އެއާޕޯޓްގެ ސްކްރީންތަކަށް ތިބާގެ އަމިއްލަ މައުލޫމާތު

ފާޠިމަތު އައިން ލަބީޤް 04 އޯގަސްޓު 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ޑިޓްރޮއިޓް މެޓްރޮޕޮލިޓަން އެއާޕޯޓްގެ ޓާމިނަލްއިން ކޮންމެ ހަފްތާއަކު އެތައް ހާސް ފަސިންޖަރުންތަކެއް ދަތުރުކުރެއެވެ. ޓާމިންލް ތެރެއަށް ވަނުމާއެކު ދަތުރުވެރިންނަށް ފެނިގެންދާނީ އެ ދަތުރުވެރިން ވަންނަން ޖެހޭ ގޭޓްތަކާއި ބެހޭ މައުލޫމާތު ދައްކުވައިދޭ މުޅިން އާ ޓެކްނޮލޮޖީއެކެވެ.

ޑެލްޓާ އެއާލައިންސް އިން ދާދި ފަހުން ތައާރަފްކުރި "ޕެރެލެލް ރިއަލިޓީ" ސިސްޓަމްގެ ސަބަބުން ދަތުރުވެރިންނަށް ބޯޑިން ޕާސް ނުވަތަ އެމީހުންގެ މޫނު ސްކޭން ކުރުމުން ޝެއަރޑް އޯވަހެޑް ސްކްރީނެއްގައި ވަކިވަކި ފްލައިޓްތަކުގެ މައުލޫމާތު ލިބޭނެއެވެ. މި ސިސްޓަމްގެ އެންމެ ހައިރާންކުރަނިވި ކަމަކީ އެއްފަހަރާ 100 މީހުންނަށް ސްކްރީން ބެލޭއިރު، ކޮންމެ މީހަކަށްވެސް ފެންނާނީ ހަމައެކަނި އެމީހެއްގެ އަމިއްލަ މައުލޫމާތެވެ.

މީގެ ކުރިން މީހުން ފްލައިޓްތަކުގެ މައޫލުމާތު ހޯދާ ބަލަނީ ފޯނުގެ ޒަރިއްޔާއިންނެވެ. ނުވަތަ ހުރިހާ ފްލައިޓެއްގެ މައުލޫމާތު ލިޔެފައި ހުންނަ އެއާޕޯޓުގައިވާ ބޮޑު ސްކްރީނަކުންނެވެ. މިހެން މިކަންތައް އޮއްވާ ޑެލްޓާ އެއާލައިންސްއިން ކުރީގެ ސިސްޓަމަށް މި ބަދަލު ގެނައީ ކީއްވެ ހެއްޔެވެ؟

ޑެލްޓާގެ މެނޭޖިންގް ޑިރެކްޓަރ އޮފް އެއާޕޯޓް އެކްސްޕީރިއެންސް ކަމަށްވާ ގްރެގް ފޯބްސް ވިދާޅުވި ގޮތުގައި އެއް ތަނަކަށް ދުވާލަކު އެތައް ފްލައިޓްތަކެއް ދަތުރުކުރާ ބިޒީ އެއާޕޯޓްތަކުގައި ބޮޑެތި އޯވަހެޑް ސްކްރީނަކުން ހުރިހާ ފްލައިޓްތަކެއްގެ މައުލޫމާތު ހޯދަންޖެހުމުން ބައެއް މީހުންނަށް އޮޅިގެން ނުބައި ގޭޓުތަކަށް ދެވިދާނެއެވެ. އަދި އެއާޕޯޓްގައި މާ ގިނަ މީހުން އެއްފަހަރާ ފޯނު ބޭނުންކުރާ ނަމަ އެއާޕޯޓާއި ފްލައިޓްތަކުގައި ތިބޭ މީހުންގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށްވެސް ބުންޏެވެ.

މިސްއެޕްލައިޑް ސައިންސެސް އޭ ކިޔާ ކުންފުންޏަކުން އުފައްދާފައިވާ މި އާ ޓެކްނޮލޮޖީ ޑެލްޓާގެ މުވައްޒަފުންނަށް ފުރަތަމަ ފެނުނީ މީގެ ތިން އަހަރަށް ވުރެ ކުރިންނެވެ. މި ޓެކްނޮލޮޖީއަށް ޝައުގުވެރިކަން އުފެދި، ޑެލްޓާ އިން ވަނީ މިސްއެޕްލައިޑް ސައިންސެސް އާއި ޕާޓްނާޝިޕެއް އުފައްދައި، އެ ކުންފުނީގައި އިންވެސްޓް ކޮށްފައެވެ.

ޕެރެލެލް ރިއަލިޓީ ބަރޯސާވަނީ ކެމެރާ ނުވަތަ ހެޑްސެޓް ފަދަ އެއްޗެއް ބޭނުން ނުކޮށް އެއް ބޯޑަކުން އެއްފަހަރާ އެތައް ބަޔަކަށް އެ ބަޔެއްގެ އަމިއްލަ މައުލޫމާތު ލިބޭ ޑިސްޕްލޭ ޓެކްނޮލޮޖީގެ މައްޗަށެވެ.

މިސްއެޕްލައިޑް ސައިންސެސްގެ ސީއީއޯ ކަމަށްވާ އެލްބާޓް އެންގް ބުނެފައިވާ ގޮތުގައި ޑީޓްރޮއިޓްގައި ފަސިންޖަރުން ބޯޑީންގް ޕާސް ނުވަތަ މޫނު ސްކޭން ކުރުމުން އޯވަހެޑް މޯޝަން ސެންސަރެއް ދަތުރުވެރިން ދާ ތަންތަން ޓްރެކް ކުރާނެއެވެ. މޫނު ސްކޭން ކުރަން ބޭނުންވާ ދަތުރުވެރިން ޖެހޭނީ ފުރަތަމަ ޑެލްޓާގެ ފޭޝަލް ރެކޮގްނިޝަން ޓެކްނޮލޮޖީގައި ރަޖިސްޓްރީވާށެވެ.

ޑެލްޓާއިން މި ޓެކްނޮލޮޖީ ބޭނުންކުރުމުގެ ޕްލޭންތައް އެންމެ ފުރަތަމަ އިއުލާންކުރީ 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގައެވެ. ނަމަވެސް ކޮވިޑް-19 ގެ ސަބަބުން މި ޓެކްނޮލޮޖީ އެއާޕޯޓްގައި ތައާރަފް ކުރެވުނީ މި އަހަރުގެ ޖުލައި މަހުގެ ފަހުކޮޅުގައެވެ.

އިންފޮމޭޝަން ބޯޑުތަކުން ފޭޝަލް ރެކޮގްނިޝަން ޓެކްނޮލޮޖީ ބޭނުންކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ނޫން ނަމަވެސް، ޑެލްޓާއިން ވަނީ ޓްރާންސްޕޯޓޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަނާއި ގުޅިގެން އެޓްލާންޓާ، ޑިޓްރޮއިޓް، ލޮސް އޭންޖެލެސް އަދި ނިއު ޔޯކް ފަދަ އެތައް އެއާޕޯޓެއްގައި "ޑިޖިޓަލް އައިޑެންޓިޓީ ޓެކްނޮލޮޖީ" ތައާރަފްކޮށްފައެވެ. އެ އެއާލައިނުން ބުނިގޮތުގައި ކައިރި މުސްތަގްބަލުގައި އެމެރިކާގެ ހުރިހާ އެއާޕޯޓެއްގައިވެސް ފޭޝަލް ރިކޮގްނިޝަން ބޭނުން ކުރެވޭނެއެވެ.

ފޯބްސް އިން ބުނެފައިވާ ގޮތުގައި ޑިސްޕްލޭ ސްކްރީންތަކަށް މިހާތަނަށް ލިބިފައިވާ ފީޑްބެކްތައް ވަރަށް ރަނގަޅެވެ. ބިޒީ ދުވަސްތަކުގައި ގާތްގަނޑަކަށް 1600 – 1500 މީހުން މި ޓެކްނޮލޮޖީ ބޭނުންކުރެއެވެ.

"ކައިރި މުސްތަގުބަލުގައި އިތުރު އެއާޕޯޓްތަކުންވެސް މި ޓެކްނޮލޮޖީ ފެންނާނެކަމަށް އުންމީދުކުރަން" ފޯބްސް އިތުރަށް ވިދާޅުވިއެވެ.

ފާޠިމަތު އައިން ލަބީޤް

ފާޠިމަތު އައިން ލަބީޤް

ފްރީލޭންސް ލިޔުންތެރިޔެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.