ޑާޓާ ސްޓޯރޭޖް މައްސަލަތަކުގެ ހައްލަކީ ޑީއެންއޭ ސްޓޯރޭޖް

ފާޠިމަތު އައިން ލަބީޤް 22 އޯގަސްޓު 2022

ފުޖިޓްސޫ އާއި ޓްވިސްޓް ބައިއޯސައިންސް ގުޅިގެން ކުރި ދިރާސާއަކުން ދައްކާގޮތުގައި ސްޓޯރޭޖް ކެޕޭސިޓީއާއި ޑިމާންޑާއި ދެމެދު އޮތް ފަރަގު 2030 ވަނަ އަހަރު 7.8 މިލިއަން ޕެޓާބައިޓަށް ވުރެ މައްޗަށް ދާނެ އެވެ. ސަޕްލައިއަށް ވުރެ ޑިމާންޑް އިތުރުވެއްޖެނަމަ ކުންފުނިތަކުން ޖެހޭނީ ކުރީގެ ޑާޓާތަކުގެ ބޮޑުބައެއް ޑިލީޓްކުރާށެވެ. މިކަމުގެ ސަބަބުން އާޓިފިޝަލް އިންޓެލިޖެންސް އިންޑަސްޓްރީއަށް ވަންނަން ބޭނުންވާ ކުންފުނިތަކަށް ވަރަށް ބޮޑު ނޭދެވޭ އަސަރު ކުރާނެކަމެކެވެ.

ޑާޓާގެ އޮޅުންބޮޅުން

ދުވަހަކަށްވުރެ ދުވަހަށް އިންޓަރނެޓް އެކްޓިވިޓީތަކުގެ ސަބަބުނެ އުފެދޭ ޑާޓާ އިތުރުވަމުންދާއިރު، ޑިޖިޓަލް ސެންސާރތަކާއި އައޯޓީގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ. ނަތީޖާއެއްގެ ގޮތުން ކުންފުނިތަކަށްވަނީ މި ހުރިހާ ޑާޓާ ބަހައްޓާނެ ސްޕޭސް ހޯދުމަށް މަޖުބޫރުވެފައެވެ.

ހާޑް ޑިސްކް ޑްރައިވް (އެޗްޑީޑީ) އާއި ސޮލިޑް ސްޓޭޓް ޑްރައިވް (އެސްއެސްޑީ) ބޭނުންކޮށްގެން ސާރވާތަކާއި ކްލައިންޓްތަކުގެ ޑިވައިސްތައް މަސައްކަތްކުރެއެވެ. ނަމަވެސް މި ދެ ޑްރައިވްއަކީ ވެސް ދިގު މުއްދަތަކަށް ގިނަ މައުލޫމާތު ރައްކާކުރުމަށް އެހާ އެކަށީގެންވާ އެއްޗެއްސެއް ނޫނެވެ.

ގިނަ ފަރާތްތަކުން ގަބޫލުކުރާގޮތުގައި އާރކައިވަލް ސްޓޯރޭޖަށް އެންމެ ރަނގަޅީ ލީނިއަރ ޓޭޕް-އޮޕެން (އެލްޓީއޯ) މެގްނެޓިކް ޓޭޕްއެވެ. މީގެ މައިގަނޑު ސަބަބަކީ އެހެން ހުރިހާ ޓެކްނޮލޮޖީތަކާ އަޅާބަލާއިރު ކޮސްޓް ޕާރ ކެޕޭސިޓީ އެންމެ ކުޑައީ އެލްޓީއޯތަކުގައި ކަމަށްވާތީއެވެ. މިހާރު ބޭނުންކުރަމުންދާ ޓޭޕް ކަމަށްވާ އެލްޓީއޯ-9 ގެ ކެޕޭސިޓީއަކީ 18 ޓީބީއެވެ.

ޑާޓާ ސްޓޯރކުރަން ބޭނުންނަމަ ބޮޑެތި ކުންފުނިތަކުން ޖެހޭނީ ޓޭޕްއާއި އެހެން އާރކައިވަލް މީޑިއާތަކަށް އިންވެސްޓްކުރާށެވެ. ނުވަތަ ކުރީގެ ޑާޓާ ޑިލީޓް ކުރާށެވެ. ނަމަވެސް ކުރީގެ ޑާޓާ ޑިލީޓްކޮށްފިނަމަ ގިނަ ކުންފުނިތަކަށް ނޭދެވޭ އަސަރު ކުރާނެއެވެ.

ޓޭޕް ހަރަދު ކުޑަ ނަމަވެސް އޭގައި ބަލިކަށިކަންތައްތައް ވެސް ހުރެއެވެ. އެގޮތުން ޓޭޕްއަށް ވަދެވެނީ ހަމައެކަނި ސީރިއަލްކޮށް ކަމުން ވަކި ފައިލްތައް ހޯދަން ދަތިވެއެވެ. އަދި ޑޭޓާ ރައްކާތެރިކޮށް ބެހެއްޓުމަށް ގަވައިދުން އާ ޓޭޕް ބޭނުންކުރަންޖެހެއެވެ. މި މައްސަލަތަކަށް ހައްލެއް ހޯދުމަށްޓަކައި ދިރާސާކުރާ ފަރާތްތަކުން ދަނީ އާ އަލްޓްރާ ޑެންސް އަދި އަލްޓްރާ ޑިއުރެބަލް ސްޓޯރޭޖް ޓެކްނޮލޮޖީތައް ހޯދުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން ދިރާސާކުރާ ފަރާތްތަކުން އުންމީދުކުރަމުންދަނީ ޑިއެންއޭގައި ޑާޓާ ރައްކާކުރެވޭނެކަމަށެވެ.

ޑީއެންއޭ ސްޓޯރޭޖް

ދިރޭ އެއްޗެހީގެ ޑީއެންއޭ އެކުލެވިގެންވަނީ ހަތަރު މޮލެކިއުލަރ ބިލްޑިންގް ބްލޮކެއްގެ މައްޗަށެވެ. އެއީ އެޑެނިން، ގުނައިން، ސައިޓޯސިން އަދި ތައިމިން އެވެ. މި ހަތަރު ކޮމްޕައުންޑް ގުޅުމުން އުފެދެނީ ޑަބަލް ހީލިކްސް ހަރުގަނޑެއްފަދަ ސްޓްރަކްޗާރއެކެވެ.

މި ސްޓްރަކްޗަރ ޑެންސް އަދި ޑިއުރެބަލް ޑޭޓާ ސްޓޯރޭޖްއެއްގެ ގޮތުގައި ބޭނުންކުރެވިދާނެ ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ގަބޫލުކުރެއެވެ. އެއް ގްރާމްގެ ޑީއެންއޭގައި 215 ޕީބީ (220000 ޓީބީ) ގެ ޑާޓާ ރައްކާކުރެވޭނެއެވެ.

މިވަގަތު ޑީއެންއޭއަށް ޑޭޓާ ލިޔުމަށް ނަގާ ވަގުތާއި އެހެނިހެން ގޮންޖެހުންތަކުގެ ސަބަބުން މި ޓްކްނޮލޮޖީ ބޮޑު ސްކޭލެއްގައި އަދި ބޭނުންކުރެވޭކަށްނެތެވެ.

ރިޕޯޓު ލިޔުނު ޖޯން މޮންރޯ ބުނެފައިވާގޮތުގައި މުސްތަގުބަލުގައި ޑާޓާ ސްޓޯރކުރަން އެސްއެސްޑީ، އެޗްޑީސީ، ޓޭޕް އަދި ޑީއެންއޭވެސް ވަރަށް ގިނަ އަދަދަކަށް ބޭނުންވާނެއެވެ. "އެވެއިލެބިލިޓީ އާއި ސަސްޓެއިނެބިލިޓީ ގޮންޖެހުންތަކުގެ ސަބަބުން މުސްތަގުބަލުގައި ހަރަދު ކުޑަ، އަދި ޕަވަރ އެފިޝެންޓް އާ ސްޓޯރޭޖް ޓެކޮނޮލޮޖީތަކަށް ޑިމާންޑް އިތުރުވާނެ."

ފާޠިމަތު އައިން ލަބީޤް

ފާޠިމަތު އައިން ލަބީޤް

ފްރީލޭންސް ލިޔުންތެރިޔެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.