ސެމްސަންގްގެ ވެރިޔާ ރޯ ޓޭ-މޫން ވަނީ ވަރަށް ފަހުން ސެމްސަންގް ފޯލްޑިންގް ފޯނުތައް އެ ކުންފުންޏަށް މުހިންމުވާ ސަބަބު ވޯލް ސްޓްރީޓް ޖާނަލްއަށް ކިޔައިދީފައެވެ.
ރޯ ބުނެފައިވާގޮތުގައި ސެމްސަންގްގެ އާދައިގެ ގެލެކްސީ އެސް ފޯނުތަކަށް ވުރެ ތިން ގުނަ އިތުރު ބްރޭންޑް ސްވިޗަރުން ސެމްސަންގްގެ ފޯލްޑެބަލް ފޯނުތައް ބޭނުންކުރެއެވެ. މިކަމުން ދޭހަވަނީ އެޕްލް، އޯޕޯ އަދި ޒިއާއޯމެއި ފަދަ ބްރޭންޑްތަކުގެ ފޯނުތަކަށްވުރެ ސެމްސަންގްގެ ފޯލްޑެބަލް ފޯނުތަކަށް މިހާރު މީހުން މާ ޝައުގުވެރިވާކަމެވެ.
ސެމްސަންގްއިން ވަނީ ބުދަ ދުވަހު އެ ކުނފުނީގެ ފޯލްޑެބަލް ފޯނުތަކުގެ އެންމެ ފަހުގެ ވާޝަންތައް ކަމަށްވާ ގެލެކްސީ ޒެޑް ފޯލްޑް 4 އަދި ގެލެކްސީ ޒެޑް ފްލިޕް 4 އާންމުނަނަށް ދައްކާލާފައެވެ. ގެލެކްސީ ޒެޑް ފޯލްޑް 4 ހުޅުވާލުމުން ފެންނާނީ ކުޑަ ޓެބްލެޓެއްގެ ސައިޒްގެ ސްކްރީނެކެވެ.
ސެމްސަންގްއިން އެންމެ ފަހުން ނެރުނު އާމްދަނީ ރިޕޯޓުގައިވާ ގޮތުގައި އެ ކުންފުނީގެ އުންމީދަކީ ޕޮޓެންޝިއަލް ބްރޭންޑް ސްވިޗަރުން މެއިންސްޓްރީމް ކުރުމެވެ. އަދި އެ ކުންފުނީގެ އަމާޒަކީ ދެވަނަ ކުއާޓާރގައި ގެލެކްސީ ނޯޓަށްވުރެ ފޯލްޑެބަލް ފޯނުތަކުގެ ސޭލެސް އިތުރުކުރުމަށެވެ.
ކައުންޓަރޕޮއިންޓް ރިސާރޗްއިން ނެރުނު ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި ފޯލްޑެބަލް ފޯނުތަކަކީ މިއަހަރު އެންމެ ބޮޑު ކުރިއެރުމެއް ލިބުނު ސްމާޓްފޯން ޕްރޮޑަކްޓް ކެޓެގަރީއެވެ. އެގޮތުން ފޯލްޑެބަލް ފޯނުތަކުގެ ޝިޕްމެންޓްތައްވަނީ %73 އިތުރުވެ، 16 މިލިއަން ޔުނިޓަށް އަރާފައެވެ.
މިއަހަރުގެ ފުރަތަމަ ކުއާޓާރގައި ފޯލްޑެބަލް މާކެޓްގައި ސެމްސަންގްގެ ހިއްސާއަކީ %62 އެވެ. ނަމަވެސް ކައުންޓަރޕޮއިންޓް ރިސާރޗްއިން އަންދާޒާކުރާގޮތުގައި މިއަހަރު ނިމޭއިރު %80 އަށް ސެމްސަންގްގެ ހިއްސާ އިތުރުވެގެންދާނެއެވެ.
ފްރީލޭންސް ލިޔުންތެރިޔެއް