އެޕަލްއަށް މިއަހަރުގެ ޖޫން މަހުގެ ތިންވަނަ ކުއާޓަރގައި އާމްދަނީގެ ގޮތުގައި ރެކޯޑް އަދަދަށް 83 ބިލިއަން ޑޮލަރު ލިބިފައިވާއިރު، މިއީ ކުރީ އަހަރުގެ ކުއާޓާއާ އަޅާބަލާއިރު %2 އިތުރު އަދަދެކެވެ. މި ލިބުނު ކުރިއެރުމުގެ އެންމެ ބޮޑު އެއް ސަބަބަކީ އެންޑްރޮއިޑް ބޭނުންކުރާ ފަރާތްތަކުގެ ތެރެއިން ރެކޯޑް އަދަދެއްގެ މީހުން އައިފޯންތަކަށް ބަދަލުވުމެވެ.
އެޕަލްގެ ސީއެފްއޯ ލޫކާ މޭސްޓްރީ ވިދާޅުވިގޮތުގައި އައިފޯން އެކްޓިވް އިންސްޓޯލްޑް ބޭސް ބޭނުންކުރާ މީހުންގެ އަދަދުވަނީ މުޅި ދުނިޔެގައިވެސް މީގެ ކުރިން ނުދާހާ ވަރަށް މައްޗަށްގޮސްފައެވެ. މީގެ މައިގަޑު ސަބަބަކީ އެޕަލްގެ ކަސްޓަމަރ ލޯޔަލްޓީ އިތުރުވުމެވެ. ދާދި ފަހުން އެމެރިކާގައި ކުރި ދިރާސާއަކުން ދައްކާގޮތުގައި އައިފޯން ބޭނުންކުރާ ފަރާތްތަކުގެ ތެރެއިން %98 މީހުން ގަބޫލުކުރަނީ އެޕްލް އަކީ އެންމެ ރަނގަޅު ބްރޭންޑްކަމަށެވެ.
އެޕަލްގެ ސީއިއޯ ޓިމް ކުކް ގަބޫލުކުރާ ގޮތުގައި ގިނަ ފަރާތްތަކުން އެންޑްރޮއިޑްއިން އެޕްލްއަށް ބަދަލުވަނީ އެޕްލްއިން ކަސްޓަމަރުން އެންމެ ބޭނުންވާ ގޮތަށް ހިދުމަތްތައް ލިބެމުން ދާތީ އާއި އަދި 5ޖީ ތައާރަފް ކުރުމުންނެވެ. އައިފޯންތައް އިންޑޮނޭޝިއާ އާއި ވިއެޓްނާމް ފަދަ އާ މާކެޓްތަކަށް ތައާރަފްކުރުމުނެވެސް އެޕްލްގެ ކަސްޓަމަރުންގެ އަދަދު ވަނީ އިތުރުވެފައެވެ.
"އަޅުގަނޑުމެންނަށް އެންމެ މުހިންމު ކަމަކީ ކަސްޓަމަރުންގެ ހިތްހަމަޖެހުން. 5ޖީ ގެ ޕެނެޓްރޭޝަން ދުނިޔޭގެ ފެންވަރުގައި ބަލާއިރު، އަދިވެސް ފުދޭވަރަކަށް ދަށް. އެހެންކަމުން އަޅުގަނޑުމެން 5ޖީ ތައާރަފްކުރުމަކީ ކުންފުންޏަށް ވަރަށް ފައިދާހުރި ކަމެއް." ޓިމް ކުކް ވިދާޅުވިއެވެ.
ޑާޓާ އަށް ބަލާއިރު އައިފޯނާއި އެޕަލްގެ އެހެން އުފެއްދުންތައް ވިކޭގޮތް އިތުރުވި ނަމަވެސް މެކްސް އިން ލިބޭ އާމްދަނީ ވަނީ ދަށަށް ގޮސްފަ އެވެ.
މެކް ވިކޭ އަދަދު ދަށްވެފައިވަނީ ސަޕްލައި މައްސަލަތަކާއި ޖެހިގެން ކަމަށް އެޕަލް އިން ވަނީ ބުނެފައެވެ. ނަމަވެސް އެޕަލް، 'އެޕަލް ސިލިކޮން ހާޑްވެއަރ' ނެރެމުންދާއިރު މެކް ވިކޭގޮތް މަދުވުމަކީ އެޕަލް އިން ކަންބޮޑުވާންޖެހޭ ކަމެކެވެ.
އެހެންކަމުން އެޕަލް އިން ވިންޑޯސް ބޭނުންކުރާ ފަރާތްތައް މެކްތަކަށް ބަދަލުވުމަށް ބާރުއަޅަން ޖެހެއެވެ.
ފްރީލޭންސް ލިޔުންތެރިޔެއް