މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި ސިސްކޯގެ ނެޓްވޯކް ހެކްކޮށް 2.8 ޖީބީގެ ޑޭޓާ ވަގަށް ނަގައިފިއެވެ. އެގޮތުން އެކުންފުނިން ހާމަކޮށްފައިވާ ގޮތުގައި މޭ މަހު ޔަންލުއޯވޭންގް ރެންސަމްވެއާ ގްރޫޕުން ވަނީ އެކުންފުނީގެ ކޯޕަރޭޓް ނެޓްވޯކް ހެކްކޮށް ވަގަށް ނަގާފައިވާ ޑޭޓާ ލީކްކޮށްލާނެ ކަމުގެ ބިރު ދައްކައި ފައިސާ ހޯދުމަށް މަސައްކަތްކޮށްފައިއެވެ.
ސިސްކޯއިން ހާމަކޮށްފައިވާ ގޮތުގައި މިހަމަލާ ދިން ގްރޫޕަށް އެކުންފުނީގެ ނެޓްވޯކުން ލިބިފައިވާ މައުލޫމާތަކީ ނޮން ސެންސިޓިވް ޑޭޓާއެވެ. މިޑޭޓާއަކީ މިހަމަލާގެ އަސަރުކޮށްފައިވާ މުވައްޒަފެއްގެ ބޮކްސް ފޯލްޑާއާ ގުޅިފައިވާ ޑޭޓާކަމަށްވެސް އެކުންފުނިން ވަނީ ހާމަކޮށްފައިއެވެ.
ސިސްކޯގެ ތަރުޖަމާނަކު ހާމަކޮށްފައިވާ ގޮތުގައި މިހަމަލާ ދިންކަން އެގުމާއެކު އެކުންފުނިން ވަނީ އެކުންފުނީގެ ޑޭޓާ ރައްކާތެރިކޮށް މިހަމަލާއިން އަރައިގަތުމަށް މަސައްކަތް ފަށާފައިއެވެ. މީގެ އިތުރުން އޭނާ ހާމަކޮށްފައިވާ ގޮތުގައި މިހަމަލާގެ ސަބަބުން އެކުންފުނީގެ ވިޔަފާރިއަށް، ނުވަތަ އެކުންފުނިން ފޯރުކޮށްދޭ ހިދުމަތަކަށް ނުވަތަ ކަސްޓަމަރުންގެ އެއްވެސް މައުލޫމާތަކަށް އަސަރުކޮށްފައިނުވެއެވެ.
މީގެ އިތުރުން އޯގަސްޓް މަހުގެ 10 ވަނަ ދުވަހު މިހަމަލާދިން ފަރާތްތަކުން އެކުންފުނީގެ ނެޓްވޯކުން ވަގަށް ނަގާފައިވާ ބައެއް މައުލޫމާތު ޑާކް ވެބްގައި ޝާއިއުކުރިކަމަށާއި މި ހަމަލާގެ ސަބަބުން އެކުންފުނިން އިތުރު ރައްކާތެރިކަމުގެ ފިޔަވަޅުތަށް އަޅާފައިވާކަމަށްވެސް އޭނާވަނީ ހާމަކޮށްފައިއެވެ. މީގެ އިތުރުން މުޅި އިންޑަސްޓްރީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޓެކްނިކަލް މައުލޫމާތު އެކުންފުނިން ފޯރުކޮށްދެމުންދާކަމަށްވެސް އޭނ ވަނީ ހާމަކޮށްފައިއެވެ.
ޔަންލުއޯވޭންގް ގްރޫޕުން ސިސްކޯގެ ނެޓްވޯކްތަކަށް ހަމަލާދީފައިވަނީ އެކުންފުނީގެ މުވައްޒަފެއްގެ ކްރެޑެންޝިއަލްސް ހައިޖެކްކުރުމަށްފަހުގައިއެވެ. އެގޮތުން އެމުވައްޒަފުގެ އަމިއްލަ ގޫގަލް އެކައުންޓަށް ސިންކްކުރެވިފައިވާ މައުލޫމާތު މިގްރޫޕުން ހައިޖެކްކޮށްފައިވާކަން ވަނީ ހާމަވެފައިއެވެ.
ސިސްކޯގެ މުވައްޒަފަށް އޮޅުވާލުމަށްފަހު އެކުންފުނީގެ ނެޓްވޯކްތަކަށް އެކްސެސް ލިބުމާއެކު އެކުންފުނީގެ ސިޓްރިކްސް ސާވާތަކަށް މިހަމަލާދިން ފަރާތްތަކުން ވަނީ އެކްސެސްވެ އެސާވާތަކުގައި ހުރި މައުލޫމާތު ނެގުމަށް މަސައްކަތްކޮށްފައިއެވެ. ސިސްކޯއަށް މިކަންއެގުމާއެކު މިހަމަލާދިން ފަރާތްތަށް އެކުންފުނީގެ ނެޓްވޯކުން ބޭރުކޮށްފައިވާ ކަމަށާއި ނަމަވެސް ޖެހިގެންއައި ހަފްތާތަކުގައި މިހަމަލާދިން ފަރާތްތަކުން އިތުރަށް އެކުންފުނީގެ ނެޓްވޯކަށް އެކްސެސްވުމަށް މަސައްކަތްކޮށްފައިވާކަމަށް ސިސްކޯއިން ވަނީ ހާމަކޮށްފައިއެވެ. ސިސްކޯގެ ނެޓްވޯކަށް އެކްސެސްވުމާއެކު މިހަމަލާދިން ފަރާތުންވަނީ އެނެޓްވޯކްގައި ދެމިހުރުމަށާއި އެމީހުން އެނެޓްވޯކަށް އެކްސެސްވިކަމުގެ ފޮރެންސިކްހެކި ނައްތާލުމަށް މަސައްކަތްކޮށްފައިކަމަށްވެސް އެކުންފުނިން ވަނީ ހާމަކޮށްފައިއެވެ.
މިދިޔަ ހަފްތާގައި ޔަންލުއޯވޭންގް ގްރޫޕުން ވަނީ ސިސްކޯ ހެކްކޮށް އެގްރޫޕުން ހޯދާފައިވާކަމަށް ބުނާ ފައިލްތަކުގެ ޑައިރެކްޓްރީއެއް ބްލީޕިން ކޮމްޕިއުޓާއަށް އީމެއިލްކޮށްފައިއެވެ. އެގޮތުން އެ ގްރޫޕުން ބުނެފައިވާ ގޮތުގައި މިހަމަލާގައި 2.75 ޖީބީގެ މައުލޫމާތު އެގްރޫޕަށް ވަނީ ސިސްކޯގެ ސާވާތަކުން ލިބިފައިއެވެ. މީގެތެރޭގައި ހިމެނެނީ ނޮންޑިސްކްލޯޝާ އެގްރީމަންޓްތަކާއި ކުރެހުންތަކެވެ.
ޔަންލުއޯވޭންގް ގްރޫޕަކީ އާންމުކޮށް އެގްރޫޕްގެ ހަމަލާތަކަށްފަހު ނެޓްވޯކްތަކަށް ރެންސަމްވެއާ ދޫކޮށްފައިދާ ގްރޫޕެކެވެ. ނަމަވެސް ސިސްކޯއިން ހާމަކޮށްފައިވާ ގޮތުގައި އެކުންފުނީގެ ނެޓްވޯކްތަކުން ރެންސަމްވެއާގެ އެއްވެސް އަސަރެއް ފެންނާކަށް ނެތެވެ. މީގެ އިތުރުން މިހަމަލާދީފައިވަނީ ޔޫއެންސީ2447 ސައިބާކްރައިމް ގޭންގާއި، ލެޕްސަސް ގްރޫޕާއި ޔަންލުއޯވޭންގް ގްރޫޕާއި ގުޅުންއޮންނަ ފަރާތްތަކެއްކަން ދެނެގަނެވިފައިވާކަންވެސް އެކުންފުނިންވަނީ ހާމަކޮށްފައިއެވެ.
ޔަންލުއޯވޭންގް ގްރޫޕުން މިފަހުން ވަނީ އެމެރިކާގެ މަޝްހޫރު ރީޓެއިލް ކުންފުނި ވޯލްމާޓްގެ ސާވާތަކަށްވެސް ހަމަލާދީފައިވާކަން ހާމަކޮށްފައިއެވެ. ނަމަވެސް ވޯލްމާޓުންވަނީ މިފަދަ ހަމަލާއެއްދިންކަމުގެ އެއްވެސް ހެއްކެއް ފެންނަނަނެތް ކަމަށްބުނެ މިކަން ދޮގުކޮށްފައިއެވެ.
މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި