އެމޭޒަނުން 2 ފެސިލިޓީއެއް ބަންދުކުރާކަމަށް ރިޕޯޓުކޮށްފި

ޢާއިޝަތު ޝައިހާ 07 ސެޕްޓެމްބަރު 2022

އެމޭޒަނުން ވަނީ ކަމަރު ބާރުކުރަން ފައްޓާފައެވެ.

މި ބޮޑު އީ-ކޮމާސް ކުންފުނިން މިދިޔަ ބުދަ ދުވަހު ވަނީ ބަލްޓިމޯގައި ހުރި 2 ޑެލިވަރީ ސްޓޭޝަނެއް ބަންދުކުރާ ކަން އިއުލާންކޮށްފައެވެ. މި ދެ ތަނަކީ 300 އަށް ވުރެ ގިނަ މީހުން ވަޒީފާ އަދާކުރަމުން ދާ ތަނެއް ކަމަށް، ލޯކަލް ޚަބަރު ފަތުރާ ޗެނަލެއް ކަމަށްވާ ޑަބްލިއުއެމްއޭއާރް-2 އިން ވަނީ ރިޕޯޓުކޮށްފައެވެ.

ޑަބްލިއުއެމްއޭއާރް-2 އާއި އެމޭޒަންގެ ތަރުޖަމާނަކު ވާހަކަ ދައްކަމުން ބުނެފައިވާ ގޮތުގައި، ކުންފުނިން އެތަންތަނުގެ މުވައްޒަފުންނަށް އެ ސަރަހައްދުގައި ހުރި އެހެން ޑެލިވަރީ ސްޓޭޝަންތަކަށް ބަދަލުވުމުގެ ފުރުޞަތު ދޭނެއެވެ. ސަރަހައްދުގައި ހުރީ ކިތައް ސްޓޭޝަންތައް ކަމެއް ތަރުޖަމާނު ވަކިން ފާހަގަ ކޮށްފައި ނުވި ނަމަވެސް، އެތައް ގިނަގުނަ ސްޓޭޝަންތައް ވާ ކަމަށް ވަނީ ބުނެފައެވެ.

މި ކަމަކީ އެމޭޒަނުން އެ ކުންފުނީގެ ފުޅާ ޑެލިވަރީ ވިއުގަ ބޮޑުކުރުން މަޑުޖައްސާލުމަށް އެޅި ފިޔަވަޅެއް ކަމުގައި ވަރަށް ބޮޑަށް ބެލެވެއެވެ.

އެމޭޒަންގެ ރިއަލް އެސްޓޭޓް ގަނެވިއްކުންތައް ބަލަހައްޓާ ކޮންސަލްޓިންގ ކުންފުންޏެއް ކަމަށްވާ އެމްޑަބްލިއުޕީވީއެލް އިންޓަނޭޝަނަލް އިން ބްލޫމްބާގްއަށް ބުނެފައިވާ ގޮތުގައި، އެމޭޒަނުން ވަނީ އެމެރިކާގައި އިތުރު 42 ފެސިލިޓީ ހުޅުވުމުގެ ޚިޔާލު ދޫކޮށް އިތުރު 21 ފެސިލިޓީ ހުޅުވުން މަޑުޖައްސާލާފައެވެ.

ކުންފުނިން މިހާރުވެސް ވަނީ، ނެބްރަސްކާގައި އިމާރާތްކުރުން ނިމުމަކާއި ގާތްވެފައިވާ 700،000 ސްކޮއެއާ ފޫޓުގެ ފެސިލިޓީއެއް ހުޅުވުން މިވަގުތަށް ހުއްޓާލާ، 2024 ވަނަ އަހަރު ހުޅުވުމަށް ފަސްކޮށްފައެވެ.

އެމޭޒަންގެ ރިއަލް އެސްޓޭޓް އެމްޕަޔަރ ބޮޑު ވެފައި ވަނީ މި އާލަމީ ބަލިމަޑުކަމުގެ ތެރޭގައި، ކަސްޓަމަރުން ބޭނުންވި ތަކެތީގެ މިންވަރަށް އައި ބޮޑު އިތުރުވެގެން ދިޔުމަކާއި އެކުގައެވެ. މީގެ ސަބަބުން ކުންފުނީގައި ވަރަށް ބޮޑު ހުސްކަމެއް ވާކަމަށް އޭޕްރިލް މަހު ރިޕޯޓަރުންނާއި ވާހަކަ ދައްކަމުން ޗީފް ފައިނޭންޝަލް އޮފިސަރ ބްރަޔަން އޮލްސަވްސްކީ ބުނެފައި ވެއެވެ.

އޮލްސަވްސްކީ ބުނެފައި ވަނީ 2021 ގެ މެދުތެރެއިން ފެށިގެން 2022 ގެ އޭޕްރިލް މަހާއި ހަމައަށް އެމޭޒަންގެ މަސައްކަތްތުގެ ބޮޑުމިން ދެ ގުނަ ވެފައި ވާކަމަށެވެ.

މި އަހަރުގެ ތެރޭގައި އެމޭޒަނުން ވަނީ އޭގެ ރީޓެއިލް ޑިވިޝަނުގެ ވަޒީފާތަކަށް މީހުން ގެނައުން މަޑުޖައްސާލާފައެވެ. އިންސައިޑަރ އިން ކުރިން ރިޕޯޓުކޮށްފައިވާ ގޮތުގައި އަވަސް މިނެއްގައި އަގުތައް އުފުލެމުން ދިޔަ ދިޔުމުގެ ސަބަބުން މި ބަޔަށް ވަނީ ވަރަށް ނޭދެވޭ އަސަރުތަކެއް ކޮށްފައެވެ.

ކަންމިހެން އޮތް ނަމަވެސް، އެމޭޒަނުން މަޑުޖައްސާލާފައި ވަނީ އޭގެ ވިޔަފާރީގެ ހުރިހާ ބައިތަކެއް ނޫނެވެ. އިންސައިޑަރ ގެ އީގަން ކިމް މިދިޔަ ހުކުރު ދުވަހު ރިޕޯޓުކޮށްފައިވާ ގޮތުގައި ކުންފުނިން މިހާރު ދަނީ، ގިނަ ދުވަހު އުފެއްދުންތައް ރައްކާކުރުމަށް ފަރުމާކޮށްފައިވާ އާ ޓްރަޔަލް ޕްރޮގްރާމަކަށް ވިއްކާ ފަރާތްތަކަށް ދައުވަތު ދެމުންނެވެ. އެމޭޒަނުން ތާރީޚީ ގޮތަކަށް އޭގެ އަމާޒު އަވަސް ޓާންއަރައުންޑް މުދާތަކަށް ބަދަލުކޮށްފައި ވާއިރު، މި އާ ޕްރޮގްރާމުން އިޝާރާތް ކުރަނީ ކުންފުނިން ވެއާހައުސް މާކެޓުގައި ބޮޑު ހިއްސާއެއް ނަގަން އުޅޭ ކަމަށެވެ.

ޢާއިޝަތު ޝައިހާ

ޢާއިޝަތު ޝައިހާ

އަޅުގަނޑަކީ ޝައިހާ އެވެ. މިހާރު އަޅުގަނޑު ކިޔަވަމުން ގެންދަނީ ސީއެޗްއެސްސީ ގެ ގްރޭޑް 12 ގައެވެ. ކުރިމަގުގައި، ލިޔުންތެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގައި ޝާމިލުވުމަކީ އަޅުގަނޑަށް ލިބޭ ހިތްހަމަޖެހުމެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.