އެމެރިކާ ސިފައިން ޓިކްޓޮކް ބޭނުންކުރުމުގެ ސަބަބުން އެގައުމުގެ ގައުމީ ސަލާމަތަށް ނުރައްކާވާކަމަށް އެގައުމުގެ ފެޑެރަލް ކޮމިއުނިކޭޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ. އެކޮމިޝަނުން މިހާރުވެސް ދަނީ އޮންލައިން ސްޓޯތަކުން ޓިކްޓޮކް ނެގުމަށް ވަކާލާތުކުރަމުންނެވެ. އެމެރިކާގެ އަސްކަރިއްޔާއިން ވަނީ އެއިދާރާގެ ރަސްމީ ޑިވައިސްތަކުގައި ޓިކްޓޮކް ބޭނުންކުރުން މަނާކޮށްފައިއެވެ.
ނަމަވެސް އެގައުމުގެ ސިފައިންގެ އަމިއްލަ ޑިވައިސްތަކުގައި މި އެޕްލިކޭޝަން ބޭނުންކުރާ ކަމަށާއި މިއީ ހުއްޓުވަންޖެހޭ ކަމެއްކަމަށް ފެޑެރަލް ކޮމިއުނިކޭޝަން ކޮމިޝަނުގެ މެމްބަރު ބްރެންޑަން ކާ ވަނީ އެމެރިކާގެ ކޮންގްރެސްގެ ކޮމިޓީއަކަށް ދިން ބަޔާނެއްގައި ހާމަކޮށްފައިއެވެ.
ހައުސް ކޮމިޓީ އޮން އޯވާސައިޓް އެންޑް ރީފޯމްގެ ނޭޝަނަލް ސެކިއުރިޓީ ސަބްކޮމެޓީގައި ވާހަކަދައްކަމުން އޭނާ ހާމަކޮށްފައިވާ ގޮތުގައި މި އެޕްލިކޭޝަން މެދުވެރިކޮށް ޗައިނާއަށް ލިބޭ ޑޭޓާއާމެދު ކަންބޮޑުވާންޖެހެއެވެ. އެގޮތުން ސިފައިންގެ ހަރަކާތްތަކާއި ލޮކޭޝަން ޑޭޓާފަދަ މައުލޫމާތު ޗައިނާއަށް ލިބޭނެކަމުގެ ކަންބޮޑުވުން އޭނާ ވަނީ ހިއްސާކޮށްފައިއެވެ. އޭނާ މިކަންބޮޑުވުން ހިއްސާކޮށްފައިވަނީ އެމެރިކާ ސިފައިންނާއި ކުރީގައި އަސްކަރިއްޔާއަށް ހިދުމަތްކޮށްފައިވާ ފަރާތްތަށް މަކަރާއި ހީލަތުން ރައްކާތެރިކުރުމާ ގުޅޭގޮތުން ބޭއްވި އަޑުއެހުމެއްގައިއެވެ.
ޓިކްޓޮކް ފަދަ ބޭރު ގައުމުތަކުގެ އެޕްލިކޭޝަންތަކުން ޑޭޓާ ވަގަށްނަގާ ވާހަކަ ނުދައްކައި އަސްކަރިއްޔާއަށް ހިދުމަތްކޮށްފައިވާ ފަރާތްތަށް މަކަރާއި ހީލަތުން ރައްކާތެރިކުރުމާގުޅޭ ވާހަކަ ނުދެއްކޭނެކަމަށްވެސް ވިސްކޮންސިން ތަމްސީލުކުރާ ރިޕަބްލިކަން މެމްބަރު ގްލެން ގްރޮތްމޭން ވަނީ މިއަޑުއެހުމުގައި ބުނެފައިއެވެ.
މިއަޑުއެހުމުގެ ކުރިންވެސް އެމެރިކާގެ ކަމާބެހޭ ފަރާތްތަކުންވަނީ އެގައުމުގެ ރައްޔިތުންގެ މައުލޫމާތު އެކުންފުނިން ޗައިނާ ސަރުކާރާއި ހިއްސާކުރާކަމަށް ތުހުމަތުކޮށް އެކުންފުންޏާއި ސުވާލުކޮށްފައިއެވެ. މިދިޔަމަހު ގޫގަލްއަށާއި އެޕަލްއަށް ފޮނުވި ސިޓީއެއްގައި ކާވަނީ ޓިކްޓޮކް އެކުންފުނިތަކުގެ އެޕްސްޓޯތަކުން ނެގުމަށް އެދިފައިއެވެ. އޭނާ ހާމަކޮށްފައިވާ ގޮތުގައި މިސިޓީއަށް އެޕަލްއިން އަދި ޖަވާބެއްނުދެއެވެ. މިކަމުގެ މައުލޫމާތު އެނގޭ ފަރާތަކުން ހާމަކޮށްފައިވާ ގޮތުގައި ގޫގަލްއިން ވަނީ މިސިޓީއަށް ޖަވާބުދީފައިއެވެ.
ޓިކްޓޮކްގެ ބެލެނިވެރި ފަރާތްކަމަށްވާ ބައިޓްޑާންސް ލިމިޓެޑް އިން މިދިޔަ ޖޫންމަހުގެ 30 ވަނަ ދުވަހު ހާމަކޮށްފައިވާ ގޮތުގައި ޗައިނާގައި ހަރަކާތްތެރިވާ އެކުންފުނީގެ ބައެއް މުވައްޒަފުންނަށް އެމެރިކާގައި ޓިކްޓޮކް ބޭނުންކުރާ މީހުންގެ ބައެއް ޑޭޓާއަށް އެކްސެސްއޮވެއެވެ. ނަމަވެސް މިމައުލޫމާތު ޗައިނާގެ ކޮމިއުނިސްޓް ޕާޓީއާ ހިއްސާކުރާކަމަށް ބުނާވާހަކަ އެކުންފުނިންވަނީ ދޮގުކޮށްފައިއެވެ.
މި އަޑުއެހުމުގައި ކާ އިތުރަށް ހާމަކޮށްފައިވާ ގޮތުގައި ޓިކްޓޮކްއަކީ ސާވެލަންސް ޓޫލްއެއްގެ ގޮތުގައި ބޭނުންކުރާ އެޕްލިކޭޝަނެކެވެ. މީގެ އިތުރުން އޭނާވަނީ އެމެރިކާ ސިފައިން ދުނެޔޭގެ އެކިކަންކޮޅުތަކުގައި ހުންނަ އެގައުމުގެ އަސްކަރީ މަރުކަޒުތަކުގެ ތެރޭގައި ޓިކްޓޮކް ވީޑިއޯ ނަގައި އަޕްލޯޑްކުރާކަމަށްވެސް ބުނެފައިއެވެ.
އެމެރިކާގެ ފެޑެރަލް ކޮމިއުނިކޭޝަންސް ކޮމިޝަނަކީ އެޕް ސްޓޯތަށް ރެގިއުލޭޓްކުރުމުގެ ބާރުލިބިފައިވާ ކޮމިޝަނެއް ނޫނެވެ. އެކޮމިޝަނުންވަނީ މިދިޔަ އަހަރުތަކުގައި ޗައިނާގެ ޓެލެކޮމް ކުންފުނިތަކުގެ ސަބަބުން އެގައުމުގެ ގައުމީ ސަލާމަތަށް ނުރައްކާވާކަމަށް ބުނެ އެކުންފުނިތަކަށް އެމެރިކާގައި ވިޔަފާރިކުރުން ހުއްޓުވާފައިއެވެ.
މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި