އެންގޭޖްވެވޭ ކަހަލަ ޕްރެޒެންޓޭޝަންއެއް ހަދާލުމަށް ފަސޭހަ އެޕްލިކޭޝަންތަކެއް

ޝުޖާޢަތު ރަޝީދު 25 އޯގަސްޓު 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އެއީ މީޓިންއަކަށް ނުވަތަ މުހިންމު ކޮލެޖް ޕްރޮޖެކްޓަކަށް ނަމަވެސް، އަހަރެމެންނަށް ޕްރެޒެންޓޭޝަން ނުވަތަ ސްލައިޑްސްގެ ބޭނުން ވަރަށް މުހިންމުކަން ޔަޤީނެވެ.

ފުރަތަމަ ސްލައިޑް ޕްރޮގްރާމްތައް އަލަށް ތަޢާރަފްވި އިރު ހަމައެކަނި ބޭނުން ކުރަނީ މައިކްރޮސޮފްޓް ޕަވާޕޮއިންޓެވެ. މިއީ ކޮންމެ މީހަކުވެސް އެމީހެއްގެ ހަޔާތުގެ ކޮންމެވެސް އިރެއްގައި ބޭނުންކުރި ޕްރޮގްރާމަކަށް ވާނެއެވެ.

މިބަލާލަނީ މައިކްރޮސޮފްޓް ޕަވާޕޮއިންޓުގެ އިތުރުން މިހާރު މާކެޓުގައި ހުރި ސްލައިޑްސް ހަދާލެވޭ ޕްރޮގްރާމްތަކަށެވެ.

1. ސްލައިޑް ކާނިވަލް

މިއީ ސްލައިޑް ޓެމްޕްލޭޓް އަބަދުވެސް ލިބެން ހުންނަ ވެބްސައިޓެކެވެ. މި ވެބްސައިޓުގައި ހުންނަ ޓެމްޕްލޭޓްތަކަކީ ގޫގަލް ސްލައިޑުންނާއި މައިކްރޮސޮފްޓް ޕަވާޕޮއިންޓުން އެޑިޓް ކުރެވޭ ގޮތައް ތައްޔާރު ކޮށްފައިވާ ސްލައިޑް ޓެމްޕްލޭޓްތަކެކެވެ.

2. ޕިޗް

ޕިޗްއަކީ ޓީމެއް އެކުގައި ސްލައިޑް ހަދާލެވޭ ފަދަ ވެބްސައިޓެކެވެ. މިއީ ވަގުތުން ވީޑިއޯ މެދުވެރިކޮށް ނޫނީ އެއް ވަގުތަކު ދެމީހުން ސްލައިޑް އެޑިޓްކޮށް ނިންމާލެވޭ ފަދަ ވެބްސައިޓެކެވެ.

ސްލައިޑްގެ ޑިޒައިންގެ އިތުރުން ކޮމެންޓާއި ރިއެކްޝަން އަދި ނޯޓްސްވެސް ސްލައިޑް ހަދާ ވަގުތު އެއް ފަޅިން ފެންނަން ހުރެއެވެ.

ޕިޗްގެ ސްޓާޓާ ޕެކޭޖް ހިލޭ ލިބޭއިރު، ޕްރޯ ޕެކޭޖް ލިބެނީ މަހަކު 8$ އަށެވެ. މި 2 ޕެކޭޖުގެ އިތުރުން އެންޓަޕްރައިސް ޕެކޭޖްވެސް ޕިޗް މެދުވެރިކޮށް ނެގެއެވެ.

3. ކަލާހަންޓް

މިއީ ސްލައިޑްސް ހަދާ ވެބްސައިޓެއް ނޫނެވެ. ނަމަވެސް މިއީ ސްލައިޑް ހެދުމަށް ކުލަ ސެޓެއް ނެގުމަށް އެހީވެދޭނެ ވެބްސައިޓެކެވެ.

މި ވެބްސައިޓުގައި ހުންނަ ކުލަތަކަކީ އެކި މީހުން ހަދާފައި އަޕްލޯޑް ކޮށްފައި ހުންނަ ކުލަ ސެޓުތަކެވެ.

ކުލައިގެ ކޯޑް ކޮޕީކޮށް، ލިންކު ޝެއާކޮށް، ފޮޓޯ ޑައުންލޯޑްކޮށް އަދި ޕެލެޓަށް ލައިކްވެސް މި ވެބްސައިޓުގައި މެދުވެރިކޮށް ދެވެއެވެ.

4. ސްލި ޑޫ

މި ޕްލެޓްފޯމަކީ ސުވާލާއި ޖަވާބު ސްލައިޑްތެރެއަށް ލައި، ވޯޓް ލެވޭ ގޮތަށް ލައިވް އިވެންޓުތަކަށާއި ވާޗުއަލް މީޓިންތަކުގައި ބޭނުންކޮށްލެވޭ ޕްލެޓްފޯމެކެވެ.

މިއީ ވެބެކްސް، މައިކްރޮސޮފްޓް ޓީމްސް މީޓިންތަކުގައި އެޑިންއެއް ގޮތުގައި އެޑްކޮށް ބޭނުންކޮށްލެވޭ ފަސޭހަ ޓޫލްއެކެވެ. މީގެ އިތުރުން ޕަވާޕޮއިންޓުގައްޔާއި ގޫގަލް ސްލައިޑްސް އަދި ޔޫޓިއުބް ލައިވްގައިވެސް މި ޕްލެޓްފޯމް ބޭނުންކޮށްލެވޭނެއެވެ.

5. ކަންވާ

ކަންވާއަކީ މިހާރު ވަރަށް ގިނަ މީހުންނަށް އިނގޭނެ ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމަކީ މަލްޓި ޑިޒައިނިން ޕްލެޓްފޯމެކޭ ބުނެވިދާނެއެވެ.

ފޮޓޯ އެޑިޓްކޮށް، ސޯޝަލް މީޑިއާ ޕޯސްޓް ތައްޔާރުކޮށް، ލޯގޯ ހަދައި އަދި ސްލައިޑްވެސް މި ޕްލެޓްފޯމުން ތައްޔާރު ކުރެވެއެވެ.

މި ޕްލެޓްފޯމަކީ ރިއަލްޓައިމްކޮށް މަސައްކަތް އަބަދުވެސް ސޭވް ވެފައި ހުންނަ ޕްލެޓްފޯމެކެވެ.

6. ޖިނައަލީ

މިއީ ޕްރެޒެންޓޭޝަނާއި އިންފޮގްރަފިކްސް އާއި އިތުރު ކޮންޓެންޓް ހިލޭ ޑިޒައިންކޮށްލެވޭ ޕްލެޓްފޯމެކެވެ.

މި ޕްލެޓްފޯމް މެދުވެރިކޮށް ވިޝުއަލް ކޮންޓެންޓް ބޭނުންކުރުމުން 99% ފަހަރު ބޭނުންވާ މަޢުލޫމާތު ވިޝުއަލް ކޮންޓެންޓް ގޮތުގައި އޯޑިއަންސަށް ފޯރުކޮށްދެވެއެވެ.


7. ޕްރެޒި

މިއީ މޯޝަންއާއި، ޒޫމް، ސްޕޭޝިއަލް ރިލޭޝަންށިޕް ބޭނުންކޮށްގެން ސްލައިޑް ހަދާލަން ފަސޭހަ ޕްލެޓްފޯމެކެވެ.

މި ޕްލެޓްފޯމަކީ ކިޔަވައިދިނުމުގެ މާހައުލުގައި ބޭނުންކުރަން ވަރަށް އެކަށޭނަ ޕްލެޓްފޯމެއްކަން ފާހަގަވެއެވެ. އަދި މީގެ އިތުރުން ވިޔަފާރިތަކުގައި ބޭނުންކުރުމަށްވެސް ވަކި ކޮމްޕޮނެންޓެއް މި ޕްލެޓްފޯމުގައި ހާއްސަ ކުރެވިފައިވެއެވެ.

ޕްރެޒި ހާއްސަ ވަނީ ޕްރެޒި ޕްރެޒެންޓް، ޕްރެޒި ވީޑިއޯއާއި ޕްރެޒި ޑިޒައިން އެކުލަވާލާފައިވުމުންނެވެ.

ޕްރެޒިން ހަދާ ޕްރެޒެންޓޭޝަންތައް އޯޑިއަންސަށް ޕްރެޒެންޓު ކުރާ ވަގުތުގައި ޕްރެޒި ވީޑިއޯ ބޭނުންކޮށްގެން ވީޑިއޯ ސްލައިޑް ކައިރިއަށް ފެންނަ ގޮތަށް ލެވެއެވެ. އިންޓަރެކްޓިވް ޗާޓާއި ރިޕޯޓި އަދި އިންފޮގްރަފިކްސްވެސް މި ޕްލެޓްފޯމް މެދުވެރިކޮށް ހަދާ ސްލައިޑްތަކަށް ލެވެއެވެ.

8. އަންސްޕްލޭޝް

މި ޕްލެޓްފޯމަކީ ކޮންމެ ބޭނުމަކަށްވެސް ހިތްގައިމު ފޮޓޯ ޑައުންލޯޑްކޮށް ބޭނުންކޮށްލެވޭ ޕްލެޓްފޯމެކެވެ. މިއީ ސްލައިޑްސް ހަދަން ބޭނުންކުރާ ޕްލެޓްފޯމަކަށް ނުވިޔަސް މި ޕްލެޓްފޯމް މެދުވެރިކޮށް ޑައުންލޯޑް ކުރެވޭ ފޮޓޯ ތަކަކީ ސްލައިޑްސްގެ ޑިޒައިންގައި ބޭނުންކުރެވިދާނެ ފޮޓޯތަކެކެވެ.

އަންސްޕްލޭޝަށް އަޕްލޯޑްކޮށްފައި ހުންނަ ފޮޓޯތަކަކީ މަޝްހޫރު ފޮޓޯގްރާފަރުންނާއި، ފޮޓޯ ނެގުމަށް ޝަޢުގު ހުންނަ މީހުން ލާފައި ހުންނަ ފޮޓޯތެކެވެ.

މި ޕްލެޓްފޯމުގައި ދިވެހިރާއްޖޭގެ ފޮޓޯގްރާފަރުން ނަގާފައި ހުންނަ ފޮޓޯވެސް ހުރެއެވެ.

9. ޕަވްޓޫން

ޕަވްޓޫންއަކީ 96% މަޝްހޫރު ބޮޑެތި ކުންފުނިތަކުން ބޭނުންކުރާ ޕްލެޓްފޯމެކެވެ. މީގެ ތެރޭގައި މައިކްރޮސޮފްޓު، ގޫގަލް، ސިސްކޯ، އައި.ބީ.އެމް، އެޑޯބީއާއި ޑެލް ހިމެނެއެވެ.

މިއީ ސަބްސްކްރައިބްކޮށް ފީ ދައްކައިގެން ބޭނުންކުރެވޭ ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމުގެ ޕެކޭޖްތަކަށް ބަލާލާއިރު، މަހެއްގެ މައްޗަށް ދައްކަން ޖެހޭ ވަރު ކޮންމެ ޕެކޭޖެއްގައިވެސް ތަފާތެވެ. ލައިޓް ޕެކޭޖުގައި 10$، ބިޒްނަސްގައި 100$ އަދި ޕްރޮފެޝަނަލް ޕެކޭޖު ނަމަ 60$ ދައްކަން ޖެހެއެވެ.

މިއީވެސް ހިތްގައިމު ސްލައިޑްސް ހަދާލެވޭ ޕްލެޓްފޯމެކެވެ.

10. ބައިޓެބަލް

މިއީ ކޮލަބްރޭޓްކޮށް ވީޑިއޯ ޕްރެޒެންޓޭޝަން ފަސޭހަކަމާއިއެކު ހަދާލެވޭ ޕްލެޓްފޯމެކެވެ.

ސޭލްސް އިތުރުކޮށް، ކުންފުންޔެއްގެ އެތެރޭގެ މުޢާމަލާތް ރަނގަޅުކުރުމަށް މި ޕްލެޓްފޯމުން އެހީވެދެއެވެ.

މިވެސް މަޝްހޫރު ބޮޑެތި ކުންފުނިތަކުން ބޭނުންކުރަމުންދާ ޕްލެޓްފޯމެއްކަން ފާހަގަ ކުރެވެއެވެ. ޝޮޕިފައި، ޑިޒްނީ، ބީ.ބީސީ، އެމޭޒަން އަދި އެހެނިހެން ކުންފުނިތަކުންވެސް މި ޕްލެޓްފޯމް ބޭނުންކުރެއެވެ.

މި ޕްލެޓްފޯމް ބޭނުންކުރެވެނީ ފީ އެއް ކޮންމެ މަހަކު ދައްކާލުމަށްފަހުއެވެ. 49$ އަށް އެންމެ މީހަކަށް ބޭނުންކުރެވޭ ޕެކޭޖުގައި ވާއިރު، ޓީމެއް ބޭނުންކޮށްލުމަށް މަހަކު $249 އެއް ދައްކަން ޖެހެއެވެ.


ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.