކް އޮފީހަށް "ޓިކްޓޮކް މިއުޒިކް" ގެ ޓްރޭޑްމާކް ހޯދުމަށް އެޕްލިކޭޝަނެއް ހުށަހަޅާފައެވެ. އެ ފައިލިންގްގައި ވާގޮތުން މި އެޕްއިން މިއުޒިކް ގަނެ، ކުޅެ، އަދި ޑައުންލޯޑްވެސްކުރެވޭނެއެވެ. އަދި ހަމައެއާއެކު އެޕް ބޭނުންކުރާ ފަރާތްތަކަށް ޕްލޭލިސްޓްތައް ތައްޔާރުކޮށް، ރަށްޓެހިންނާއި ހިއްސާކުރެވޭނެއެވެ. ބައިޓްޑާންސްއިން ވަނީ މިދިޔަ ނޮވެމްބަރ މަހު އޮސްޓްރޭލިޔާގައި "ޓިކްޓޮކް މިއުޒިކް" ޓްރޭޑްމާކް ހޯދުމަށް ހުށަހަޅާފައެވެ.
ބައިޓްޑާންސް އަކީ މިއުޒިކް ސްޓްރީމިންގެ ތަޖުރިބާ ލިބިފައިވާ ކުންފުންޏެކެވެ. 2020 ވަނަ އަހަރު ބައިޓްޑާންސް އިން ވަނީ އިންޑިއާ، ބްރެޒިލް، އަދި އިންޑޮނޭޝިއާގައި މިއުޒިކް ސްޓްރީމިން އެޕްއެއް ކަމަށްވާ 'ރެސޯ' ތައާރަފްކޮށްފަ އެވެ. "ޓިކްޓޮކް މިއުޒިކް" ގެ ފައިލިންގްގައި ވާ ފީޗާސްތަކެކޭ އެއްގޮތަށް ރެސޯއިން ވެސް ޕްލޭލިސްޓް އުފައްދައި، ސޯޝަލް މީޑިއާގައި ލަވަތައް ހިއްސާކުރެވޭނެއެވެ.
ބައިޓްޑާންސްއިން ރެސޯއަށް ޔޫޒަރުން ގެނައުމަށް ޓިކްޓޮކް ބޭނުންކުރެއެވެ. އެގޮތުން 'ދަ އިންފޮމޭޝަން' އިން ނެރުނު ރިޕޯޓެއްގައިވާ ގޮތުން ބްރެޒިލްގެ ޓިކްޓޮކް އެޕްގައި ރެސޯއަށް ރީޑައިރެކްޓް ކުރާ ބަޓަނެއް އެކުލެވިގެންވެއެ. އެހެންކަމުން ލަވައެއްގެ ފުލް ވާޝަން އަޑުއަހާލަން ބޭނުންވާ ފަރާތްތަކަށް ރެސޯއިން ލަވަ އަޑުއަހާލެވޭނެއެވެ.
2021 ގެ ނޮވެމަބަރު މަހު އިންޑިއާ، ބްރެޒިލް، އަދި އިންޑޮނޭޝިއާގައި ރެސޯ ބޭނުންކުރާ 40 މިލިއަނަށްވުރެ ގިނަ ޔޫޒަރުން ތިބިކަމަށް ދަ އިންފޮމޭޝަން އިން ރިޕޯޓުކޮށްފައިވެއެވެ. މިއަހަރުގެ ކުރީކޮޅު އިންސައިޑާއިން ނެރުނު ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި އިންޑިއާގައި އެކަނިވެސް 2021 އިން 2022 ގެ ޖެނެއަރީ އާއި ހަމައަށް ރޭސޯގެ އެކްޓިވް ޔޫސަރުންގެ އަދަދުވަނީ %304 އިތުރުވެފައެވެ. ނަމަވެސް މި މުއްދަތުގެ ތެރޭގައި ސްޕޮޓިފައިގެ އެކްޓިވް ޔޫޒާރސް އިތުރުވީ އެންމެ %38 އެވެ.
ބައިޓްޑާންސް ޓިކްޓޮކް މިއުޒިކް އުފައްދާނީ ރެސޯގެ ފްރޭމްވޯކްގެ މައްޗަށް ބިނާކޮށް ކަމެއް ނުވަތަ މުޅިން އާ ގޮތަކަށް ކަމެއް އަދި ނޭނގެއެވެ. ޓިކޮޓޮކްގެ ސަބަބުން މިއުޒިކް ސްޓްރީމިންގް އިންޑަސްޓްރީއަށް ވަނީ ވަރަށް ބޮޑު ބަދަލުތަކެއް އައިސްފައެވެ. އެހެންކަމުން ސްޕޮޓިފައި އާއި އެޕްލް މިއުޒިކް ފަދަ މިއުޒިކް ސްޓްރީމްންގް އެޕްތަކުން ޓިކްޓޮކް މިއުޒިކް އާއި ވާދަކުރުމަށް އެ އެޕްތަކުގެ ހިދުމަތްތައް އަޕްޑޭޓްކުރަން މަޖުބޫރުވުމަކީ އެކަށީގެންވާ ކަމެކެވެ.
ފްރީލޭންސް ލިޔުންތެރިޔެއް