އިކޯއޯގް ގެ ކްލައިމެޓް އިނޮވޭޝަން ޔޫތު ޗެލެންޖް

ހިންދު ޢަލީ 05 އޯގަސްޓު 2022

'ކްލައިމެޓް އިނޮވޭޝަން ޔޫތު ޗެލެންޖް'ގެ ނަމުގައި އިކޯއޯގް އާއި ޔުނިސެފާއި ގުޅިގެން ޒުވާނުންނަށް އަމާޒުކޮށް އީޖާދީ އުފެއްދުން ތައްޔާރުކުރުމަށް ޕްރޮގްރާމެއް ހުޅުވާލައިފިއެވެ. މިއީ މޫސުމަށް އަންނަ ބަދަލުތަކަށް އަމާޒުކޮށް އުފައްދާ އެކިއެކި އުފެއްދުންތައް އުފެއްދުމަށް ހުޅުވާލާ ފުރުސަތެކެވެ.

އިކޯއޯގްއިން މަޢުލޫމާތު ދެއްވިގޮތުގައި މިއީ މޫސުމަށް އަންނަ ބަދަލު ހުއްޓުމުމަށް ނުވަތަ އެކަމާގުޅޭ އީޖާދީ އެފެއްދުމުގެ ހިޔާލެއް ހުރި ނަމަ އެޚިޔާލު ބިޒްނަސްއަކަށް ބަދަލުކޮށްލުމަށް ލިބޭނެ ރަނގަޅު ފުރުސަތެކެވެ. އެފަދަ އީޖާދީ ޚިޔާލުތައް ފަރުމާކުރުމުން ފެށިގެން، އުފެއްދުމުގައި ހުރި ގޮންޖެހުންތައް ތަޖުރިބާކޮށް އެޚިޔާލެއްގައި ހުރި މައްސަލަތައް ހައްލުކޮށް އިތުރަށް ތަރައްގީކުރައްގީކޮށް ފުރިހަމަ ޒަމާނީ އިދާޖާދަކަށް ބަދަލުކޮށްލުމަށް ދަސްކޮށްދެވޭނެ ޕްރޮގްރާމެކެވެ.

މިޕްރޮގްރާމްގެ ބައިވެރިންނަށް މިދާއިރާގެ ކްރިއޭޓިވް އަދި ޓެކްނިކަލް ތަޖުރިބާކާރުންގެ މެންޓަރޝިޕްގެ އެހީއާއެކު ވިޔަފާރި ކުރިއެރުވުމަށާއި ފަންޑް ހޯދުމަށާއި، ނެޓްވޯކިންގ ފުރުސަތުތަކާއި ދުނިޔޭގެ އެކި ހިސާބުތަކުގެ މިފަދަ އިނޮވޭޓިވް ވިޔަފާރި ކުރާ ފަރާތްތަކުގެ ކިބައިން ދަސްކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި އުފައްދާ އުފެއްދުންތައް އިތުރަށް ތަރައްގީކުުރުމަށް ޕާޓްނަރުން ހޯދުމަށާއި ޕްރޮޓޮޓައިޕްކުރުމުގެ ވަސީލަތްތައް ފަހި ކޮށްދެވޭނެއެވެ.

މި ޕްރޮގްރާމްގައި 8 ދާއިރާއަކުން ކްލައިމެޓް އުފެއްދުން ހުށަހަޅުމުގެ ފުރުސަތު އެބައޮތެވެ. އެއީ

1. އުކާލާ ޕްލާސްޓިކުން ތަކެތި އުފެއްދުން.

2. ޒީރޯ އެމިޝަން ފެނުގެ ނިޒާމުތައް އުފެއްދުން.

3. ސަރކިއުލަރ އިގްތިސާދަށް މަގުފަހިވާ އުފެއްދުންތައް.

4. އީކޯ ޓުއަރިޒަމްއާއި ގުޅޭ އުފެއްދުންތައް.

5. އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް ނިޒާމުތައް އުފެއްދުން.

6. ހަކަތަ ބޭނުންކުރުން އެފިޝެންޓްކުރުމަށް ސްމާޓް ޓެކްނޮލޮޖީތައް އުފެއްދުން.

7. ކަނޑުގެ އިކޯސިސްޓަމްތައް ރައްކާތެރިކުރެވޭނެ ނިޒާމުތައް އުފެއްދުން.

8. ދެމެހެއްޓެނިވި ގޮތެއްގައި ކާބޯތަކެތި އުފައްދާ ނިޒާމުތައް އުފެއްދުން.


ޕްރޮގްރާމްގައި ބައިވެރިވުމަށް ހުޅުވާލާފައިވަނީ 19 އަހަރާއި 24 އަހަރުގެ ޒުވާނުންނަށެވެ. ބައިވެރިވުމަށް ދަ އައިލެންޑް ލެބް ވެބްސައިޓުގައިވާ ރަޖިސްޓްރޭޝަން ފޯމު ކުރައްވާށެވެ. ރަޖިސްޓްރޭޝަން ސުންގަޑިއަކީ 7 އޯގަސްޓް 2022 ވާ އަދީއްތަ ދުވަހެވެ. ޕްރޮގްރާމްގައި ބައިވެރިވެވެނީ 3 އާއި 5 އާއި ދެމެދުގެ ބައިވެރިންގެ ޓީމަކަށެވެ. ޕްރޮގްރާމްގެ ކުރިއަށް ދާނީ މިއަހަރުގެ އޯގަސްޓް އިން ނޮވެމްބަރަށެވެ.

ޕްރޮގްރާމްގެ އެންމަ ރަނގަޅު 2 އީޖާދަކަށް ޔުނިސެފްގެ ގްލޯބަލް އިންވޭޝަން ޗެލެންޖްގައި ބައިވެރިވުމަށް ފުރުސަތު ލިބިގެންދާނެއެވެ.

ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.