މިހާރު ވަޓްސްއެޕް އިން ދެދުވަސްތެރޭ މެސެޖްތައް ޑިލީޓްކުރެވޭ!

ފާޠިމަތު އައިން ލަބީޤް 12 އޯގަސްޓު 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

މީގެ ކުރިން ވަޓްސްއެޕް އިން މެސެޖުތައް ޑިލީޓްކުރެވެނީ މެސެޖު ފޮނުވާތާ އެއްގަޑި އިރު ތެރޭގައެވެ. ނަމަވެސް މިހާރު ވަޓްސްއެޕް އިން ވަނީ މި މުއްދަތު ދެ ދުވަހަށް އިތުރުކޮށްފައެވެ.


ވަޓްސްއެޕްގެ އާ އަޕްޑޭޓް ގައި ވާގޮތުން މެސެޖުތައް ޑިލީޓްކުރުމުގެ މުއްދަތު ވަނީ 60 ގަޑިއިރަށް ނުވަތަ ދެ ދުވަހާއި 12 ގަޑިއިރަށް ދިގުކޮށްފައެވެ. މިކަމާ ގުޅިގެން ޓްވިޓާގައި ގިނަ ބަޔަކު ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. ގިނަ މީހުން ދެކޭގޮތުގައި މެސެޖުތައް ޑިލީޓްކުރުމުގެ ވަގުތު އިތުރުކުރުމަށްވުރެ، އެޑިޓް ބަޓަނެއް އެޕްގައި ހިމެނުން މާ މުހިންމެވެ. އަދި ޑިލީޓްކޮށްފައިވާ މެސެޖްތަކުގެ ނޮޓިފިކޭޝަން ނުފެންނަގޮތަށް ހެދުންވެސް މާ މުހިންމުކަމަށް ގިނަ ފަރާތްތަކުން ބުނެފައިވެއެވެ.

ވަޓްސްއެޕްއިން މެސެޖު ޑިލީޓްކުރާއިރު ހަމައެކަނި އަމިއްލަ މީހާއަށް ނުވަތަ ހުރިހާ އެންމެންނަށްވެސް ނުފެންނަ ގޮތަށް އެކަން ކުރެވޭނެއެވެ. މި ފީޗާ މައިގަނޑު ގޮތެއްގައި ބޭނުންކުރަނީ ނުބައިކޮށް ޓައިޕްކުރެވިފައިވާ މެސެޖުތައް ރަނގަޅުކުރުމަށެވެ. ނަމަވެސް މި ފީޗާ މަސްއަކަތްކުރާނީ މެސެޖު ފޮނުވި ފަރާތާއި ލިބުނު ފަރާތްވެސް ވަޓްސްއެޕްގެ އެންމެ ފަހުގެ ވާޝަން ބޭނުންކުރާ ނަމައެވެ.

ވަރަށް ފަހުން ވަޓްސްއެޕްއިން ވަނީ އެންޑްރޮއިޑްއިން އައިފޯނަށް ޑާޓާ ޓްރާންސްފާވެވޭނެ ގޮތް ހަދާފައެވެ. މި ޓްރާންސްފާ ޕްރޮސެސްގެ ސަބަބުން އެކައުންޓުގެ މައުލޫމާތު، ޕްރޮފައިލް ފޮޓޯ، ޗެޓް ހިސްޓްރީ އަދި މީޑިއާ މައިގްރޭޓްކުރެވޭނެއެވެ.

ފާޠިމަތު އައިން ލަބީޤް

ފާޠިމަތު އައިން ލަބީޤް

ފްރީލޭންސް ލިޔުންތެރިޔެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.