އާ އެންޓި-ޓްރެކިންގް ޓޫލްއެއް އުފައްދައިފި

ފާޠިމަތު އައިން ލަބީޤް 17 އޯގަސްޓު 2022

ފާއިތުވި 21 އަހަރު ޑިޕާޓްމެންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީގައި މަސައްކަތްކުރަމުންދިޔަ ފެޑެރަލް އެޖެންޓެއް ކަމަށްވާ މެޓް އެޑްމަންޑްސަންގެ ފަރާތުން ސަރުކާރުގެ އެހެން ޑިޕާޓްމެންޓެއްގައި މަސައްކަތްކުރަމުންދާ އެކުވެރިޔަކު އެހީއަށް އެދުނެވެ. މި އެކުވެރިޔާ ބުނިގޮތުގައި އޭނާ ޓެރަރިސްޓް ޖަމިއްޔާއެއްގައި އުޅޭ އިންފޯރމެންޓަކާއި ސިއްރުން ބައްދަލުކުރަން ދިޔައިރު ކޮންމެވެސް މީހަކު އޭނާ ޓެއިލް ކުރަމުންދާކަމަށް ހީވެ، އެކަމާ ކަންބޮޑުވިއެވެ. އަސްލުވެސް މީހަކު އޭނަ ފަހަތުން ދިޔަނަމަ އިންފޯރމެންޓްގެ ކަވާރ ގެއްލި، ސަލާމަތަށް ނުރައްކާ ކުރިމަތިވާނެއެވެ.

މީހަކު ޓެއިލްކުރާނަމަ އެނގޭނެ އެއްވެސް ޓޫލްއެއް ނެތުމުން، ހެކަރެއްގެ އިތުރުން ޑިޖިޓަލް ފޮރެންސިކް މާހިރެއް ކަމަށްވާ އެޑްމަންޑްސަން ނިންމީ އަމިއްލައަށް އެންޓި ޓްރެކިންގް ޓޫލްއެއް އުފެއްދުމަށެވެ. އޭނާ އުފެއްދި ޓޫލްއިން ކާރުތަކުގައި ގެންގުޅޭ ރާސްބެރީ ޕަވަރޑް ސިސްޓަމުން ކައިރީގައި ހުންނަ ޑިވައިސްތައް ސްކޭންކޮށް، 20 މިނިޓުގެ ތެރޭގައި އެއް ފޯނެއް އެތަށް ފަހަރަކު ފާހަނގަ ކުރެވިއްޖެނަމަ އެލާޓް ކޮށްދޭނެއެވެ. އެޑްމަންޑްސަން މި ސިސްޓަމް އުފެއްދީ ގާތްގަނޑަކަށް 200$ ބޭނުންކޮށްގެންނެވެ. އަދި އޭނާ ދަނީ މި ހަފްތާގައި ލަސް ވޭގަސްގައި ބާއްވަން ހަމަޖެހިފައިވާ ބްލެކް ހެޓް ސެކިއުރިޓީ ކޮންފަރެނެސްގައި މި ސިސްޓަމް ތައާރަފްކުރުމަށް ތައްޔާރުވަމުންނެވެ.

މި ޑިވައިސް ވައިއަރލެސް ނެޓްވޯރކް ޑިޓެކްޓަރެއްކަމަށްވާ ކިސްމެޓް ބޭނުންކުރެއެވެ. އެޑްމަންޑްސަން ބުނެފައިވާގޮތުގައި ކިސްމެޓްއިން ފުރަތަމަ ފަހަރު ޑިވައިސްއެއް ފެންނަ ވަގުތާއި، އެންމެ ފަހުން އެ ޑިވައިސް ފެންނަ ވަގުތު ރިކޯޑުކުރެއެވެ. އެކަމަކު މި އެންޓި ޓްރެކިންގް ސިސްޓަމް މަސައްކަތްކުރުމަށްޓަކައި ޕައިތަން އިން ކޯޑު އުފައްދައި، ކިސްމެޓް ޑިޓެކްޓްކުރާ ޑިވައިސްތަކުގެ ލިސްޓެއް ހަދަން ޖެހުނެވެ. ދެފަހަރު އެއް ޑިވައިސްއެއް ފެނިއްޖެނަމަ ސްކްރީން އެލާޓެއް ދިއްލޭނެއެވެ. އަދި ވަށައިގެންވާ ޑިވައިސްތަކުން ހޯދަމުންދާ ވައިފައި ނެޓްވޯރކްތަކުގެ ނަން ރިކޯޑްކުރެވި، މި ނެޓްވޯރކްތަކާއި ފޯނުތައް ބޭނުންކުރާ މީހުންގެ މައުލޫމާތު ލިބޭނެއެވެ.

އަމިއްލަ ފޯނު ނުވަތަ އެންޓި ޓްރެކިންގް ސިސްޓަމް ބޭނުންކުރާ ފަރާތާއި އެކު ދަތުރުކުރާ މީހުންގެ ފޯނު ހޯދުން ހުއްޓުވުމަށްޓަކައި އެ ސިސްޓަމްގައި 'އިގްނޯރ' ލިސްޓެއް އެކުލަވާލައިފައިވެއެވެ. އެޑްމަންޑްސަން ބުނެފައިވާ ގޮތުގައި ކުރިއަށް އޮތްތަނުގައި އެ ޑިވައިސްއަށް ޓެކްސްޓް އެލާރޓް ފޮނުވޭނެއެވެ. އަދި ޖީޕީއެސް ޔުނިޓެއްވެސް އިތުރުކުރެވިދާނެކަމަށް އޭނާ ބުންޏެވެ.

މި ސިސްޓަމް ވިއްކަން ފެށުމުގެ އެއްވެސް ޕްލޭނެއް ނެތް ނަމަވެސް އެޑްމަންޑްސަން ބުނެފައިވާގޮތުގައި އެ ޑިޒައިން ފަސޭހަކޮށް ކޮޕީކުރެވޭނެއެވެ. ސަބަބަކީ މި ސިސްޓަމް އުފައްދަން އޭނާ ބޭނުންކޮށްފައިވަނީ ޓެކް ކޮމިއުނިޓީތަކުގައިވެސް ފަސޭހައިން ލިބޭ ތަކެއްޗެވެ.

އެޑްމަންޑްސަން ބުނެފައިވާ ގޮތުގައި ޓެކް އެނޭބަލްޑް ޓްރެކިންގް އާއި ސަރވޭލަންސް، ޓެކް ކޮމިއުނިޓީއިން ސީރިއަސްކޮށް ނަގަންޖެހެއެވެ. "ޓްރެކް ކުރުން ހުއްޓުވާ ޑިވައިސްތަކަށްވުރެ އެހެން މީހުން ޓްރެކް ކުރާ ޑިވައިސްތައް ގިނަ. މިއީ ވަރަށް ދެރަ ކަމެއް." އޭނާ ބުންޏެވެ. "ހަގީގަތުގައި އަޅުގަނޑު މި ޑިވައިސް އުފެއްދީ ސަރުކާރުގެ އެހެން ޑިޕާޓްމެންޓެއްގައި މަސައްކަތްކުރަމުންދާ އަޅުގަނޑުގެ ރަހްމަތްތެރިޔާއަށް އެހީވެދޭން." ނަސީބެއްގެ ގޮތުން އެޑްމަންޑްސަން ގެ އެކުވެރިޔާ އެ ޑިވައިސް ބޭނުންކޮށް، ކަންބޮޑުވާޏްޖެހޭ ކަމެއް ނެތްކަމަށް ބުންޏެވެ.

ފާޠިމަތު އައިން ލަބީޤް

ފާޠިމަތު އައިން ލަބީޤް

ފްރީލޭންސް ލިޔުންތެރިޔެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.