ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ސައިބަރ ކްރިމިނަލްސް، ހެކާރސް، އަދި ސްކޭމަރުން ޑިޖިޓަލް ހަމަލާތައް ދެމުންދާއިރު ވިންޑޯސް އޮޕަރޭޓިންގް ސިސްޓަމް އުފެއްދި ކުންފުނިކަމަށްވާ މައިކްރޯސޮފްޓް އިން ސެކިއުރިޓީ ވަރުގަދަކުރަން މަސައްކަތްކުރުމަކީ އެހާ ހައިރާންކުރަނިވި ކަމެއްނޫނެވެ. މައިކްރޯސޮފްޓް އާ އަޕްޑޭޓްތައް ނެރޭ ކޮންމެ ފަހަރަކު ޑިޖިޓަލް ހަމަލާތަކުގެ ޝިކާރައަކަށްވުމަށް މަގުފަހިކޮށްދޭ ބަގްތައް ރަނގަޅުކުރެއެވެ.
މައިކްރޯސޮފްޓުގެ ދިޖިޓަލް ސެކިއުރިޓީގައި ހުރި ބަލިކަށިކަންތައްތައް ހޯދުމަށް ކުރިންވެސް އެ ކުންފުނިން ދެ ޓީމެއް ކަނޑައަޅާފައެވެ. އެއީ ކުންފުނީގެ ކޯޑުގައިވާ މައްސަލަތައް ހޯދުމަށް އެކުލަވާލާފައިވާ 'ރަތް ޓީމް' އާއި މިޓިގޭޝަން ތަރައްގީކުރުމަށްޓަކައި އުފައްދާފައިވާ 'ނޫ ޓީމް' އެވެ. ނަމަވެސް މިހާރު އެ ކުންފުނިންވަނީ މި ދެ ޓީމް އެއްކޮށް، 'މައިކްރޯސޮފްޓް އޮފެންސިވް ރިސާޗް އެންޑް ސެކިއުރިޓީ އިންޖިނިއަރިންގް' ނުވަތަ 'މޯރސް' ގެ ނަމުގައި ކުންފުނީގެ ޑިޖިޓަލް ސެކިއުރިޓީ މައްސަލަތައް ހޯދައި، އެކަންކަން ހައްލު ކުރާނެ ޓީމެއް އުފައްދާފައެވެ.
"މިހާރު ގިނަ މީހުން ގަބޫލުކުރާގޮތުގައި ކުންފުނިތަކުން ސެކިއުރިޓީއަށް އިންވެސްޓްކުރުމަކީ ވަރަށް މުހިންމު ކަމެއް." މައިކްރޯސޮފްޓްގެ އެންޓަރޕްރައިސް އެންޑް އޮޕަރޭޓިންގް ސިސްޓަމް ސެކިއުރިޓީގެ ނައިބު ރައީސް ކަމަށްވާ ޑޭވިޑް ވެސްޓޮން ވިދާޅުވެފައިވެއެވެ. "ކުރީގައި މީހުން ސެކިއުރިޓީއަށް އެހާ ބޮޑު ސަމާލުކަމެއްނުދޭ. ނަމަވެސް މިހާރު ސެކިއުރިޓީ ވަރުގަދަކުރުމަކީ ކުންފުނިތަކުގެ އިސްވެރިންގެ ވަރަށް ބޮޑު އަމާޒެއް. މިއީ ވަރަށް ބޮޑު ބަދަލެއް."
މައިކްރޯސޮފްޓްގެ ހުރިހާ ބްރާންޗެއްގައި ރައްކާތެރި ކޯޑިންގް ޕްރެކްޓިސެސް ޕްރޮމޯޓްކުރުމަށް މޯރސް އިން ދަނީ މަސައްކަތްކުރަމުންނެވެ. އޮޕެން ސޯސް އެޒޫއަރ ޓެސްޓިންގް ފްރޭމްވޯކެއް ކަމަށްވާ ވަންފަޒް ބޭނުންކޮށްގެން މައިކްރޮސޮފްޓުގެ ޑިވެލޮޕަރުންނަށް އޮޓޮމެޓިކްކޮށް ކޯޑުތަކުގައިވާ މައްސަލަތައް ހޯދޭނެއެވެ.
އަދި ހަމަމިއާއެކު މުޅި ކުންފުނީގައި ރަސްޓް ފަދަ ރައްކާތެރި ޕޮރޮގްރާމިންގް ލެންގުއެޖްތައް ބޭނުންކުރުމްށް މޯރސްއިން ދަނީ ބާރުއަޅަމުންނެވެ. އަދި މި ޓީމް ވަނީ ކުންފުނީގެ ޕްރޮޑަކްޝަން ވޯކްފްލޯގައި ބޭނުންކުރާ އަސްލު ސޮފްޓްވެއަރ ކޮމްޕައިލަރ އަށް ސެކިއުރިޓީ އެނާލިސިސް ޓޫލްސް އެންބެޑް ކުރުމަށް ބުނެފައެވެ. ވެސްޓަން ވިދާޅުވެފައިވާ ގޮތުގައި މޯރސްއިން ގެނައި މި ބަދަލުތަކުގެ ސަބަބުން މައިކްރޯސޮފްޓަށް ވަރަށް ބޮޑު ފައިދާއެއް ލިބިފައިވެއެވެ.
މޯރސް ޓީމްއިން ބުނެފައިވާ ގޮތުގައި ޕްރޮއެކްޓިވް ސެކިއުރިޓީއަށް ބަދަލުވުމުން މައިކްރޮސޮފްޓައް ކުރިއެރުންތައް ލިބިފައިވެއެވެ. އެގޮތުން މައިކްރޮސޮފްޓުގެ ޓްރާންސްޕޯޓް ލޭޔަރ ސެކިއުރިޓީ 1.3 އިންސްޕެކްޓް ކުރިއިރު ރިމޯޓުކޮށް އެކްސްޕްލޮއިޓްކުރެވޭ ބަގެއް ފެނި، އެ ބަގް ވަނީ ހައްލުކޮށްފައެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބިލިއަނަކަށް ވުރެ ގިނަ މީހުން ބޭނުންކުރާ އުފެއްދުމެއްގައި އެމީހުންނަށްވުރެ ކުރިން ކުށްތައް ހޯދުމަކީ ވަރަށް ބޮޑު ރިސްކެކެވެ. ނަމަވެސް ވެސްޓަން ވިދާޅުވެފައިވާ ގޮތުގައި މޯރސްގެ މެމްބަރުން ހޮވަނީ މިފަދަ ރިސްކީ މަސައްކަތްތަކަކީ މޯޓިވޭޓިންގް ޑްރައިވެއްގެ ގޮތުގައި ދެކޭ މީހުންނެވެ.
ފްރީލޭންސް ލިޔުންތެރިޔެއް