ޓެކްނޮލޮޖީގެ އެހީގައި އޮޓޮމޭޓް ކުރެވިދާނެ ޓާސްކުތަކެއް

ޝުޖާޢަތު ރަޝީދު 05 އޯގަސްޓު 2022

ޓެކްނޮލޮޖީ ކުރިއަރަމުން ގޮސް މިހާރު ޓެކްނޮލޮޖީގެ އެހީގައި ތަފާތު ކަންތައްތައް ކުރެވެއެވެ. މީގެ ތެރެއިން ފާހަގަ ކުރެވޭ އެއް ކަމަކީ ކުދި ކުދި ކަންތައް އޮޓޮމޭޓް ކުރުމެވެ.

އޮޓޮމޭޓް ކުރުމަކީ ކޮންމެވެސް ކަހަލަ ޓްރެކިންއެއް ބޭނުންކޮށް އާޓިފިޝަލް އިންޓަލިޖަންސާއި މޮޑާން ޓެކްނޮލޮޖީގެ އެހީގައި ކަންތައްތައް ކުރެވޭ ގޮތް ފަސޭހަ ކުރުމެވެ.

މީސްމީޑިއާ އަޕްޑޭޓްތައް ޕޯސްޓު ކުރުން

މީސްމީޑިއާގެ ތަފާސް ހިސާބުތަކުން ސާބިތުކޮށްދީފައިވާ ގޮތުގައި، އޯޑިއަންސްގެ މޫވްސްތައް އަބަދު އޮންލައިންކޮށް މޮނީޓާ ކުރަން ޖެހެއެވެ.

މިހާރު މާކެޓުގައި ހުރި ބައެއް ސޯޝަލް މީޑިއާ އޮޓޮމޭޝަން އެންޑް އެނަލިޓިކްސް ޓޫލްސްތަކުގެ އެހީގައި ފަސޭހައިން ޕޯސްޓުތައް އޮޓޮމޭޓް ކޮށްލެވެއެވެ.

މީގެ ތެރެއިން ފާހަގަކޮށްލެވޭ އެއް ޓޫލްއަކީ ސޯޝަލް-ޕައިލަޓްއެވެ. މިއީ ސޯޝަލް މީޑިއާ ޕޯސްޓުތައް ޝެޑިއުލްކޮށް، ކަލަންޑާ މެނޭޖްކޮށް މީގެ އިތުރުން ކްލައަންޓް މެނޭޖް ކުރެވޭ ޓޫލްއެކެވެ.

މިއީ މެޓަ، ލިންކްޑިން، ޕިންޓްރެސްޓް، ޓްވިޓާ، ޔޫޓިއުބް، އިންސްޓަގްރާމާއި ޓިކްޓޮކް އިންޓަގްރޭޓްކޮށް ސޯޝަލް މީޑިއާ ޕޯސްޓު ކުރުމަށް އެހީވެދޭ ޓޫލްއެކެވެ.

ހަމަ މިގޮތައް ކޮންޓެންޓް ސްޓޫޑިއޯ، ބަޒްސޫމޯ، ސްޕްރައުޓް ސޯޝަލް، ބަފަރ، ކޯޝެޑިއުލް، ޒޮހޯ ސޯޝަލް އަކީވެސް މީސްމިޑިއާ އޮޓޮމޭޓް ކުރުމަށް އެހީވެދޭ ޓޫލްތަކެވެ.

ދުވަހުގެ ޙަބަރު އަޑުއަހާލުން

މިހާރު ފަސޭހައިން ޙަބަރު އަޑުއެހުން އޮޓޮމޭޓް ކުރެވެއެވެ. މިއީ ފަސޭހައިން ވާޗުއަލް އެސިސްޓަންޓުން ބޭނުންކޮށްގެން ކުރެވޭ ކަމަކަށް މިވަނީ ވެފައެވެ.

ގޫގަލް ހޯމް، އެލެކްސާ، ސިރީ ފަދަ ވާޗުއަލް އެސިސްޓަންޓުންގެ އެހީގައި ޙަބަރު އަޑު އަހާލުމަށް ވޮއިސް ކޮމާންޑު ބޭނުން ކުރެވެއެވެ.

މީގެ އިތުރުން ބޭނުންވާ ގަޑިއަކަށް ނިއުސް އަޕްޑޭޓްތައް ކިއުމަށް ވާޗުއަލް އެސިސްޓަންޓްގައި ސެޓަޕް ހެދުމަށްފަހު އޮޓޮމޭޓް ކޮށްލެވެއެވެ.

ހިތުގެ ވިންދު މޮނިޓާ ކުރުން

މިއީ ސެންސަރެއްގެ އެހީގައި ގިނަ ފަހަރު ޓްރެކްކޮށް މޮނިޓާ ކުރެވޭ ކަމެކެވެ. މިހާރު ހުންނަ ގިނަ ސްމާޓް ވޮޗް ތަކުންނާއި ފިޓްނަސް ޓްރެކާ ބޭންޑުތަކުން ހާޓް ރޭޓް އަބަދުވެސް އޮޓޮމެޓިކްކޮށް ޓްރެކްކުރާނެއެވެ.

މިފަދަ ޓްރެކިންއިން ނަގާ ޑޭޓާ އެނަލައިސްކޮށް ގިނަ އެޕްތަކުން ހާޓްރޭޓްގެ ހެލްތު މީހުންނަށް ކިޔާދެއެވެ.

ސްމާޓްވޮޗްގެ އިތުރުންވެސް ހާޓްރޭޓް މޮނިޓާކޮށް އޮޓޮމެޓިކްކޮށް ވަގުތުން އަންގައިދޭ ޑިވައިސްތަކާއި އެޕްލިކޭޝަންތައް މިހާރު ދަނީ އިތުރުވަމުންނެވެ.

ލައިޓް ކޮންޓްރޯލް ކުރުން

ސްމާޓް އެލް.އީ.ޑީ ލައިޓް ގޭގައި ހަރުކުރުމަށްފަހު މި ލައިޓްތައް ކޮންޓްރޯލްކޮށް އޮޓޮމޭޓް ކުރުމަށް އެޕަލް އެޕްތަކާއި އެންޑްރޮއިޑް އެޕްތައް ބައިވަރު އެބަ ހުއްޓެވެ.

ވަކި ގަޑިއަކަށް ލައިޓް ނިއްވައި، ލައިޓްގެ ކުލަ ބަދަލުކޮށް ނުވަތަ އަލީގެ ގަދަ-މަޑުމިންވެސް ކޮންޓްރޯލްކޮށް އޮޓޮމޭޓް ކުރުމަކީ ވަރަށް ފަސޭހަ ކަމެކެވެ.

އެޕަލް އައިފޯނު ގެންގުޅޭ މީހެއް ނަމަ އެޕަލްގެ ހޯމް އެޕްގެ އެހީގައި މިކަން ކޮށްލެވޭނެއެވެ.

އޯޕަން އެޗްއޭބީ، ގޯ ސްމާޓް ބައި ކުކޯ ސްމާޓް، ފިލިޕްސް ހިއު، ބްރޯޑް ލިންކަކީ މިފަދަ ބައެއް އެޕްތަކެވެ.

އޮޓޮމޭޓް ކުރެވޭ ލައިޓްއަކީ ވައަލަސްކޮށް ނެޓްވޯކަށް ކަނެކްޓް ކުރެވޭ ފަދަ ސްމާޓް ލައިޓަކަށް ވާންޖެހޭނެއެވެ.

ފިޓްނަސް ޓްރެކިން

މިއީ ފިޓްނަސް ޓްރެކާސް، ފިޓްނަސް ބޭންޑާއި ސްމާޓް ވޮޗް ފަދަ ޑިވައިސްތައް ބޭނުންކޮށް ހެލްތު ޓްރެކިން އެޕްތަކުގެ އެހީގައި ކުރެވިދާނެ ކަމެކެވެ. އެންޑްރޮއިޑް، އެޕަލްގެ ކޮންމެ މެނުފެކްޗަރާއެއްގެ ސްމާޓް ފޯނުތަކުގައި މިހާރު ހެލްތު އެނަލިޓިކްސް ހެދޭގޮތަށް ވަނީ ފޯނުތައް ފަރުމާ ކުރެވިފައެވެ.

މިފަދަ މޮބައިލް އެޕްތަކުގެ އެހީގައި ނިދުން، ކަސްރަތު އަދި އެހެނިހެން ކަންތައްވެސް އޮޓޮމޭޓް ކުރެވެއެވެ.

އެޕަލް ފޯނުތަކުގައި މިހާރު ފޯކަސް މޯޑެއް ލާފައިވެއެވެ. ވަކި ގޮތަކަށް ސެޓިން ހަދާލުމުން އޮޓޮމެޓިކްކޮށް އެމީހަކު ބޭނުންވާ ވަގުތެއްގައި ނިދުމަށް ފޯކަސް ކުރުމަށް ސެޓިން ހަދާލެވެއެވެ.

ފޯނު އެވަގުތެެއްގައި ޑީއެންޑީ މޯޑަށް ގޮސް، ކޮންމެހެން ބޭނުންވާ މީހުންނަށް ނޫނީ ނުގުޅޭ ގޮތް ހަދާލެވެއެވެ.

ހަމަ މިގޮތަށް އެންޑްރޮއިޑް ފޯނުތަކުގައިވެސް މި އޮޓޮމޭޝަން ބެޑްޓައިމް އޮޓޮމޭޝަން ގޮތައް ހެދޭނެއެވެ.

ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.