ދާދި ފަހުން މާކެޓް އިންޓެލިޖެންސްއިން ނެރުނު ރިޕޯޓެއްގައި ވާގޮތުން ޗައިނާގެ ސްމާޓްފޯން ބްރޭންޑެއް ކަމަށްވާ އޮނާރ އިން ވަނީ މިއަހަރު އެ ކުންފުނީގެ ސޭލްސް ދެގުނަ އިތުރުކޮށްފައެވެ. އޮނާރއަށް މި ލިބުނު ކާމިޔާބީގެ އެންމެ ބޮޑު އެއް ސަބަބަކީ އެކުންފުނިން އައިފޯންގެ ފީޗާސްތައް ކޮޕީ ކުރުމުންކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.
އޮނާރއަކީ މި ކުއާޓާރގައި މާކެޓް ހިއްސާ އިތުރުކުރި ހަމައެކަނި ކުންފުންޏެވެ. ނަމަވެސް އެހެން ސްމާޓްފޯން އުފައްދާ ކުންފުނިތަކާ އަޅާބަލާއިރު އެޕްލްގެ ނަތީޖާވެސް ރަނގަޅެވެ.
ކައުންޓަރޕޮއިންޓް ރިސާޗްއިން ނެރުނު ދިރާސާއަކުން ދައްކާގޮތުގައި ސްމާޓްފޯން ސޭލްސް ދަނީ ދުވަހުން ދުވަހަށް ދަށްވަމުންނެވެ. އަދި ޗައިނާގެ ސްމާޓްފޯން ސޭލްސްވެސް ވަނީ %14.2 އަށް މި ކުއާޓަރގައި ދަށްވެފައެވެ. މިއީ ޗައިނާއިން ކޮވިޑް-19ގެ ކޭސްތައް ފެންނަން ފެށުމާއިއެކު އެ ގައުމުގެ ގިނަ ސިޓީތައް ލޮކްޑައުންކުރުމުން އިގްތިސާދަށް ކޮށްފައިވާ ނޭދެވޭ އަސަރެވެ.
އޮނާރއިން ވަނީ ސްމާޓްފޯން ސޭލްސް ދެގުނަ އިތުރުކޮށް %103 ގެ ކުރިއެރުމެއް ހޯދާފައެވެ. މި ކުރިއެރުމުގެ މައިގަނޑު ދެ ސަބަބެއް ވާކަމަށް ކައުންޓަރޕޮއިންޓް ރިސާޗް އިން ވަނީ ބުނެފައެވެ. ފުރަތަމަ ކަމަކީ ޓިއާރ 2 ސިޓީތަކުގައި އެ ކުންފުނީގެ ރީޓެއިލް އައުޓްލެޓްތައް ހުރުމެވެ. ލޮކްޑައުންތަކުގެ ސަބަބުން ޓިއަރ 2 ސިޓީތަކަށް އެހާ ބޮޑު ގެއްލުމެއް ނުލިބެއެވެ.
ދެވަނަ ކަމަކީ އެ ކުންފުނި އައިފޯންގެ ފީޗާސްތައް ކޮޕީ ކުރުމެވެ. ކޮޕީކުރި ފީޗާސްތަކުގެ ތެރޭގައި ފޭސް ރެކޮގްނިޝަންއާއި 120 ހޯސްޕަވަރ ސްކްރީން ހިމެނެއެވެ. މި ފީޗާސްތައް ފުރަތަމަ ތައާރަފްކުރި ކުންފުންޏަކީ އެޕްލްއެއް ނޫނެވެ. ނަމަވެސް މި ފީޗާސްތައް މަޝްހޫރު ވެގެން ދިޔައީ އެޕްލްއިން އައިފޯންތަކުގައި މި ފީޗާސްތައް އެކުލަވާލުމުންނެވެ.
މި އަހަރުގެ ދެވަނަ ކުއާޓާރގައި އެޕްލްގެ ސޭލްސްވަނީ %5.8 ދަށްވެފައެވެ. ނަމަވެސް އެ ކުންފުނީގެ މާކެޓް ހިއްސާވަނީ %14.1 އިން %15.5 އަށް އިތުރުވެފައެވެ. މި ކުރިއެރުމުގެ މައިގަނޑު ސަބަބަކީ 6.18 ޝޮޕިންގް ފެސްޓިވަލްއެވެ.
ފްރީލޭންސް ލިޔުންތެރިޔެއް