ޖެހިލުންނުވެ އެހެން މީހަކަށް ފޯނު ބޭނުންކޮށްލަން ދެވިދާނެ

ޝުޖާޢަތު ރަޝީދު 05 އޯގަސްޓު 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އެއީ އަމިއްލަ ކޮއްކޮ ނުވަތަ ރައްޓެއްސެއް ކަމުގައިވިޔަސް، އަހަރެމެންގެ އަމިއްލަ ފޯނު އެހެން މީހަކު ބޭނުން ކޮށްލަން ކުޑަ ވަގުތުކޮޅަކަށްވިޔަސް ނުދޭ މީހަކު މަދުވާނެއެވެ.

ނަމަވެސް މިގޮތައް އަހަރެމެންގެ ފޯނު އެހެން މީހަކަށް ދޭ ވަގުތުގައި ވިސްނާ ނުލެވެނީ މިއީ އަހަރެމެންގެ މީސް މީޑިއާ ޕްރޮފައިލްތަކާއި، ބޭންކު އެޕާއި މެސެޖް ކުރާ އެޕްތަކާއި، ފޮޓޯއާއި ވީޑިއޯވެސް ގެންގުޅޭ ޑިވައިސްކަމެވެ.

ބައެއް ފަހަރު ބޭރު ޤަޢުމަކަށް ގޮސް އުޅޭނަމަ، މަގުމަތިން ހިނގާފައި ދާ މީހެއް ގާތުގައި ފޮޓޯއެއް ނަގާލުމަށްވެސް އަހައި ފޯނު ދެވެއެވެ. މަދުން ނަމަވެސް މިކަހަލަ ވަގުތު ތަކުގައި ބައެއް މީހުންގެ ފޯނު ވެއްޓި ހަލާކުވެ، ނުވަތަ ވަގަށް ނަގައި ގެއްލިފައިވެސް އެބަ ހުއްޓެވެ.

މިގޮތަށް އެހެން މީހެއް އަތައް ފޯނު ދޭނަމަ ރައްކާތެރިކަމުގެ ފިޔަވަޅު އެޅޭ ގޮތައް ސްމާޓް ފޯނުތަކުގައި މިހާރު ސެޓިންތަކެއް ހުރެއެވެ.

އެޕަލް އައިފޯނުގައި ނަމަ ގައިޑެޑް އެކްސަސްއަކީ މިފަދަ ސެޓިން އެކެވެ. އައިއޯއެސްގެ ސެޓިން ތެރޭގައި އިންނަ ގައިޑަޑް އެކްސަސް އޮން ކުރުމަށްފަހު ޕާސްކޯޑް ސެޓިންއަށް ގޮސް މި މޯޑަށް ވަކިން ހާއްސަ ޕާސްކޮޑެއް ޖަހާލެވޭނެއެވެ.

މި މޯޑު އޮން ކުރުމަށް ހޯމް ބަޓަންއަށް 3 ފަހަރު ފިތާލުމުންވެސް މި މޯޑު އޮންވާނެއެވެ. ހޯމް ބަޓަން އެއް ނެތް ނަމަ ސައިޑް ބަޓަންއަށް ބޭނުންވާ އެޕް ހުޅުވާލުމަށްފަހު ހަަމަ މިގޮތަށް ފިތާލާށެވެ.

ގައިޑަޑް އެކްސަސް މޯޑުގައި ފޯނު ބޭނުން ކުރާ މީހާއަށް ފޯނު ލޮކްވެ ހަމަ އެކަނި އެވަގުތު އެކްސަސް ދިން މޮބައިލް އެޕް ބޭނުން ކުރެވޭނެއެވެ. މި މޯޑު އޮފް ކުރުމަށްެވެސް އޮން ކުރި ގޮތަށް 3 ފަހަރު ސައިޑް ބަޓަންއަށް ނުވަތަ ހޯމް ބަޓަންއަށް ފިތާލާށެވެ. ނަމަވެސް އޮފް ކުރާއިރު ޕާސްކޯޑެއް ޖަހާލަން ޖެހޭނެއެވެ.

މިގޮތަށް ގައިޑެޑް އެކްސަސް ދިނުމުގެ ބޭނުމަކީ އެވަގުތު އެކްސަސް ދިން އެޕް ފިޔަވައި އިތުރު އެއްވެސް އެހެން އެޕަކަށް ނުވަދެވޭ ގޮތް ހެދުމެވެ.

ގައިޑެޑް އެކްސަސް މޯޑުގައި ހުންނަ ވަގުތަށް ވަކި ސްކްރީން ލިމިޓެއްވެސް ލެވޭނެއެވެ. މިވަގުތު ހަމަވުމުން ދެން އިތުރަށް އެކްސަސް ދެވުނު އެޕްވެސް ބޭނުން ނުކުރެވޭނެއެވެ.

މިއީ ގޭމްޕްލޭ ވަގުތު ލިމިޓް ކުރުމަށް ނުވަތަ ތައުލީމީ އެޕްލިކޭޝަނަކަށް ކުއްޖަކު ވަކި ވަގުތަކަށް ހިފެހެއްޓުމަށް ވަރަށް ސާފުކޮށް ފައިދާ ހުރި ކަމަކަށް ވާއިރު، މިއީ ޑިވައިސް ސްކްރީން ޓައިމް ކޮންޓްރޯލް ކުރުމަށް އެންމެ އެކަށޭނަ ގޮތެއް ނޫނެވެ.

ފޮޓޯ އެޕަށް މީހަކަށް އެކްސަސް ދޭނަމަ ފާހަގަ ކުރެވެނީ ހުރިހާ ފޮޓޯއެއްވެސް ފެންނާނެ ކަމެވެ. އެހެން ނަމަވެސް ފޮޓޯ އެޕުގައި ވަކިން ފޮޓޯ ސިއްރުކޮށްފައި ބެހެއްޓޭނެ ގޮތަށް އަލްބަމެއް ހަދައި ޕާސްކޯޑެއް ޖެހޭ ގޮތަށް އެންމެ ފަހުގެ އޯއެސް އަޕްޑޭޓުގައި ފީޗާއެއް ވެއެވެ.

އެންޑްރޮއިޑް ޑިވައިސްއެއް ބޭނުންކުރާނަމަ އައިފޯނުގެ ގައިޑެޑް އެކްސެސް ފަދަ ފީޗާއެއް ހިމަނާފައިވެއެވެ. މިއެޕް ސެޓިންއަށް ކިޔަނީ އެޕް ޕިނިންއެވެ.

މިއީވެސް ފޯނު ނަގާ މީހާ އެއް އެޕަކަށް ލިމިޓްވެ ބޭނުން ކުރެވޭ ގޮތަށް އެކްސަސް ދެވޭ ފީޗާއެކެވެ. މި ސެޓިންގައިވެސް ވަކި އެޕަކަށް ހުއްދަ ދީ، ޕިންކޯޑެއްގެ އެހީގައި ފޯނު ރައްކާ ކުރެވެއެވެ.

އެކި އެންޑްރޮއިޑް މެނުފެކްޗަރާގައި މި ސެޓިން އިންނަ ތަން ތަފާތެވެ. ނަމަވެސް ފަހުގެ ގިނަ އެންޑްރޮއިޑް ފޯނުތަކުގައި މި ސެޓިން ސެކިއުރިޓީ ތެރެއަށް ގޮސް، އެޑްވާބްސް ސެޓިން ތެރެއިން އިނޭބަލް ކޮށްލެވޭނެއެވެ.

އެޕް ޕިނިން އޮފް ކުރުމަށް އެޕްގައި ހުރުމަށްފަހު ސްކްރީންގެ މައްޗަށް ސްވައިޕް ކުރުމަށްފަހު ޕިންކޯޑު ޖަހާލެވޭނެއެވެ.

މި ޕިންކޯޑަކީ ނުވަތަ ޕާސްކޯޑަކީ އެހެން މީހަކަށް އިނގޭ އެއްޗަކަށް ވެގެން ނުވާނެއެވެ.

މިއީ ވަރަށް ކުޑަ ސެޓިން ފީޗާއެއް އިނޭބަލް ކޮށްލުމުން ރައްކާތެރި ކަމާއި އެކު އެހެން މީހަކަށް ތިމާގެ ފޯނު ކުޑަ ވަގުތުކޮޅަކަށް ބޭނުން ކޮށްލަން ދެވިދާނެ ގޮތެކެވެ.

ނަމަވެސް އަބަދުވެސް އިތުރަށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅައި ކޮންމެހެން ބޭނުން ނުވާ ހާލަތް ތަކުގައި އަމިއްލަ ފޯނު އެހެން މީހަކަށް ދިނުމަކީ އެހާ ރަނގަޅު ކަމެއް ނޫނެވެ.

ވަކިން ހާއްސަކޮށް ޕާސްކޯޑު ނުވަތަ ޕިންކޯޑު ބުނެ، ސިއްރު ކުރެވެން ޖެހޭ މަޢުލޫމާތުތައް ފެންނަ ގޮތަށް، މިސާލަކަށް ބޭންކު އެޕް ނުވަތަ ފޮޓޯ ނުވަތަ ސިއްރު ޑޮކިއުމަންޓު ފެންނަ ގޮތަށް ފޯނު އެއްވެސް މީހަކާއި ހިއްސާ ނުކުރުމަކީ އެންމެ ރަނގަޅު ގޮތެވެ.



ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.