ޓްރަމްޕްގެ ޓްރުތް ސޯޝަލް ހީކުރިހާ މިނިވަނެއް ނޫން

ފާޠިމަތު އައިން ލަބީޤް 05 އޯގަސްޓު 2022

އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ސޯޝަލް މީޑިއާ ކުންފުނި ކަމަށްވާ ޓްރުތް ސޯޝަލް މާކެޓް ކޮށްފައިވަނީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ލޯބިކުރާ އެޕް އެއްގެ ގޮތުގައެވެ.

ނަމަވެސް ޕަބްލިކް ސިޓިޒެން އޭ ކިޔާ ކުންފުނުޏަކުން ނެރުނު ރިޕޯޓަކުން ދައްކާގޮތުގައި ފެބްރުއަރީ މަހު މި އެޕް ތައާރަފްކުރީއްސުރެ، ޓްރުތް ސޯޝަލްގެ މޮޑަރޭޓަރުންވަނީ ގިނަ އަދަދެއްގެ ޔޫޒަރުންގެ ޕޯސްޓުތައް އެހެން މީހުންނަށް ނުފެންނަ ގޮތަށް ޝެޑޯ ބޭން ނުވަތަ ޑިލީޓް ކޮށްފައެވެ. މޮޑަރޭޓަރުން ގިނަ ފަހަރު މި ކަންކުރަނީ ޔޫޒަރުންނަށް އެކަމުގެ އެއްވެސް މައުލޫމާތެއް ނުދީއެވެ.

ޑިލީޓްކުރި ނުވަތަ ޝެޑޯ ބޭންކުރި ޕޯސްޓުތަކުގެ ތެރޭގައި 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 6 ވަނަ ދުވަހު އެމެރިކާގެ ކެޕިޓޮލްއަށް ދިން ހަމަލާ އާއި ބެހޭ ޕޯސްޓުތަކާއި އެބޯޝަން ހައްގުތަކަށް ތާއީދު ކުރާ ޕޯސްޓުތައް ހިމެނެއެވެ. އަދި ޓްރަމްޕް އާއި ކޮންސަރވޭޓިވްސް އާއި ދެކޮޅަށް ލިޔެފައިވާ މެސެޖުތައްވެސް ބްލޮކްކޮށްފައިވާ ކަމަށް ރިޕޯޓްގައި ވެއެވެ.

މި ރިޕޯޓު ލިޔުނު ޝައިޔޭން ހަންޓް-މޭޖަރ އިންސައިޑަރ އަށް ދިން އިންޓަރވިއުއެއްގައި ބުނެފައިވާ ގޮތުގައި އޭނާ ޓްރުތް ސޯޝަލްގައި ޕޯސްޓުތައް ލިޔެ، އެކްސްޕެރިމެންޓް ކުރަން ފެށީ ޓްރަމްޕްއާއި ދެކޮޅަށް ޝުއޫރުތައް ފާޅުކުރުމުން މީހުން އެ ޕްލެޓްފޯމުން ވަކިކުރަމުންދާ ވާހަކަ އަޑު އިވުމުންނެވެ.

" ޓްރުތް ސޯޝަލް ބޭނުންކުރަން ފެށިތާ 15 މިނެޓް ފަހުން އެ އެޕްއިން ޕޯސްޓުތައް ބޮލޮކް ކުރާކަން އަހަންނަށް ޔަގީންވި." ހަންޓް-މޭޖާރ ބުންޏެވެ. ހަންޓް-މޭޖާރ އަކީ ޕަބްލިކް ސިޓިޒެންގައި މަސައްކަތްކުރަމުންދާ ބިގް ޓެކް އެކައުންޓެބިލިޓީ ފެލޯއެކެވެ.

މި އެކްސްޕެރިމެންޓުގެ ދަށުން ހަންޓް މޭޖަރ ކުރި ޕޯސްޓެއްގައި އެބޯޝަން އަކީ އިންސާނީ ހައްގެކޭ ލިޔުމުން ކުޑަ ވަގުތުކޮޅެއްގެތެރޭގައި އެ ޕޯސްޓް ޝެޑޯ ބޭން ކުރެވުނެވެ. ނަމަވެސް އެ ޕޯސްޓު އެހެން މީހުންނަށް ނުފެންނަ ގޮތަށް ފޮރުވުނު ކަމުގެ ނޯޓިސް އެއް ހަންޓް-މޭޖާރ އަކަށް ނުލިބެއެވެ.

މި ތަޖުރިބާ އާއި ބެހޭ ގޮތުން ހަންޓް-މޭޖާރ ޕޯސްޓުކުރި ޓިކްޓޮކެއް ވަނީ ވައިރަލްވެފައެވެ. އަދި ޕޯސްޓު ވައިރަލްވުމުގެ ފަސް ދުވަސް ފަހުން ޓްރުތް ސޯޝަލް ވަނީ ހަންޓް-މޭޖާރ އެބޯޝަންއާއި ބެހޭ ގޮތުން ކުރި ޕޯސްޓު އަންބޭން ކޮށްފައެވެ. އޭގެފަހުން ޓްރުތް ސޯޝަލް އާއި ބެހޭ ރިޕޯޓެއް ލިޔުމަށް ހަންޓް-މޭޖާރ ޕަބްލިކް ސިޓިޒެންގެ ފަރާތުން ހުއަދަ ހޯދިއެވެ. އަދި އަންގާރަ ދުވަހު މި ރިޕޯޓު ޝާއިރު ކުރެވުނެވެ.

ހަންޓް-މޭޖަރ ލިޔުނު ރިޕޯޓުގައި ބުނެފައިވާގޮތުގައި ޓްރުތް ސޯޝަލް އާންމުކޮށް ޝެޑޯ ބޭން ކުރަނީ އެބޯޝަން، ބާރތް ކޮންޓްރޯލް، ބަޑި ގެންގުޅުމުގެ ގަވައިދުތައް އަދި 2021 ވަނަ އަހަރުގެ ޖެނުއަރީ 6 ގައި ހިނގި ހާދިސާއާއި ބެހޭ ގޮތުން ލިޔެފައިވާ ޕޯސްޓުތަކެވެ.

ކޮންޓެންޓް މޮޑަރޭޓް ކުރާ ގޮތާ ބެހޭ ގޮތުން އިންސައިޑާއިން ކުރި ސުވާލުތަކަށް ޓޮރުތް ސޯޝަލް އިން އަދި އެއްވެސް ޖަވާބެއް މިހާތަނަކަށް ނުދެއެވެ. އެކުންފުނީގެ ވެބްސައިޓްގައިވާ ޕޮލިސީތަކުގައި ވާތުގޮތުން ޝެޑޯ ބޭން ކުރުމަކީ އެ ކުންފުނީގެ ޕޮލިސީތަކާ ހިލާފްކަމެކެވެ.

ނަމަވެސް އެކުންފުނީގެ ވެބްސައިޓްގައި ވާ ގޮތުން ގާނޫނާއި ހިލާފް ކޮންޓެންޓް ޕޯސްޓުކުރުން ހުއްޓުވުމަށް ކޮންމެވެސް ވަރެއްގެ މޮޑަރޭޝަނެއް ގެންގުޅެންޖެހެއެވެ. އެކުންފުނިން ކޮންޓެންޓް މޮޑަރޭޓް ކުރަނީ އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެންނެވެ.

ޓްރުތް ސޯޝަލްގެ މޮޑަރޭޝަން ޕްރޮސެސް އަކީ "އެރަރ ޕްރޫފް ޕޮރޮސެސްއެއް ނޫން" ކަމަށް އެ ކުންފުނިންވަނީ ބުނެފައެވެ. އަދި ކުށްތައް އިސްލާހުކުރަން މަސައްކަތްކުރަމުން ދާކަމަށްވެސް ޓްރުތް ސޯޝަލް އިން ވަނީ ބުނެފައެވެ.

ޕަބްލިކް ސިޓިޒެން އިން ރިޕޯޓުގައި ބުނެފައިވަނީ އެ ކުންފުނިން ގަބޫލުކުރާގޮތުގައި ކޮންޓެންޓް މޮޑަރޭޝަން އަކީ ޓްރާންސްޕޭރެންޓް ވާންޖެހޭ ޕްރޮސެސްއެއް ކަމަށެވެ.

ހަންޓާ-މޭޖަރގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ޓްރުތް ސޯޝަލް ބޭނުންކުރާ ފަރާތްތަކުން އޮޕެން ފޯރަމެއްގެ ތެރޭގައި އުޅުވޭ ކަމަށް ދެކުނަސް، އަސްލު އުޅެވެނީ އަނިޔާވެރިކަން އުފެދިދާނެ 'އެކޯ ޗޭމްބަރ" އެއްގެތެރޭގައެވެ.

"އެއީ ރެޑިކަލިޒަމް އާއި ހަރުކަށި ފިކުރު އުފެއްދުމުގެ ރެސިޕީއެއް،" ހަންޓާ-މޭޖާރ އިތުރަށް ބުންޏެވެ.

ފާޠިމަތު އައިން ލަބީޤް

ފާޠިމަތު އައިން ލަބީޤް

ފްރީލޭންސް ލިޔުންތެރިޔެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.